ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ނަޑެއްލާ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ ރަށުގައި މިހާތަނަށް ބޭނުންކުރަމުންދިޔަ އެމްބިއުލާންސަކީ ރަށުގެ މަގުތަކުގެ ހާލަތަށް ބަލާއިރު ދުއްވުމަށް އެކަށީގެންވާ ވަރަށްވުރެ ބޮޑު އުޅަނދެއް ކަމަށެވެ.
އޭގެ ސަބަބުން ކުއްލި ހާލަތްތަކުގައި ބަލިމީހުން އުފުލުމަށާއި، ރަށުގެ ހަނި މަގުތަކުގައި ދުއްވުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.
މި ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން މިނިސްޓްރީ އޮފް ހެލްތުގެ އެހީތެރިކަމާއެކު، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ބެލުމުގެ ދަށުން ރަށުގެ މަގުތަކާ ގުޅޭ އައު އެމްބިއުލާންސެއް ނަޑެއްލާއަށް ގެނެސް، ކުރިން އޮތް ބޮޑު އެމްބިއުލާންސް ތިނަދުއަށް ބަދަލުކޮށްފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
މިއީ ރައްޔިތުންނަށް ދެވޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުއްލި ހާލަތްތަކުގައި ލަސްނުވެ ހިދުމަތް ދިނުމަށް އެޅުނު މުހިންމު ހެޔޮ ފިޔަވަޅެއް ކަމަށް ކައުންސިލުން ބުނެއެވެ.
ނަމަވެސް، މި ހެޔޮ ބަދަލާ ގުޅިގެން ކަން ހިނގާފައިވާ ގޮތުގެ ހަގީގަތް ބެލުމެއްނެތި، ރައްޔިތުންގެ މެދުގައި ކައުންސިލާއި ހެލްތު ސެންޓަރާ މެދު ނަފުރަތާއި ފިތުނަ އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކައުންސިލުން ބުންޏެވެ. އަދި ސިޔާސީގޮތުން ނާޖާއިޒު ފައިދާއެއް ހޯދުމަށް ނަޑެއްލާ އެމްޑީޕީއަށް ނިސްބަތްވާ އެކްޓިވިސްޓުން ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގަމުންދާ ނާތަހުޒީބު އަމަލުތައް ކައުންސިލުން ވަނީ ނުހަނު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ކައުންސިލުން އިތުރަށް ބުނީ، ރައްޔިތުންނަށް ފައިދާއާއި ލާބަ ލިބޭ މިފަދަ ކަންކަމުގައި ހަމައެކަނި ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ހަގީގަތް އޮޅުވާލުމަކީ ބައެއް ފަރާތްތަކުގެ ފަލްސަފާއެއް ކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ ލާބައަށްޓަކައި ސަރުކާރާއި ކަމާބެހޭ މުއައްސަސާތަކުން އަޅަމުންދާ ފިޔަވަޅުތަކަށް ހުރަސްނޭޅުމަށާއި، ފިތުނަ އުފެއްދުން ހުއްޓާލުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ނަޑެއްލާ ކައުންސިލުން ވަނީ އެ ކައުންސިލް އަބަދުވެސް ދެމިއޮންނާނީ ރައްޔިތުންގެ ހައްގުގައި ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists