Advertisement

"މޯލްޑިވިއަން ބަނގުރޫޓުވަމުންދާ މައްސަލައިގައި ރައީސް ޞާލިހާ ދެކޮޅަށް ތަހުގީގެއް ހިންގަން ޖެހޭ"

އައިލެންޑް އޭވިއޭޝަން ލިމިޓެޑްގެ ކުރީގެ ޑިރެކްޓަރ ކެޕްޓަން މުހައްމަދު އަމީން

ގައުމީ އެއާލައިން، މޯލްޑިވިއަން ބަނގުރޫޓުވަމުންދާ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާ ދެކޮޅަށް ތަހުގީގެއް ހިންގަން ޖެހޭނެ އެމްއޭސީއެލްގެ ކުރީގެ ބޯޑު މެންބަރު އަދި އައިލެންޑް އޭވިއޭޝަން ލިމިޓެޑްގެ ކުރީގެ ޑިރެކްޓަރ ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އަމީން މިފަދައިން ވިދާޅުވެފައި ވަނީ، ލީސް އެގްރީމެންޓުގެ މުއްދަތު ހަމަވެގެން ކަމަށް ބުނެ މޯލްޑިވިއަންގެ A321 މަރުކާގެ އެއާބަސް އަނބުރާ ފޮނުވާލަން މޯލްޑިވިއަން އިން ނިންމުމާގުޅިގެންނެވެ.

އެކަމާއި ގުޅިގެން އަމީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މޯލްޑިވިއަންގެ A321 މަރުކާގެ އެއާބަހަކީ އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 2015 ވަނަ އަހަރު މޯލްޑިވިއަން އަށް ގެނައި ބޯޓެއް ކަމަށެވެ. އަދި އެއީ ރައީސް ޔާމީންގެ ވެރިކަމުގައި ހާސިލްކުރެވިގެންދިޔަ ބޮޑު ފަޚުރެއް ކަމުގައިވެސް އަމީން ވިދާޅުވިއެވެ.

އެހެންނަމަވެސް، އެ ބޯޓުގައި ޖަހާފައިވާ ގައުމީ ދިދަ ފޮހެލައި، ރަޖިސްޓްރީ ބާތިލް ކުރުމަށްފަހު މިއަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ބޯޓު ފޮނުވާލާނެ ކަމަށް ވިދާޅުވެ އަމީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

“މިއީ ގައުމަށް ލިބުނު ކިހާ ބޮޑު ގެއްލުމެއް.” ޕީޕީއެމްގެ ސެނެޓުގައިވެސް ހިމެނިވަޑައިގަންނަވާ ކެޕްޓަން އަމީން ވިދާޅުވިއެވެ.

އެއާބަސް ފޮނުވާލަނީ ލީސް އެގްރީމެންޓުގެ މުއްދަތު ހަމަވެގެން ކަމަށް މޯލްޑިވިއަން އިން ބުނި ނަމަވެސް ބޯޓު ދޫކޮށްލަން ނިންމާފައިވަނީ ފައިސާ ނުދެއްކިގެން ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. އެކަމަކު އެކަން މޯލްޑިވިއަން އިން ދޮގު ކުރެއެވެ.

Advertisement

ކޮމެންޓް