މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

20 Jun 2021 | 21:46

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނާއި، ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނާއި، ށ. ފުނަދޫ ޕޮލިސް ސްޓޭޝަން އަދި ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ހޯދައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލަތަކުގައި ހައްޔަރު ކޮށްފައިވަނީ 18 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނެއްގެ އިތުރުން 41 އަހަރުގެ ފިރިހެނެކެވެ. މި އެންމެންނަކީ ވެސް ދިވެހިންނެވެ.

ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، މަސްތުވާތަކެތި ހިފައިގެން މީހަކު ކުޅުދުއްފުށިން ފުރަން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި މި މަހުގެ 19 ވަނަ ދުވަހުގެ 11:59 ހާއިރު ކުޅުދުއްފުށީ ބަނދަރު މަތިން 41 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭނާ ހުއްޓުވައި އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާ ހިފައިގެންހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި  ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

އޭގެ އިތުުރުން، ށ. ފުނަދޫ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން  ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ފުނަދޫ ގެއެއް ބަލައިފާސްކޮށް މި މަހުގެ 18 ވަނަ ދުވަހުގެ 10:28 ހާއިރު 33 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވެއެވެ. މި އޮޕަރޭޝަނުގައި އޭނާ ދިރިއުޅޭ ގޯތިތެރޭގައި ވަޅުލާފައި އޮތް ދަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ށ. ފީވަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

އެ މީހުންގެ ތެރެއިން 18 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ ކަނޑުމަގުން އުނގޫފާރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި މަހުގެ 16 ވަނަ ދުވަހުގެ 13:30 ހާއިރު އުނގޫފާރު ބަނދަރުމަތިންނެވެ. އޭނާ ހުއްޓުވައި އޭނާގެ ހަށިގަނޑާއި އޭނާ ދަތުރުކުރި ލޯންޗު ބަލައިފާސްކުރިއިރު ލޯންޗުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި 10 ސެލޯފިންކޮޅާއި 30 ކަރުދާސްކޮޅު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން ވީޑިޔޯ ކޮންފަރެންސް މެދުވެރިކޮށް، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 12 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މީގެ އިތުރުން، ގދ. ނަޑެއްލާ ގެއެއްގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ތިނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ނަޑެއްލާ ގެއެއް ބަލައިފާސްކޮށް 32 އަހަރުގެ މީހަކު  މަހުގެ 15 ވަނަ ދުވަހުގެ 08:03 ހާއިރު ހައްޔަރު ކޮށްފައިވެއެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގދ. ނަޑެއްލާ މެޖިސްޓްރޭޓް ކޯޓަށް ހާޒިކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement