އެސްޓްރަޒެނެކާ ކޮވިޑް ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަދީފި

20 Jun 2021 | 23:35

ކޮވިޑް-19އިން ދިފާއުވުމަށް ދިވެހިރާއްޖޭގައި ކުރިއަށްދާ ވެކްސިންޖެހުމުގެ ގައުމީ ހަރަކާތުގައި، އެސްޓްރަޒެނެކާ ވެކްސިން ބޭނުންކުރުމުގެ ހުއްދަދޭން ނިންމައިފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު ކުރި އިއުލާނެއްގައި ބުނީ "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޓުއޭޝަން"ގައި ބޭނުންކުރުމަށް ކަމަށެވެ. އުމުރުން 18 އަހަރުން މަތީގެ މީހުންނަށް މި ވެކްސިން ޖެހޭނެއެވެ.

ޑަބްލިޔުއެޗްއޯގެ ހުއްދަ ލިބިފައިވާ މި ވެކްސިންތަކަކީ 2 ޑިގްރީ ސެލްސިއަސް އަދި 8 ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިނެއްގައި ރައްކާކުރެވޭ ވެކްސިންތަކެކެވެ. އެހެންކަމުން އާންމު އެހެން ވެކްސިންތައް ރައްކާކޮށް ގެންގުޅޭ ފަދައިން މި ވެކްސިންތަކާ މެދު އަމަލުކުރެވޭނެއެވެ.

އެސްޓްރަޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާތާ 4 ހަފްތާއާއި 12 ހަފްތާގެ މުއްދަތެއްގެ ތެރޭގައި ދެވަނަ ޑޯޒް ޖެހުމަށް އެދެވިގެންވެއެވެ. ޑަބްލިޔުއެޗްއޯގެ ލަފާގެ މަތިން، ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ނުލިބޭ ފަރާތްތަކަށް ދެވަނަ ޑޯޒްގެ ގޮތުގައި އެސްޓްރަޒެނެކާ ވެކްސިން ދޭން ރާއްޖެއިން ދަނީ ވިސްނަމުންނެވެ.

މިއީ ކޮވިޑް-19އާއި ދެކޮޅަށް ރާއްޖޭގައި ބޭނުންކުރަން ހުއްދަ ދެވުނު ހަތްވަނަ ވެކްސިނެވެ. މިހާތަނަށް ދުނިޔޭގެ 100އަށްވުރެ ގިނަ ގައުމުގައި މި ވެކްސިން ބޭނުންކުރަން ހުއްދަ ވަނީ ދެވިފައެވެ.

Advertisement

ކޮމެންޓް

Advertisement