Advertisement

އިސްރާއާއި މިޢުރާޖުގެ ޙާދިސާ

ވީޑިއޯ ރިޕޯޓް


ދުވަސްވަރަކީ މާތް ނަބިއްޔާ މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّمَ މައްކާގައި ދީނަށް ގޮވާލައްވަމުން ގެންދެވިދުވަސްވަރެވެ. އެކަލޭގެފާނަށާއި އެކަލޭގެފާނުގެ އަޞްޙާބުންނަށް ތަފާތު އެކި އުނދަގޫތަކާއި އަނިޔާތައް ލިބެމުން ދިޔަ ދުވަސްވަރެވެ. އެކަލޭގެފާނުގެ ކުރިންވެސް އަދި އެކަލޭގެފާނުގެ ފަހުންވެސް ދިރިހުރި އެއްވެސް އިންސާނަކަށް ނުދެއްވާނެ މަތިވެރި މުޢުޖިޒާތެއް މާތް ﷲ އެކަލޭގެފާނަށް ދެއްވުމަށް މިންވަރުކުރެއްވިއެވެ. އިސްރާއާއި މިޢުރާޖުގެ މަތިވެރި މުޢުޖިޒާތެވެ.

މި ޙާދިސާއަކީ އެކަލޭގެފާނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅެއް ނޫނެވެ. ހަމައެހެންމެ، އެކަލޭގެފާނުގެ ރޫޙުފުޅަށް ދައްކަވާލެއްވުނު ދައްކަވާލެއްވުމެއްވެސް ނުމެނޫންމެއެވެ. މިއީ ޙަޤީޤަތުގައިވެސް އެކަލޭގެފާނުގެ ހަށިކޮޅާއި ރޫޙުފުޅާއެކު އެކަލޭގެފާނު ހޭފުޅު ލައްވައިގެން ހުންނަވަނިކޮށް ހިނގާދިޔަ ޙާދިސާއެކެވެ. މިގޮތުން އިސްރާއަކީ މައްކާގެ މަސްޖިދުލްޙަރާމް އިން ފަލަސްޠީނުގެ ބައިތުލް މަޤްދިސްގައިވާ މަސްޖިދުލްއަޤްޞާއަށް ގެންދެވުނު ގެންދެވުމެވެ. އަދި މިޢުރާޖަކީ މަސްޖިދުލްއަޤްޞާއިން އުޑުތަކަށް އަރައިވަޑައިގެންނެވި އަރައިވަޑައިގެންނެވުމެވެ.

މި މަތިވެރި މުޢުޖިޒާތް ހިނގާދިޔަ ތާރީޚަކާ ބެހޭގޮތުން އެއްވެސް ޞައްޙަ ޞަރީޙަ ރިވާޔަތެއް އައިސްފައެއް ނުވެއެވެ. މިކަމުގައި ހިނގާދިޔަ ޙާދިސާތަކަށް ބަލާއިރު ބުރެވެވެނީ އެއީ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ މައްކީ ދައުރުގެ ފަހު އަހަރުތަކުގެ ތެރޭގައިކަމެވެ. ޢާއްމުކޮށް މީސްތަކުންގެ މެދުގައި އެ ރެއަކީ ރަޖަބުމަހުގެ 27 ވަނަ ރޭކަމުގައި ބަލައި، އެރޭ ޚާއްޞަ ރެއެއްގެގޮތުގައި ފާހަގަކޮށް މައުލޫދު ކިޔާއުޅެއެވެ. މިއީ އެއްވެސް އަޞްލެއް ފެންނަންނެތް ބިދުޢަތަކެކެވެ.

Advertisement

އެރޭގެ ކަންކަން ފެށިފައިވަނީ މައްކާއިންނެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ގެކޮޅުގައި އަވަހާރަފުޅު ލައްޕަވަން އޮންނަވަނިކޮށް، ގެކޮޅުގެ ފުރާޅުން ބައެއް ހުޅުވި އެދިމާލުން ޖިބްރީލް عَلَيهِ السَّلام ވަޑައިގެން، އެ މާތް ނަބިއްޔާގެ މޭމަތި އިރުއްވާލެއްވުމަށްފަހު އެކަލޭގެފާނުގެ ހިތްޕުޅު ނެންގެވިއެވެ. ދެން ރަނުގެ ކަންވާރެއްގައި ޒަމްޒަމް ފެން ގެންނެވުމަށްފަހު އެ ހިތްޕުޅު ދޮންނަވައި، ޝައިޠާނާގެ ބާރުވެރިކަންވާ ބައި ނެރުއްވައި ހިތްޕުޅު ދޮންނެވުމަށްފަހު، ޙިކުމަތާއި އީމާންކަމުން އެ ހިތްޕުޅު ފުރާލެއްވުމަށްފަހު، މޭފުޅަށް ލެއްވިއެވެ. ދެން އޭގެފަހުގައި އެކަލޭގެފާނު ބައިތުލްމަޤްދިސަށް ދަތުރުކުރެއްވުމަށް "ބުރާޤު' އޭ ކިޔުނު ސަވާރީއެއް ގެނެވުނެވެ. އެއީ ހިމާރަކަށްވުރެ ބޮޑު ބަޣަލަކަށްވުރެ ކުޑަ ހުދުކުލައިގެ ދިގު ޖަނަވާރެކެވެ. އެ ސޮރު ފިޔަވަޅު އަޅަނީ ލޮލުކޮޅަށް އޮބާލާ ހިސާބުގައެވެ. އޭރުގެ މީހުން ސާޅީސްދުވަހުން ކަޑައްތުކުރާ ރާސްތާ ކުޑަހިނދުކޮޅެއްގެ ތެރޭގައި ކަޑައްތުކުރުމަށްފަހު ބައިތުލްމަޤްދިސްގައިވާ އަޤްޞާ މިސްކިތަށް ވާޞިލުވިއެވެ. އެބިމުގައި އުޅުއްވި އެހެން ނަބީބޭކަލުންގެ ސަވާރީކޮޅުތައް އެއްސެވި ބޮޅުގައި ޖިބްރީލްގެފާނު ބުރާޤުގެ ވާގަނޑު އެއްސެވިއެވެ. އަދި އަނެއްބައި ރިވާޔަތްތަކުގައިވާ ގޮތުގައި އެކަން ކުރެއްވީ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އެވެ. އެގޮތަށް އެއްސެވީ އެއްވެސް ޙާލެއްގައި އެ ސަވާރީ ހިނގައިދާނެތީއެއް ނޫނެވެ. އެހެނެއްކަމަކު، ވަކީލުކުރުމަކީ ކަންކަމުގެ ސަބަބުގައި ހިފުމާއެކު ﷲއާ ވަކީލުކުރުންކަން ހާމަކޮށް ދެއްވުމުގެ ގޮތުންނެވެ.

ދެން ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ މަސްޖިދުލްއަޤްޞާއަށް ވަދެވަޑައިގެން ނަބީބޭކަލުންގެ އިމާމަކަށް ވެވަޑައިގެން ދެ ރަކުޢަތުގެ ނަމާދެއް ކުރެއްވިއެވެ. އެތަނުން މޫސާ عَلَيهِ السَّلام ނަމާދުކުރައްވަނިކޮށް ދެކެވަޑައިގަތެވެ. އެކަލޭގެފާނަކީ ހަށިކޮޅުގައި މަސްޖަހާފައިނުވާ، ބޯފުޅުގެ އިސްތަށިފުޅު އެހާ ބުޅިނޫން އަދި އެހާ ފަންނޫން، އިސްކޮޅުން ދިގު ބޭކަލެކެވެ. އަދި ޢީސާ عَلَيهِ السَّلام ނަމާދުކުރައްވަނިކޮށް ދެކެވަޑައިގަތެވެ. އެކަލޭގެފާނަކީ އިސްކޮޅުން މެދުމިނުގެ، ފަން އިސްތަށިފުޅެއްގެ، ދޮން ބޭކަލެކެވެ. ޢީސާގެފާނު އެންމެ ވައްތަރުފުޅީ ޞަޙާބީންކުރެ ޢުރުވާ ބުން މަސްޢޫދުއް ޘަޤަފީއާއެވެ. އަދި އިބްރާހީމް عَلَيهِ السَّلام ނަމާދުކުރައްވަނިކޮށް ދެކެވަޑައިގަތެވެ. އިބްރާހީމްގެފާނު އެންމެ ވައްތަރުފުޅީ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އާއެވެ. ނަމާދުކުރެއްވުމަށްފަހު އެކަލޭގެފާނު އެބޭކަލުންނަށް ސަލާމް ގޮވާލެއްވިއެވެ. އަދި އެބޭކަލުންވެސް އެކަލޭގެފާނަށް ސަލާމް ދެންނެވިއެވެ.

ދެން އޭގެފަހުގައި؛ ޖިބްރީލްގެފާނު ކަންވާރެއްގެ ރަލާއި ކަންވާރެއްގެ ކިރު ގެންނެވިއެވެ. ރަލުގެ ކަންވާރުގައިވާ ރަލަކީ އެއްވެސް ޙާލެއްގައި މިދުނިޔޭގެ ރާފަދައިން މަސްތުވާފަދަ ރަލެއް ނޫނެވެ. އެއިގެ ތެރެއިން ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އިޚްތިޔާރުކުރެއްވީ ކިރެވެ. އެހިނދު ޖިބްރީލްގެފާނު ވިދާޅުވިއެވެ. "ކަލޭގެފާނު ތިޔަ އިޚްތިޔާކުރެއްވީ ފިޠުރަތު މަގުދައްކާ ގޮތެވެ." ދެން ޖިބްރީލުގެފާނާއެކު މަތިވެރިވެގެންވާ އުޑުތަކަށް އަރައިވަޑައިގެންނެވިއެވެ. އެ ދެބޭކަލުން އުޑުތަކަށް އަރައިވަޑައިގެންނެވިގޮތާބެހޭ އެއްވެސް ތަފްޞީލެއް އައިސްފައެއްނުވެއެވެ.

ދުނިޔޭގެ އުޑާހަމައަށް އަރައިވަޑައިގެންނެވުމުން އެ އުޑުގެ ދޮރު ހުޅުވައިދިނުމުގެ އިޒުނައަށް ޖިބްރީލްގެފާނު އެދިވަޑައިގެންނެވިއެވެ. އެހިނދު، އެ ދޮރުކޮޅު ބަލަހައްޓަވާ މަލާއިކަތާ ދެންނެވިއެވެ. "ކޮން ބޭކަލެއްތޯއެވެ؟" ޖިބްރީލްގެފާނު ވިދާޅުވިއެވެ. "ޖިބްރީލެވެ." އެބޭކަލަކު ދެންނެވިއެވެ. "ކަލޭގެފާނާއެކު އެހެން ބޭކަލަކު ވޭތޯއެވެ؟" ޖިބްރީލްގެފާނު ވިދާޅުވިއެވެ. "އާދޭހެވެ. ތިމަންކަލޭގެފާނާއެކު މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّمَ އެބަވެއެވެ." އެބޭކަލަކު ދެންނެވިއެވެ. "ކަލޭގެފާނު ފޮނުއްވުނީ އެކަލޭގެފާނުގެ އަރިހަށްތޯއެވެ؟" ޖިބްރީލްގެފާނު ވިދާޅުވިއެވެ. "އާދޭހެވެ." ދެން ދުނިޔޭގެ އުޑުގެ ދޮރު ހުޅުވި މައްޗަށް އަރައިވަޑައިގަތެވެ. އެ އުޑުން އަރައިވަޑައިގެންނެވުމާއެކު އިށީނދެލައްވައިގެން އިންނެވި ބޭކަލަކު ފެނިވަޑައިގަތެވެ. އެ ބޭކަލެއްގެ ކަނާއަތް ފަރާތުގައާއި ވައަތްފަރާތުގައި އަނދިރިގަނޑެއް ވަނިކޮށް ފެނިވަޑައިގަތެވެ. އެބޭކަލަކު ކަނާއަތް ފަރާތުގައިވާ އަނދިރިގަނޑަށް ބައްލަވާލެއްވުމަށްފަހު ހިނިތުންވެ ލެއްވިއެވެ. އަދި ވައަތްފަރާތުގައިވާ އަނދިރިގަނޑަށް ބައްލަވާލެއްވުމަށްފަހު ކީރިތި ކުރެއްވިއެވެ. އަދި އެބޭކަލަކު ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ވިދާޅުވިއެވެ. "ޞާލިޙު ނަބިއްޔާއަށް، އަދި ޞާލިޙު ދަރިކަލުންނަށް މަރުޙަބާއެވެ!" އެހިނދު، ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޖިބްރީލްގެފާނަށް ދެންނެވިއެވެ. "މިއީ ކޮން ބޭކަލެއްތޯއެވެ؟" ޖަވާބުގައި ޖިބްރީލްގެފާނު ވިދާޅުވިއެވެ. "މިއީ އާދަމްގެފާނެވެ. އަދި އެކަލޭގެފާނުގެ ކަނާއަތް ފަރާތުގައާއި ވައަތްފަރާތުގައި އެވަނީ އެކަލޭގެފާނުންގެ ދަރިންގެ ރޫޙުތަކެވެ. އެއިގެ ތެރެއިން ކަނާއަތް ފަރާތުގައި އެވަނީ ސުވަރުގޭގެ އަހުލުވެރިންނެވެ. އަދި ވައަތްފަރާތުގައި އެވަނީ ނަރަކައިގެ އަހުލުވެރިންނެވެ. ފަހެ، އެކަލޭގެފާނު ކަނާއަތް ފަރާތަށް ބައްލަވާލައްވައި ހިނިތުންވެ ލައްވައެވެ. އަދި ވައަތްފަރާތަށް ބައްލަވާލައްވައި ކީރިތި ކުރައްވައެވެ."

ދެން ދެވަނަ އުޑަށް ދަތުރުކުރައްވައި، ކުރިއެކޭ އެއްގޮތަށް މި އުޑުގެ ދޮރުކޮޅު ހުޅުއްވައިދެއްވުމަށް ޖިބްރީލްގެފާނު އެދިވަޑައިގަތުމުން، ދޮރުކޮޅު ހުޅުއްވައިދެއްވުމުން މައްޗަށް އަރައިވަޑައިގަތެވެ. މި އުޑުން މަރްޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނާއި އެކަލޭގެފާނުގެ ދެބެންގެ ދެދަރި ނަބިއްޔެއްކަމުގައިވާ ޒަކަރިއްޔާގެފާނުގެ ދަރިކަލުން ޔަޙްޔާގެފާނާ ބައްދަލުވެ ވަޑައިގެންނެވިއެވެ. އެ ދެ ބޭކަލުން ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް މަރުޙަބާ ވިދާޅުވެ، ހެޔޮ ދުޢާކުރެއްވިއެވެ. ދެން ތިންވަނަ އުޑަށް ދަތުރުކުރައްވައި، ކުރިއެކޭ އެއްގޮތަށް މި އުޑުގެ ދޮރުކޮޅު ހުޅުއްވައިދެއްވުމަށް ޖިބްރީލްގެފާނު އެދިވަޑައިގަތުމުން، ދޮރުކޮޅު ހުޅުއްވައިދެއްވުމުން މައްޗަށް އަރައިވަޑައިގަތެވެ. މި އުޑުން ޔޫސުފް عَلَيهِ السَّلام އާ ބައްދަލުވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް ރީތިކަމުގެ ދެބައިކުޅަ އެއްބައި ލިބިވަޑައިގެންފައިވެއެވެ. އެކަލޭގެފާނުވެސް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް މަރުޙަބާ ވިދާޅުވެ، ހެޔޮ ދުޢާކުރެއްވިއެވެ. ދެން ހަތަރުވަނަ އުޑުން އިދްރީސް عَلَيهِ السَّلام އާ ބައްދަލުވެވަޑައިގެން، ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް މަރުޙަބާ ވިދާޅުވެ، ހެޔޮ ދުޢާކުރެއްވިއެވެ. އަދި ފަސްވަނަ އުޑުން ހާރޫނު عَلَيهِ السَّلام އާ ބައްދަލުވެވަޑައިގެން، ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް މަރުޙަބާ ވިދާޅުވެ، ހެޔޮ ދުޢާކުރެއްވިއެވެ. އަދި ހަވަނަ އުޑުން މޫސާ عَلَيهِ السَّلام އާ ބައްދަލުވެވަޑައިގެން، ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ސަލާމް ގޮވާލެއްވުމުން ޖަވާބުދެއްވައި މަރުޙަބާ ވިދާޅުވިއެވެ. ދެން ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ވަޑައިގަންނަވަން އުޅުއްވިހިނދު މޫސާގެފާނު ކީރިތި ކުރެއްވިއެވެ. އެކަލޭގެފާނު ކީރިތި ކުރައްވަނީ ކޮންކަމަކާހުރެތޯ ސުވާލުކުރެއްވުނެވެ. އެހިނދު، އެކަލޭގެފާނު، އެކަލޭގެފާނުގެ އުއްމަތުގެ މީހުންދެކެ ލޯބިވެވަޑައިގަންނަވާ މިންވަރު ހާމަކުރައްވަމުން ވިދާޅުވިއެވެ. "ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންނަށްވުރެ ތިމަންކަލޭގެފާނުގެ ފަހުން ފޮނުއްވުނު ބޭކަލެއްގެ އުއްމަތުގެ މީހުން ސުވަރުގެ ވަންނަލެއް ގިނަކަމާހުރެއެވެ."

ދެން، ޖިބްރީލް عَلَيهِ السَّلام އާއެކު ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަތްވަނަ އުޑަށް އަރައިވަޑައިގެން އުޑުގެ ދޮރުކޮޅު ހުޅުއްވައިދެއްވުމަށް ޖިބްރީލްގެފާނު އެދިވަޑައިގަތުމުން، ދޮރުކޮޅު ހުޅުއްވައިދެއްވުމުން މައްޗަށް އަރައިވަޑައިގަތެވެ. އެ އުޑުން އިބްރާހީމް عَلَيهِ السَّلام އާ ބައްދަލުވެވަޑައިގަތެވެ. އިބްރާހީމްގެފާނު ހުންނެވީ ބައިތުލްމަޢުމޫރަށް ފުރަގަސްދެއްވައިގެންނެވެ. އެ ގެކޮޅަށް ކޮންމެ ދުވަހަކު 70 ހާސް މަލާއިކަތުން ނަމާދު ކުރެއްވުމަށް ވަދެވަޑައިގަންނަވައެވެ. މަލާއިކަތް ބޭކަލުންގެ ޢަދަދު ގިނަކަމާހުރެ އެއްފަހަރު އެ ގެކޮޅަށް ވަޑައިގެން ބޭކަލަކަށް ދެވަނަ ފުރުޞަތެއް ލިބިވަޑައެއް ނުގަންނަވައެވެ. ބައިތުލްމަޢުމޫރަކީ ބިމުގައިވާ ގެފުޅާދިމާލު މަތީގައިވާ، މަލާއިކަތުން އެތަނެއްގައި ނަމާދު ކުރައްވާ ތަނެކެވެ. ޠޫރު ސޫރަތުގައި މާތް ﷲ ވަނީ މި ގެކޮޅު ގަންދެއްވައި ހުވާ ވަޙީކުރައްވާފައެވެ.

ދެން ޖިބްރީލްގެފާނު ނަބިއްޔާއާއެކު ސިދްރަތުލް މުންތަހާއަށް ވަޑައިގަތެވެ. ސިދުރަތުލް މުންތަހާއަކީ ކުންނާރުގަހެކެވެ. އެއީ ބިމުން އަންނަހުރިހާ ކަމެއް ހުއްޓޭ ހިސާބެވެ. އަދި އޭގެ މަތިން އަންނަ އަމުރުފުޅުތައްވެސް ނިމޭ ހިސާބެވެ. އެ ހިސާބުފަހަނައަޅައި ނުދާނެއެވެ. އަދި އެއީ މަލާއިކަތްބޭކަލުންގެ ޢިލްމުފުޅުވެސް ފޯރާ ހިސާބެވެ. އެއަށްވުރެ މަތީގައިވާ ކަންކަމެއް އެބޭކަލުންނަށްވެސް އެނގިވަޑައިނުގަންނަވައެވެ. އެ ކުންނާރުގަހަކީ ދުނިޔެ މަތީގައިވާ ކުންނާރުގަސްފަދަ ގަހެއް ނޫނެވެ. އެ ގަހުގެ މޭވާގެ ބޮޑުކަން ހަޖަރޭ ކިޔުނު ރަށުގެމީހުން ގެންގުޅޭ ކަންވާރެއްފަދައެވެ. އެގަހުގެ ފަތެއްގެ ބޮޑުކަން އެތުގެ ކަންފަތްހާ ބޮޑެވެ. އެ ގަހުގެ ބުޑުކައިރިން ހަތަރު ކޯރެއްވެއެވެ. ދެ ކޯރެއް ގޮސްފައިވަނީ ގަހުގެ އެތެރެއިންނެވެ. އަދި އަނެއް ދެ ކޯރު ގޮސްފައިވަނީ ގަހުގެ ބޭރުންނެވެ. އެތެރޭގައިވާ ދެ ކޯރަކީ ސުވަރުގޭގައިވާ ދެ ކޯރެކެވެ. އަދި ބޭރުގައިވާ ދެ ކޯރަކީ ނީލަކޯރާއި ފުރާތުކޯރެވެ. ﷲގެ އިޒުނަފުޅާއެކު އެގަސް ވަށައިލާ އެއްޗެއް އައިސް ވަށާލުމުން އެގަހުގެ ކުލަ ބަދަލުވެގެންދެއެވެ. ބައެއް ރިވާޔަތްތަކުގައިވާ ގޮތުން އެއީ ރަން ކުލައިގައިވާ ގޮއްފުޅަނގިއާއި ސޫފާސޫފިތަކެކެވެ. ޚަލްޤުތަކުންކުރެ އެއްވެސްމީހަކު އެ މަންޒަރު ބަލާ ފޫހިނުވާނެއެވެ. އެ ގަސް ދޮށުގައި ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ދެވަނަ ފަހަރަށް އަދި އެންމެފަހު ފަހަރަށް ޖިބްރީލްގެފާނުގެ އަޞްލު ޞޫރަފުޅުގައި ދައްކަވާލެއްވުނެވެ. އެކަލޭގެފާނުގެ ހަ ސަތޭކަ ވަރަފުޅުވެއެވެ. އެވަރަފުޅުތަކުގައިވާ ފަތްފުޅުތަކުން މުތާއި އަލިމަހުގެ ވިދުމުން އަރާފަދަ ކުލަތައް އަރަމުން ދިޔައެވެ. އެތަނުގައި އެކަލޭގެފާނު ހުންނަވަނިކޮށް މާތް ﷲގެ އަމުރުފުޅުތައް ލިޔުއްވަވާ މަލާއިކަތް ބޭކަލުންގެ ގަލަންފުޅުތަކުން ލިޔުއްވާ އަޑުފުޅު އިވިވަޑައިގެންނެވިއެވެ.

އަދި އެތަނުގައި ހުންނަވަނިކޮށް، މަތިން އަޑެއް އިވިވަޑައިގެންނެވުމުން އިސްފުޅު އުފުއްލަވާ ބައްލަވާލެއްވިއެވެ. އެހިނދު، ޖިބްރީލްގެފާނު ވިދާޅުވިއެވެ. "މިއީ މީގެ ކުރިން ދުވަހަކުވެސް ހުޅުވިފައިނުވާ އުޑުގައިވާ ދޮރުކޮޅެކެވެ." އެ ދޮރުކޮޅުން މަލާއިކަތް ބޭކަލަކު ފައިބައިވަޑައިގެންނެވުމުން ޖިބްރީލްގެފާނު ވިދާޅުވިއެވެ. "މިއީ މީގެ ކުރިން ދުވަހަކުވެސް ފައިބައިވަޑައިގެންފައިވާ މަލާއިކަތެއް ނޫނެވެ." ދެން، އެ މަލާއިކަތް ބޭކަލަކު ވަޑައިގެން ސަލާމް ގޮވާލެއްވުމަށްފަހު ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ވިދާޅުވިއެވެ. "މީގެ ކުރިން އެއްވެސް ނަބީބޭކަލަކަށް ދެއްވިފައިނުވާ ދެ ނޫރެއް ކަލޭގެފާނަށް ދެއްވިފައިވާކަމުގެ އުފާވެރި ޚަބަރު ހުއްޓެވެ. އެއީ ފާތިޙާ ސޫރަތާއި ބަޤަރާ ސޫރަތުގެ ފަހު އާޔަތްތަކެވެ."

އަދި އެތަނުގައި ހުންނަވަނިކޮށް އެކަލޭގެފާނުގެ އުއްމަތުގެ މީހުންގެ ތެރެއިން މާތް ﷲއާ އެއްވެސް ފަރާތަކާ ޝަރީކުނުކުރާ އެހެންނަމަވެސް ބޮޑެތި ފާފަތައް ކުރެވިފައިވާ ބަޔަކަށް ފާފަފުއްސަވައި ދެއްވިއެވެ. އަދި އެތަނުގައި ހުންނަވަނިކޮށް ރެއަކާއި ދުވާލު ފަންސާސް ނަމާދު ކުރުމަށް ފަރުޟުކުރެއްވުނެވެ.

މިކަންކަމާއެކު، ހަވަނަ އުޑަށް ވަޑައިގެންނެވުމުން މޫސާގެފާނާ ބައްދަލުވެވަޑައިގެން ސުވާލުކުރެއްވިއެވެ. "ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ކަލޭގެފާނުގެ އުއްމަތަށް ފަރުޟުކުރެއްވީ ކޮން ކަމެއްތޯއެވެ؟" ޖަވާބުގައި ޙަދީޘްކުރެއްވިއެވެ. "ފަންސާސް ނަމާދެވެ." އެކަލޭގެފާނު ވިދާޅުވިއެވެ. "ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އެނބުރި ވަޑައިގެން، ލުއިކޮށް ދެއްވުމަށް ދަންނަވާށެވެ! ކަލޭގެފާނުގެ އުއްމަތުގެ މީހުންނަށް އެކަމަކަށް ކުޅަދާނަވެގެން ނުވާނެތެވެ. ފަހެ، ހަމަކަށަވަރުން ތިމަންކަލޭގެފާނު ބަނޫ އިސްރާއީލުގެމީހުން އިމްތިޙާނުކުރައްވައި ތަޖުރިބާ ކުރައްވައިފީމެވެ." ދެން ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ވަޑައިގެން އެކަލޭގެފާނުގެ އުއްމަތަށް ލުއިކޮށްދެއްވުމަށް ދެންނެވުމުން އެއިގެ ތެރެއިން ފަސް ނަމާދު އުނިކޮށް ދެއްވިއެވެ. އަނބުރާ މޫސާގެފާނުގެ އަރިހަށް ވަޑައިގަތުމުން އަދިވެސް ލުއިކޮށްދެއްވުމަށް އެދިވަޑައިގަތުމަށް އެދިވަޑައިގަތެވެ. މިގޮތުގެ މަތިން ފަސް ނަމާދަށް ކުރުކޮށްދެއްވުމަށް ދާންދެން މާތް ނަބިއްޔާ އެކަލޭގެފާނުގެ ވެރި ރަސްކަލާނގެއާއި މޫސާގެފާނާ ދެމެދު ވަޑައިގެންނެވުމުގައި ހުންނެވިއެވެ. އެންމެފަހު ފަހަރު އެކަލާނގެ ވަޙީކުރެއްވިއެވެ. "އޭ މުޙައްމަދުގެފާނެވެ! ކޮންމެ ރެއަކާއި ދުވާލެއްގައި ފަސް ނަމާދެވެ. ކޮންމެ ނަމާދަކަށް ދިހަ ނަމާދުގެ ޘަވާބާއި ދަރުމައެވެ. އެއިރުން ފަންސާސްނަމާދު ވީއެވެ. އަދި ހެޔޮކަމެއް ކުރުމަށް ނިޔަތްގަނެ އެކަމެއް ނުކުރެވުނުނަމަވެސް އެމީހަކަށް ހެޔޮކަމެއް ލިޔުއްވޭނެއެވެ. އަދި އެކަމެއް ކޮށްފިކަމުގައިވާނަމަ ދިހަ ހެޔޮކަން ލިޔުއްވޭނެއެވެ. އަދި މީހަކު ނުބައިކަމެއް ކުރުމަށް ނިޔަތްގަތުމަށްފަހު އެކަމެއް ނުކޮށްފިނަމަ ނުބައިކަމެއް ނުލިޔެވޭނެއެވެ. އަދި އެކަމެއް ކޮށްފިކަމުގައިވާނަމަ އެންމެ ފާފައެއްގެ ގޮތުގައި ލިޔެވޭނެއެވެ." މި ވަޙީ ބަސްފުޅަށްފަހުގައި، ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ މޫސަގެފާނުގެ އަރިހަށް ވަޑައިގަތުމުން، އަދިވެސް ވަޑައިގެން ލުއިކޮށް ދެއްވުމަށް ދެންނެވުމަށް އެދިވަޑައިގަތުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ދެން އިތުރަށް ވަޑައިގަތުމަށް ލަދުފުޅު ގަންނަވަރަށް ތިމަންކަލޭގެފާނު ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ވަޑައިގެންފީމެވެ."

މި ޙާދިސާގެ ތެރޭގައި ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ސުވަރުގެ ދައްކަވާލެއްވުނެވެ. އެތަނުގައި މުތުންވާ ގުއްބުތައްވެއެވެ. އަދި އެތަނުގެ ވެލި ވަނީ ގޮމަކަސްތޫރިންނެވެ. އަދި ނަރަކަ ދައްކާލެއްވުނެވެ. އެތަނުގައި އެބައެއްގެ ނިޔަފަތިތައް ލޮއިންވާ ބައެއްވިއެވެ. އެ ނިޔަފަތިތަކުން އެބައިމީހުންގެ މޫނުތަކާއި މޭތަކުގައި ވަކި އަޅަމުންދެއެވެ. އެއީ ކޮންބައެއްތޯ ޖިބްރީލްގެފާނާ ސުވާލުކުރެއްވުމުން ވިދާޅުވިއެވެ. "މިބައިމީހުންނަކީ މީސްތަކުން ނެތްތާނގައި މީހުންގެ ވާހަކަދައްކައި، މީސްތަކުންގެ އަބުރަށް އަރައިގަތްމީހުންނެވެ." އިސްރާއާއި މިޢުރާޖުގެ ޙާދިސާގައި މިނޫންވެސް އެކި ޢަޛާބުލިބޭ މީހުން ދައްކާލެއްވުނުކަމަށް ބައެއް ރިވާޔަތްތަކުގައި އައިސްފައިވެއެވެ. އެހެންނަމަވެސް، އެފަދަ އެއްވެސް ރިވާޔަތެއް ޞައްޙަކޮށް އައިސްފައެއްނުވެއެވެ. އަދި މި ޙާދިސާގައި ނަރަކަ ބެލެހެއްޓުމާ ހަވާލުވެގެންވާ އެންމެ އިސް މަލާއިކަތާ މާލިކުގެފާނާ ބައްދަލުވެވަޑައިގަތެވެ. އަދި ދައްޖާލު ދައްކާލެއްވުނުކަމުގައިވެސް އައިސްފައިވެއެވެ.

މި މަތިވެރިވެގެންވި ދަތުރު ނިންމާލެއްވުމަށްފަހު ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ މައްކާއަށް ވަޑައިގެންނެވިއެވެ. ޖެހިގެން އައިދުވަހުގެ ހެނދުނުގެ ވަގުތު، އެ ޙާދިސާގެ ޚަބަރު މީސްތަކުންނަށް ދެއްވާނެ ގޮތަކާމެދު ކަންބޮޑުވެވަޑައިގެން އިންނެވިއެވެ. މީސްތަކުން އެކަލޭގެފާނުގެ ވާހަކަފުޅު ދޮގުކޮށްފާނެކަމުގެ ބިރަށްޓަކައެވެ. މިގޮތުގައި އެކަލޭގެފާނު އިންނަވަނިކޮށް އަބޫޖަހުލު އައިސް އެކަލޭގެފާނުގެ އަރިހުގައި އިށީނުމަށްފަހު މަލާމާތުގެ ގޮތުން ބުނެލިއެވެ. "އާ ޚަބަރެއް ނެތްތޯއެވެ؟" ދެން އެކަލޭގެފާނު އިސްރާއާއި މިޢުރާޖުގެ ޚަބަރުދެއްވުމުން، އެކަލޭގެފާނު އިތުރުފުޅު ހައްދަވަނީކަން މީސްތަކުންނަށް ހާމަކޮށްދިނުމުގެ ގަސްތުގައި އެކަލޭގެފާނުގެ އަރިހަށް އަބޫ ޖަހުލު މީސްތަކުން އެއްކުރިއެވެ. މީސްތަކުންނަށް އެކަލޭގެފާނު އެ ހާދިސާ ބަޔާންކޮށްދެއްވައި، އެކަމުގެ ހެއްކެއްގެ ގޮތުގައި ބައިތުލްމަޤްދިސް ޞިފަކޮށްދެއްވައި، އެ ހިސާބުން ދަތުރުކޮށްފައި އަންނަ ޤާފިލާތަކުގެ ޚަބަރުތައް ދެއްވިއެވެ. ޤާފިލާތައް އެނބުރި އައުމުން ޚަބަރުތައް އޮޅުންފިލުވިއިރު، ކަންކަން ހިނގާފައި ވަނީ އެކަލޭގެފާނު ޚަބަރުދެއްވި ގޮތަށެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މި ޙާދިސާ ވެގެން ދިޔައީ މީސްތަކުން އިމްތިޙާނުކުރެވުނު އިމްތިޙާނަކަށެވެ. ތެދުވެރި މުއުމިނުންގެ އީމާންކަމާއި ސާބިތުކަން ދިޔައީ އިތުރުވެގެންނެވެ. އަދި އީމާންކަން ބަލިކަށި މީހުންނާއި އިސްލާމްދީނާމެދު ޝައްކުކޮށް ނަފްރަތުކުރާމީހުންގެ ޝައްކާއި ނަފްރަތު ދިޔައީ އިތުރުވެގެންނެވެ. އީމާންކަމުގެ އަހުލުވެރިންނަކީ މާތް ﷲ އީ އެންމެހާ ކަމަކަށް ކުޅަދުންވަންތަ ފަރާތްކަމަށް އީމާންވާ ބައެކެވެ. އަދި މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެންނަވާ ކޮންމެ ކަމެއް ތެދުހިތުން ޤަބޫލުކުރުމަކީ އެކަލޭގެފާނަށް އީމާންވުމުގެ ތެރޭގައި ހިމެނޭކަމެއްކަން ތެދުހިތުން ޤަބޫލުކުރާބައެކެވެ. އަދި އިސްރާއާއި މިޢުރާޖުގެ ޙާދިސާގައި މި އުއްމަތަށް ދެއްވުނު އެންމެ ބޮޑު ހަދިޔާކަމުގައިވާ ފަރުޟު ފަސް ނަމާދަށް ފަރުވާތެރިވާ ބައެކެވެ.

Advertisement

ކޮމެންޓް