.
ވާހަކަ
06 Oct 2022 | 05:25
ވާހަކަ: އަބޫބަކުރު އައް-ސިއްދީޤު ރއ- މުސްލިމުންގެ ފުރަތަމަ ޚަލީފާ (1)

މައްކާގެ ގުރައިޝުން ވަންހައިގެ ބަނޫ ތައިމް އޭ ކިޔުނު ގަބީލާއަކަށް ނިސްބަތްވެވަޑައިގަންނަވާ މުއްސަނދި ގަދަރުވެރިންގެ ތެރެއިން ހިމެނި ވަޑައިގަންނަވާ ދީލަތި، ހިތްތިރި ބޭކަލެއް ދިރިއުޅުއްވިއެވެ. އެކަލޭގެފާނު އުފަންވެ ވަޑައިގަތީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދުނިޔެއަށް އުފަންވެވަޑައިގަތްތާ ދެ އަހަރު ފަހުންނެވެ. އިސްލާމްދީން އައުމުގެ ކުރިން އެކަލޭގެފާނު ނިސްބަތްވެ ވަޑައިގަންނަވާ ގަބީލާއަކީ މީހުންގެ މަރުގެ ދިޔަ އަތުލުމުގެ މަސައްކަތް ކުރަމުން އައި ބައެކެވެ. ބައްޕާފުޅު އަވަހާރަވުމުން އެ ޒިންމާ އަދާކުރަމުން އައީ އެކަލޭގެފާނެވެ. އިސްލާމްދީން ގަބޫލުފުޅު ކުރެއްވުމުގެ ކުރިންވެސް އެކަލޭގެފާނަކީ ޢިލްމުވެރި، ބުއްދިވެރި އަދި އެހާމެ އުޅުންވެރި ބޭކަލެކެވެ. އޭރުވެސް ބުދަށް އަޅުކަން ކުރުމާއި، ރާބުއިންފަދަ ނުބައި އާދަތަކުން ދުރުހެލިވެގެން ހުންނެވިއެވެ. ގުރައިޝުން މުހިންމު ކަންކަމުގައި އެކަލޭގެފާނުގެ ޚިޔާލު ހޯއްދެވިއެވެ. އެކަންކަމުގައި އެކަލޭގެފާނުގެ ބަސްފުޅަކީ އެންމެ ފަހުބަސް ކަމުގައިވެއެވެ.

އެކަލޭގެފާނު ދިރިއުޅުއްވީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވެސް ދިރިއުޅުއްވަމުން ދިޔަ ސަރަހައްދުގައެވެ. އެހެންނަމަވެސް އުމުރުން ގާތްގަނޑަކަށް 25 އަހަރުފުޅު ވަންދެން އެކަލޭގެފާނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި ބައްދަލުވެ ގުޅުމެއް އުފެދިފައެއް ނުވެއެވެ. އެހެނެއްކަމަކު އޭގެފަހުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި ބައްދަލުވެ ވަޑައިގެން ވަރަށް ގާތް ގުޅުމެއް އެކަލޭގެފާނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި ދެމެދު އުފެދިގެންދިޔައެވެ. މިޒާޖުގެ ގޮތުންނާއި އުޅުމުގެ ގޮތުންވެސް އެކަލޭގެފާނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި ވަރަށް އެއްގޮތް ވެގެންވެއެވެ. ނަތީޖާއެއްގެ ގޮތުން އެކަލޭގެފާނަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އެންމެ އަރިސް، އެންމެ އިތުބާރު ކުރެވޭ އެންމެ ގާތް އެއް ރަހުމަތްތެރިޔާ އަށް ވެގެންދިޔައެވެ. އެއީ ޢަބްދުﷲ ބުން ޢުޘްމާން ބުން ޢާމިރު ބުން ޢަމްރު ބުން ކަޢުބު ބުން ސަޢުދު ބުން ތައިމް ބުން މުއްރާ ބުން ކަޢުބު ބުން ލުއައްޔު އައްތައިމީ އަލްޤުރަޝީއެވެ. ނުވަތަ މަޝްހޫރު ނަމުންނަމަ އަބޫބަކުރު އައް-ސިއްދީޤު ރަޟިޔަﷲ ޢަންހެވެ. ޖާހިލިއްޔަ ޒަމާނުގައި އެކަލޭގެފާނަށް ކިޔައި އުޅުނީ ޢަބްދުލްކަޢުބާއެވެ. އެހެންނަމަވެސް، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނަށް ޢަބްދުﷲ ގެ ނަމުން ނަން ދެއްވިއެވެ. އެކަލޭގެފާނަށް ކުންޔާގެ ގޮތުގައި އަބޫބަކުރު ކިޔުނީ، އެކަލޭގެފާނު އިސްލާމްދީނަށް ވަދެވަޑައިގަތުމުގައި އަވަސްވެވަޑައިގަތުމުންނެވެ.

އެކަލޭގެފާނުގެ ލަޤަބަކީ އައްޞިއްދީޤެވެ. އެ ލަޤަބު ދެއްވުނީ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ކޮންމެ ބަސްފުޅެއް ތެދުކުރެއްވުމުގެ ސަބަބުންނެވެ. އަދި ބުނެވޭ ގޮތުގައި އެކަލޭގެފާނަށް މި ލަޤަބުން މުޚާޠަބުކުރެވެން ފެށުނީ ހިޖުރައިގެ ދެ އަހަރު ކުރިން، އިސްރާގެ ރެއަށް ފަހު، ޖެހިގެން އައި ދުވަހުއެވެ.

އަދި އެކަލޭގެފާނަށް އަލްޢަތީޤުގެ ލަޤަބުވެސް ދެވިފައިވެއެވެ. ބުނެވޭ ގޮތުގައި އެއީ މޫނުފުޅުގެ ރީތިކަމުންނެވެ. އަދި ބުނެވޭ ގޮތުގައި އެކަލޭގެފާނުގެ މަންމަގެ އެއްވެސް ފިރިހެން ދަރިއަކު ދިރި ނުހުރެއެވެ. ފަހެ، އެކަލޭގެފާނު އުފަންވެވަޑައިގަތުމުން ގެފުޅަށް ކުރިމަތިލާ ބުންޏެވެ. “ހަމަކަށަވަރުން މިއީ މަރުން ސަލާމަތްކުރެއްވި ކުއްޖެކެވެ. ފަހެ ތިމަންނައަށް މިކުއްޖާ ހިބަކޮށްދެއްވާށެވެ.” [1]

އަދި އެކަލޭގެފާނަށް އަލްއައްވާހުގެ ލަޤަބުވެސް ދެވިފައިވެއެވެ. އެއީ އެކަލޭގެފާނުގެ އޯގާތެރިކަމާއި ރަޙުމްކުރެއްވުމުގެ ސަބަބުންނެވެ.

އިސްލާމްދީން ގަބޫލުކުރެއްވުން

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އިސްލާމްދީނަށް ގޮވައިލައްވަން ފެއްޓެވުމުން ބޮޑެތި ފިރިހެނުންގެ ތެރެއިން އެންމެ ފުރަތަމަ އިސްލާމްދީން ގަބޫލުކުރެއްވީ އަބޫބަކުރުގެފާނެވެ. އެކަލޭގެފާނު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ރިސާލަތު ގަބޫލުކުރެއްވީ އެއްވެސް ސުވާލެއް އަދި އެއްވެސް ޝައްކެއް އަދި އެއްވެސް ފަސްޖެހިވަޑައިގަތުމެއްނެތިއެވެ.

އަބުއްދަރްދާ رضي الله عنه ގެ އަރިހުން ރިވާވެގެންވާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ.

“ހަމަކަށަވަރުން ﷲ ތިޔަބައިމީހުންގެ ގާތަށް ތިމަންކަލޭގެފާނު ފޮނުއްވިއެވެ. ފަހެ، ތިޔަބައިމީހުން ބުންޏެވެ. “ކަލޭގެފާނު ދޮގު ހަދަނީއެވެ.” އަދި އަބޫބަކުރުގެފާނު ވިދާޅުވިއެވެ. “އެކަލޭގެފާނު އެވިދާޅުވަނީ ތެދެފުޅެވެ.” އަދި އެކަލޭގެފާނުގެ ނަފްސާއި މުދަލުން ތިމަންކަލޭގެފާނަށް ވާގިވެރިވިއެވެ.” ފަހެ ތިމަންކަލޭގެފާނަށްޓަކައި، ތިމަންކަލޭގެފާނުގެ އެކުވެރިޔާ (އަށް އުނދަގޫ ނުކޮށް) ދޫކޮށްލާށެވެ.” އެފަދައިން ދެފަހަރު ޙަދީޘް ކުރެއްވިއެވެ.

އިސްލާމްވެވަޑައިގެންނެވުމަށްފަހު އެކަލޭގެފާނުގެ ޖަނާއި މާލު އެއްކޮށް އިސްލާމްދީނަށް ގުރުބާން ކުރެއްވީ އެއް ފަސްޖެހިވަޑައިގަތުމެއްނެތި އެވެ. އިސްލާމްވުމުގެ ސަބަބުން އަނިޔާލިބެމުންދިޔަ އަޅުން މިނިވަންކުރައްވައި އެބޭކަލުންނަށް ރައްކާތެރިކަން ހޯދައިދެއްވިއެވެ.

މަދީނާއަށް ހިޖުރަކުރެއްވުން

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އިސްލާމްދީނަށް ގޮވައިލައްވަން ފެއްޓެވުމާއިއުކު މައްކާގެ މުޝްރިކުންގެ އުދަގޫތަކާއި އަނިޔާތައް އެކަލޭގެފާނަށާއި މުސްލިމުންނަށް ލިބިލައްވަމުންދިޔައެވެ. މި އަނިޔާތަކުން ސަލާމަތްވެ އަމާންކަމާއި އެކީގައި އިސްލާމްދީނަށް އުޅުމުގެ ފުރުސަތު މުސްލިމުންނަށް ފަހިކޮށްދެއްވުމުގެ ގޮތުން މަދީނާއަށް ހިޖުރަ ކުރެއްވުމުގެ ހުއްދަ މުސްލިމުންނަށް ދެވިގެން ދިޔައެވެ.

މުސްލިމުން މަދީނާއަށް ހިޖުރަ ކުރައްވަން ފެއްޓެވިތާ ގާތްގަނޑަކަށް ހަތަރު މަސް ވެގެން ދިޔައިރުވެސް އަބޫބަކުރުގެފާނު ހުންނެވީ މައްކާގައެވެ. އެކަލޭގެފާނު އިންތިޒާރު ކުރައްވަމުން ގެންދެވީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނަށް ހިޖުރަ ކުރެއްވުމުގެ އިޒުނަފުޅު ދެއްވަންދެނެވެ.

މުސްލިމުން މަދީނާއަށް ހިޖުރަ ކުރައްވަމުން ގެންދަވާކަން ގުރައިޝުންނަށް އެނގުމުން އެމީހުން ވަރަށް ރުޅިއައެވެ. އަދި އިސްލާމްދީން ނައްތާލުމަށް އެމީހުން ކުރަމުންދާ މަސައްކަތް އަތުން ދޫވެ މުޅި އަރަބި ކަރާގައި އިސްލާމްދީން ފެތުރިދާނެ ކަމުގެ ބިރަށް އެމީހުން ވަރަށް ނުބައި ރޭވުމެއް ރާވައިފިއެވެ. އެގޮތުން އެމީހުން ނިންމީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޝަހީދުކޮށްލުމަށެވެ. އަދި 40 މީހުންވެގެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ގެކޮޅުގެ ބޭރުގައި ފާރައަށް ތިބުމަށްފަހު އެމީހުންގެ ކަނޑިތަކުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޝަހީދުކޮށްލުމަށް ރާވައިފިއެވެ.

އެހެންނަމަވެސް ގުރައިޝުންގެ މި ނުބައި ރޭވުމުގެ ޚަބަރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ލިބިވަޑައިގެންނެވިއެވެ. އެހެންކަމުން އެކަލޭގެފާނުގެ އަރިހުގައި މަދީނާއަށް ހިޖުރަކުރެއްވުމަށް ތައްޔާރުވެ ވަޑައިގެންނެވުމަށް އަބޫބަކުރުގެފާނުގެ އަރިހުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެދިވަޑައިގަތެވެ. އަދި އެ ރޭ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ދާންކޮޅުގައި އަވަހާރަފުޅު ލެއްޕެވުމަށް ޢަލީ ބިން އަބީ ޠާލިބު ރަޟިޔަﷲ ޢަންހުގެ އަރިހުން އެދިލެއްވިއެވެ.

ގުރައިޝުންގެ މީހުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ގެކޮޅުގެ ބޭރުގައި ފާރައަށް ތިއްބައި އެ އެންމެން ހުރަސްކޮށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަބޫބަކުރުގެފާނުގެ އަރިހަށް ވަޑައިގެންނެވި އެވެ. ﷲ ސުބުޙާނަހޫވަތަޢާލާ ގެ އިރާދަފުޅުން އެވަގުތު އެ އެންމެން ތިބީ ގަދަ ނިދިން ނިދިފައެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި އަބޫބަކުރުގެފާނު މަދީނާއަށް ދަތުރު ފައްޓަވައި ޘައުރު ފަރުބަދައިގެ ހޮހާޅައިގެ ތެރޭގައި ތިއްބެވިއެވެ. މިގޮތުން ތިއްބަވަނިކޮށް ގުރައިޝުންގެ މީހުން އެބޭކަލުން ހޯދުމަށް އެ ފަރުބަދަ އާއި ވަރަށް ކައިރިއަށް އައިސްފިއެވެ. އެވަގުތު ބިރުފުޅުން އަބޫބަކުރުގެފާނުގެ ހަށިކޮޅު ތުރުތުރު އަޅަން ފެއްޓެވި އެވެ. މިތަން ފެނިވަޑައިގެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނަށް ސިއްރުން ވިދާޅުވިއެވެ.

"ދެރަނުވާށެވެ. ﷲ ސުބުޙާނަހޫވަތަޢާލާ އަހަރެމެންނާއި އެކު ވޮޑިގެންވެއެވެ."

ގުރަޝުންގެ މީހުން އެ ފަރުބަދައިގެ ދިރާއި ނުހަނު ކައިރިއަށް އައުމަށްފަހުގައި އެތަނުގައި އެދެބޭކަލުން ނެތް ކަމަށް ނިންމައި އެނބުރި ހިނގައްޖެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި އަބޫބަކުރުގެފާނު ތިން ދުވަސް ވަންދެން ޘައުރު ފަރުބަދައިގެ ހޮހާޅައިގައި ތިއްބެވިއެވެ. މި ތިން ދުވަހުގައި އެ ދެ ބޭކަލުންނަށް ފަރިއްކުޅުވާނޭ ތަކެތި ފޯރުކޮށްދެއްވީ އަބޫބަކުރުގެފާނުގެ ދަރިކަލުން އަސްމާ ރަޟިޔަﷲ އަންހުއެވެ. އަދި ގުރައިޝުންނާއި ގުޅޭ ޚަބަރުތައް ދެއްވީ އަބޫބަކުރުގެފާނުގެ ފިރިހެން ދަރިކަލުން އަބްދުއްރަހްމާން ރަޟިޔަﷲ ޢަންހު އެވެ.

ގުރައިޝުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި އަބޫބަކުރުގެފާނުގެ ޚަބަރެއް ބެލުމަށް ކުރަމުން ދިޔަ ހުރިހާ މަސައްކަތްތަކެއް ބޭކާރުވުމުން އެދެބޭކަލުން ހޯދާ ފަރާތަކަށް 100 ޖަމަލު ހަދިޔާއެއްގެ ގޮތުގައި ދޭނެކަމަށް ބުންޏެވެ.

މި ޚަބަރު ލިބިފައިވާ ސުރަޤާ ބިން މަލިކުއޭ ކިޔުނު މީހަކު މަދީނާއަށް ކުރި ދަތުރެއްގެ ތެރެއިން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި އަބޫބަކުރުގެފާނު ދަތުރުފުޅު ކުރައްވަމުންދާތަން ފެނިއްޖެއެވެ. އަދި މީނާ އެދެބޭކަލުންނަށް ފާރަލާން ފަށައިފިއެވެ. މިކަން އަބޫބަކުރުގެފާނަށް އެނގިވަޑައިގެންނެވުމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ދެންނެވިއެވެ. މިއާއި އެކު އޭނާގެ ކިބައިން ސަލާމަތް ކޮށްދެއްވުމަށް އެދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ﷲ ސުބުޙާނަހޫވަތަޢާލާ އަށް ދުއާ ދެންނެވިއެވެ. ﷲ ސުބުޙާނަހޫވަތަޢާލާ އެކަލޭގެފާނުގެ ދުޢާ އިޖާބަކުރައްވައި އޭނާގެ ކިބައިން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި އަބޫބަކުރުގެފާނު ސަލާމަތް ކުރެއްވިއެވެ.

އެއަށްފަހު އަނެއްކާވެސް މި ދެ ބޭކަލުންގެ ދަތުރުފުޅު ކުރިއަށް ގެންދަވަން ފެއްޓެވިއެވެ. މިގޮތަށް ދަތުރު ކުރައްވަމުން މަދީނާގެ ރަށްބޭރުގައި ހުންނަ ތަނެއްގައި މަޑުކުރެއްވިއެވެ. އެތަނުގައި ދަތުރުވެރިންނަށް ކިރާއި ކާބޯތަކެތި ވިއްކާ ކަންބަޅި ހުއިހައްޕާ އަންހެނަކުއުޅުނެވެ. އަބޫބަކުރުގެފާނު އޭނާ ކުރެން ކިރުފޮދެއް ވިއްކުމަށް އެދުނެވެ. އެހެންނަމަވެސް އޭނާ އަތުގައި މިހާރު ވިއްކާ ކިރު ހުސްވެފައި ހުރި ކަމަށް އޭނާ ބުންޏެވެ. މި އަންހެނާ ގެންގުޅޭ ކަންބަޅި ވަރަށް އަނަރޫފަ ވެފައިވާތަން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ފެނިވަޑައިގެންނެވިއެވެ. އެހެންކަމުން އެ އަންހެނާގެ ހުއްދައާއި އެކު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ﷲ ސުބުޙާނަހޫވަތަޢާލާ އަށް ދުޢާ ދެންނެވުމަށް ފަހުގައި އެކަންބަޅިން ކިރު ފެއްލަވަން ފެއްޓެވިއެވެ. މިއާއި އެކު އޭނާ ކިރުއަޅަން ގެންގުޅުނު ކަންވާރު ފުރައި ކިރުފެލިއްޖެއެވެ. މިތަންފެނި މި އަންހެނާ ވަރަށް ހައިރާންވެއްޖެއެވެ. ދެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި އަބޫބަކުރުގެފާނު ކިރުފޮދެއް ހިއްޕެވުމަށްފަހު މަދީނާއަށް ދަތުރު ފެއްޓެވިއެވެ.

މި ދެބޭކަލުން މަދީނާއަށް ވަޑައިގަންނަވާ ޚަބަރު ލިބުމުން މަދީނާގެ މުސްލިމުންތައް އެބޭކަލުންނަށް މަރުހަބާ ކިޔުއްވުމަށް މަދީނާގެ ރަށްބޭރުގައި ތިއްބެވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މަދީނާއަށް ހިޖުރަ ކުރެއްވުން ވެގެން ދިޔައީ އެރަށުގެ އެންމެހާ ފަރާތްތަކަށް އުފާވެރި ޢީދެއް އައި ފަދަ ކަމަކަށެވެ. މަދީނާއިން މުސްލިމުންނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވެސް ބަލައިގެންނެވީ އެއްބަޑު އެއްބަފާ އަޚުންނާއި އުޚުތުންގެ ގޮތުގައެވެ.

މަދީނާއަށް ވަޑައިގެންނެވުނަށްފަހު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މުހާޖިރުންނާއި އަންޞާރުން އަޚް ކުރެއްވިއިރު އަބޫބަކުރުގެފާނު އަޚް ކުރައްވާފައިވަނި ޚަޒްރަޖު ވަންހައިގެ ބޭކަލެއްކަމަށްވާ ޚާރިޖާ ބިން ޒައިދުއާއެވެ.

(ނުނިމޭ)


[1] ابن حجر، الإصابة، 2/334

އެޑިޓަރުގެ ނޯޓް
ނޯޓް: މިއީ ދާރުއްސަލާމް ޕަބްލިޝާސްގެ ފަރާތުން ނެރެފައިވާ " ދަ ގޯލްޑެން ސީރީސް އޮފް ދަ ޕްރޮފެޓް’ސް ކޮމްޕޭނިއަންސް" ސީރީސްގެ ދަށުން ނެރެފައިވާ "އަބޫބަކުރު އައް-ސިއްދީޤު ރަޟިޔަﷲ އަންހު – ދަ ފަސްޓް ކެލީފް އޮފް އިސްލާމް" ފޮތް އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ.
ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.