ވާހަކަ: އަބޫބަކުރު އައް-ސިއްދީޤު ރއ- މުސްލިމުންގެ ފުރަތަމަ ޚަލީފާ (2)

ހަނގުރާމައިގެ މައިދާނުގައި

މުސްލިމުން މަދީނާއަށް ހިޖުރަ ކުރެއްވިތާ ދެ އަހަރު ފާއިތުވެގެން ހިނގައްޖެއެވެ. އެވީ ދެ އަހަރުތެރޭގައިވެސް މައްކާގެ މުޝްރިކުންގެ އުދަގޫތަށް މުސްލިމުންނަށް ކެނޑިނޭޅި ލިބެމުންދިޔައެވެ. އެމީހުންގެ އެތަކެއް މަސައްކަތުން ވެސް އިސްލާމްދީން މި ބިންމަތީގައި ފެތުރުން ހުއްޓުވައެއްނުލެވުނުވެ. މިކަމާއި އެމީހުން ނުހަނު ހިތްހަމަނުޖެހި، ރުޅިއައިސްފިއެވެ. އެހެންކަމުން މުސްލިނުންނާއި ދެކޮޅަށް ހަނގުރާމައަށް ނުކުތުމަށް އެންމެފަހުން ނިންމައިފިއެވެ. ހަނގުރާމަކޮށް މުސްލިމުން ބަލިކޮށް އިސްލާމްދީން މި ބިންމަތިން ނައްތާލުމުގެ ހުވަފެންދެކެމުންނެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި އަބޫބަކުރުގެފާނާއި މުސްލިމުންގެ ލަޝްކަރު ހަނގުރާމައަށް ތައްޔާރުވެ، ބަދުރުގެ މައިދާނަށް އެއްވިއެވެ. މިހަނގުރާމަ ފެށިގެން ނިމެންދެން ވެސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އެންމެ އަރިހުގައި އެކަލޭގެފާނަށް އެހީތެރިވެ ވޑައިގެން، އެކަލޭގެފާނަށް ހިތްވަރު ދެއްވުމުގައި އަބޫބަކުރުގެފާނު ހުންނެވިއެވެ. މި ހަނގުރާމަ ނިމިގެން ދިޔައީ، މުޝްރިކުންގެ ބޮޑު ލަޝްކަރެއް ގެ މައްޗަށް މުސްލިމުންގެ މަދު މީސްކޮޅު ކުރި ހޯދައިގެންނެވެ.

Advertisement

ބަދުރު ހަނގުރާމައިން މުސްލިމުންނަށް މި ލިބުނު ކާމިޔާބީ އާއި މެދު ޔަހޫދީން އެއްވެސް ހިތްހަމައެއް ނުޖެހުނެވެ. އެހެންކަމުން މުސްލިމުންނާއި ދެކޮޅު މީހުންނާއި އެމީހުން އެއްބައިވާން ފަށައިފިއެވެ. އަދި މުސްލިމުންނަށް އެކި ގޮތް ގޮތުން އުނދަގޫ ކޮށް މުސްލިމުންގެ ބާރު ކަނޑުވާލަން އެމީހުން މަސައްކަތް ކުރަން ފެށިއެވެ. އެގޮތުން ޔަހޫދީ ގަބީލާ އެއް ކަމަށްވާ ބަނޫ ޤައިނުޤަޢުގެ މިކަމުގައި ހައްދުފަހަނައަޅައި ހިނގައްޖެއެވެ. އެހެންކަމުން އެމީހުން މަދީނާއިން ބޭރު ކުރުން ނޫން އެހެން ގޮތެއް ނެތުމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެގޮތުގެ މަތިން ކަންތައް ކުރެއްވިއެވެ.

ޔަހޫދީންގެ އިތުރުން ގުރައިޝުންވެސް ތިބީ މުސްލިމުންނަށް ދޫ ދޭން ތައްޔާރަކަށް ނޫނެވެ. ބަދުރުން އެމީހުންނަށް ލިބުނު ނާކާމިޔާބީގެ ބަދަލު ކޮންމެހެން ހަދައިފައިވެސް ހިފަން އެމީހުން ބޭނުންވިއެވެ. އެހެންކަމުން މުސްލިމުންނާއި ކުރިމަތި ލުމަށް ބޮޑު ލަޝްކަރެއް އެއްކޮށް އުހުދުގެ މައިދާނާއި ދިމާއަށް އެމީހުން ދަތުރުފަށައިފިއެވެ.

ހިޖުރީ ސަނަތުން ތިންވަނަ އަށްވީ އަހަރު މުސްލިމުންނާއި މުޝްރިކުންނާއި ދެމެދު ހިނގައިދިޔަ މި ބިރުވެރި ހަ ގުރާމައިގައިވެސް އިސްލާމް ދީނުގެ ދިފާއުގައި ހަގުރާމަ ކުރައްވަން އަބޫބަކުރުގެފާނު ހުންނެވިއެވެ. މި ހަނގުރާމަވެސް ނިމިގެންދިޔައީ މުސްލިމުންނަށް ފުރިހަމަ ކާމިޔާބީއެއް ލިބިގެންނެވެ.

އުހުދުން ލިބުނު ބޮޑު ނާކާމިޔާބީގެ ބަދަލު ހިފުމަށް މުޝްރިކުން ބޮޑު ލަޝްކަރެއް އަނެއްކާވެސް އެއްކުރަން ފަށައިފިއެވެ. މިފަހަރު އެމީހުންގެ ލަޝްކަރު އެއްކުރީ މުޅި އަރަބި ކަރައިން އެމީހުންނާއި އެއްބައިވިމީހުން ހިމަނައިގެންނެވެ. އެގޮތުން 10,000 މީހުންގެ މައްޗަށް އެކުލެވޭ ބިޔަ ލަޝްކަރަކާއިގެން އެމީހުން މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަ އަށް ނުކުތެވެ.

މި ޚަބަރުވެސް ލިބިވަޑައިގަތުމާއި އެކު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މުސްލިމުންނާއި މަޝްވަރާ ކުރެއްވިއެވެ. އަދި ކުރެއްވިގެން ދިޔަ މަޝްވަރާގެ ތެރެއިން ސަލްމާނުލް ފާރިސީއޭ ކިޔުނު ޞަހާބީ ބޭކަލެއް މަދީނާ ވަށައިގެން ޚަންދަގު ކޮންނެވުމަށް ޚިޔާލު ފައުޅުކުރެއްވިއެވެ. ސަލްމާންގެފާނުގެ މި މަޝްވަރާގެ މަތިން މަދީނާގެ ވަށައި ޚަންދަގު ކޮންނެވުމުގެ މަސައްކަތް މުސްލިމުންފެއްޓެވިއެވެ. މި މަސައްކަތުގައިވެސް އެހެނިހެން މުސްލިނުންނެކޭ އެްފަދައިން އަބޫބަކުރުގެފާނު ބައިވެރިވެވަޑައިގެންނެވިއެވެ.

ގުރައިޝުންގެ ބޮޑު ލަޝްކަރު މަދީނާއާއި ހަމައަށް ފޯރި އިރު، މަދީނާގެ ވަށައިގެން ކޮނެފައިވާ ވަޅުގަނޑުތައް ފެނިފައި ހައިރާންވެއްޖެއެވެ. އެހެނީ މިއީ މީގެކުރިން އެމީހުންނަށް ފެނިފައިވާ ކަމެއް ނޫނެވެ. އެ ޚަންދަގުތަކުގެ ސަބަބުން ހަނގުރާމަ ކުރުމުގައި އެމީހުންނަށް ނުހަނު ދަތިތަކެއް ކުރިމަތިވެގެން ދިޔައެވެ. އެހެންކަމުން އެތައް ދުވަހަކު މަދިނާގެ ވަށައިގެން ފޭލިގެ ޖަހައިގެން ތިބުމަށްފަހު އެމީހުންނަށްޖެހުނީ ބަލި ގަބޫލުކޮށް އެނބުރި މައްކާއަށް ދާށެވެ.

ޚަންދަގު ހަނގުރާމައަށްފަހު، އިސްލާމީ ތާރީޚުންވެސް އެންމެ ފާހަގަކޮށްލެވޭ އެއް ދުވަހަކީ މައްކާފަތަހަ ކުރެވިގެން ދިޔަ ދުވަހެވެ. 10,000 މީހުންގެ މައްޗަށް އެކުލެވޭ ލަޝްކަރަކާއިގެން އަމާން ކަމާއި އޮމާން ކަމާއި އެކު މުސްލިމުން މައްކާ ފަތަޙަ ކުރެއްވި އެދުވަސް ވެގެންދިޔައީ އިބުރަތްތަކުން ފުރިގެންދިޔަ ދުވަހަކަށެވެ. މުސްލިމުން އެމީހުންގެ އަމިއްލަ ވަޒަން، މައްކާއިން، ބޭރުކޮށް، މުސްލިމުންނަށް އެތައް އުނދަގުލަކާއި ތުރާލެއް ދިން މުޝްރިކުން، މުސްލިމުންގެ ބާރުގެ ދަށަށް އެދުވަހު އައުމުން އެމީހުންގެ ކިބައިން ބަދަލު ހިފުމުގެ ބަދަލުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެމީހުންނަށް މަޢާފުކޮށް ދޫކޮށްލެއްވިއެވެ. މިތަންފެނި މައްކާގެ މުޝްރިކުންގެ ހިތްތަކަށް ވަރަށް އަސަރުކުރިއެވެ. އެހެންކަމުން އެމީހުންވެސް ހިތުން ރުހުމުން އިސްލާމްދީން ގަބޫލުކުރިއެވެ.

މައްކާ ފަތަޙަ ކުރެއްވުމަށްފަހު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ސަތޭކަ ހާސް މުސްލިމުންނާއިގެން ހައްޖަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ މިދަތުރުފުޅަށް ހައްޖަތުލް ވަދާއުގެ ނަމުން ނަންދެވުނެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ މި ދަތުރުފުޅުގައިވެސް އެކަލޭގެފާނުގެ އެންމެ އަރިހުގައި ހުންނެވި އެއް ބެކަލަކީ އަބޫބަކުރުގެފާނެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ސުވަރުގެ ވަޑައިގަތުން

ހައްޖަތުލް ވަދާއުއަށްފަހު މަދީނާއަށް އެނބުރި ވަޑައިގެންނެވިތާ ދުވަސްކޮޅެއް ފަހުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާލާސްކަންފުޅާއި އުޅުއްވަން ޖެހިވަޑައިގެންނެވި އެވެ. އެދުވަސްވަރުގައި މުސްލިމުންގެ މައްޗަށް އިމާމުވެ ނަމާދުކުރެއްވުމަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަވާލުކުރެއްވީ އަބޫބަކުރުގެފާނާއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އާލާސްކަންފުޅުބޮޑުވެ އެ އާލާސްކަންފުޅުގައި އެކަލޭގެފާނު ސުވަރުގެވަޑައިގެންނެވިއެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަވަހާރަވުމުން އެޚަބަރު މަދީނާގައި ފެތުރުނެވެ. އެވަގުތު އަބޫބަކުރުގެފާނު ހުންނެވީ މަދީނާގެ ޢާލިޔާއޭ ކިޔުނު ސަރަހައްދުގައެވެ. އެކަލޭގެފާނަށް އެޚަބަރު ލިބިވަޑައިގަތުމުން ސަވާރީއަށް އަރާވަޑައިގެން ޢާއިޝާ ރަޟިޔަﷲ އަންހާ ގެ ގެކޮޅަށް ވަޑައިގެންނެވިއެވެ. ދެން ފަހެ، އިޛުނަ ހޯއްދަވާ އެތެރެއަށް ވެދެވަޑައިގެންނެވިއިރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ހަށިކޮޅުވަނީ ނިވާކުރައްވާފައެވެ. ދެން އެކަލޭގެފާނު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ މަތިން އަޅާފައިވާ ފޮތިގަނޑު ކަޝްފުކުރައްވާ އެކަލޭގެފާނަށް ބޮސްދެއްވިއެވެ. އަދި ވިދާޅުވިއެވެ.

“ތިމަންކަލޭގެފާނުގެ ބައްޕައާއި މަންމަވެސް ކަލޭގެފާނަށްޓަކައި ފިދާވެގެންވެއެވެ. ދިރިހުންނެވިއިރުވެސް މަރުވުމަށްފަހުގައިވެސް ކަލޭގެފާނު ތިޔަވަނީ ހެޔޮކަމުގައެވެ." 

ދެން އެއަށްފަހު ބޭރަށް ނުކުމެ ވަޑައިގެން މީސްތަކުންނާއި ކުރިމަތި ލެއްވިއެވެ. އަދި ކެތްތެރިވެ ހަގީގަތާއި ކުރިމަތިލެއްވުމަށް އެންމެނަށް ހަނދުމަކޮށްދެއްވިއެވެ. އެހެނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ސުވަރުގެ ވަޑައިގަތުން ވެގެން ގޮސްފައިވަނީ ބައެއް ސަހާބީންނަށް ގަބޫލުފުޅުކުރައްވަންވެސް ދަތިވި ކަމަކަށެވެ.

މުސްލިމުންގެ ފުރަތަމަ ޚަލީފާ އަކަށް ޢައްޔަން ކުރެއްވުން

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ސުވަރުގެ ވަޑައިގެންވުމަށްފަހު ޚަލީފާކަމަށް އިސްކުރައްވާނެ ބޭކަލަކާމެދު މުސްލިމުންގެ މެދުގައި މަޝްވަރާކުރެއްވުނެވެ. މި މަޝްވަރާގެ ތެރެއިން އަބޫބަކުރުގެފާނު ޚަލީފާއަކަށް ޢައްޔަންކުރެވިގެން ދިޔައެވެ.ޚަލީފާކަމަށް ޢައްޔަންކުރެއްވުމާއި އެކު އެކަލޭގެފާނު މީސްތަކުންނަށް ޚުޠުބާ ދެއްވައި ވިދާޅުވިއެވެ.

” ފަހެ، ހަމަކަށަވަރުން ތިޔަބައިމީހުންގެ ވެރިއެއް ކަމުގައި ތިމަންކަލޭގެފާނު އިސްކުރެވިއްޖެއެވެ. އަދި ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހާއެއް ނޫނެވެ. ފަހެ، ތިމަންކަލޭގެފާނު ރަނގަޅަށް ޢަމަލުކޮށްފިނަމަ، ތިމަންކަލޭގެފާނަށް ވާޤިވެރިވެ އެހީތެރިވެދޭށެވެ. އަދި ތިމަންކަލޭގެފާނު ނުބައިކޮށް ޢަމަލުކޮށްފިނަމަ، ތިޔަބައިމީހުން ތިމަންކަލޭގެފާނަށް އެކަން ރަނގަޅުކޮށްދޭ ހުށިކަމެވެ. ތެދުވެރިކަމަކީ އަމާނާތެކެވެ. އަދި ދޮގުހެދުމަކީ ޚިޔާނާތެކެވެ. ފަހެ ﷲގެ އިރާދަފުޅާއެކު، މީހެއްގެ އަތުން ލިބެންޖެހޭ ޙައްޤު އަނބުރާ ލިބިއްޖެއުމަށް ދާންދެން، ތިޔަބައިމީހުންގެ ތެރެއިން ބަލިކަށި މީހަކީ ތިމަންކަލޭގެފާނުގެ އަރިހުގައި ގަދަފަދަ މީހެކެވެ. އަދި ﷲގެ އިރާދަފުޅާއެކު، އަދާކުރަންޖެހޭ ޙައްޤު އަދާކޮށްފުމަށް ދާންދެން، ތިޔަބައިމީހުންގެ ތެރެއިންވާ ގަދަފަދަ މީހަކީ ތިމަންކަލޭގެފާނުގެ އަރިހުގައި ބަލިކަށި މީހެކެވެ. ﷲގެ މަގުގައި ޖިހާދުކުރުން ބަޔަކު ދޫކޮށްލައިފިނަމަ، ﷲ އެބައިމީހުން ނިކަމެތި ކުރައްވައެވެ. އަދި ބައެއްގެ ތެރޭގައި ފާޙިޝްކަންތައްތައް ފާޅުވެ ފެތުރިއްޖެނަމަ، ﷲ އެބައިމީހުންގެ މައްޗަށް މުސީބާތްތައް ޢާންމު ކުރައްވައެވެ. 

ތިމަންކަލޭގެފާނު ﷲ އާއި އެއިލާހުގެ ރަސޫލާއަށް ކިޔަމަންތެރިކަން އަދާކުރާ ކަންކަމުގައި ތިމަންކަލޭގެފާނަށް ތިޔަބައިމީހުން ކިޔަމަންތެރިވާށެވެ. ފަހެ، ތިމަންކަލޭގެފާނު، ﷲ އާއި އެއިލާހުގެ ރަސޫލާއަށް އުރެދޭހިނދު، ތިމަންކަލޭގެފާނަށް ކިޔަމަންތެރިވުމެއް ތިޔަބައިމީހުންގެ މައްޗަކަށް ނުވެއެވެ. ތިޔަބައިމީހުން ނަމާދަށް ތެދުވާ ހުށިކަމެވެ. ﷲ ތަޢާލާ ތިޔަބައިމީހުންނަށް ރަޙްމަތް ލައްވާށިއެވެ.”

ރޫމީންނާއި ދެކޮޅަށް ހަނގުރާމަ ކުރެއްވުން

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ސުވަރުގެ ވަޑައިގެންނެވުނުގެ ކުރިން ރޫމީންނާއި ހަނގުރާމަ ކުރެއްވުމަށް މުސްލިމުންގެ ލަޝްކަރެއް އެކަލަވައިލެއްވިއެވެ. އެ ކަޝްކަރުގެ އަމީރަކަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ކަނޑައެޅުއްވީ ޒައިދު ބިން ހާރިޘްގެ ދަރިކަލުން އުސާމާގެފާނެވެ. އޭރު އެކަލޭގެފާނުގެ އުމުރުފުޅުން 20 އަހަރުވެސް ނުވެއެވެ. އެހެންނަމަވެސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަވަހާރަވުމާއި ގުޅިގެން މި ހަނގުރާމަ ލަސްވެގެން ދިޔައެވެ.

އެހެންކަމުން އަބޫބަކުރުގެފާނެ ޚަލީފާއަކަށް ޢައްޔަން ކުރެއްވުމާއިއެކު މި ހަނގުރާމަ ކުރައްވަން އުސާމާގެފާނު އަމީރެއްކަމުގައި ހަމަޖައްސަވައި ލަޝްކަރު ތައްޔާރުކުރެއްވިއެވެ. އެހެންނަމަވެސް އެލަޝްކަރު ނުފޮނުއްވާ މަދީނާ ހިމާޔަތްކުރެއްވުމަށް އެބޭކަލުން މަދީނާގައި މަޑުކުރެއްވުމަށް، ޢުމުރުން ދޮށީ ބޭކަލުން އެކަލޭގެފާނަށް ލަފާދެއްވިއެވެ. އެބޭކަލުންނަށް ޖަވާބު ދެއްވަވަމުން އެކަލޭގެފާނު ވިދާޅުވިއެވެ. “ރަސޫލާ صلى الله عليه وسلم ތައްޔާރުކުރެއްވި ލަޝްްކަރެއް ތިމަންކަލޭގެފާނު އުވާ ނުލައްވާނަމެވެ.”

މި ލަޝްކަރު ފޮނުއްވުނުތާ ގާތްގަނޑަކަށް 40 ނުވަތަ 70 ދުވަސް ފާއިތުވީފަހުން ކާމިޔާބާއި ނަޞްރު ލިބިވަޑައިގެން މުސްލިމުން އެނބުރި މަދީނާއަށް ވަޑައިގެންނެވިއެވެ.

މުރުތައްދު ވި މީހުންނާއި ހަނގުރާމަ ކުރެއްވުން

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޙަޔާތްޕުޅުގެ ފަހުކޮޅު ޢަރަބި ޖަޒީރާގެ ބައެއް ހިސާބުތަކުގައި މުރުތައްދުވިމީހުންގެ ފިތުނަ ފެށިއްޖެއެވެ. އަދި އެކަލޭގެފާނު އަވަހާރަވުމުން އެމީހުންގެ ފިތުނަ ފާޅުވެ ފެތުރިއްޖެއެވެ. އޭގެ ބައެއް މިސާލަކީ ޔަމަނުގައި ފާޅުވި އަލްއަސްވަދު އަލްޢަންސީއެވެ. އޭނާ ނަބީކަމަށް ދަޢުވާކުރިއެވެ. އަދި އަލްޔަމާމާގައިވި މުސައިލިމާއެވެ. އަދި ބުޒާޚާގައިވި ޠުލައިޙާ ބުން ޚުވައިލިދު އަލްއަސަދީއެވެ.

އަދި މީގެ އިތުރުންވެސް މުސްލިމުންގެ ތެރެއިން ޒަކާތް ދިނުމަށް އިންކާރު ކުރަމުން ދިޔަ މީހުންވެސް އެ ދަނޑިވަޅުގައި ފާޅުވާން ފަށައިފިއެވެ. އެބައިމީހުން ދެކުނު ގޮތުގައި ޒަކާތަކީ ނަބިއްޔާ صلى الله عليه وسلم އަށް އަދާކުރަން ޖެހުނު އެއްޗެކެވެ. އެހެންކަމުން އެކަލޭގެފާނު އަވަހާރަވުމުން ޒަކާތް ދިނުން ހުއްޓާލަން ޖެހެއެވެ.

މިހުރިހާ ފިތުނައެއް ނައްތާލައި، އިސްލާމްދީން ހިމާޔަތް ކުރުމަށް އެފަދަ އެންމެނާއި ދެކޮޅަށް އަބޫބަކުރުގެފާނުގެ ޚިލާފަތުގައި ހަނގުރާމަކުރެވިގެން ދިޔައެވެ. 

އަދި ހަނގުރާމައަށް އެބައިމީހުންގެ ގާތަށް މުސްލިމުންގެ ލަޝްކަރު ފޮނުއްވުމުގެ ކުރިން އަބޫބަކުރު رضي الله عنه އެބައިމީހުންނަށް ސިޓީތަކެއް ފޮނުއްވަވާ ތައުބާވެ، ﷲ ގެ މަގަށް، އިސްލާމްދީނަށް ރުޖޫޢަވުމަށް ދަޢުވަތު ދެއްވިއެވެ. އަދި އެބައިމީހުން ދެކޮޅުހަދައިފިނަމަ ހަނގުރާމަކުރުން ނޫން ގޮތެއް ނެތްކަން އެންގެވިއެވެ. އެހެންނަމަވެސް އެމީހުން އެކަލޭގެފާނުގެ ބަސްފުޅު ގަބޫލެއް ނުކުރިއެވެ. އެހެންކަމުން އިސްލާމީ އެކިއެކި ލަޝްކަރުތައް އެބައިމީހުންނާއި ހަނގުރާމަ ކުރުމަށް ފޮނުވުނެވެ. އަދި މި ހަނގުރާމަތަކުގެ ސަބަބުން އެތަނުން އެއްބައެއް އިސްލާހުގެ މަގަށް ރުޖޫޢަވެ އަނެއްބައެއް ގަތުލުކުރެވި މުސްލިމުންނަށް ފުރިހަމަ ނަސްރެއް ލިބިގެންދިޔައެވެ.

ޚިލާފަތުގައި ކުރެއްވި އެހެން ބައެއް މުހިންމު ކަންކަން

އަބޫބަކުރުގެފާނު ޚިލާފަތުގައި ކުރެއްވި އެންމެ މުހިންމު އެއް މަސައްކަތަކީ ކީރިތި ޤުރުއާން ޖަމާކުރެއްވުމުގެ މަސައްކަތެވެ. އެ މަސައްކަތަށް އަބޫބަކުރުގެފާނު ޚިޔާރުކުރެއްވީ ޒައިދުގެފާނެވެ. އެއި ޤުރުއާން ކިޔަވާ ވިދާޅުވުމާއި، އެލިޔުއްވުމާއި، ފަހުމުވުމާއި، ވިސްނުންތެރިކަމާ އަދި އަމާނާތްތެރިކަމުގައި ޒައިދުގެފާނުގެ މަޤާމުގެ ސަބަބުންނެވެ. އަދި އެކަލޭގެފާނަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ވަޙީ ލިޔެދެއްވި ބޭކަލެކެވެ. އަދި އެންމެ ފަހުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޤުރުއާން ޚަތިމުކުރެއްވިއިރު އެކަލޭގެފާނު އެތަނުގައި ހުންނެވިއެވެ. އެކަލޭގެފާނު ގުރުއާން ތަރުތީބު ކުރެއްވީ އޭގެ އަލީގައެވެ.

މުރުތައްދުވީ މީހުންނާއި މެދު ހަނގުރާމަ ކުރެއްވުމަށްފަހު އަބޫބަކުރުގެފާނު އެންމެ އަހައްމިއްޔަތެއް ދެއްވި އެއް ކަމަކީ ޢަރަބި ޖަޒީރާއިން ބޭރުގެ ރަށްތައް ފަތަޙަ ކުރެއްވުމެވެ. އެގޮތުން އެދުވަސްވަރު ޢިރާޤުގައި ބާރުފޯރުވަމުން ދިޔަ ފާރިސީން ބަލިކޮށް މުސްލިމުންގެ އަތްދަށަށް ގެންނެވުމަށް، ޚާލިދު ބިން ވަލީދު ރަޟިޔަﷲ އަންހު އާއި ޢިޔާޟު ރަޟިޔަﷲ އަންހު އިސްކުރައްވައި މުސްލިމުންގެ ލަޝްކަރު އިރާގަށް ފޮނުއްވެވިއެވެ. މި ދެބޭކަލުން އެނބުރި ވަޑައިގެންނެވީ ފުރިހަމަ ކާމިޔާބީއެއް ހޯއްދަވައިގެންނެވެ. މި ހަނގުރާމަ ހިނގިތާ އަހަރެއް ފަހުން ހިޖުރީ ސަނަތުން 13 ވަނަ އަހަރު ޝާމްކަރަ ފަތަޙަ ކުރެއްވުމަށް މުސްލިމުންގެ 30,000 ގާތްކުރާ ލަޝްކަރެއް ރޫމީންގެ 150,000 އަށްވުރެ ގިނަ މީހުންނާ ހަނގުރާމަ ކުރެއްވުމަށް އަބޫބަކުރުގެފާނު ފޮނުއްވެވިއެވެ. މި ހަނގުރާމަ އަށް މުސްލިމުންގެ 5 ލަޝްކަރެއް އަބޫބަކުރުގެފާނު ތައްޔާރު ކުރެއްވިއެވެ. މުސްލިމުންގެ 5 ލަޝްކަރު ފަސް ސަރަހައްދުން ރޫމީންނާއި ހަނގުރާމަކޮށް ވަރުގަދަ ކުރިމަތިލުންތަކެއް ކުރިއަށް ދިޔައެވެ. މި ހަނގުރާމަ އިންވެސް ނަސްރުލިބިގެން ދިޔައީ މުސްލިމުންނަށެވެ. ޝާމްކަރަ މުސްލިމުންގެ އަތްދަށަށް ގެންނެވުމަށް ކުރެވުނު ނި ހަނގުރާމަ މަޝްހޫރުވެފައިވަނީ ޔަރުމޫކު ހަނގުރާމައިގެ ނަމުންނެވެ.

އަބޫބަކުރުގެފާނު އަވަހާރަވުން

ހިޖުރައިން 13 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުން 7 ދުވަސް ފާއިތުވީފަހުން، އަބޫބަކުރުގެފާނަށް ހުމުގެ އާލާސްކަންފުޅެއް ޖެހިވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަޖަލު ގާތްވެއްޖެކަމުގެ އިޙްސާސްވެވަޑައިގެންނެވުމުން، ޞަޙާބީންގެ ތެރެއިން އިސްކޮށްތިއްބެވި ބޭކަލުން އެއްކުރެއްވައި އެކަލޭގެފާނަށްފަހު ޢުމަރު ބުން އަލްޚައްޠާބު رضي الله عنه ޚަލީފާއަކަށް ޢައްޔަންކުރެއްވުމާއި މެދު މަޝްވަރާކުރެއްވިއެވެ. އަދި އަބޫބަކުރުގެފާނުގެ ޚިޔާލުފުޅަށް އެބޭކަލުން އެކަމަށް އެބޭކަލުން ތާއީދުކުރެއްވި އެވެ. މިގޮތުގެ މަތިން ކަޑައެޅުއްވުނު ފަހުން ޖުމާދަލްއާޚިރާ މަހުން 8 ދުވަސް ފާއިތުވީ ފަހުން އެކަލޭގެފާނު އަވަހާރަވިއެވެ. އޭރު އެކަލޭގެފާނުގެ އުމުރުފުޅުން 63 އަހަރު ކަމަށް ތާރީޚީ ފޮތްތަކުން އެނގެއެވެ. އެކަލޭގެފާނު ފަސްދާލުލެވުނީ ޢާއިޝާ رضي الله عنها ގެ ގެކޮޅުގައި ނަބިއްޔާ صلى الله عليه وسلم ގެ އަހިރުގައެވެ. އެކަލޭގެފާނު ޚަލީފާކަން ކުރެއްވީ ދެ އަހަރާއި، ދެ މަހާއި، ވިހި ދުވަހެވެ.

ފަހުބަސް

އަބޫބަކުރުގެފާނު މަޝްހޫރުވެވޑައިގެންފައިވަނީ ހިތްތިރި ހިތްހެޔޮ ބޭކަލެއްގެ ގޮތުގައެވެ. އެކަލޭގެފާނަކީ އެކަލޭގެފާނުގެ ދުޝްމަނުންނަށްވެސް ރަހުމް ކުރެއްވި ބޭކަލެކެވެ. އިސްލާމްދީނުގެ ވަނީހިމާޔަތުގައި އެކަލޭގެފާނުގެ ޖާނާއި މާލުން ގުރުބާންކުރެއްވީ އެއްވެސް ފަސްޖެހިވަޑައިގަތުމެއްނެތިއެވެ. އަމިއްލަފުޅު ހަރަދުގައި އިސްލާމްދީން ގަބޫލުކުރެއްވުމުގެ ސަބަބުން އަނިޔާ ލިބެމުން ދިޔަ އެތައް އަޅުންނެއް މިނިވަންކުރެއްވިއެވެ. އަވަހާރަވެވަޑައިގެންނެވުމުގެ ކުރިން އާލާސްކަންފުޅުގައި އޮންނެވިއިރު ނުހަނު ގިނައިން އެކަލޭގެފާނު ކީރިތި ކުރެއްވި އެވެ. އަވަހާރަވެދާނެ ކަމުގެ ބިރުގައެއް ނޫނެވެ. އެހެނެއްކަމަކު އެކަލޭގެފާނާއި ހަވާލުވެވަޑައިގެންފައިވާ ޒިންމާ ރަނގަޅަށް އަދާ ނުކުރެވި ހުންނެވި ކަމަށް ހީފުޅުވެވަޑައިގެން އެކަމާ ބިރުފުޅުންނެވެ. އެއީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އެންމެ އަރިސް ޞާހިބާއެވެ. ކެތްތެރިކަމާއި، ތަޤްވާވެރިކަމުގެ ފުރިހަމަ ނަމޫނާއެއް އެކަލޭގެފާނުގެ ހަޔާތްޕުޅުން ފެނިގެންދެއެވެ.

މާތް ﷲ އަބޫބަކުރުގެފާނުގެ ފުރާނަފުޅަށް ރަހުމަތް ލައްވާށިއެވެ! އާމިން.

(ނިމުނީ)

އެޑިޓަރުގެ ނޯޓް
ނޯޓް: މިއީ ދާރުއްސަލާމް ޕަބްލިޝާސްގެ ފަރާތުން ނެރެފައިވާ " ދަ ގޯލްޑެން ސީރީސް އޮފް ދަ ޕްރޮފެޓް’ސް ކޮމްޕޭނިއަންސް" ސީރީސްގެ ދަށުން ނެރެފައިވާ "އަބޫބަކުރު އައް-ސިއްދީޤު ރަޟިޔަﷲ އަންހު – ދަ ފަސްޓް ކެލީފް އޮފް އިސްލާމް" ފޮތް އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ

Advertisement

ކޮމެންޓް