ޕީޕީއެމް ޕީއެންސީ އިން ބޭނުންނަމަ ރައީސް ޔާމީން އަށް ދެވުނު ހަމަލާވެސް މަޖިލީހުން ބަލައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ 241 ކޮމެޓީގެ އިންކުއަރީގެ ރިޕޯޓަށް ބަލާއިރު ފުލުހުންގެ ތަހުގީގުން މިކަން ހިނގާދިޔަ ގޮތުގެ ތަފްސީލުވެސް ލިބިގެން ދާނެކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި މިބާވަތުގެ ކަންކަން ހުއްޓުވުމަކަށް ގެނެވޭނެ ކަމަށްވެސް މެމްބަރު ހަލީމް ވިދާޅުވިއެވެ.
241 ކޮމެޓީގެ އިންކުއަރީ ރިޕޯޓް އެކުލަވާލުމުގައި އިދިކޮޅު މެމްބަރުންގެ މަސައްކަތް ފާހަގަ ކުރައްވާ ހަލީމް ވިދާޅުވީ ޕީޕީއެމް މެމްބަރުންނަށް އެމްޑީޕީގެ ޑިމޮކްރަސީގެ ފެންވަރު ވަރަށް ރަނގަޅަށް މިހާރު އެނގިފައި ވާނެ ކަމަށެވެ.
"ޕީޕީއެމްގެ މެމްބަރުންނަށް މިފަހަރު ވަރަށް ބޮޑަށް ސާބިތުވާނެ އަޅުގަނޑުމެންގެ ތެރޭގައި ހުރި ސިވިލައިޒް ކަމާއި،އަޅުގަނޑުމެންގެ ޑިމޮކްރަސީގައި ހުރި ފެންވަރު" ހަލީމް ވިދާޅުވިއެވެ.
އަދި ހަލީމް ވަނީ 241 ކޮމެޓީގައި ހިމެނި ވަޑައިންނަވާ އިދިކޮޅު 2 މެމްބަރުންނަށް ޝުކުރު ދަންނަވާ ރައީސް ޔާމީންގެ މައްސަލަވެސް މަޖިލީހުން ބެލުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައެވެ.
"މި އިންކުއަރީ ރިޕޯޓު ހެދުމަށްޓަކައި އިދިކޮޅުފަރާތްތަކުން ޚާއްސަކޮށް ޕީޕީއެމާއި ޕީއެންސީގެ 2 ލީޑަރުން ކަމަށްވާ އާދަމް ޝަރީފް އާއި ޣައްސާން މަޢުމޫން ތެދުވެރިކަމާއިއެކީގައި މި ޢަމަލު ކުރެއްވީތީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި މަޖިލީހުން ތިބޭފުޅުންނާއި އެކީގައި މިތިބީ ޔާމީން އަބްދުލް ޤައްޔޫމަށް ދިން ހަމަލާވެސް ތިބޭފުޅުން ބޭނުންވެއްޖެނަމަ ތިބޭފުޅުންނަށް އެހީވެގެން އެ މަސައްކަތް ކުރަން" ހަލީމް ވިދާޅުވިއެވެ.
ހަލީމްގެ އިތުރުންވެސް އެމްޑީޕީގެ މެމްބަރުން ވަނީ 241 ކޮމެޓީގެ އިންކުއަރީގައި ބައިވެރިވެވަޑައިން އިދިކޮޅު 2 މެމްބަރުން ކުރެއްވި މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists