ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެއިން ބޮޑު ސަރަހައްދެއް ދޫކޮށްލި އެއްބަސްވުމުގެ ތަފްސީލުތައް ރައްޔިތުންނަށް ހާމަކުރުމަށް ގޮވާލައި, އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
އެ ކުންފުންޏަށް ތިންވަނަ ފަރާތަކަށް ބިން ކުއްޔަށް ދީގެން ރޯލިން އިންޓްރެސްޓް ހޯދުމުގެ ހައްގު ވެސް ލިބިދީފައިވާ ކަމަށް މީކާއިލް ފާހަގަކުރައްވާފައިވެއެވެ.
މީކާއިލް ވިދާޅުވީ ރަސްމާލެއަކީ ރާއްޖޭގެ ތަރައްޤީގެ މުސްތަޤުބަލާ ގުޅިފައިވާ ބޮޑު ރައުސުމާލެއް ކަމަށާއި އެ މަޝްރޫޢު ކުރިއަށް ގެންދާ ގޮތާ މެދު ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.
މިފަދަ ބޮޑު މަޝްރޫއެއްގެ އެއްބަސްވުން ސިއްރުކޮށްފައި ބޭއްވުމަކީ ދައުލަތުގެ މުދަލާއި މާލިއްޔަތަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބި ކޮރަޕްޝަނަށް މަގުފަހިވެދާނެ ކަމެއް.
މީކާއިލް ވިދާޅުވިއެވެ.
މި މައްސަލަ ބަލައިގަތުމަށް ނެގި ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންވެސް ވަނީ މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ.
މި އެއްބަސްވުމުގައިވާ ގޮތުން ސަރުކާރަށް ލިބޭ މިންވަރަކީ ރަސްމާލޭގައި އިމާރާތްކުރާ ވިޔަފާރި ޕްރޮޕަޓީ ވިއްކައިގެން ލިބޭ ފައިސާގެ 10 އިންސައްތައާއި އެޕާޓްމަންޓުތައް ވިއްކައިގެން ލިބޭ ފައިސާގެ ހަތަރު އިންސައްތައެވެ. ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެފައިވާ ގޮތުގައި 10 އަހަރު ތެރޭ ދައުލަތަށް ތިން ބިލިއަން ޑޮލަރު ނުވަތަ 46 ބިލިއަން ރުފިޔާ ލިބޭނެއެވެ. ނަމަވެސް، މިއީ މިދިޔަ އަހަރުގެ ދައުލަތުގެ ބަޖެޓަށް ވުރެ ވެސް ކުޑަ ޢަދަދެކެވެ. އޭގެ އިތުރުން، ބިދޭސީއަކު ރަސްމާލެއިން ގަންނަ އެޕާޓްމަންޓެއް 99 އަހަރުގެ ލީސް މުއްދަތުގައި ވިއްކައިލައިފި ނަމަ ނުވަތަ ހިބައިން ދީފި ނަމަ އާ 99 އަހަރުގެ ލީސް މުއްދަތެއް ފެށޭ ގޮތަށް ވެސް ވަނީ ހަމަޖައްސައިފައެވެ.
ޤާނޫނުއަސާސީން ރާއްޖޭގެ ބިން ބިދޭސީންނަށް 99 އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ދޫކުރުން ހުއްދަކުރި ނަމަވެސް، އެ ކަމާ ގުޅޭ ޚާއްޞަ ޤާނޫނެއް ހެދިފައެއް ނުވެއެވެ. ޓޫރިޒަމް ޤާނޫނު ހުއްދަކުރަނީ ގިނަވެގެން 50 އަހަރަށް ކަމަށްވާ އިރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ޤާނޫނުގެ ދަށުން ބިދޭސީންނަށް ބިން ދޫކުރެވެނީ ގިނަވެގެން 66 އަހަރަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists