ވާހަކަ: ޢަބްދުﷲ ބިން ޢުމަރު ރއ – ޢަދުލުވެރިޔާ (1)

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އިސްލާމް ދީނަށް ގޮވައިލައްވަން ފެއްޓެވި ދުވަހުން ފެށިގެން, މަދީނާއަށް ހިޖުރަ ކުރައްވައި އިސްލާމީ ދައުލަތުގެ ބިންގާ އަޅުއްވައި، އިސްލާމްދީން މި ބިންމަތީގައި ފެތުރިގެން ދިޔަގޮތް އެންމެ ގާތުން ފެނިވަޑައިގެންނެވި ޞަހާބީންގެ ތެރޭގައި އެކަލޭގެފާނު ހިމެނި ވަޑައިގަންނަވައެވެ. ތުއްޕުޅު އިރުން ފެށިގެން އިސްލާމްދީނުގެ ހިދާޔަތު ލިބި، އެ ހީދާޔަތުގެ މަތީގައި، ބޮޑުފުޅުވުމުގެ ސަބަބުން އީމާންތެރިކަން ނުހަނު ވަރުގަދަ ބޭކަލެއްގެ ގޮތުގައި އެކަލޭގެފާނުގެ ފާހަގަކޮށްލެވެއެވެ. އެއީ މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު ބިން އަލް- ޚައްޠާބު ރަޟިޔަﷲ އަންހުގެ ދަރިކަލުން ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހު އެވެ.

ޢަބްދުﷲ ބިން އުމަރު ރަޟިޔަﷲ ޢަންހު އުފަންވެ ވަޑައިގެން ބޮޑުފުޅުވެފައިވަނީ މައްކާގެ ޤަދަރުވެރި ޢާއިލާއެއްގެ ތެރޭގައެވެ. އެކަލޭގެފާނުގެ ބައްޕާފުޅު ޢުމަރު ބިން ޚައްތާބު ރަޟިޔަﷲ ޢަންހު އަކީ ވަރުގަދަ ބޭކަލެއްގެ ގޮތުގައި ގުރަޝުންގެ ތެރޭގައި މަޝްހޫރުކަން ހޯއްދަވާފައިވާ ބޭކަލެކެވެ. އެކަލޭގެފާނަކީ މަޚްޒޫމް ވަންހައިގެން ބޮޑުންގެތެރެއިން ހިމެނި ވަޑައިގަންނަވާ ގަދަރުވެރި ޢިއްޒަތްތެރިއެކެވެ.

އަބްދުﷲގެފާނު ވަރަށް ތުއްޕުޅުއިރު އެކަލޭގެފާނުގެ ބައްޕާޅު އިސްލާމްވެވަޑައިގަންނަވައިފިއެވެ. އެހެންކަމުން އެކަލޭގެފާނު ވެސް ބައްޕާފުޅާއި އެކު އިސްލާމްދީން ގަބޫލުފުކުރައްވައިފިއެވެ.

Advertisement

އަބްދުﷲގެފާނު އިސްލާމްދީން ގަބޫލުފުޅުކުރެއްވި އިރު އުމުރުން ދާދި ހަތް އަހަރު ކަމަށް ތާރީޚީ ފޮތްތަކުން އެނގެއެވެ. އުމުރުފުޅުން ޅަ ނަމަވެސް އިސްލާމްދީން ގަބޫލުކުރެއްވުމުގެ ސަބަބުން މުސްލިމުންނަށް ލިބެމުންދިޔަ އަނިޔާ އާއި އިސްލާމްދިނަށްޓަކައި މުސްލިމުން ވަމުންދިޔަ ގުރުބާނީ އެކަލޭގެފާނަށް ފެނިވަޑައިގަންނަވައެވެ. އެ އަނިޔާ ތަކުގެ ސަބަބުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި މުސްލިމުންނަށް މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަކުަރައްވަން ޖެހިވަޑައިގެންނެވިއެވެ. އެހެންކަމުން ރޭގަނޑުގެ ކަނު އަނދިރީގައި ސިއްރިއްޔާތުގައި ވަރަށް ގިނަ މުސްލިމުން މަދީނާ އަށް ހިޖުރަކުރެއްވި އެވެ. އެހެންނަމަވެސް އެ އެންމެ ބޭފުޅުންނާއި ޚިލާފަށް ޢުމަރުގެފާނު މަދީނާއަށް ހިޖުރަކުރެއްވީ ދުވާލުގެ ވަގުތުގައި ވަރަށްވެސް ފާޅުކަންބޮޑު ކޮށެވެ. ބައްޕާފުޅާއި އެކު އަބްދުﷲގެފާނުވެސް މަދީނާއަށް ހިޖުރަކުރެއްވިއެވެ.

އަބްދުﷲގެފާނު މަދީނާއަށް ހިޖުރަ ކުރެއްވެވިތާ މާގިނަ ދުވަހެއް ނުވަނީސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި އަބޫބަކުރުގެފާނު މަދީނާއަށް ހިޖުރަކުރައްވައިފިއެވެ. އަދި އެ މާތް ބިމުގައި އިސްލާމީ ދައުލަތުގެ ބިންގާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެޅުއްވެވިއެވެ.

މުސްލިމުންނަށް ޖިހާދު ފަރުޟުކުރެއްވުން 

ދުވަސްތައް ފާއިތުވަމުން ގޮސް މުސްލިމުން މަދީނާއަށް ހިޖުރަ ކުރެއްވިތާ 2 އަހަރު ވެއްޖެއެވެ. ގުރަޝުން 1000 މީހުންގެ މައްޗަށް އެކުލެވޭ ބޮޑު ލަޝްކަރަކާއިގެން މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ތައްޔާރުވަމުންދާ ޚަބަރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ލިބިވަޑައިގަންނަވައިފިއެވެ. މި ޚަބަރު ލިބިލެއްވުމާއި އެކު މިކަމާއި ގުޅޭގޮތުން މުސްލިމުންނާއި މަޝްވަރާ ކުރެއްވުމަށް އެކަލޭގެފާނު އަވަސްވެގެންނެވިއެވެ. އަދި މުސްލިމުންގެ ލަޝްކަރާއިގެން މުޝްރިކުންނާއި ދެކޮޅަށް ހަނގުރާމަ އަށް ނުކުންނެވުމަށް ނިންމަވައި މުސްލިމުންގެ ލަޝްކަރު އެކަލަވައި ލައްވަން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ފައްޓަވައިފިއެވެ.

އިސްލާމްދީނުގެ ދިފާއުގައި ހަނގުރާމަ ކުރެއްވުމަކީ އަބްދުﷲގެފާނުވެސް ނުހަނު ބޭނުންވެވަޑައިގަންނަވާ ކަމެކެވެ. އެހެންކަމުން މުސްލިމުންނާއި އެކު ހަނގުރާމަ ކުރެއްވުމުގެ އިޒުނައަށް އެދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަރިހުގައި އެކަލޭގެފާނު ދެންނެވިއެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ ގާތްގަނޑަކަށް 13 އަހަރެވެ. އެހެންކަމުން އެކަލޭގެފާނުގެ ތުއްޕުޅުކަމާއިހުރި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަމަށް އެއްބަސްވެ ވަޑައިއެއްނުގެންނެވިއެވެ. މިކަމުގެ ސަބަބުން އެކަލޭގެފާނު ވަރަށް ހިތާމަކުރައްވައިފިއެވެ. އަދި އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހަށް ވަޑައިގެން، އެކަލޭގެފާނު ހަނގުރާމައަށް ދިޔުމަށް ހުއްދަ ދެއްވުމަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަރިހުގައި ދެންނެވުމަށް ބައްޕާފުޅުގެ އަރިހުގައި ދެންނެވިއެވެ. ނަމަވެސް ބައްޕާފުޅު ވެސް ދެއްވީ އެއް ޖަވާބެކެވެ. އެހެންކަމުން އެކަލޭގެފާނަށް ޖެހިވަޑައިގެންނެވީ ގޭގައި މަޑުކުރައްވައި، ބައްޕާފުޅުގެ ޣައިރު ހާޒިރުގައި އެކަލޭގެފާނުގެ އާއިލާ ބެލެހެއްޓެވުމުގެ މަސައްކަތް ކުރައްވާށެވެ. މިކަމާއި އެކަލޭގެފާނު ވަރަށް ހިތާމަ ކުރެއްވިއެވެ. އެހެންނަމަވެސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި އެކަލޭގެފާނުގެ ބައްޕާފުޅުގެ ބަސް ގަބޫލުކުރައްވައި ގޭގައި މަޑުކުރެއްވިއެވެ. އަދި ހަނގުރާމައިން މުސްލިމުންނަށް ނަސްރު ލިބިވަޑައިގެން އެނބުރި މަދީނާއަށް އަންނާނެ ދުވަހެއްގެ އިންތިޒާރުގައި މުސްލިމުންނަށް ނަސްރު ދެއްވުމަށް އެދި ދުޢާ ދެންނެވުނުގައި ހުންނެވިއެވެ. އަބްދުﷲގެފާނުގެ އިންޒާރުގެ ނިމުން އައީ އެކަލޭގެފާނު އުއްމީދު ކުރެއްވިފަދައިން މުސްލިމުންނަށް ނަސްރުލިބިގެންނެވެ. އެކަމާއި އެކަލޭގެފާނު ނުހަނު އުފާ ކުރެއްވިއެވެ.

ދުވަސްތައް މަސްތަކަށް ބަދަލުވެ މަސްތައް އަހަރަކަށް ވެެއްޖެއެވެ. މުސްލިމުން ގުނަމުން ދިޔައީ ހިޖުރީ ސަނަތުން 3 ވަނައަށްވީ އަހަރެވެ. ގުރައިޝުންގެ 3000 މީހުންގެ ލަޝްކަރެއް، އަންހެނުންނާއި ކުޑަކުދިންނާއި ވެސް އެކު މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަ އަށް އަންނަ ޚަބަރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ލިބިވަޑައިގެންނެވިއެވެ. އެއާއިއެކު ދެން ކަންތައް ކުރައްވާނެ ގޮތަކާއިމެދު އެކަލޭގެފާނު މުސްލިމުންނާއި މަޝްވަރާކުރެއްވިއެވެ. އުމުރުން ދޮށީ ބައެއް ބޭފުޅުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ހިޔާލުފުޅު ދެއްވީ މަދީނާގައި ތިއްބަވައިގެން މުސްލިމުންނާއި އިސްލާމް ދީން ހިމާޔަތް ކުރެއްވުމަށެވެ. އެހެންނަމަވެސް، ޒުވާން ބޭފުޅުން ލަފާދެއްވެވީ މަދީނާއިން ނުކުމެ މުޝްރިކުންނާއި ކުރިމަތިލެއްވުމަށެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށްވެސް ފެނިވަޑައިގެންނެވީ އެއީ ރަނގަޅު ގޮތްކަމުގައެވެ. 

އުމުރުފުޅުން ހަގު ކަމުގައި ވީނަމަވެސް މި ހަނގުރާމައިގައިވެސް ބައިވެރިވެ ވަޑައިގަންނަވަން އަބްދުﷲގެފާނު ވަރަށް ބޮޑަށް އެދިލެއްވިއެވެ. އެހެންކަމުން، އެދުވަހު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މުސްލިމުންގެ ސަފުތަކަށް ހަނގުރާމަ ވެރިން ހަމަޖައްސަވަމުން ގެންދެވިއިރު، އަބްދުﷲގެފާނުގެ ކަނޑިކޮޅާއި އައްޑަނަ ހިއްޕަވައިގެން، ފައިގެ އިނގިލި ކޮޅުގެ މައްޗަށް ކޮޅަށް ތެދުވެ ވަޑައިގެން އެތަނުން ސަފެއްގައި ހުންނެވިއެވެ. އެހެންނަމަވެސް މިފަހަރުވެސް އެކަލޭގެފާނުގެ ހަގު ކަމުން ޖިހާދު ކުރެއްވުމުގެ ފުރުސަތު ލިބިވަޑައެއްނުގެންނެވިއެވެ. އެހެންކަމުން އެނބުރި ގެއަށް ވަޑައިގެން، އުހުދު ހަނގުރާމައިގައި ވެސް މުސްލިމުންނަށް ކާމިޔާބީ ދެއްވުން އެދި ދުޢާ ކުރެއްވުމުގައި ހުންނެވިއެވެ. މިހަނގުރާމައިގެ ކުރީކޮޅު މުސްލިމުންނަށް ނަސްރު ލިބެމުން ދިޔަނަމަވެސް ވަކި ހިސާބަކުން މުޝްރިކުންގެ ކޮޅު ގަދަވާން ފެށިއެވެ. އެހެންނަމަވެސް ސާބިތު ކަމާއިއެކު ހަނގުރާމަ ކުރެއްވި މަދު މުސްލިމް ބޭކަލުންގެ މިންނެތް މަސައްކަތުން، ހަނގުރާމަ ނިމިގެން ދިޔައީ މުސްލިމުންނަށް ކާމިޔާބީ ލިބިގެންނެވެ.

އުހުދު ހަނގުރާމަ އަށްފަހު މުސްލިމުންނާއި ކުރިމަތިވެލެއްވި އެންމެ ބިރުވެރި އެއް ހަނގުރާމަ ކަމުގައިވާ ޚަންދަގު ހަގުރާމައިގައި ބައިވެރިވެލެއްވުމުގެ ފުރުސަތު އަބްދުﷲގެފާނަށް ލިބިވަޑައިގެންނެވިއެވެ. އެގޮތުން އެހެން މުސްލިމުންނެކޭވެސް އެއްފަދައިން ޚަންދަގު ކޮންނެވުމުހައި އެކަލޭގެފާނުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. 10000 މީހުންގެ ލަޝްކަރަކާއިގެން ގުރައިޝުން އިސްލާމްދީން ނައްތާލުމަށް ޓަކައި މަދިނާ ވަށާލިއެވެ. އެހެންނަމަވެސް ޚަންދަގުތަކުގެ ސަބަބުން މަދީނާއަށް އެތެރެވެވޭގޮތް ނުވެ، މި ހަނގުރާމަވެސް ނިމިގެންދިޔައީ މުސްލިމުންނަށް ކާމިޔާބީ ލިބިގެންނެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ސުވަރުގެ ވަޑައިގަތުން

ދުވަސްތައް ފާއިތުވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. މުސްލިމުން އެމީހުންގެ އަމިއްލަ ވަޒަނުން ބޭރުކޮށްލައި، އެތައް އަނިޔާއެެއްދީ ދިރިއުޅުމަށްވެސް އެތައް ދަތި ތަކެއް ކުރަމުން ދިޔަ މައްކާގެ މުޝްރިކުންނާއި ދެކޮޅަށް ހަނގުރާމަ ކޮށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި އަބްދުﷲގެފާއި އަދި އެތައް މުސްލިމުންގެ އަމިއްލަ ވަޒަން، އާދެ، މައްކާ ފަތަޙަ ކުރެއްވުމުގެ ދުވަސް އަތުވެއްޖެއެވެ. މައްކާ ފަތަޙަ ކުރެއްވުމުގެ މި ހަނގުރާމައިގައިވެސް އަބްދުﷲގެފާނު ބައިވެރިވެ ވަޑައިގެންނެވިއެވެ. އެދުވަހު މައްކާ ފަތަޙަ ކުރެއްވުމާއި އެކު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި މުސްލިމުންނަށް އެތައް އަނިޔާ ތަކެއް ދިން މައްކާގެ މުޝްރިކުންގެ ކިބައިން އެކަލޭގެފާނު ބަދަލެއް ނުހިއްޕެވިއެވެ. އެހެނެއް ކަމަކު އެއީ މިނިވަނުންކަމަށް ވިދާޅުވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ މި ދެއްކެވި އޯގާތެރި ކަމުގެ ސަބަބުން ހިތައް ކުރި އަސަރުގެ ސަބަބުން މައްކާގެ މިހުންވެސް ހިތުން ރުހުމުން އިސްލާމްދީން ގަބޫލުކުރެއްވިއެވެ.

ހިޖުރީ ސަނަތުން 10 ވަނަ އަށްވީއަހަރު 100,000 އެއްހާ މުސްލިމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަރިހުގައި ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ދަތުރު ފެއްޓެވިއެވެ. މި ދަތުރުގައި އަބްދުﷲގެފާނާއި، ބައްޕާފުޅު ޢުމަރުގެފާނުވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. ނި ދަތުރު ފުޅުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މުސްލިމުންނާއި މުޚާތަބު ކުރައްވައި ހައްޖަތުލް ވަދާއުގެ ޚުތުބާ ދެއްވެވިއެވެ. މި ޚުތުބާއިން އިސްލާމް ދީނާއި ގުޅުންހުރި އެތަކެއް ކަންކަމާއި ގުޅޭގޮތުން އަބްދުﷲގެފާނަށް ޢިލްމު ލިބިވަޑައިގެންނެވިއެވެ. މީގެ އިތުރުން ވެސް، ތުއްޕުޅު އިރުން ފެށިގެން ވެސް އެކަލޭގެފާނު ވެފައިވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި ނުހަނު އަރިސް ބޭކަލެއްގެގޮތުގައެވެ. އިސްލާމް ދީނާއި ގުޅޭ ޢިލްމު އެކަލޭގެފާނު ދަސްކުރައްވާފައިވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަރިހުންނެވެ. މީހެ ނަތީޖާއެއްގެ ގޮތުން އެކަލޭގެފާނުގެ އެކަލޭގެފާނަށްވުރެ އިސް ޞަހާބީބޭކަލުންވެސް އިސްލާމީ ޝަރީޢަތާއި ގުޅުންހުރި އެކިއެކި ކަންކަމުގެ ހުކުމް ދެނެގަތުމަށް ޢަބްދުﷲގެފާނުގެ އަރިހަށް ޒިޔާރަތް ކުރައްވައެވެ.

ހައްޖަތުލް ވަދާއުއަށްފަހު އަބްދުﷲގެފާނުވެސް އެނބުރި މަދީނާއަށް ވަޑައިގެންނެވި އެވެ. އޭގެ ދުވަސްކޮޅެއް ފަހުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާލާސްކަންފުޅާއި އުކުއްވާ ޚަބަރު އެކަލޭގެފާނަށް ލިބިވަޑައިގެންނެވިއެވެ. މިޚަބަރު ވެގެންދިޔައީ އެކަލޭގެފާނު ވަރަށް ހިތާމަފުޅުކުރެއްވި ޚަބަރަކަށެވެ. އެހެނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މި ފަނާވަނިވި ދުނިޔެއާއި އަލްވަދާއު ކިޔުއްވައި ސުވަރުގެ ވަޑައިގެންނަވާ ދުވަސް ގާތްވެއްޖެ ކަން އެކަލޭގެފާނާއި އެހެނިހެން މުސްލިމުންނަށްވެސް އެނގިލައްވައެވެ. އެހެންކަމުން އަބްދުﷲގެފާނު މަސައްކަތް ކުރެއްވީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުގައި ވޭހާވެސް ގިނަ ވަގުތު ހޭދަކުރެއްވޭތޯއެވެ. އެހެން ނަމަވެސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާލާސްކަންފުޅާއި އޮންނެވިތަން ފެނިވަޑައިގަންނަވާ ކޮންމެ ފަހަރަކު އެކަލޭގެފަނުގެ ލޯފުޅުން ކަރުނަ އޮހޮރިގެން ދެއެވެ. އެ ކޮންމެ ފަހަރަކުވެސް އެއީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދުނިޔޭގައި ހުންނަވަނިކޮށް ފެނިވަޑައިގަންނަވާނެ އެންމެ ފަހު ފަހަރޭ އެކަލޭގެފާނަށް ހީވާކަހަލައެވެ.

އެގޮތުގައި އާލާސްކަންފުޅާއި އުޅުއްވުމަށްފަހު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ސުވަރުގެ ވަޑައިގެންނެވި ޚަބަރު އަބްދުﷲގެފާނަށް ލިބިވަޑައިގެންފިއެވެ. މި ޚަބަރު ވެގެންދިޔައީ އެކަލޭގެފާނާއި މުސްލިމުންނަށްވެސް ގަބޫލު ކުރައްވަންވެސް ދަތި ކަމަކަށެވެ. އެއީ މުޅި އިސްލާމީ އުންމަތަށް ވެސް ލިބިގެންދިޔަ ފޫ ނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ކަން އަބްދުﷲގެފާނަށްވެސް އެނގިލައްވައެވެ. އެހެނެއްކަމަކު އެއީ ﷲގެ ގަދަރުފުޅެވެ. އެކަލާނގެ ގަދަރުފުޅުގެ މައްޗަށް އިތުރު އެއްވެސް މީހެއްގެ ބަސް ނުހިނގާނެތެވެ. އެހެންކަމުން އެ ލިބިލެއްވި ފުން ހިތާމައިގެ ތެރެއިންވެސް އެކަލޭގެފާނު ކެތްތެރިވެވަޑައިގެންނެވިއެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަރިހުން އެކަލޭގެފާނަށް ލިބިލެއްވި ދީނީ ޢިލްމު ފަތުރައްވައި، އިސްލާމްދީނުގެ އަލިކަން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދެއްވުމަށް ކުރެވެން ހުރި ހުރިހާ ކަމެެއް ކުރެއްވުމަށް އަޒުމް ކަނޑައެޅުއްވިއެވެ.

(ނުނިމޭ)

އެޑިޓަރުގެ ނޯޓް
ނޯޓް: މިއީ ދާރުއްސަލާމް ޕަބްލިޝާސްގެ ފަރާތުން ނެރެފައިވާ " ދަ ގޯލްޑެން ސީރީސް އޮފް ދަ ޕްރޮފެޓް’ސް ކޮމްޕޭނިއަންސް" ސީރީސްގެ ދަށުން ނެރެފައިވާ "ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ އަންހު – ދަ ޖުރިސްޓް" ފޮތް އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement