ދީން
23 Aug 2022 | 17:02
ޖިންނި އަވަލާފައިވާ މީހެއްފަދައިން ކަށްވަޅުން ނުކުންނަ މީހާ

ރިބާކެއުމަކީ ނުބައިގެންވާ ބޮޑެތި ހަތް ފާފަތަކުގެ ތެރެއިންވާ ފާފައެކެވެ. މާތް ﷲއާއި އެކަލާނގެ ރަސޫލާ صَلَّى اللهُ عَلَيهِ وَسَلَّم އެމީހަކާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކުރައްވާފައިވާ މީހެކެވެ. ރިބާގެ މުޢާމަލާތުގެ ނުބައިކަން ބަޔާންކުރައްވާ ރަސޫލާ صَلَّى اللهُ عَلَيهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. ((الرِّبَا ثَلَاثَةٌ وَسَبْعُونَ بَابًا، وَأَيْسَرُهَا مِثْلُ أَنْ يَنْكِحَ الرَّجْلُ أُمَّهُ، وَإِنَّ أَرْبَى الرِّبَا عِرْضُ الرَّجْلِ الـمُسْلِمِ)) (ابن ماجة والحاكم، وصححه الذهبي و الألباني) މާނައީ: "ރިބާގެ 73 ދަރަޖައެއް ވެއެވެ. (ފާފައިގެ ގޮތުން) އެންމެ ލުއި ވައްތަރުގެ މިސާލަކީ މީހަކު އޭނާގެ މަންމައާ ކައިވެނި ކުރުންފަދައެވެ. އަދި އެއިގެ އެންމެ މަތީ ދަރަޖައިގެ މިސާލަކީ މުސްލިމެއްގެ އަބުރަށް އަރައިގަތުންފަދައެވެ."

ރިބާ ކާމީހުންނަށް ކަށްވަޅުގައިވެސް ޢުޤޫބާތް ދެވެއެވެ. އެއްރެއަކު ރަސޫލާ صَلَّى اللهُ عَلَيهِ وَسَلَّم އަށް ފެނިވަޑައިގެންނެވި ހުވަފެންފުޅެއްގައި ކޯރެއްގައި ފަތަފަތާ އޮތް މީހަކު އޮތެވެ. އަދި އެ ކޯރުގެ އައްސޭރިފަށުގައި ގާތަކެއް އެއްކޮށްގެންހުރި މީހަކު ހުއްޓެވެ. އެ ކޯރުން އެރުމަށްޓަކައި އެ ފަތަމުން އަންނަމީހާ ކޯރުގެ އައްސޭރިއާ އަރާހަމަވާ އިރަށް އައްސޭރިފަށުގައި ހުރިމީހާ އެތަނުން ގާގަނޑެއް ނެގުމަށްފަހު އެމީހާއާ ދިމާލަށް އެއްލައެވެ. އެ ގާގަނޑު އެމީހާގެ އަނގައިގެތެރެއަށް ވަދެ އަލުން އެމީހާ އޮތް ހިސާބަށް ފޮނުވާލައެވެ. މިގޮތަށް ތަކުރާރުވޭވޭ ހުރެއެވެ. ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم އެ ފަތަފަތާއޮތް މީހާއާ ބެހޭގޮތުން ޖިބްރީލްގެފާނާ ސުވާލުކުރެއްވުމުން ޖިބްރީލްގެފާނު ޖަވާބުދެއްވީ އެއީ ރިބާ ކައިއުޅުނު މީހެއްކަމަށެވެ. ޤިޔާމަތާޖެހެންދެން އެ ޢުޤޫބާތް އެމީހަކަށް ލިބިލިބި ހުންނާނެކަމުގައެވެ. سُبْحَانَ الله!

ރިބާކައިއުޅުނުމީހުން ޤިޔާމަތް ދުވަހު ވާނެ ޙާލަކީ ކޮބާތޯ؟ އެފަދަ މީހުން ކަށްވަޅުން ތެދުވެގެން މަޙްޝަރުގެ މައިދާނަށްވެސް އަންނާނީ ނުބައި ޙާލަތަކައިގެންނެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ((الَّذِينَ يَأْكُلُونَ الرِّبَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ)) (البقرة: 275) މާނައީ: "ރިބާކާމީހުން، ޖިންނި މޮޔަވެގެން، ޝައިޠާނާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ (ޤިޔާމަތްދުވަހުން އެއުރެން ކަށްވަޅުން) ނުތެދުވާނެތެވެ."

މިފަދަ ބައެއްގެ އަބާއްޖަވެރިކަމާއެވެ.ރިބާކާ މީހުންނެކޭ އެއްފަދައިން ރިބަވީ ލޯނުތައް ނަގާމީހުން މާތް ﷲއަށް ބިރުވެތިނުވަނީ ހެއްޔެވެ؟ އެ ނުބައިވެގެންވާ މުޢާމަލާތްކޮށްގެން ތިމާގެ އަނބިދަރިންނަށް ކާންބޯންދީ، ބޯހިޔާވަހިކަން ދީ، ކިޔަވައިދީ ހެދުމަށް ރުހޭނީ ފަހެ ކާކުތޯއެވެ؟

ރިބާކާމީހުންނެކޭ ރިބާ ދޭމީހުންނެކޭ ފާފައިގެ ގޮތުން ހަމަހަމަވެގެންވާކަމުގައި ރަސޫލާ صَلَّى اللهُ عَلَيهِ وَسَلَّم ވަނީ ޙަދީޘްކުރައްވާފައެވެ. މި ދެ ފަރާތުގެ މީހުންނަކީވެސް ޙަރާމް މުޢާމަލާތެއް ކުރާބައެއްގެ ސަބަބުން އެބައިމީހުންގެ ދުޢާ އިޖާބަވުމަށް ހުރަސް އެޅިގެންވާ ބައެއްކަން ނުވިސްނެނީ ބާވައެވެ. އަދި ރިބާކާމީހުންނާއި ރިބާ ދޭމީހުންނާއި ރިބާގެ މުޢާމަލާތް ލިޔެހަދާ ވަޒީފާތަކުގައި އުޅުމާއި އެފަދަ މުޢާމަލާތަކަށް ހެކިބަސްދިނުމަކީ އެބަޔަކަށް ލަޢުނަތް ހުރިކަމެކެވެ. ޢަބްދުﷲ ބުން މަސްޢޫދު رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ. ((آكِلَ الرِّبَا وَمُؤْكِلَهُ وَشَاهِدَيْهِ وَكَاتِبَهُ إذَا عَلِمُوا ذَلِكَ مَلْعُونُونَ عَلَى لِسَانِ مُحَمَّدٍ ﷺ يَوْمَ الْقِيَامَةِ)) (النسائي) މާނައީ: "ރިބާކާމީހާއާއި އެ ކާންދޭން މީހާއާއި އެކަމުގެ ދެ ހެކިވެރިންނަށާއި އޭގެ ލިޔެކިޔުން ލިޔާމީހާއަށް އެއީ ރިބާގެ މުޢާމަލާތެއްކަން އެނގިހުރެ އެކަންކޮށްފިނަމަ، އެބައިމީހުންނަކީ ޤިޔާމަތާ ޖެހެންދެން މުޙައްމަދު صَلَّى اللهُ عَلَيهِ وَسَلَّم ގެ ދޫފުޅުން އެބަޔަކަށް ލަޢުނަތް ލައްވާފައިވާ ބައެކެވެ." މި ޙަދީޘަށް ބަލާއިރު ރިބާގެ ލޯނުތަކާއި އިންޝިއުރެންސްތަކާއި އިންސްޓޯލްމަންޓްތައް ދޭ ފަރާތްތައް މިކަމާމެދު ބިރުވެތިވާންޖެހެއެވެ. ހަމައެހެންމެ، މި މުޢާމަލާތްތަކުގެ ޚިދުމަތް ހޯދާމީހުންނާއި، އެފަދަ ލިޔުންތަކާއި އެއްބަސްވުންތައް ލިޔެދީ އެކަމަށް ހެކިވާމީހުންވެސް ﷲ ގެ ޢުޤޫބާތަށް ބިރުވެތިވާން ޖެހެއެވެ.

ރިބާ ކައިއުޅޭމީހުންނާއި ރިބާގެ ލޯނުތައް ނަގާ ފަރާތްތަކަށް ފެންނަނީ އެފަދަ ލޯނުތަކުގެ ސަބަބުން ފައިދާތައްވެ، ވިޔަފާރިތައް ފެށި، ގެތައް އެޅި، ކިޔެވުން ކުރިއަށް ގެންދެވޭ މަންޒަރެވެ. އެހެންނަމަވެސް ރިބާގެ މުޢާމަލާތުގެ ބަރަކާތް މާތް ﷲ ވަނީ ކަނޑުއްވާ ނެތިކުރައްވާފައެވެ. އާޚިރުގައި ގެއްލުން ނޫނީ ޙާޞިލެއްނުވާނެއެވެ. ދުނިޔެމަތީގައި ނުލިބިއްޖެނަމަ އާޚިރަތްދުވަހުން އެކަމުގެ ގެއްލުން ލިބޭނެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ((يَمْحَقُ اللَّهُ الرِّبَا وَيُرْبِي الصَّدَقَاتِ)) (البقرة: 276) މާނައީ: "ﷲ، ރިބާ އުނިކުރައްވައި، އޭގެ ބަރަކާތް ނެތިކުރައްވައެވެ. އަދި، ޞަދަޤާތް އިތުރު ކުރައްވައެވެ."

ރިބާގެ ގެއްލުމާއި ނުރައްކާ އޮތީ ހަމައެކަނި އެކަން ކުރާ ބަޔަކަށް ނޫނެވެ. އެކަމުގެ ނުރައްކާ މުޅި މުޖުތަމަޢުއަށްވެސް ކުރެއެވެ. އަދި އެ މުޖުތަމަޢެއް ﷲގެ ކޯފާއަށް ހުށަހެޅިގެންދެއެވެ. ((مَا ظَهَرَ فِي قَوْمٍ الزِّنَا وَالرِّبَا؛ إِلَّا أَحَلُّوا بِأَنْفُسِهِم عَذَابَ اللهِ)) (أحمد، وأبو يعلى) މާނައީ: "ބައެއްގެ ތެރޭގައި ޒިނޭއާއި ރިބާ ފާޅުވެއްޖެނަމަ، އެބައެއްގެ ނަފްސުތައް ﷲގެ ޢަޛާބަށް ހުށަހެޅިނުގަނެ ނުދެއެވެ."

ރިބާގެ މުޢާމަލާތަކީ ވަރަށް ކުރީއްސުރެވެސް ކުރަމުން އަންނަ މުޢާމަލާތެކެވެ. ޖާހިލިއްޔަ ޒަމާނުގައިވެސް މި މުޢާމަލާތުކޮށް އުޅުނެވެ. ރިބާގެ ނުބައި މުޢާމަލާތްތަކުން ދުރުވުމާއި، މުޢާމަލާތެއް ކުރާއިރު ރިބާގެ މުޢާމަލާތެއް ނޫންކަން ކަށަވަރުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވާނެކަމެވެ. ފަހު ޒަމާނަށް އަންނަވަރަކަށް ރިބާގެ މުޢާމަލާތްތައް ޢާއްމުވާނެއެވެ.

ރިބާއަކީ ރިބާ ހިމެނޭ މުދަލުގެ ތެރެއިން ދަރަންޏަށް އެ އެއްޗެއް ދޭއިރު އިތުރުކޮށްފައި އަނބުރާ ދެއްކުމަށް ޝަރުޠުކުރުމެވެ. ނުވަތަ ދެ މުދާ ބަދަލުކުރާއިރު އެކަތި ފަސްކޮށްފައި ދިނުމެވެ. ޢާއްމު ގޮތެއްގައި މި ޒަމާނުގައި ޚާއްޞަކޮށް ރިބާގެ މުޢާމަލާތް ކުރެވެނީ ފައިސާއިންނެވެ. ތަފާތު އެކި ވަރުވަރުގެ ލޯނުތަކާއި އިންސްޓޯލްމަންޓްތަކާއި އިންޝިއުރެންސްތަކުގެ ނަމުގައެވެ. އަދި އޮންލައިން ޓްރޭޑުތަކުގެ ނަމުގައެވެ. އެކަންކަން ރީތިކުރުމަށްޓަކައި "ލުއި ލޯނުތަކާއި" "ގެދޮރު ހެދުމުގެ ލޯނުތަކާއި" "ވިޔަފާރީގެ ލޯނުތައް" ފަދަ ނަންނަން ކިޔާއުޅެއެވެ. މިފަދަ ގިނަ ލޯނުތަކުގައި ރިބާގެ މުޢާމަލާތް ހިމެނެއެވެ. ކިތަންމެ ކުޑަ މިންވަރެއްގެ ރިބާ ހިމެނުނުނަމަވެސް އެވާނީ ރިބަވީ މުޢާމަލާތަކަށެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ދުނިޔަވީ މަންފައަކަށްޓަކައި މިފަދަ މުޢާމަލާތްތަކުގެ ތެރެއަށް ނުވަންނާށެވެ. މާތް ﷲ ހުއްދަކުރައްވާފައިވާ ގޮތުގައި ކަންކަން ކުރެވޭނެ މަގު މާތް ﷲ ވަނީ ދައްކަވާދެއްވާފައެވެ. އެފަދަ މުޢާމަލާތްތައް ނުކޮށް ކެތްތެރިވެލައްވާށެވެ ! މާތް ﷲއަށްޓަކައި ޙަރާމްކަމެއް ދޫކޮށްލައިފިމީހަކަށް އެއަށްވުރެ ހެޔޮކަމެއް މާތް ﷲ ދެއްވާނެއެވެ. ތިމާގެ އަމިއްލަ ނަފްސަށާއި ތިމާގެ އަނބިދަރިންނަށް އޯގާތެރިވެ، އެފަދަ ޙަރާމް މުދާތަކުގައި ޖެހުމުން ދުރުވެގަންނާށެވެ! ދުނިޔެއާއި އާޚިރަތުގައި ބާއްޖަވެރިކަން މާތް ﷲ ދެއްވާނީ އޭރުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ