ދަރިވަރުންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކާ ގުޅިގެން ފަރަންސޭސިވިލާތުގެ 500 އެއްހާ ސެކެންޑަރީ ސްކޫލެއްގެ ކިޔެވުން ހޯމަ ދުވަހު މެދުކަނޑާލައިފިއެވެ.
ފަރަންސޭސިވިލާތުގެ ތަޢުލީމީ ވަޒީރު އެޑޮއާ ޖެފްރާ އާދީއްތަ ދުވަހު ހާމަކުރީ، އެ ސްކޫލްތަކުގެ ކިޔެވުން ހުއްޓައިލީ ސެކިއުރިޓީ ކަންކަން ހަމަޖެހިފައި ނެތުމުން ކަމަށެވެ. އެ މުޒާހަރާތައް ފެށުނީއްސުރެ 24 ސްކޫލެއްގައި ހުޅު ޖަހައި ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
ނިމިދިޔަ ހަފުތާގައި ޕެރިހުން ފެށިގެން މޮންޕެލިއޭ، ނާންތު، އަދި މާސޭ ފަދަ ސިޓީތަކަށް ފެތުރިފައިވާ މި މުޒާހަރާގައި އެތައް ހާސް ދަރިވަރުން ބައިވެރިވެފައިވެއެވެ. މުދައްރިސުން މަދުވުމާއި ކްލާސްތައް ތޮއްޖެހުމާއި ސްކޫލް ޢިމާރާތްތައް ވީރާނާވެފައި ހުރުމަކީ މި ހަރަކާތުގެ މައިގަނޑު ޝަކުވާތަކެވެ.
ޖެފްރާ ތުހުމަތުކުރީ ހައްދުފަހަނައެޅި ވާތު ފިޔައިގެ ބަޔަކު ދަރިވަރުންގެ ހަރަކާތުގެ ތެރެއަށް ވަދެ އެ ހަރަކާތް ހައިޖެކްކޮށް ހަރުކަށި ހަމަނުޖެހުން ހިންގަނީ ކަމަށެވެ. ތަޢުލީމީ ދާއިރާގެ 78 މުވައްޒަފަކަށް އަނިޔާ ލިބިފައިވާ ކަމަށާއި މީގެ ކުރިން ދުވަހަކު ވެސް ނުފެންނަ ހާލަތެއް ކަމަށް ޖެފްރާ ސިފަކުރިއެވެ.
ހުކުރު ދުވަހު އެކަނި 1،747 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފަރަންސޭސި ދާޚިލީ ވަޒީރު ލޯރެންޓް ނޫނިއެޒް ބުންޏެވެ. މުޅި ހަރަކާތް ފެށުނީއްސުރެ 5،000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ގާތްގަނޑަކަށް 85 އިންސައްތައަކީ 18 އަހަރު ނުފުރޭ ކުދިން ކަމަށް އޭއެފްޕީ ބުނެފައިވެއެވެ.
ފަރަންސޭސި ބޮޑުވަޒީރު ސެބެސްޓިއަން ލެކޯނޫ އާދީއްތަ ދުވަހު ބުނީ ކިޔެވުން ކުރިއަށް ގެންދިއުމާއި ވަސީލަތްތައް ރަނގަޅުކުރުމާއި ޔުނިވާސިޓީ އެޑްމިޝަން ޕްލެޓްފޯމް މިހާރަށްވުރެ ދެފުށް ފެންނަ ގޮތަށް ހެދުން ހިމެނޭ ފިޔަވަޅުތައް ސަރުކާރުން އަޅަމުން ގެންދާ ކަމަށެވެ.
ގެއްލުން ދިން ފަރާތްތައް ޒިންމާ ނެގުން ލާޒިމުކުރާ ބިލެއް މުރާޖަޢާ ކުރުމުގެ މަސައްކަތް އަވަސްކުރަމުންދާ ކަމަށް ވެސް ލެކޯނޫ ބުންޏެވެ. މުޒާހަރާ އިންތިޒާމުކުރާ ފަރާތްތަކުން ވަނީ ސަރުކާރުގެ ފިޔަވަޅުތައް މަދު ކަމަށް ބުނެ އަންގާރަ ދުވަހު ވެސް މުޒާހަރާ ކުރިއަށް ގެންދިއުމަށް ގޮވާލައިފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists