އިނގިރޭސި އާ ބޮޑުވަޒީރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު ރިޝީ ސުނަކް އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަރުހަބާ ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރުކަން ރިޝީ ސުނަކަށް ލިބިވަޑައިގެންނެވުމާއި ގުޅިގެން ރައީސް ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޝީ ސުނަކްގެ ޒައާމަތުގައި އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަދި އިނގިރޭސިވިލާތަށް ހެޔޮ ބަދަލުތައް ގެންނެވުމަށް ސުނަކު ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ވެގެން ދިއުމުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށް ވެސް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.
އިނގިރޭސި ވިލާތުގެ އާ ބޮޑުވަޒީރަކަށް ރިޝީ ސުނަކް ވެވަޑައިގަންނަވާނީ މިދިޔަ ހަފުތާގައި ލިޒް ޓްރަސް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އުފެދުނު ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ ލީޑާޝިޕް ގެ ވާދަވެރިކަން ކާމިޔާބު ކުރެއްވުމަށް ފަހު އެވެ.
އެ ރޭސް ސުނަކް ކާމިޔާބު ކުރައްވާފައި މިވަނީ ޓެކްސް ކަނޑާލުމުގެ ނުބައި ޕްލޭންތަކާއި ޕޮލިސީ ޔޫޓާންތަކާ ގުޅިގެން ޓްރަސް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists