ވާހަކަ: ޢަމްރު ބިން އަލް-ޢާސް ރޢ- މިސްރު ފަތަހަ ކުރެއްވި ފަހުލަވާން (1)
އިސްލާމްދީން އައުމުގެ ކުރިން މީސްތަކުން ޖާހިލުކަމުގެ އަނދިރީގައި އުޅުނުޒަމާގައި މައްކާއާއި މުޅި އަރަބި ކަރައިގެ މުޖުތަމަޢު ވަނީ އެކި ގަބީލާތަކާއި އެކި އެކި ފަންތިއަށް ބެހިފައެވެ. އެތަނުގައި މުއްސަނދި ހައިބަތު ހުރި މީހުންނަކީ ގަދަރުވެރިންނެވެ. މީސްތަކުންގެ މެދުގައި އެމީހުންގެ ބަސް ވިކޭނެއެވެ. މިއާއި ޚިލާފަށް ދެން ތިބޭ ފަގީރުންނާއި ނިކަމެތި އަޅުންނަކީ އިންސާނުންކަމަށް ވެސް ދެކޭ މީހަކު މަދެވެ.
މިފަދަ މުޖުތަމަޢުއެއްގެ މުއްސަނދި، ގަދަރުވެރި ޢާއިލާއަކަށް އަމްރު ބިން ޢާސް ރަޟިޔަﷲ ޢަންހު އުފަންވެ ވަޑައިގެންނެވި އެވެ. ތުއްޕުޅު އިރުންފެށިގެން ވެސް އެކަލޭގެފާނު ވެވަޑައިގެންނެވީ ވަރަށްވެސް ތޫނުފިލި ހުޝިޔާރު ކުއްޖަކަށެވެ. އެކަލޭގެފާނުގެ ޒުވާން ދުވަސްވަރު ހޭދަކުރެއްވީ ހެވި ކަމުގެ ހުނަރު ދަސްކުރުމުގަޔާއި ބުއްދީގެ ބޭނުން ކޮށްގެން ދުޝްމަނުންގެ މަކަރުވެރި ރޭވުންތައް ނާކާމިޔާބު ކުރާނެ ގޮތްތައް ދަސްކުރުމުގައެވެ. ތުއްޕުޅު އިރު ވެސް އަމްރު ބިން ޢާސް މަޝްހޫރުވެ ވަޑައިގެންފައިވަނީ ވިސްނުންތޫނު، ބުއްދިވެރި އަދި ރޭވުންތެރި ބޭކަލެއްގެގޮތުގައެވެ. މި ސަބަބުތަކާއި ހުރެ ޢަރަބި ކަރަޔާއި، އަރަބި ކަރައިން ބޭރުގެ ރަސް ރަސްކަލުންނާއި ވަޒީރުންނާއި ގާތް ގުޅުމެއް އެކަލޭގެފާނާއި އެކު ވަނީ އުފެދިފައެވެ. މީގެ ތެރޭގައި ހަބަޝާގެ ރަސްގެފާނުވެސް ހިމެނި ވަޑައިގަންނަވައެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އިސްލާމް ދީނަށް ގޮވައިލައްވަން ފެއްޓެވުމުން ގުރައިޝުންގެ ބޮޑުންގެ ތެރެއިން ގިނަ މީހުން އެކޭގެފާނާއި ދެކޮޅުވެރިވިއެވެ. އިސްލާމް ދީން މި ބިންމަތީގައި ފެތުރި އެދީނުގެ ހިދާޔަތު ގިނަ މީހުންނަށް ލިބުނަ ނުދިނުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް އެމީހުން ދިޔައީ ކުރަމުންނެވެ. މިބައިމީހުންގެ އަނިޔާތައް ކެންޑިނޭޅި މުސްލިމުންނަށް ލިބެމުންދިޔައެވެ.
މިފަދަ ގުރައިޝުންގެ ތެރެއިން ޢަމްރު ބިން ޢާސްވެސް ހިމެނިވަޑައިގެންނެވިއެވެ. އަރަބިކަރައިން އިސްލާމް ދީނުގެ ހުޅުކޮޅު ނިއްވައިލުމަށް ކުރެވެން ހުރި ހުރިހާކަމެއްވެސް އެކަލޭގެފާނު ދިޔައީ ކުރައްވަމުންނެވެ. އެކަލޭގެފާނުގެ ސަބަބުން އެތަކެއް އަލަށް އިސްލާމްވެވަޑައިގެންނެވި ބޭފުޅުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހިވަޑައިގެންނެވިއެވެ.
ގުރައިޝުންގެ ފަރާތުން ކެނޑިނޭޅި ލިބެމުންދިޔަ އަނިޔާތަކުން ސަލާމަތް ވުމަށް މުސްލިމުން ހަބަޝާއަށް ހިޖުރަކުރެއްވިއެވެ. ހަބަޝާގައި އޭރު ހުންނެވި ރަސްކަލެއްކަމުގައިވާ ނަޖާޝީއަކީ ވަރަށްވެސް އަދުލު އިންސާފަށް ލޯބިކުރާ ވެރިއެކެވެ. އެހެންކަމުން އެރަށުގައި މުސްލިމުންނަށް ހިތްހަމަޖެހިގެން އިސްލާމް ދީނަށް އުޅުމުގެ ފުރުސަތު ލިބިލައްވާނެ ކަމަށް އޭބެފުޅުން ގަބޫލުކުރެއްވިއެވެ.
ގުރައިޝުންގެ އަތްދަށުން ފިލައިގެން ބައެއް މުސްލިމުން ހަބަޝާއަށް ހިޖުރަކުރެއްވިކަން އެމީހުންނަށް އެނގިއްޖެއެވެ. މިކަމާއިހުރެ ގުރައިޝުން އިންތިހާއަށް ރުޅިއައިސްފިއެވެ. އެހެންކަމުން މުސްލިމުން ހަބަޝާއިން ބޭރުކޮށް މައްކާއަށް އެނބުރި ގެންނާނެ ގޮތަކާއިމެދު އެމީހުން މަޝްވަރާކުރަން ފެށިއެވެ. އެގޮތުން އެރަށުގެ ރަސްގެފާނަށް ވެދުމަކަށް އަގުހުރި ތަކެތި އެރުވުމަށް ނިންމައިފިއެވެ. އެހެނީ ހަބަޝާއަކީ ގުރައިޝުންނާއިވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ރަށެކެވެ.
މި މަސައްކަތަށް ގުރައިޝުން ޚިޔާރުކުރީ ޢަމްރު ބިން ޢާސްއެވެ. އެހެނީ އެކަލޭގެފާނަކީ ވިސްނުންތޫނު ބޭކަލަކަށް ވުމުގެ އިތުރަށް ހަބަޝާގެ ރަސްގެފާނާއިވެސް ގާތް ގުޅުމެއް އޮންނަ ބޭކަލެކެވެ. ގުރައިޝުންގެ މި އެދުން ގަބޫލުކޮށް މުސްލިމުންނަށް ދެވެން އޮތް އެންމެ ބޮޑަށް ގެއްލުން ދިނުމަށް އަމްރުގެފާނު ނިންމެވިއެވެ.
ހަބަޝާއަށް ވަޑައިގެންނެވުމާއިއެކު އެ ރަށުގެ ފާދިރީންނާއި ދެންވެސް އިސް މީހުންނާއި އަމްރުގެފާނު ބައްދަލުކުރެއްވިއެވެ. އަދި ރަސްގެފާނުގެ އަރިހުގައި މުސްލިމުންގެ ނުބައިކަމުގެ ވާހަކަދެއްކުމަށް އެމީހުންގާތު އެކަލޭގެފާނު ވިދާޅުވިއެވެ. އެކަން ކުރުމަށްޓަކައި އެމީހުންނަށް ގިނަގުނަ ވެދުންތައްވެސް އެރުއްވިއެވެ. ދެން އެއަށްފަހު އެކަލޭގެފާނު ރަސްގެފާނާއި ބައްދަލުކުރެއްވުމަށް ވަޑައިގެންނެވިއެވެ.
ހަބަޝާގެ ރަސްގެފާނަށް އަމްރުގެފާނު ފެނުމުން ވަރަށް އުފާވިއެވެ. އަދި އެރަށަށް ވަޑައިގެންނެވީ ކޮންކަމަކުތޯ އެކަލޭގެފަނު ކުރެން އެއްސެވިއެވެ. ޖަވާބުގައި އަމްރުގެފާނު ވިދާޅުވީ މައްކާގެ ބައެއް މީހުން، އެމީހުންގެ ދީން ދޫކޮށް ގުރައިޝުންގެ އިއްޒަތާއި ގަދަރު ފޭރިގެންފައި އެ ރަސްގެފާނުގެ ރަށުގައި ރަސްގެފާނުގެ ހިމާޔަތުގެ ދަށުގައި ތިބިކަމަށެވެ. އަމްރުގެފާނުގެ މި ވާހަކަތައް އައްސަވާފައި ހަބަޝާއަށް ހިޖުރަކުރެއްވި މުސްލިމުންގެ ވާހަކަވެސް އަޑުއައްސަވަން ނަޖާޝީ ބޭނުންވިއެވެ. އޭނާ އަކީ ހިކުމަތްތެރި އަދުލުވެރި ވެރިއެކެވެ. ހަމައެކަނި އެއްކޮޅުގެ ވާހަކަ އަޑުއެހުމުގެ ބަދަލުގައި ދެފަރާތުގެ ވާހަކަތައް އަޑު އަހައި އިންސާފުވެރިކަންމަތީ މައްސަލަ ނިންމެވުމަށް އޭނާ އިސްކަންދެއްވައެވެ.
މުސްލިމުންގެ ފަރާތުން ނަޖާޝީއާއި ބައްދަލުކުރައްވައި މުސްލިމުންގެ ވާހަކަތައް ކިޔައި ދެއްވީ ޖައުފަރު ބިން އަބީ ތާލިބު ރަޟިޔަﷲ ޢަންހު އެވެ. ޖައުފަރުގެފާނު އިސްލާމް ދީނާއި މުސްލިމުންނާއި ގުޅިގެން ދެއްކެވި ވާހަކަފުޅުތައް އަޑުއައްސަވާފައި މި ރަސްގެފާނަށް ވަރަށްބޮޑަށް އަސަރުކުރުވިއެވެ. އަދި މުސްލިމުން އަމްރުގެފާނާއި ހަވާލުނުކުރުމަށް އޭނާ ނިންމިއެވެ.
އެހެންކަމުން އަމްރުގެފާނަށް ޖެހިވަޑައިގަތީ އެނބުރި މައްކާއަށް ވަޑައިގަންނަވާށެވެ. މައްކާއަށް ވަޑައިގެންނެވުމާއި އެކު އަމްރުގެފާނާއި ގުރައިޝުން ވެގެން މުސްލިމުން މައްކާއަށް ގެނެވޭނެ އިތުރު ގޮތަކާއިމެދު ވިސްނަން ފަށައިފިއެވެ. އެގޮތުން މިފަހަރު އެމީހުން ނިންމީ ހަަބަޝާއަށް ހިނުރަ ކުރި މުސްލިމުން އަމިއްލައިން އެނބުރި އަންނާނެފަދަ ކަމެއް ކުރާށެވެ. އެހެންކަމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި އެކު އެމީހުން އެއްބަސް ވުމެއް ވެފައުވާ ކަމަށާއި އެ އެއްބަސްވުމުގެ ދަށުން މުސްލިމުންނަށް އެއްވެސް އަނިޔާއެއް ނުދިނުމަށް ނިންމާފައިވާކަމުގެ ދޮގު ހަބަރު އެމީހުން ފަތުރާލިއެވެ. މި ހަބަރު ލިބިލެއްވުނުން ބައެއް މުސްލިމުން އެނބުރި މައްކާއަށް ވަޑައިގެންފިއެވެ. އެނބުރި އެ ވަޑައިގެންނެވި މުސްލިމުން ހިފައި އެބޭކަލުންނަށް ވޭންހުރި އަދަބުދިނެވެ.
މުސްލިމުން މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަކުރެއްވުމަށް ހުރަސް އެޅުމަށް ރޭވުންތައް ރޭވުމުގައިވެސް ޢަމްރުގެފާނު އިސްވެ އުޅުއްވިއެވެ. އަދި މުސްލިމުންނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މަދީނާއަށް ހިޖުރަ ކުރެއްވުމަށް ފަހުގައިވެސް މުސްލިމުންނާއި ދެކޮޅަށް ރޭވުންތައް ރާވައި އިސްލާމްދީން ނައްތާލާނެ ގޮތްތަކާއިމެދު ވިސްނަވަމުން އަމްރުގެފާނު ދިޔައެވެ.
އެގޮތުގެ މަތިން މުސްލިމުންނާއި މުޝްރިކުންނާއި ދެމެދު ކުރެވުނު ފުރަތަމަ ހަނގުރާމަ، ބަދުރު ހަނގުރާމައިގައިވެސް މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަ ކޮށް މުސްލިމުންގެ ލޭ އޮހޮރުވާލަން ކަނޑިކޮޅު ހިއްޕަވައިގެން އަމްރުގެފާނު ހުންނެވިއެވެ. މި ހަނގުރާމައިން މުޝްރިކުން ބަލިވެ ނުހަނު ބޮޑު ލަދުވެތިކަމަކާއި ކުރިމަތިލާން ޖެހުނެވެ.
ބަދުރުން ލިބުނު ބޮޑު ގެއްލުމާއި ލަދުވެތިކަމުގެ ބަދަލު މުސްލިމުންގެ ކިބައިން ހިފުމަށް އަމްރުގެފާނާއި ގުރައިޝުން 3000 މީހުންގެ މައްޗަށް އެކުލެވޭ ބޮޑު ލަޝްކަރަކާއިގެން މަދީނާއަށް ދަތުރުފެށިއެވެ. މިފަހަރު އެމީހުންނަށް ހިތްވަރު ދީ ފޯރި ނަގުވަން އަންހެނުންވެސް ގެންދިޔައެވެ. އުހުދުގެ މައިދާނުން މުސްލިމުންނާއި އަމްރުގެފާނުގެ ލަޝްކަރާއި ދިމާވި އެވެ. މި ހަނގުރާމަ ފެށިގެން ކުރިއަށް ދިޔައިރު މުސްލިމުންނަށް ނަސްރު ލިބެމުން ދިޔައެވެ. އެހެންކަމުން ހަނގުރާމައިގެ ވަކި ހިސާަބަކުން މުޝްރިކުން އެމީހުންގެ މުދާތައް ދޫކޮށް މައިދާނުން ފިލަން ދިޔައެވެ. މިތަން ފެނި މުސްލިމުން ދުއްވައިގަތީ ޣަނީމާ މުދާތައް އެއްކުރާށެވެ. އުހުދު ފަރުބަދަ މަތިން ނުފޭބުމަށް ނަސޭހަތްތެރިވެ އެތަނުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ބޭތިއްބެވި 50 ދުނިވެރިންގެ ތެރެއިންވެސް ބައެއް މީހުން ޣަނީމާ މުދާ އެއްކުރަން ދުއްވައިގަތެވެ.
މި މަންޒަރު ބައްލަވަން ޚާލިދުބިން ވަލީދާއި ޢަމްރު ބިން ޢާސް ތިއްބެވިއެވެ. އެ ބޭކަލުންނަށް މި ލިބިލެއްވި ރަނުގެ ފުރުސަތުގެ ބޭނުން ހިއްޕަވައި ފަހަތުން އައިސް މުސްލިމުންނަށް ހަމަލާދީފިއެވެ. ހަނގުރާމައިގެ ކޮޅު ބަދަލުވެ ފުރަތަމަ ފަހަރަށް މުޝްރިކުންގެ ކޮޅު ގަދަވާން ފަށައިފިއެވެ. ޚާލިދުގެފާނާއި އަމްރުގެފާނުގެ ހިކުމަތްތެރިކަން އެދުވަހު މުސްލިމުންނަށް ވެގެންދިޔައީ ވަރަށްވެސް ގެއްލުންދެނިވި ކަމަކަށެވެ. ހަނގުރާމައިގެ އެ ހިސާބުން މުޝްރިކުންނަށް ކާމިޔާބު ވާންފެށި ނަމަވެސް، މި ހަނގުރާމަވެސް ނިމިގެން ދިޔައީ މުސްލިމުންނަށް ނަސްރު ލިބިގެންނެވެ.
އުހުދު ހަނގުރާމަ އަށްފަހު ހިނގައިދިޔަ އެންމެ ބިރުވެރި އެއް ހަނގުރާމަ ކަމަށްވާ ޚަންދަގު ހަނގުރާމައިގައިވެސް މުސްލިމުންނަށް ގެއްލުންދީ، އިސްލާމްދީން މި ބިންމަތިން ފުހެލުމުގެ ކުލައެއް ނުޖެހޭ ހުވަފެން ދެކެމުންއައި ބޭކަލުންގެ ތެރޭގައި އަމްރުގެފާނުގެ ހިމެނި ވަޑައިގަންނަވައެވެ. މުސްލިމުންނާއި ދެކޮޅަށް މުޝްރިކުންގެ 10000 މީހުންގެ މައްޗަށް އެކުލެވޭ ލަޝްކަރެއް ތައްޔާރު ކުރެވުނު އިރު އެ ލަޝްކަރަށް މީހުން ހޯދުމުގައި ވެސް އަމްރުގެފާނު އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވިއެވެ. އެގޮތުން އަރަބި އެކިއެކި ގަބީލާތަކުގެ މުޝްރިކުން، މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އެއްބަސްކުރުމުގައި އަމްރުގެފާނުގެ ހިކުމަތްތެރިކަން ވަނީ ބޭނުންކޮށްފައެވެ. މުޝްރިކުންގެ ބޮޑު ލަޝްކަރަށް މަދީނާއަށް ދެވުނުއިރު އެރަށުގެ ވަށައިގެންވާ ޚަންދަގުތައްފެނި ވަރަށް ބޮޑަށް ހައިރާންވިއެވެ. އަދި އެ ހަންދަގުތައް ހުރަސްކޮށް ދެވޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް މިބައިމީހުންގެ ރޭވުންތައް ނާކާމިޔާބު ވެ އެމީހުންނަށާއި އަމްރުގެފާނަށްވެސް ޖެހިވަޑައިގަތީ އެނބުރި މައްކާއަށް ދާށެވެ.
ޚަންދަގު ހަނގުރާމައިން މި ލިބުނު ނާކާމިޔާބީއަށްފަހު މުސްލިމުން ބަލިކުރުމަކީ ފަސޭހަކަމެއް ނޫންކަން ޢަމްރުގެފާނަށް އެނގިވަޑައިގެންނެވިއެވެ. އަދި މި އައު ދީން އެހެން އެންމެންގެ މައްޗަށް ގަދަވެގަންނާނެކަން އެކަލޭގެފާނަށް ހީފުޅުވާންފެއްޓެވިއެވެ. އެހެންކަމުން ޢަމްރުގެފާނު އެކަލޭގެފާނުގެ ރަހުމަތްތެރިންނާއި އެކު ހަބަޝާއަށް ހިޖުރަކުރަން ނިންމިއެވެ. މުސްލިމުންނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އޭނާ ހިފައި ހައްޔަރުކޮށްފާނެކަމުގެ ބިރަށެވެ.
ޢަމްރުގެފާނު އެކަލޭގެ ފާނުގެ ރަހުމަތްތެރިންނާއި އެކު ހަބަޝާއަށް ވަޑައިގެންނެވިއެވެ. އެތަނުގެ ރަސްގެފާނަށް ވެދުމަކަށް އެކިއެކި ހަދިޔާވެސް ހިއްޕަވައިގެންނެވެ. ހަބަޝާގެ ރަސްގެފާނު ޢަމްރުގެފާނާއި އެކަލޭގެފާނުގެ ރަހުމަތްތެރިންނަށްވެސް އުފަލާއިއެކު މަރުހަބާ ކިއެވެ.
ހަބަޝާގައި ހޭދަވި ދުވަސްތަކުގައިވެސް ޢަމްރުގެފާނު ވިސްނަވަމުން ދިޔައީ މުސްލިމުންގެ ކިބައިން ބަދަލުހިއްޕަވައި އެކަލޭގެފާނުގެ ހިތްޕުޅިގައި އުފެދިފައިވާ ގިލަން ނައްތާލުމަށެވެ. އެހެންކަމުން ހަބަޝާގައި ހުންނެވި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސަފީރުވެސް އެކަލޭގެފާނާއި ހަވާލުކުރެއްވުމަށް އެރަށުގެ ރަސްގެފާނުގެ އަރިހުން އެދުނެވެ. ޢަމްރުގެފާނުގެ މި އެދުމަށް ރަސްގެފާނު ވަގުތުން ދެކޮޅު ހެއްދެވިއެވެ. އަދި އެކަމާއި ކޯފާ އިސްކުރައްވައި ޢަމްރުގެފާނަށް ހެޔޮވިސްނުން ލިބިލައްވާތޯ ވަރަށް ބޮޑަށް ނަސޭހަތްތެރިވެސް ވެވަޑައިގެންނެވިއެވެ.
ރަސްގެފާނުގެ ވާހަކަތައް އަޑު އައްސަވާފައި ޢަމްރުގެފާނު ހުންނެވީ ހައްގުގެ މަގުގައި ކަމަާއިމެދު އެކަލޭގެފާނުގެ ހިތްޕުޅިގައި ސުވާލުއުފެދެން ފެއްޓެވިއެވެ. އަދި ރަސްގެފާނު ކުރެން އިސްލާމް ދީން ގަބޫލުކުރައްވާނަންތޯ އެއްސެވިއެވެ. ޖަވާބުގައި އެކަލޭގެފާނު އިސްލާމްދީން ގަބޫލުކުރައްވައިގެން ހުންނެވިކަމަށް ރަސްގެފާނު ދެންނެވިއެވެ. ރަސްގެފާނުގެ ވާހަކަފުޅުތަކާއި އެކަލޭގެފާނުގެ ސުވާލަށް ރަސްގެފާނު ދެއްވި ޖަވާބުން އަމްރުގެފާނަށް ވަރަށް ބޮޑު ހައިރާން ކަމެއް ލިބިލެއްވިއެވެ. އަދި މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އެކުރައްވާ މަސައްކަތްޕުޅުތައް އެ ކުރައްވަމުން ގެންދަވަނީ އަމިއްލަ އެއްވެސް އެދުމެއް އެކަމުގައި އޮވެގެން ނޫންކަން އަމްރުގެފާނަށް ޔަގީންވެވަޑައިގަންނަވަން ފެއްޓެވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މައްކާގައި ހޭދަކުރެއްވި ދުވަސްތަކުގައިވެސް އެކަލޭގެފާނުގެ ތެދުވެރިކަމާއި އަމާނާތްތެރިކަން އެނގިލައްވައެވެ. އަދި މުސްލިމުން އެމީހުންގެ ދީނަށް ވަފާތެރިވާ މިންވަރާއި އެ ދީނަށްޓަކައި ޤުރުބާންވާ މިންވަރު ވެސް އަމްރުގެފާނަށް ވަނީ ފެނިވަޑައިގެންފައެވެ.
ހެޔޮގޮތް އެނގި އެކަން އިހްސާސްވެ އަލިކަން ފެނިވަޑައިގެންނެވުމުން ސުބުޙާނަހޫވަތަޢާލާ ނުބައިމަގުން ހިންގަވައި ޖާހިލުކަމުގެ އަނދިރީގައި ހުންނެވުމަކި އަމްރުގެފާނުގެ ޒަމީރުއެއްބަސްވެވޑައިގެންނެވި ކަމަކަށް ނުވިއެވެ. އެހެނީ އެކަލޭގެފާނަކީ އެއަށްވުރެ ވިސްނޭ ބުއްދިވެރި ބޭކަލެކެވެ. އެކަލޭގެފާނު އެވަގުތު އިސްލާމް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި ބައިއަތު ހިއްޕެވި ނަމަވެސް މުސްލިމުން އެކަލޭގެފާނު ބަލައިގަންނަވާނީ އަޚެއްގެ ގޮތުގައި ކަން އެކަލޭގެފާނު ރަނގަޅަށް ދަނެއެވެ. އެހެންކަމުން ލަސްނުކުރައްވައި މަދިނާއަށް ވަޑައިގެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި ބައްދަލުކުރައްވައި އިސްލާމްދީން ގަބޫލުކުރެއްވުމަށް އަޒުމްކަނޑައެޅިއެވެ.
މި ޢަޒުމުގައި އެކަލޭގެފާނު މަދީނާއަށް ދަތުރުފެއްޓެވިއެވެ. މަދީނާއަށް ވަޑައިގެންނެވި މަގުމަތީގައި އެކަލޭގެފާނާއި ޚާލިދުބިން ވަލީދާއި އުޘްމާން ބިން ޠަލްހާއާއި ބައްދަލުވެވޑައިގެންނެވިއެވެ. އަދި ބޭކަލުން މަދީނާއަށް ވަޑައިގެންނަވާ ސަބަބެއް އޮޅުންފިލުއްވިއެވެ. ޖަވާބުގައި އެބޭކަލުންނަށް އިސްލާމް ދީނުގެ ތެދުކަން ޔަގީންވެއްޖެ ކަމާއި އެހެންކަމުން މަދީނާއަށް ވަޑައިގެންނަވަނީ އިސްލާމްދީން ގަބޫލުކުރެއްވުމަށް ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން މި ތިން ބޭކަލުން އެކުއެކީގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި ބައްދަލު ކުރެއްވުމަށް ނިންމެވިއެވެ.
މަދީނާއަށް ވަޑައިގެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަރިހަށް މި ތިން ބޭކަލުން ވަޑައިގެންނެވިއެވެ. އަމްރުގެފާނަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ފެނިވަޑައިގެންނެވުމުން ބިރުން އެކަލޭގެފާނުގެ ހަށިކޮޅު ތުރުތުރު އަޅަން ފެއްޓެވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނަށް އަދަބު ދެއްވާނެކަމަށް އެކަލޭގެފާނަށް ހީފުޅުވެވަޑައިގެންނެވިއެވެ. އެހެންނަމަވެސް، އޭގެ ބަދަލުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހިނިތުންވެވޑައިގެންނެވުމަށްފަހު އެކަލޭގެފާނާއި ބައްދާލެއްވިއެވެ.ރަސޫލާ ޞައްލަﷲގެ މި ޢަމަލު ފުޅުން އަމްރުގެފާނަށް ހައިރާންކަން ލިބިވަޑައިގެންނެވި އެވެ. އަދި ވަގުތުން އެކަލޭގެފާނު އިސްލާމްދީން ގަބޫލު ކުރެއްވި ކަން އިއުލާން ކުރެއްވިއެވެ.
އަމްރުގެފާނު އިސްލާމްވެވަޑައިގެންނެވުމަށްފަހު އެކަލޭގެފާނަށް އޭގެ ކުރިން ކުރެވިފައިވާ ފާފަތަށް ފުއްސެވުން އެދި ﷲއަށް ދެންނެވުމަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަރިހުގައި ދެންނެވިއެއެވެ. އަދި އިސްލާމްވުމަށްފަހުގައި އޭގެ ކުރިން ކުރެވިފައިވާ ހުރިހާ ފާފައެއްވެސް ފުހެވިގެން ދާނެކަމަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމްރުގެފާނަށް ދެންނެވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި މުސްލިމުންގެ އޯގާތެރިކަން ފެނިވަޑައިގެންނެވުމުން އަމްރުގެފާނުގެ ހިތްޕުޅު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި މުސްލިމުންނާއި މެދު ލޯބިންފުރިގެންދިޔައެވެ.
(ނުނިމޭ)
Advertisement
This content is created and paid for by advertisers and does not involve Voice Journalists