ރައީސް ޑރ. މުޙައްމަދު މުޢިއްޒާ ގުޅޭ ގޮތުން ޑޮކިއުމެންޓްރީއަކަށް އިންޓަވިއު ދިން ކަމަށް ތުހުމަތުކުރެވޭ އީޝާ އަޝްރަފުގެ މައްޗަށް ކުރާ ގަޒުފުކުރުމުގެ ދައުވާގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި މިއަދު ފަށައިފިއެވެ.
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.
ސަރުކާރުގެ ސިޔާސީ މަގާމެއް ކުރިން ފުރި އީޝާ ވަނީ ތަޙުޤީޤުގެ ތެރޭގައި ދިފާޢުގައި ވާހަކަދެއްކުމުގެ ޖާގަ ފުލުހުން ނުދޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އީޝާ އިންޓަވިއު ދިން ކަމަށް ތުހުމަތުކުރެވޭ ޑޮކިއުމެންޓްރީ އާންމުކުރި އަދަދު ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ޙަސަން މުޙައްމަދުގެ މައްޗަށް ވެސް ހަމަ އެ ދައުވާ އުފުލާފައިވެއެވެ. މަސްދަރު ޙިމާޔަތްކުރުމުގެ ބޭނުމުގައި ތަޙުޤީޤުގައި ހަނު ތިބި އެ ދެ ނޫސްވެރިންގެ ޝަރީޢަތް ވެސް ކުރިއަށްދަނީ ސިއްރު އަޑުއެހުންތަކެއްގެ ގޮތުގައެވެ.
މި ޝަރީޢަތާ ގުޅިގެން އެ ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކުން މަނާކުރާ އަމުރެއް ކޯޓުން ނެރެފައިވެއެވެ. އޭގެ އިތުރުން، ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ތުހުމަތުގައި އަދަދު ނޫހުގެ ދެ ނޫސްވެރިއަކު ކުރިން ޖަލަށް ވެސް ލާފައިވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists