ދަރިވަރަކު ޓެސްޓް ޕޭޕަރު ބަލާލަނީ.. ފޮޓޯ: އޭއައި
ލައިފްސްޓައިލް
11 Jul 2026 | 10:12
ޓެސްޓުގެ ނަތީޖާ އަނބުރާ ލިބުމުން ދެން ކަންތައްކުރާނީ ކިހިނެތް؟

އިމްތިޙާނެއް ނިމި ޓެސްޓް ކަރުދާހެއް އަނބުރާ ލިބުމުން، ގިނަ ދަރިވަރުންނާއި ބެލެނިވެރިންނަށް އެންމެ ފުރަތަމަވެސް ބަލާނީ ލިބުނު މާކުހަށެވެ. ބައެއް ކުދިން އުފާވެއިވާއިރު، އަނެއްބައި ކުދިން ދެރަވެ، ކަންބޮޑުވާނެއެވެ. ނަމަވެސް، ޓެސްޓް ކަރުދާހަކީ ހަމައެކަނި މާކުހެއް ނޫނެވެ. އެއީ ދަރިވަރަށް ރަނގަޅަށް ފަހުމްވީ އެއްޗެއްސާއި އިތުރަށް ސަމާލުކަން ދޭންޖެހެނީ ކޮން ކޮން ކަންތައްތަކަކަށްތޯ ބެލުމަށް ބޭނުންކުރާ އެއްޗެކެވެ.

ޓެސްޓަށްފަހު، ދަރިވަރުންނާއި، ބެލެނިވެރިން އަދި މުދައްރިސުން އެ ނަތީޖާ އިން ފެނުނު ކަންކަމަށް ވިސްނާ އެކަންކަން ރަނގަޅުކުރުމަށް މަސައްކަތް ފެށުމުން އެ ދަރިވަރުންގެ ކުރިއެރުން ކުރިޔަށް އޮތްތާ ފެނިގެން ދާނެއެވެ. އެހެންކަމުން އެކަކު އަނެކަކަށް އިނގިލި ދިއްކުރުމާއި، އެހެން ކުދިންނާ އަޅާކިޔުމުގެ ބަދަލުގައި، އެންމެންގެ އަމާޒަކަށް ވާންޖެހޭނީ ކުރިން ހެދުނު ގޯސްތަކުން ޢިބުރަތް ޙާޞިލުކޮށް، ކުރިއަށް އޮތް އިމްތިޙާނުތަކަށް ރަނގަޅަށް ތައްޔާރުވުމެވެ.

ލިބުނު މާކްސްއަކަށްވުރެ ފުންކޮށް ވިސްނާލުން

ޓެސްޓް ޕޭޕަރުން ލިބޭ މާކުހަކީ މުހިންމު އެއްޗަކަށް ވީނަމަވެސް، އެއީ ކުއްޖާގެ އުނގެނުމުގެ އެންމެ ފުރިހަމަ ތަސްވީރެއް ނޫނެވެ. ދަރިވަރެއްގެ މާކްސް ދަށްވުމުގައި ތަފާތު ސަބަބުތައް މެދުވެރިވެދާނެއެވެ. ބައެއް ފަހަރު ފިލާވަޅު ރަނގަޅަށް ފަހުމުފެފައި ނެތުމާއި، ނުވަތަ ޖަވާބު ދިނުމުގެ ކުރިން ސުވާލު ރަނގަޅަށް ނުކިޔުމަކީވެސް ދިމާވެދާނެ ބައެއް ކަންކަމެވެ. އަދި އަނެއްބައި ފަހަރު ޢިމްލާ ކުށްތަކާއި، ފުރިހަމަނުވާ ޖަވާބުތަކާއި، އަތުލިޔުން ސާފުނުވުމާއި، ހިސާބު ހެދުމުގައި ހެދޭ ކުދިކުދި ގޯސްތަކުގެ އިތުރުން ވަގުތު މަދުވުމުގެ ސަބަބުން ވެސް މާކްސް މަދުވެދާނެއެވެ. އެހެންކަމުން، ޓެސްޓް ކަރުދާހަކީ މަގުދައްކައިދޭ ފޮތެއްގެ ގޮތުގައި ދެކެންޖެހެއެވެ. މީގެ ސަބަބުން ދަރިވަރުންނަށް އެކުދިންގެ މައްސަލަތައް ދެނެގަނެވޭނެއެވެ. މީގެއިތުރުން ބެލެނިވެރިންނަށް ކުދިންނަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް އެނގި، އަދި މުދައްރިސުންނަށް ފިލާވަޅުތަކާއި މުރާޖަޢާ ކުރުންތައް ބައްޓަންކުރާނެ ގޮތް އިތުރަށް އެނގި ފަސޭހަވެގެންދާނެއެވެ.

ދަރިވަރުންނަށް ކުރެވިދާނެ ކަންތައްތައް

ޓެސްޓު ކަރުދާސް އަނބުރާ އަތަށް ލިބުމުން ދަރިވަރުން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ގޯސްވި ސުވާލުތައް ދެނެގަތުމެވެ. ހަމައެކަނި ޖުމްލަ މާކްސްއަށް ބަލައިލުމުގެ ބަދަލުގައި، މުދައްރިސް ދެއްވާފައިވާ އިރުޝާދުތަކާއި ފާހަގަކޮށްފައިވާ ކުށްތަކަށް ހޯދުމެވެ. އެއަށްފަހު އެ ގޯސް ހެދުނު ސަބަބެއް އަމިއްލައަށް ހޯދަންޖެހެއެވެ. އެއީ ޖަވާބު ހަނދާން ނެތުމުން ހެއްޔެވެ؟ ސުވާލު އޮޅުމުން ހެއްޔެވެ؟ ނުވަތަ ޖަވާބު ފުރިހަމަ ނުވުމުން ހެއްޔެވެ؟ މިފަދަ ސުވާލުތަކުގެ ޖަވާބު އަމިއްލަ އަށް ހޯދުމުގެ ސަބަބުން ދަރިވަރުންނަށް އުނގެނުމުގެ ރަނގަޅު އާދަތައް ދަސްވާނެއެވެ. ކަރުދާހުގައި ހުރި ކުށްތައް ރަނގަޅުކުރުމަކީ  ވަރަށް މުހިންމު ކަމެކެވެ. މިއީ ހަމައެކަނި ނަކަލުކޮށްލާ އެއްޗަކަށް ނުހަދައި، ކޮންމެ ޖަވާބެއްވެސް ލިޔަންވާނީ އޭގެ މާނަ ރަނގަޅަށް ފަހުމުވުމަށްފަހުގައެވެ. ޖަވާބެއް ސާފުނުވާނަމަ މުދައްރިސެއްގެ އެހީތެރިކަން ހޯދުން މުހިންމެވެ.

ބެލެނިވެރިންނަށް ކުރެވިދާނެ ކަންތައްތައް

ކުދިން ޓެސްޓު ކަރުދާސް ހިފައިގެން ގެއަށް އައުމުން ބެލެނިވެރިންނަށް ކަން ކުރެވޭ ގޮތަކުން ކުއްޖާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރަށް ވަރަށް ބޮޑަށް އަސަރުކުރާނެއެވެ. އެހެންކަމުން މާކްސް ދަށްވި ނަމަވެސް، ރުޅިއައުމާއި އެހެން ކުދިންނާ އަޅާކިޔުމުން ދުރުވެ، ކުއްޖާއާއެކު އިށީނދެ ކަރުދާސް ބަލައިލައި، "އެންމެ އުނދަގޫވީ ކޮން ބައެއް؟" ނުވަތަ "ދެން ފަހަރަކުން މިއަށްވުރެ ނަތީޖާ ރަނގަޅު ކުރުމަށް އެހީތެރިވެދެވޭނީ ކިހިނެއް؟" ފަދަ ހިތްވަރުދޭ ސުވާލުތައް ކުރެވިދާނެއެވެ. ގޭތެރޭގައި އުނގެނުމަށް ފަހި މާޙައުލެއް ޤާއިމުކޮށްދީ، ކުދިކުދި ކުރިއެރުންތަކަށްވެސް ތަޢުރީފުކުރުމަކީ ކިޔެވުމަށް ކުއްޖާގެ ޝައުޤުވެރިކަން ދެމެހެއްޓޭނެ ކަންކަމެވެ. މި ކަންކަމުގެ ސަބަބުން ކުއްޖާއަށް އެހީތެރިކަން ލިބޭކަމުގެ އިޙުސާސް ކުރެވި، ހިތްވަރު ލިބިގެންދާނެއެވެ.

ކްލާސް ރޫމެއް...

މުދައްރިސުންނަށް ކުރެވިދާނެ ކަންތައްތައް

އެންމެ މުހިންމު ކަމަކީ، މުދައްރިސުން ދަރިވަރުންނަށް ހިތްވަރު ދިނުމެވެ. އޯގާތެރި އަދި ހިތްވަރުދޭ ބަސްތަކުގެ ސަބަބުން، ތިމާއަށް ކުރިއެރުން ހޯދިދާނެކަމުގެ އިތުބާރު ދަރިވަރުގެ ކިބައިގައި އުފެދޭނެއެވެ. މިކަމުގެ ސަބަބުން ދަރިވަރުންނަށް ފަސް ނުޖެހި ސުވާލުކޮށް ފިލާވަޅުތަކުގައި ބައިވެރިވުން އިތުރު ވެގެންދާނެއެވެ. ޓެސްޓެއް ނިމުމަކީ ހަމައެކަނި މާކްސް ދިނުމެއް ނޫނެވެ. އެއީ އުނގެނުމުގެ މަރުޙަލާގެ މުހިންމު ބައެއް ކަމުން، ގިނަ ދަރިވަރުންނަށް ހެދިފައި ހުންނަ އާންމު ކުށްތަކާ ގުޅޭގޮތުން މުދައްރިސަށް މުޅި ކުލާހުގައި މަޝްވަރާ ކުރެވިދާނެއެވެ. ގިނަ ދަރިވަރުންނަށް އެއް ކުށެއް ހެދިފައިވާނަމަ، އެ ފިލާވަޅެއް އަލުން އޮޅުންފިލުވައިދިނުމަކީ ވަރަށް މުހިންމުކަމެކެވެ. ވަކިވަކި ދަރިވަރުންނަށް ބޭނުންވާ އިރުޝާދު ދިނުމަކީވެސް ދަރިވަރުންނަށް އިތުރު ފައިދާތަކެއް ލިބިގެންދާނެކަމެކެވެ. އަދި ދަރިވަރުން ލައްވައި ޢަމަލީ ގޮތުން ކުށްތައް ރަނގަޅު ކުރުވުމުން ފިލާވަޅުތަކާއިމެދު ފުންކޮށް ވިސްނުމަށް މަގުފަހިވާނެއެވެ.

ކުށްތަކަކީ ކުރިއެރުމަށް ލިބުނު ފުރުޞަތެއް ކަމަށް ވިސްނައި، ދެން އެކުށް ތަކުރާރު ނުކުރުމަށް ވިސްނުން މުހިންމެވެ. ކޮންމެ ދަރިވަރަކީވެސް އުނގެނުމުގެ މަރުޙަލާގައި ކުށްތަކެއް ހެދިދާނެ ދަރިވަރެކެވެ. އެންމެ މުހިންމީ އެ ކުށްތަކުން ދަރިވަރުން އުނގެނުން އިތުރަށް ހަރުދަނާކުރުމެވެ. ޕޭޕަރު ލިބުމުން ސުވާލު ރަނގަޅަށް ކިޔުމާއި، ކަރުދާސް ޙަވާލުކުރުމުގެ ކުރިން ޖަވާބުތައް ޗެކްކުރުމަކީ ކުރިއަށް އޮތް ޓެސްޓުތަކުގައި ރަނގަޅު ނަތީޖާ ހޯދުމަށް އެހީތެރިވެދޭނެ ކަންކަމެވެ. ތަޢުލީމީ ނިޒާމު އެންމެ ފުރިހަމައަށް ހިނގާނީ ދަރިވަރުންނާއި، ބެލެނިވެރިން އަދި މުދައްރިސުން ގުޅިގެން މަސައްކަތް ކުރުމުންނެވެ. މި ތިން ފަރާތް ގުޅިގެން މަސައްކަތް ކުރުމުން، ޓެސްޓް ކަރުދާހަކީ ހަމައެކަނި މާކްސްތަކެއް ރެކޯޑުކޮށްފައިވާ ކަރުދާހަކަށްވުރެ ބޮޑަށް، ކުރިއެރުމަށް އޮތް މަގުޗާޓަކަށް ވެގެންދާނެއެވެ.

ޓެސްޓަށްފަހު އެހީތެރިކަން ލިބޭ ކުއްޖާއަށް އުނގެނުމުގެ މުހިންމު ފިލާވަޅެއް ލިބިގެންދެއެވެ. އެއީ ނަތީޖާ ރަނގަޅު ކުރެވިދާނެ ކަމާއި، ކުށްތައް އިސްލާހު ކުރެވޭނެ ކަމާއި، އަދި ކުރާ މަސައްކަތުގެ އަގު ހުންނާނެ ކަމެވެ. މިފަދަ ހެޔޮ ވިސްނުމަކީ ހަމައެކަނި އިމްތިހާނުތަކަކަށް ނޫނެވެ، މުޅި ދިރިއުޅުމުގައިވެސް ދަރިވަރަށް ފައިދާކުރާނެ ކަމެކެވެ.

ޓެސްޓް ކަރުދާސް އަނބުރާ ލިބުމުން، އެންމެ މުހިންމު ސުވާލަކީ "ލިބުނީ ކިތައް މާކްސްތޯ؟" މި ސުވާލެއް ނޫނެވެ. އޭގެ ބަދަލުގައި ކުރަންވީ އެންމެ ރަނގަޅު ސުވާލަކީ "މި ކަރުދާހުން އަހަރެމެންނަށް ދަސްވީ ކޮން އެއްޗެއްތޯ؟" އެވެ. ދަރިވަރުންނަށް ހެދުނު ކުށްތައް މުރާޖަޢާކޮށް، ބެލެނިވެރިން އެހީތެރިކަންދީ، އަދި މުދައްރިސުން މަގުދައްކައިދީފިނަމަ، ކޮންމެ ޓެސްޓަކީވެސް ކުރިއެރުމަށް ލިބޭ އަގުހުރި ފުރުޞަތަކަށް ވާނެއެވެ. މާކްސްއިން ޓެސްޓެއްގެ ނަތީޖާ ދައްކައިދީފާނެއެވެ. ނަމަވެސް ޓެސްޓަށްފަހު ކުރެވޭ މަސައްކަތްތަކަކީ ދަރިވަރުގެ ކުރިމަގުގެ ކާމިޔާބީ ބައްޓަންކޮށްދޭނެ ކަންކަމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.
05 Oct 2026
ޓީޗަރުން ކުރައްވާ ބުރަ މަސައްކަތައް ޝުކުރު އަދާކުރަން: މެޑަމް ސާޖިދާ
އެކަމަނާ އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރިވަރުން ބިނާކޮށް ބައްޓަންކުރުމުގައި މުދައްރިސުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ކަމަށާއި މިއަދު ފެންނަ ބަދަހި މުޖުތަމަޢުތައް ބިނާކުރުމުގައި އެ ބޭފުޅުންގެ ޙިއްޞާ ވަރަށް ބޮޑު ކަމަށެވެ.
05 Oct 2026
ދަރިވަރުންގެ މުޒާހަރާތައް ހޫނުވެ ފަރަންސޭސިވިލާތުގެ 500 އެއްހާ ސްކޫލް ބަންދުކޮށްފި
ފަރަންސޭސިވިލާތުގެ ތަޢުލީމީ ވަޒީރު އެޑޮއާ ޖެފްރާ އާދީއްތަ ދުވަހު ހާމަކުރީ، އެ ސްކޫލްތަކުގެ ކިޔެވުން ހުއްޓައިލީ ސެކިއުރިޓީ ކަންކަން ހަމަޖެހިފައި ނެތުމުން ކަމަށެވެ. އެ މުޒާހަރާތައް ފެށުނީއްސުރެ 24 ސްކޫލެއްގައި ހުޅު ޖަހައި ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.