ރައީސް ޔާމީން އާއި އެމަނިކުފާނުގެ ގާނޫނީ ޓީމު
ހަބަރު
05 Oct 2022 | 15:58
ވ. އާރަށް މައްސަލަ: ހެކި ދިރާސާކުރުމަށް އިތުރު ވަގުތުދީ އާ އަޑުއެހުމެއް ނޮވެމްބަރަށް

ވ. އާރަށުގެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ ޝަރީއަތް ކުރިއަށް ދާއިރު މިއަދު ގެ އަޑުއެހުމުގައި އޮތީ ހެކިންނާއި ގުޅޭގޮތުން ވާހަކަދެއްކުމެވެ.

މިއަދު އަޑުއެހުން ފެއްޓުމާއެކު ރައީސް ޔާމީންގެ ފަރާތްޕުޅުން އިސް ގާނޫނީ ވަކީލު ވަނީ ހެއްކާއި ގުޅޭގޮތުން ވާހަކަދެއްކުމަށް އިތުރު ވަގުތު ބޭނުންވާކަމަށް ވިދާޅުވެފައެވެ.

ޑރ ޖަމީލު ވިދާޅުވީ ހެއްކާއި ބެހޭގޮތުން ވާހަކަދެއްކުމަށް މި އޮތް މަރުހަލާ އެކީ ދިފާއުވުމަށް މުހިންމު މަރުހަލާއެއްކަމަށެވެ. ހެކިބަސް ނެގުމުގެ މަރުހަލާގައި ޕްރޮސެކިއުޓަރުންގެ ފަރާތުން 13 ޝަފަވީ ހެކި ހުށައަޅާފައިވާއިރު ދިފާއުގެ ފަރާތުންވެސް 7 ހެކި ހުށައަޅާފައިވާކަމަށެވެ. އޭގެ އިތުރުން މުޅި އެކު 68 ހެކި ހުށައެޅިފައިވާކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ.

އެހެންކަމުން ހެކިން ހެކިބަސް އަދާކުރުމުގައި ދެއްކި ވާހަކަތަކުގެ ޓްރާންސްކްރިޕްޓު ލިބި ދިރާސާ ކުރުމަށް އެކަށީގެންވާ ވަގުތެއް ލިބިގެން ނޫނީ ހެއްކާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް އެކަށީގެންވާ މިންވަރަށް ތައްޔާރު ނުވެވޭނެކަމަށް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.

ޑރ ޖަމީލު ވިދާޅުވީ ހެކި ދިރާސާކުރުމަށް އިތުރު ވަގުތުތައް ބޭނުންވާ ވާހަކަ ޝަރީއަތުގައި ފާހަގަކުރީ ފަހަރެއްގައިވެސް ޝަރީއަތް ލަސްކުރުމަށް ނޫންކަމަށެވެ.

ޖިނާއީ އިޖުރާތުގެ ގާނޫނުގެ 169 ވަނަ މާއްދާގެ (ހ) ގައި ޝަރީއަތުގައި ހިނގަމުންދާ މައްސަލަތަކުގައި ދައުލަތުން ނުވަތަ ދައުވާ ލިބޭ ފަރާތުން އެދެފިނަމަ، ޝަރީއަތުގެ މަޖިލީހުގެ ރިކޯޑުކޮށްފައިވާ ރިކޯޑިންގެ އަޑުއެހުމުގެ ލިޔެފައިވާ ބަޔާންތަކައް ބެލުމުގެ ފުރުސަތު ދޭންވާނެކަން ބަޔާންކޮށްފައިވާކަމަށާއި، އޭގެ އިތުރުން އެ ބަޔާންތަކުގެ ކޮޕީ ނެގުމަށް އެ ފަރާތްތަކުން އެދިއްޖެކަމަށް ވާނަމަ އެ ފުރުސަތު ދޭންވާނެކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވާކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.

މިކަން މިގޮތަށް އޮތް އިރު ދިފާއުން ބަރީއަވުމަށްޓަކައި އެ ފުރުސަރު ނުދީ ޝަރީއަތް އަވަސް އަރުވާލުމަކީ މިހާތަނަށް ކޯޓުން އަމަލުކޮށްފައިވާ ގޮތް ނޫންކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޑރ ޖަމީލު ވިދާޅުވީ މިހާތަނަށް މި މައްސަލައާއި ގުޅިގެން ޝަރީއަތުގައި ހެކިބަސް ނެގި ފަރާތްތަކުގެ ޓްރާސްކްރިޕްޓު ދިފާއަށް ލިބިފައި ނުވާކަމަށެވެ. އަދި އެ ޓްރާންސްކްރިޕްޓުތައް ލިބި ދިރާސާ ކުރުމަށް އެކަށީގެންވާ ވަގުތު ލިބިގެން ނޫނީ ހެކިންނާއި ގުޅޭގޮތުން ވާހަކަދެއްކުމަށް ތައްޔާރު ނުވެވޭނެކަމަށް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.

ޑރ ޖަމީލު ވިދާޅުވީ ޝަރީއަތުގައި މިވާހަކަ ދައްކަން ޖެހެނީ މި ދަނޑިވަޅުގައި ކޯޓުގައި މިވާހަކަތައް ނުދައްކައިފިކަމަށް ވާނަމަ، ފަހުގެ މަރުހަލާތަކުގައި އެ ވާހަކަ ދެއްކެން ނެތުމުންކަމަށެވެ.

ގާނޫނު އަސާސީގެ 52 ވަނަ މާއްދާގައި ކުށުން ބަރީއަވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ލިބެންވާނެކަމަށް ބަޔާންކޮށްފައިވާކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ. އަދި އެއީ އަސާސީ ހައްގެއްކަމަށް ވިދާޅުވިއެވެ.

އެކަންކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވީ ދައުލަތުން އާ ހެކިތައް މަޖިލީހަށް ހުށައަޅާފައިވާއިރު، އެ ލިޔެކިޔުންތައްވެސް ލިބިފައިވަނީ މިއަދު ޝަރިއަތުގެ މަޖިލީހަށް ހާޒިރުވިފަހުންކަމަށެވެ. އަދި މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަންކުރަން އޮންނަ އުސޫލު ނޫންކަން ޑރ ޖަމީލު ފާހަގަ ކުރެއްވިއެވެ.

ދައުލަތުގެ ފަރާތުން ހުށައެޅި ލިޔެކިޔުންތައް ބަލައި ދިރާސާކުރުމަށްވެސް ވަގުތު ބޭނުންވާކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ. ޖިނާއީ އިޖުރާއަތުގެ 117 އިން 120 ވަނަ މާއްދާއަށް ބަލާއިރު، އާ ހެކިތަކެއް ހުށައެޅުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ. އޭގެ އިތުރުން ޖިނާއީ އިޖުރާއަތުގެ 83 ވަނަ މާއްދާއަށް ބެލިކަމުގައި ވީ ނަމަވެސް މައްސަލައެއް ހުށައަޅާއިރު ހުށައަޅަން ޖެހޭނީ މައްސަލައާއި ގުޅޭ ހުރިހާ ލިޔެކިޔުންތަކާއި އެކީގައިކަމަށެވެ.

ދައުލަތުން އަލަށް ހުށައެޅި ލިޔެކިޔުންތަކަކީ ދައުވާ ފޯމާއި އެކީގައި ހުށައަޅަން ޖެހޭ ލިޔުންތަކަކަށް ވާއިރު، އެކަން ނުކުރައްވާ ހެއްކާއި ގުޅޭގޮތުން ވާހަކަދެއްކުމުގެ މަރުހަލާގައި އާ ހެކިތައް ހުށައެޅުމަކީ މީގެކުރިންވެސް ދައުލަތުން އަމަލުކޮށްފައިވާ ގޮތެއްކަމަށް ޑރ ޖަމީލު ފާހަގަކުރެއްވިއެވެ.

އެގޮތުން ރައީސް ޔާމީންގެ މައްޗަށް މީގެ ކުރިން އުފުލު ދައުވާތަކުގައި ކްރިމިނަލް ކޯޓަށް ހުށައެޅި މައްސަލައެއްގައި ޝަރީއަތުގައި ނެތް ވާހަކަތަކެއް ހިމަނާފައި ހުރިކަން ރާއްޖޭގެ ސުޕްރިމް ކޯޓުގެ 2021 30 ވަނަ ގަޒިއްޔާގައި ފާހަގަކޮށްފައިވާކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ.

ހެއްކާއި ގުޅޭގޮތުން ވާހަކަދެއްކުމަށް ޕްރޮސެކިއުޓަރުން ތައްޔާރަށް ތިއްބެވިކަން ފާހަގަކުރައްވާފައިވާއިރު، ދައުލަތަށް ލިބެން ޖެހޭ ހުރިހާ ލިޔެކިޔުމެއް ލިބިފައިވާކަން ޑރ ޖަމީލު ފާހަގަކުރައްވާފައިވެއެވެ.

އެހެން ނަމަވެސް ދިފާއުވުމަށް ބޭނުންވާ ބައެއް ލިޔެކިޔުން ހޯދުމަށް އެދުމުން އެއީ ދައުލަތުގެ ބާރުގެ ދަށުގައި ހުރި ލިޔެކިޔުންތަކެއް ނޫންކަމަށް ކަނޑައަޅާ އެ ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް އުޒުރުވެރިވާ ކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ.

ދައުލަތަށް އޮތް އެކްސެސްތަކާއި ވަސީލަތްތައް ދިފާއަށް ލިބިފައި ނުވާކަމަށް ޑރ ޖަމީލު ވާހަކަދެއްކެވިއެވެ. އަދި ދިފާއުވުމަށް އެކަށީގެންވާ ވަގުތު ދިނުމަށް ތަކުރާރުކޮށް އެދިވަޑައިގެންނެވިއެވެ.

ރައީސް ޔާމީންގެ އިތުރުން މި މައްސަލައިގައި ދައުވާ އުފުލާފައިވާ ޔޫސުފް ނައީމުގެ ފަރާތްޕުޅުންވެސް ވަނީ ހެކި ދިރާސާކުރުމަށް އިތުރު ވަސީލަތްތައް ބޭނުންވާކަމަށް ވިދާޅުވެފައެވެ. އަދި ހެކި ދިރާސާކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ކޯޓުގައި އެދިފައިވާނެކަމަށާއި، އެހެން ނަމަވެސް މިހާތަނަށް އެ ލިޔެކިޔުންތައް ލިބިފައި ނުވާކަން ޔޫސުފު ނައީމުގެ ފަރާތްޕުޅުން ވަނީ ފާހަގަކުރައްވާފައެވެ.

ދެ ފަރާތުގެ ވާހަކަތަކަށްފަހު މައްސަލަ ބެއްލެވި ޣާޒީ ވިދާޅުވީ މަޖިލީހަށް ލިޔުންތައް ބަލައިގަތުމާއި މެދު ދެން އަންނަ މަޖިލީހެއްގައި ގޮތެއް ނިންމާނެކަމަށެވެ. އެ ދުވަހުގެ މަޖިލީހަށް ވަޑައިގަންނަވަން ވާނީ، އެ މަޖިލީހުގައި ލިޔުންތައް ބަލައިގަތުމަށް ނިންމާނެކަމަށްވެސް ތައްޔާރުވެގެންކަމަށް ޣާޒީ ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން ޣާޒީ ވިދާޅުވީ ލިޔުންތައް ބަލައި ނުގަތް ނަމަވެސް ހެއްކާއި ގުޅޭގޮތުން އެ މަޖިލީހުގައި ވާހަކަދެއްކުން ކުރިއަށް ގެންދާނެކަމަށެވެ.

އެއާއެކު ޣާޒީ ޝަރިއަތުގެ އަޑުއެހުން ނިންމަވާލެއްވީ އެ މައްސަލައާއި ގުޅޭ އަޑުއެހުމެއް ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގައި ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.