މާހިލްގެ ހުވަފެން ހަގީގަތަކަށް، 16 އަހަރުގައި ޚުޠުބާ ކިޔުމުގެ ސަނަދު

17 Jul 2021 | 22:26

ތ. ތިމަރަފުއްޓަށް އުފަން މުޙައްމަދު މާހިލް ޟަމްރަތަކީ އުމުރުން 16 އަހަރުގެ ކުއްޖެކެވެ. އެރަށުގައި ހުންނަ ތ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ގުރޭޑު 10 ގައި ތަޢުލީމު ހާސިލު ކުރަމުން ގެންދާ ދަރިވަރެކެވެ. އެހެން ކުދިންނާއި ޚިލާފަށް، މާހިލްއަކީ ޚުޠުބާ ކިޔުމަށް ޝަޢުޤުވެރިކަން ހުންނަ ދަރިވަރެކެވެ.

ވަރަށް ކުޑައިރުއްސުރެ ދެކެމުންއައި ހުވަފެން މާހިލް މިއަދު މިވަނީ ހަޤީޤަތަކަށް ހަދާފައެވެ. އިއްޔެ ތިމަރަފުށީ މަސްޖިދުލް ބާގިޔާތުލް ސާލިހާތުގައި ކުރި ހުކުރު ނަމާދު އިމާމްވެ ކޮށްފައިވަނީ އެންމެ 16 އަހަރުގެ މާހިލްއެވެ.

ސްކޫލްގައި ވެސް ފާހަގަ ކޮށްލެވޭ ދަރިވަރެއް

މާހިލްއަކީ ތ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމް ހާސިލު ކުރަމުންދާ ދަރިވަރުންގެ ތެރެއިންވެސް ފާހަގަ ކޮށްލެވޭ ދަރިވަރެކެވެ. އެގޮތުން، މާހިލްއަކީ ސްކޫލްގެ ޕްރިފެކްޓެކެވެ. އަދި އެ ސްކޫލްގެ އިސްލާމް ކުލަބުގެ ނާއިބު ރައީސްއެވެ. މާހިލްއަކީ، އެ ސްކޫލްގައި އޮންނަ ޚުޠުބާ ކިޔުމުގެ މުބާރާތްތަކަށް ދަރިވަރުންނަށް ދަސްކޮށްދިނުމުގެ މަސައްކަތުގައިވެސް އުޅޭ ދަރިވަރެކެވެ.

މާހިލްއަކީ ސްކޫލްގައިވެސް ފާހަގަ ކޮށްލެވޭ ދަރިވަރެއް..

ތ. އަތޮޅު ތަޢުލީމީ މަރުކަޒުން ވިދާޅުވީ، މާހިލްއަކީ އެ ސްކޫލްގެ ތާރީޚުގައިވެސް މިފަދަ ސަނަދެއް ހާސިލްކޮށް އެހާ ޅަ އުމުރުގައި ޚުޠުބާ ކީ ފުރަތަމަ ދަރިވަރު ކަމަށެވެ. އެ ސޫކޫލުންވަނީ އިމާމްކަމުގެ ސެޓްފިކެޓް ލެވެލް 3 ފުރިހަމަކޮށް އަދި ފުރަތަމަ ފަހަރަށް އިމާމްވެ ހުކުރުކޮށްފައިވާތީވެ އެކަމުގެ މުނާސަބަތުގައި ސްކޫލްގެ ހުރިހާ ދަރިވަރުންނާއި މުވައްޒަފުންގެ ފަރާތުން މާހިލްއަށާއި މާހިލްގެ ބެލެނިވެރިންނަށް ތަހުނިޔާއާއި މުބާރިކުބާދީ ކިޔާފައެވެ.

މަންމައާއި ބައްޕައަށް ބޮޑު އުފަލެއް

މާހިލްގެ ބައްޕަ ޟަމްރަތު މުޙައްމަދު "ވޮއިސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މާހިލްއަކީ ވަރަށް ކުރީއްސުރެވެސް މިފަދަ ކަންކަމަށް ޝަޢުޤުވެރިކަން ހުންނަ ކުއްޖެއް ކަމަށެވެ. އެގޮތުން، އުމުރުން 7 އަހަރުން ފެށިގެން އެފަދަ ކަންކަމަށް ޝައުޤުވެރިކަން ހުންނަ ކަމަށާއި، ގޭތެރޭގައި އުޅޭއިރުވެސް، ޚުޠުބާ ޕްރިންޓްކޮށްގެން ގެނެސް ޚުޠުބާ ކިޔާ އުޅޭ ކަމަށާއި، ސްކޫލްގައިވެސް ބާއްވާ ޚުޠުބާ ކިޔުމުގެ މުބާރާތްތަކުން 1 ވަނަ ހޯދާފައިވެސް ހުންނާނެ ކަމަށެވެ.

މާހިލް ހުކުރު ޚުޠުބާއާއި ހަވާލުވަނީ..

މާހިލްގެ ބައްޕަ ވިދާޅުވީ، ތިމަރަފުށީގައި އިމާމުވެ ހުކުރު ނަމާދު ކުރުމަށް މިހާރު ތިބީ ވަރަށް މަދު މީހެއްކަމަށާއި ގިނަ ވާނީ ވަގުތީ މުދިމުން ކަމަށެވެ. އެހެންކަމުން، ޚުޠުބާ ކިޔުމުގެ ސަނަދު ހޯދައިދިނުމުގެ ބޭނުމުގައި، ތިމަރަފުށީ ކައުންސިލްގެ ރައީސްއާއި މެންބަރު ރިޔާޒުގެ އެދިލެއްވުމަކަށް އިމާމް ކަމުގެ ސެޓްފިކެޓް ކޯހުގައި ބައިވެރި ކުރީކަމަށެވެ. އަދި މި ކޯހުގެ ޚަރަދުތައް އެ ދާއިރާގެ މެންބަރު ރިޔާޒު ސްޕޮންސަރ ކޮށްދެއްވި ކަމަށެވެ. މާހިލްގެ ބައްޕަ ވިދާޅުވީ، އެހެންކަމުން އެފުރުޞަތު މާހިލްއަށް ހޯދައިދިނުމުގައި، ކައުންސިލްގެ ރައީސްއާއި މަޖިލިސް މެންބަރު ރިޔާޒު ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

މާހިލްގެ ކުރިމަގަށް މައިންބަފައިން ފޮނި އުންމީދުކުރޭ

މާހިލްގެ ޝަޢުޤުވެރިކަން ހުންނަ މިދާއިރާއިން ކުރިޔަށް ދިޔުމަކީ މާހިލްގެ މަންމައާއި ބައްޕަގެ ވަރަށް ބޮޑު އުންމީދެކެވެ. މާހިލްގެ ބައްޕަ ވިދާޅުވީ، މާހިލްގެ މި ކާމިޔާބީއާއި މެދު ފަޚުރުވެރިވާ ކަމަށާއި، މާހިލްއަކީ ކިޔެވުމުގައިވެސް ރަނގަޅު ނަތީޖާތަކެއް ހޯދާ ކުއްޖެއް ކަމަށެވެ. އަދި ކުރިޔަށް އޮތްތާވެސް މާހިލް ކުރިޔަށް ދާން ބޭނުންވާ ކަންކަމުގައި ދެވެން އޮތް އެންމެ މައްޗަކަށް ދިޔުމުގައި މަންމައާއި ބައްޕަގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށެވެ.

މިހާ ޅަ އުމުރުގައި އިމާމުވެ ޚުތުބާ ކިޔާ ހުކުރު ކޮށްފައިވާތީ ގިނަ ބަޔަކު ދަނީ މާހިލްގެ މަސައްކަތާއި ކެރުންތެރިކަން ފާހަގަކޮށް ތަޢުރީފު ކުރަމުންނެވެ.

Advertisement

ކޮމެންޓް

Advertisement