ދީނުގެ ހުކުމަކަށް އިންކާރުކުރާކަން ފާޅުވެފައިވާ މީހަކަށް ވޯޓްދޭކަށްނުވާނެ: ޝައިޚް ސަމީރު

16 Jan 2019 | 16:32

އިސްލާމީ ޝަރީއާގެ އަސްލަކުން ސާބިތުވާ އެއްވެސް ހުކުމަކަށް އިންކާރުކުރާކަން ފާޅުވެފައިވާ މީހަކު އިސްލާމީ ގައުމެއްގެ ރައްޔިތުންގެ މަޖިލީހަށް ގެނައުމަށް ކެމްޕެއިންކުރައްވައި، ވޯޓްދިނުން ހުއްދަވެގެންނުވާކަމަށް ވިދާޅުވެ ސަލަފް ޖަމްއިއްޔާގެ އިލްމުވެރިންގެ މަޖިލީހުގެ އިސް އިލްމުވެރިއެއްކަމުގައިވާ ޝައިޚް އަހުމަދު ސަމީރު ވާހަކަފުޅު ދައްކަވައިފިއެވެ. ޝައިޚް ނިސްބަތްކުރައްވަނީ ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވަން ނުކުމެ އުޅުއްވާ ކާކަށްކަމެއް ސާފެއް ނުވެއެވެ. އެހެންނަމަވެސް އެފަދަ މީހަކު ގާނޫން އަސާސީ ބުނާގޮތުންވެސް ޝަރުތު ހަމަނުވާކަމަށް ވިދާޅުވެ ގާނޫން އަސާސީގެ އެކަމާ ގުޅޭ މާއްދާ ޝެއިޚް ޝެއަރކުރައްވާފައިވެއެވެ.

ޝައިޚްގެ ވާހަކަފުޅު ޓްވީޓާރމެދުވެރިކޮށް ފާޅުކުރައްވާފައިމިވަނީ ޒިނޭ ކުރާ މީހުން ރަޖަމްކުރުމަށް އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ އިލާހީ ހުކުމްފުޅާ ގުޅޭގޮތުން ދިވެހިންގެ ބަޔަކު މީސްތަކުންގެ މެދުގައި ޝައްކު އުފައްދަން އެކިގޮތްގޮތަށް ވާހަކަ ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

ޝައިޚް ވަކި މީހެއްގެ ނަން ފާހަގަކޮށްފައިނުވިނަމަވެސް ހުވަދު އަތޮޅުގެ އުތުރުބުރީ ވިލިނގިލީ ދާއިރާއަށް ކުރިމަތިލައްވަން ކެމްޕެއިންކުރައްވަމުންގެންދަވާ ކުރީގެ ބަންޑާރަ ނާއިބު، އަދި ސާކުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަން ކުރައްވައި އަދި ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވައގެން ހުންނެވި ބޭފުޅަކު ކުރައްވާފައިވާ ޓްވީޓެއް ފާހަގަކޮށްލެވެއެވެ. ސޯޝަލް މީޑިއާގައި ވާހަކަދައްކަމުން އޭނަ ލިޔެފައިވެއެވެ. "ޒިނޭގެ ހުކުމް ކީރިތި ގުރުއާންގައި ކަނޑައެޅިފައި އޮތް އިރު ރަޖަމްކުރުމެއް ނެތެއްނޫންތޯ؟"

އޭނާގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލްވެސް ރަޖަމްކުރުމުގެ ހުކުމާމެދު އެކިގޮތްގޮތަށް ސުވާލުއުފައްދައި ސޯޝަލް މީޑިއާގައި ވާހަކައް ދައްކައެވެ. އޭނާގެ ޓްވީޓާގައި ދީނީ އިލްމުވެރިޔަކު ކަންއޮންނަ ގޮތް ކިޔައިދިނުމުން ސުވާލުކޮށްފައިވެއެވެ. " މުހްސަންގެ ވާހަކައާއި ރަޖަމްގެ ވާހަކަ ބަޔާންވެފައިވާ އާޔަތް ބުނެދޭށެވެ. މުހްސަން އާއި ޣައިރު މުހްސަން ޒިނޭގެ ހުކުމްގައި ތަފާތުވެފައިވާ އާޔަތް އެގެން ބޭނުމެވެ. ހަމަ އެހެންމެ ރަޖަމް ހުކުމް ތަންފީޒުކުރަންޖެހެނީ ކާކަށްތޯ. ދައުލަތުގެ މުވައްޒަފުންނަށްތޯ. ނުވަތަ ހުކުމް އިއްވި ފަނޑިޔާރުންތޯ. ރަށުގެ ހުރިހައި ރައްޔިތުންތޯ. ގަލުން ތަޅަން ނުކުންނަ މީހާގެ ހުކުމަކީ ކޮބައިތޯ"

ރަޖަމްކުރުމުގެ ހުކުމް ދީނުގައި ކަނޑައެޅިފައިވާގޮތް

މީގައި އެންމެ ދެރަކަމަކީ ތިމާއަށް ލިބިފައިވާ ދުނިޔަވީ އިލްމެއްގެ މައްޗަށް ބިނާކޮށް އިސްލާމީ ޝަރީއަތުގެ ހުކުމްތަކާއިގުޅޭގޮތުން ކަންކަން ރަނގަޅަށް އޮޅުންނުފިލުވައި މީހުންގެތެރޭގައި ވާހަކަ ދައްކަމުންދިޔުމެވެ. އެކަމުގެ ނުރައްކާތެރިކަން ހުރިވަރު އުއްމަތުގެ ދެވަނަ ޚަލީފާ ޢުމަރު ރަޟިޔަﷲ އަންހު ގެނެސްފައި މިވަނީއެވެ.

ރަސޫލު ސައްލަﷲ ޢަލައިހި ވަސައްލަމްގެ ބޮޑުބޭބޭފުޅު ޢައްބާސްގެ ފާނުގެ ދަރިކަލުން އަބްދުﷲ ނުވަތަ މަޝްހޫރު ނަމުންނަމަ އިބްނި އައްބާސް ރިވާކުރައްވާފައިވެއެވެ. " ހަމަކަށަވަރުން ޢުމަރު ބިން އަލް ޚާއްތާބު ހުކުރު ދުވަހު މެމްބަރު މައްޗަށް އަރާވަޑައިގެން ދެއްވި ޚުތުބާގެތެރޭގައި ވިދާޅުވެފައިވެއެވެ. ހަމަކަށަވަރުން ﷲ ތަޢާލާ މުހައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމް ޙައްގު ދީނާގެން ފޮނުއްވިއެވެ. އަދި އެކަލޭގެފާނަށް ފޮތް ބާވައިލެއްވިއެވެ. ފަހެ ﷲ ބާވައިލެއްވި ތަކެތީގެތެރޭގައި ރަޖަމްކުރުމާބެހޭ އާޔަތް ވިއެވެ. ފަހެ ތިމަންމެން އެއާޔަތް ކިޔަވައި އުޅުނީމެވެ. އަދި އޭގެ މުރާދައާއި މާނަ ދެނެގަތީމެވެ. ކީރިތި ރަސޫލާ ރަޖަމްގެ ޙުކުމް ތަންފީޒުކުރެއްވިއެވެ. އަދި އެކަލޭގެފާނަށްފަހު ތިމަންމެންވެސް ރަޖަމްކުރީމެވެ. ފަހެ ޒަމާން ދެމިގެންގޮސް މީސްތަކުންގެތެރެއިން މީހަކު މިފަދައިން ބުނެފާނެކަމާމެދު ތިމަންކަލޭގެފާނު ބިރުފުޅުގެން ވަޑައިގަންނަވަމެވެ. ( އެމީހާ ބުނެއެވެ) ﷲ ގަންދީބުނަމެވެ. ރަޖަމްގެ އާޔަތް ﷲގެ ފޮތުން ތިމަންމެންނަކަށް ނުފެނެއެވެ. އެހާރުން ﷲ ބާވައިލެއްވި ހުކުމެއް ( އެބަހީ ރަޖަމްކުރުމުގެ ހުކުމް ) ދޫކޮށްލުމުގެ ސަބަބުން އެމީހުން މަގުފުރެދިގެންދާނެއެވެ. މުހުސަނެއްގެ ގޮތުގައިހުރެ ޒިނޭކުރިކަން ސާބިތުވާ ފިރިހެނުންނާ އަންހެނުންގެ މައްޗަށް ރަޖަމްކުރުމަކީ ﷲ ތައާލާގެ ފޮތުގައިވާ ހައްގު ގޮތެވެ. " މިރިވާޔަތް ސަހީހް ބުޚާރީގައާއި މުސްލިމްގައި ގެނެސްފައިވެއެވެ.

އެހެންކަމުން ތިމާއަށް ލިބިފައިވާ ދުނިޔަވީ އިލްމެއްގެ ސަބަބުން ބުއްދިވެރިކަމާއި ޢިލްމުވެރިކަން ބޮޑުކަމަށްދެކި ބޮޑާކަން އިސްކުރެވި، ﷲގެ ހުކުމް ފުޅުތަކާއިމެދު ޖާހިލުކަންމަތީގައި ހުރެ ސުވާލު އުފެއްދުމުގެ ނުރައްކާތެރިކަން ދެކޭށެވެ. ޒިނޭގެ ޙައްދަކީ ގުރްއާނާއި ސުންނަތުން އަދި އުއްމަތުގެ އިޖްމާއުން ސާބިތުވާ ކަމެކެވެ. މުހްސަން (ކުރިން ކައިވެނީގެ ރަހަ ފެނިފައިވާ މީހަކު) ގެ ހުކުމަކީ ރަޖަމް ކުރުމެވެ. ޣައިރު މުހްސަން (ކުރިން ކައިވެނީގެ ރަހަ ފެނިފައިނުވާ މީހާ) ގެ ހުކުމަކީ 100 އެތިފަހަރުން ހައްދު ޖަހާ އެއް އަހަރަށް އަރުވާލުމެވެ. އެކަމަކު މިހުކުމް ބަޔާންކުރައްވާފައި އޮތުމަކީ މީހުން ގަލުންތަޅައި މެރުމެއްނޫނެވެ.

އިސްލާމީ ތާރީޚްގައި ރަޖަމްގެ ހައްދު ގާއިމުކުރެވިފައިވަނީ މަދުފަހަރަކު

ރަޖަމްކުރުމުގެ ހުކުމް މީހެއްގެ މައްޗަށް ޖެހުމަކީ ގާޟީއަށް ވަރަށް ނާދިރު ހާލަތެއްގައި ނޫނީ ނުކުރެވޭނެކަމެކެވެ. ފުރަތަމަ ކަމަކީ ޒިނޭކުރާތަން އެއްވެސް ހުރަހެއްނެތި އެއް ފަހަރާ ހަތަރު މީހެއްގެ އަށް ލޮލަށް ޝައްކުނުކުރެވޭ މިންވަރަށް ( އެބަހީ އެދެމީހުންގެ އެދެގުނަވަނުންކުރަނިކޮށް) ފެނުމެވެ. މިފަދައިން ދެމީހަކު ޒިނޭކުރާތަން ހަތަރު މީހުންނަށް އެއްފަހަރާ ފެނުމަކީ ވަރަށް ނާދިރުކަމެކެވެ. މިފަދައިން ހަތަރު މީހަކު ހެކި ދިނުމަށްފަހު އެތަނުން އެކަކު ބަރީއަވެގަތްނަމަވެސް ސާބިތެއް ނުކުރެވޭނެއެވެ. އަދި އެބަރީއަވެގަތްމީހާގެ ގައިގައި 80 އެތިފަހަރުން ތައުޒީރުކުރެވި އޭނާގެ ހެކިބަސް އަބަދަށް ހަރާމްވެގެން ދެއެވެ. އެހައްދު ގާއިމުކުރެވޭ ދެވަނަ ގޮތަކީ މީހަކު ޒިނޭކުރުމަށްފަހު އޭނާ އަމިއްލައަށް އެކަމަށް އިއުތިރާފްވެގަތުމެވެ. މިހާލަތުގައިވެސް އޭނާ ތައުބާވުމަށް ސަލާމަތްވާނެ މަގެއް ދެއްކުމުގެގޮތުން ގާޟީ އިޚްތިޔާރުތަކެއް ދެވިގެންވެއެވެ. އިއުތިރާފް ވުމަށްފަހުވެސް އަލުން އެނބުރި އޭނާ ރުޖޫއަވެގެންފިނަމަ ނުވަތަ ދުރުވެގެންފިނަމަ އޭނާގެ މައްޗަށް ރަޖަމްގެ ހުކުމެއް ނުއިއްވެއެވެ. އަދި ނަހަލާލަށް ވިހެއުމަށްފަހުވެސް އެއީ އެއަންހެން މީހާގެ މައްޗަށް ގަދަކަމުން ހިންގި އަމަލެއްކަމަށް އަންހެންމީހާ ބުނާނަމަ އެހައްދު ގާއިމެއް ނުކުރެވެއެވެ. ރަޖަމްގެ ހައްދު މުޅި އިސްލާމީ ތާރީޚްގައިވެސް ގާއިމުކުރެވިފައިވަނީ ވަރަށް މަދު ފަހަރަކުއެވެ. ހަތަރު މީހުންގެ ލޮލަށް ފެނިގެން ހައްދު ތަންފީޒުކުރެވިފައިވާކަން ސާފުކޮށްއެގެން ނެތެވެ. މިހައްދު ގާއިމުކުރުމުގައި ރަސޫލު ސައްލަﷲ އަލައި ވަސައްލަމް އަމަލުކުރެއްވި ގޮތް އެއީ ކިހާ ފުރިހަމަ މިސާލެއްތޯއެވެ. ފިރިހެނަކު އޭނާ ޒިނޭކުރުމަށްފަހު ރަސޫލާގެ އަރިހަށް އައިސް އަމިއްލައަށް އިއުތިރާފްވެ އޭނާގެ ނަފްސު ތާހިރުކުރުމަށް އެދިގަތެވެ. ފަހެ ރަސޫލާ އޭނާގެ ވާހަކައިން ދުރުވެގަނޭތޯ އެތައްފަހަރަކު އެކަލޭގެފާނުގެ މޫނުފުޅު އަބުރުއްވާލެއްވިއެވެ. އެހާރުންވެސް އޭނާކުރުނުކޮށް ދަންނަވަންފެށުމުން ސުވާލުކުރެއްވިއެވެ. ޒިނޭއަކީ ކޯއްޗެއްކަން އެގޭހެއްޔެވެ. އާއެކޭ ދެންނެވުމުން އޭނާ ހުރީ މަސްތުގެ ހާލުގައިތޯ ސަހާބީންކުރެން އޮޅުންފިލުއްވިއެވެ. މޮޔަކަމެއްހުރިމީހެއްތޯ ބެއްލެވިއެވެ. އެވަރުންވެސް އެމީހާގެ ދެންނެވުން ދޫނުކުރުމުން ދެން އެއްސެވިއެވެ. ބައްދާލެއްވީ ނޫންތޯ ދޮންދެއްވީ ނޫންތޯއޭ..... އެންމެފަހުންގޮސް ޒިނޭގެ މިސާލެއް އެކަލޭގެފާނު ވިދާޅުވެ ސުވާލުކުރެއްވުމުން އެގޮތަށް ކުރިކަމަށް އިއުތިރާފްވެ އޭނާގެ ނަފްސު ތާހިރުކުރަން ބޭނުންވާކަން ފާޅުކުރިއެވެ. މިހުރިހައި ސުވާލެއް ކުރެއްވީ ޢިލްމުވެރިން ވިދާޅުވާގޮތުގައި ތައުބާވެގަތުމަށް އޭނާއަށް މަގެއްދައްކަވައިދެއްވޭތޯ ބެއްލެވުމަށެވެ. ދެން އޭނާގެ މައްޗަށް ހުކުމް ތަންފީޒުކުރަންފެށުމުން ވޭނަށް ކެތްނުކުރެވިގެން އޭނާ ދުއްވައިގަތެވެ. އެކަމަކު ހުކުމްތަންފީޒުކުރެވުނެވެ. ފަހެ ސަހާބީން އެވާހަކަ ރަސޫލާއަށް ދެންނެވުމުން އޭނާ ދުއްވައިގަތުމުން ދޫކޮށްނުލީ ކީއްވެގެންތޯ އެއްސެވިއެވެ. އިލްމުވެރިން ވިދާޅުވަނީ މިއިން ދައްކައިދެނީ އެންމެ ފަހުވަގުތުގައިވެސް އެހައްދުން ބަރީއަވެގަތުމަށް ފުރުސަތު އޮތްކަމެވެ. އުމަރު ރަޟިޔަﷲ އަންހުގެ ޚިލާފަތުގައި އަންހެނަކު ނަހަލާލަށް ވިހެއުމުން އޭނާ ގެނެވި ސުވާލުކުރުމުން އެއީ ގަދަކަމުން އޭނާގެ މައްޗަށް ހިންގި އަމަލަކުން ވިހެއިދަރިއެއްކަމަށް ބުނެގެން އެއަންހެންމީހާގެ މައްޗަށް ހައްދު ގާއިމުނުކޮށް ދޫކޮށްލެވުނެވެ.

ކޮންމެއަކަސް ކީރިތި ގުރުއާންގައި ޒިނޭގެ ހުކުމް ބާވައިލެއްވުމަށްފަހު އެ އާޔަތް ﷲ ތައާލާ އުފުލެއްވީ ކީއްވެގެންކަން ދެނެވޮޑިގެންވަނީ ﷲ ސުބުހާނަހޫ ވަތައާލާއެވެ. އިންސާނުންގެ މައްޗަށް ﷲ ދީލަތިވެވޮޑިގެންވާމިންވަރާއި ޢަފޫކުރެއްވުން އާލަ ޢިމްރާން ސޫރަތުގެ 135 ވަނަ އާޔަތުންވެސް ހިތަށް ގެނެވިދާނެއެވެ. އެއާޔަތުގެ މާނައިގައިވަނީ އަދި އެއުރެންނީ ހުތުރުކަންބޮޑުވެގެންވާ ފާފައެއް ( އެބަހީ ފާހިޝްއަމަލެއް) ކޮށްފިނަމަ ނުވަތަ އެއުރެންގެ ނަފްސުތަކަށް އަނިޔާވެރިވެއްޖެނަމަ ( އެބަހީ ކިތަންމެ ކުޑަ ނަމަވެސް ފާފައެއްކޮށްފިނަމަ ) ﷲ ހަނދުމަކޮށް އެއުރެންގެ ފާފަތައް ފުއްސެވުންއެދި ދުއާކޮށް އުޅޭ މީހުންނެވެ. ﷲ ފިޔަވައި ފާފަފުއްސަވާނީ ފަހެ ކާކު ހެއްޔެވެ. އަދި އެއުރެން ދެނެތިބި ހާލު އެއުރެން ކުޅަ ކުށުގެ މަތީގައި ދެމިއެއް ނުތިބެއެވެ.

ގަލުންތަޅައި މީހުން ރަޖަމު ކުރާވާހަކަ ބަޔަކު ފަތުރަނީ އިސްލާމްދީނާމެދު ވަރަށް ނުބައި ތަސައްވުރެއް ދެއްކުމަށެވެ. އެހެންކަމުން އިސްލާމީ ޝަރީއާގެހައްދުތަކަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ތިޔަފަތުރާ ޕްރޮޕެގެންޑާ ހުއްޓާލާކަށް ނުވޭތޯއެވެ. އެކަމަކު އެކަމެއް ނުހުއްޓާނެއެވެ. ސަބަބަކީ ދިވެހިންގެތެރޭގައި އިސްލާމްދީން ދޫކޮށްލައިގެން ތިބި ދެތިންހާހެއްހާ މީހުން އުޅޭކަން ސަރުކާރަށް އެގެއެވެ. 

Advertisement

ކޮމެންޓް

Advertisement