ރައީސް ނަޝީދަށް އިންސާފު ހޯދައިނުދެވި ދައުލަތުގެ ތަރުތީބު ގެއްލިއްޖެ: ދިޔާނާ

18 Jul 2021 | 18:47

ރައީސް ނަޝީދަށް އިންސާފު ހޯދައިނުދެވި 2 މަސްދުވަސް ފާއިތުވުމުން ސާފުވަނީ ދައުލަތުގެ ތަރުތީބު ގެއްލިފައިވާކަން ކަމަށް ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛާ ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.

މެއިމަހުގެ 6 ވަނަ ދުވަހުގެރޭ ރައީސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއަށް 2 މަސް ވީއިރުވެސް މިކަމަށް ޚަރަދުކުރިބަޔަކު ފުލުހުންނަށް ހޯދިފައިނުވާތީ ރައީސް ނަޝީދުގެ އާއިލާއިންނާއި އަދި އެމަނިކުފާނަށް ހެޔޮ އެދޭ މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެތައް ސަތޭކަ އާންމުންގެ ފުރާނައަށް ނުރައްކާކޮށް ރައީސް ނަޝީދު އަވަހާރަކޮށްލަންދިން ޢުދުވާނީ ހަމަލާއަށް 2 މަސްވެދިޔައިރު، އެކަމަށް ފަންޑުކުރި މީހުނާއި، އިހުމާލުވި ވެރީންނާއިމެދު، ފިޔަވަޅު އެޅުމަށް ފަސްޖެހިފައިވާ ކަމަށެވެ.

މިއާއިއެކު މިކަމުން ދައުލަތުގެ ތަރުތީބު ގެއްލި އަސާސީ ގިޔަމް ތަކުން ދައުލަތް ކައްސާލާފައިވާކަން ސާފުވާކަމަށް ދިޔާނާގެ ޓްވީޓްގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސް ނަޝީދަށްދެވުނު ހަމަލާއާއި ގުޅިގެން ފުލުހުންގެ ތަހުގީގަށް އިތުރު ކުރިއެރުމެއް ލިބިފައި ނުވާކަމަށްބުނެ އެމަނިކުފާނުގެ އާއިލާއިންވެސް ފުލުހުންނާއި މި ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކުރައްވައެވެ.

އަދި މިއަދުގެ ވަގުތެއްގައި ރައީސް ނަޝީދުގެ ނުރަސްމީ ޓްވިޓާ ކަމަށްބުނާ އެލެކްސް އަހުމަދު އެކައުންޓުން ކުރި ޓްވީޓެއްގައިވެސް ބުނީ ރައީސް ނަޝީދު އަވަހާރަކޮށްލަން ދެވުނު ހަމަލާގެ ފުރިހަމަ ތަހުގީގެއް ފުލުހުންކޮށްފައިވާކަމަށް ގަބޫލުނުކުރައްވާކަމަށެވެ. އަދި މިކަމަށް ބާރުދޭނެ ހެކިތަކެއްވެސް ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

ކޮމެންޓް