ވާހަކަ: ޢަބްދުﷲ ބިން ޢުމަރު ރއ – ޢަދުލުވެރިޔާ (2)

ޚަލީފާއިންގެ ދައުރުގައި

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ސުވަރުގެ ވަޑައިގެންވުމަށްފަހު އަބޫބަކުރުގެފާނު ޚަލީފާކަމަށް އިސްކުރެއްވުނެވެ. އެކަލޭގެފާނުގެ ޚިލާފަތުގެ ދުވަސްވަރުގައިވެސް އަބްދުﷲ ގެފާނަށް ވެވުނު މިންވަރަކުން އިސްލާމްދީން ފެތުރުމުގެ މަސައްކަތް ކުރެއްވި އެވެ. މިގޮތުން އަރަބި ޖަރައިގެ ތެރޭގައި އުފެދިފައިވީ ހަމަ ނުޖެހުން ނައްތާލައި، މުސްލިމުންގެ މެދުގައި ފިތުނަ އުފައްދައި މުސްލިމުންނާ ދެކޮޅަށް ރޭވުންތައް ރާވަމުންދިޔަ މީހުންނާއި ދެކޮޅަށް ކުރެވެމުންދިޔަ ހަގުރާމަ ތަކުގައި އެކަލޭގެފާނު ބައިވެރިވެ ވަޑައިގެންނެވި އެވެ. މިގޮތުން ނަބީކަމަށް ދައުވާކޮށް އުޅުނު މުސައިލަމަތުލް ކައްޒާބުއޭ ކިޔުނު ދޮގުވެރިޔާ ގަތުލުކުރެވިގެން ދިޔަ ހަނގުރާމައިގައިވެސް އަބްދުﷲގެފާނު އިސްރޯލެއް އަދާކުރެއްވިއެވެ.

އަރަބި ކަރައިގެ ކަންކަން ހަމައަކަށް އެޅުމުން، އަރަބިކަރައިގެ އުތުރުގެ ބޯޑަރު ސަރަހައްދުގައި ރޫމީންނާއި ދެކޮޅަށް މުސްލިމުން ކުރައްވަމުން ދިޔަ ހަނގުރާމައިގައި އެކަލޭގެފާނު ބައިވެރިވެވަޑަގެންނެވިއެވެ. ދުވަސްކޮޅެއްގެ ތެރޭގައި އެ ޒަމާނުގައި އޮތް އެންމެ ބާރުގަދަ ދެ ބައިގަނޑު ކަމަށްވާ ޢަރަބި ކަރައިގެ އުތުރުގައި ދިރިއުޅެމުންދިޔަ ރޫމީންނާއި، އިރުމަތީ ސަރަހައްދުގައި ރަސްކަން ކުރަމުން ދިޔަ ފާރިސީން ބަލިކޮށް އެ ސަރަހައްދުގެ ގިނަ ބިންތައް މުސްލިމުންގެ އަތްދަށަށް ގެނެވުނެވެ.

Advertisement

އަބޫބަކުރުގެފާނު އަވަހާރަވެޑައިގަތުމުން އަބްދުﷲގެފާނުގެ ބައްޕާފުޅު، އުމަރު ބިން ޚައްތާބު ޚަލީފާކަމަށް އިސްކުރެވުނެވެ. އެއީ އަބޫބަކުރުގެފާނު އަވަހާރަވެޑައިގަތުމުގެ ކުރިން މުސްލިމުންނާއިއެކު މަޝްވަރާކުރެވި ނިންމަވާފައިވާ ގޮތެވެ.

އުމަރުގެފާނުގެ ޚިލާފަތުގައިވެސް އިސްލާމްދީން ފެތުރުއްވުމުގެ މަސައްކަތް އެކަލޭގެފާނު ކެނޑިނޭޅި ކުރައްވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ ޚިލާފަތުގެ އަބްދުﷲގެފާނަށް އިސްމަގާމެއް ދެއްވުމަށް ވަރަށް ގިނަ މުސްލިމުން އެދި ލެއްވިއެވެ. އެހެނީ އަބްދުﷲގެފާނަކީ އިލްމުވެރި އަދި ހުނަރުވެރި ބޭކަލެކެވެ. އެހެން ނަމަވެސް އުމަރުގެފާނުގެ ޚިލާފަތުގައި އަބްދުﷲގެފާނަށް އެފަދަ އެއްވެސް މަގާމެއް ދެއްވުމަށް އުމަރުގެފާނު އެއްބަސްވެވަޑައެއް ނުގެންނެވިއެވެ. އެހެނެއްކަމަކު އެކިއެކި ކަންކަމުގައި އެކަލޭގެފަނުގެ މަޝްވަރާ ހޯއްދެވިއެވެ. އަދި އިސް ޞަހާބީންވެސް ދީނީ އެކިކަންކަމުގައި އަބްދުﷲގެފާނުގެ ޚިޔާލުފުޅު ހޯއްދަވަމުން ގެންދެވިއެވެ.

އުމަރުގެފާނަށްފަހު ޚަލީފާ އަކަށް ޢައްޔަން ކުރައްވާނެ ބޭފުޅެއް ކަނޑައެޅުއްވުމަށް 6 ބޭފުޅެއްގެ ނަންފުޅު ހުށަހަޅުއްވަން އުމަރުގެފާނު ޞަހާބީންނާއި މަޝްވަރާކުރެއްވިއެވެ. މިފަހަރު ވެސް އަބްދުﷲގެފާނު އެ 6 ބޭފުޅުންގެ ތެރޭގައި ހިމެނުއްވުމަށް ބައެއް ބޭފުޅުން ޚިޔާލުދެއްވިއެވެ. އެހެންނަމަވެސް، މިފަހަރުވެސް އުމަރުގެފާނު އެކަމަށް ކުރެއްވީ އިންކާރެވެ.

މީގެ އިތުރުން ކޫފާގެ މީސްތަކުންގެ ވެރިމީހާ އާއި މެދު އެރަށުގެ މީހުން ޝަކުވާ ކުރާތީ އެތަނަށް ރަނގަޅު އިތުބާރު ހިފޭ ވެރިއެއް އައްޔަން ކުރައްވަން އެކަލޭގެފާނު ބޭނުންފުޅުވެލައްވާކަން ހާމަ ކުރެއްވުނުންވެސް ޞަހާބީން ދެންނެވީ އަބްދުﷲގެފާނުގެ ނަންފުޅެވެ. އެހެންނަމަވެސް، އެކަމަށް އުމަރުގެފާނު އިންކާރު ކުރެއްވިއެވެ.

އުމަރުގެފާނު އަވާހާރަވެވޑައިގަތުމުން މުސްލިމުންގެ 3 ވަނަ ޚަލީފާއަކަށް އުޘްމާން ބިން ޢައްފާން ޢައްޔަންކުރެވިގެން ދިޔައެވެ. އުޘްމާންގެފާނުގެ ޚިލާފަތުގައި ގާޟީއެއްގެ މަގާމަށް އަބްދުﷲގެފާނު ޢައްޔަން ކުރެވުމަށް އުޘްމާންގެފާނު ބޭނުންވެވަޑައިގެންނެވިއެވެ. އެހެންނަމަވެސް އަބްދުﷲގެފާނު އެކަމަށް އިންކާރު ކުރެއްވިއެވެ. އަދި އެކިއެކި ކަންކަމުގެ އުޘްމާންގެފާނަށް ލަފާއެރުވުގައި ހުންނެވިއެވެ.

އުޘްމާންގެފާނުގެ ޚިލާފަތުގައި މުސްލިމުންގެ މެދުގައި ފިތުނަ އުފެދިގެންދިޔައެވެ. މިޚިޔާލު ތަފާތުކުރުންތައް އިތުރުވެ މުސްލިމުންގެ ތެރެއިންވާ އިސްލާމްދީނުގެ ޢަދުއްވުން އިސްލާމްދީން ނެތިކޮށްލުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް އަބްދުﷲގެފާނު އުޘްމާންގެފާނަށް ހަފާދެއްވިއެވެ. އެހެންނަމަވެސް، އުޘްމާންގެފާނުގެ ބޭނުންވެވޑައިގެންނެވީ ހަނގުރާމައެއް ނުކޮށް ސުލްހަވެރިކަމާއި އެކު އެކަންތައް ނިންމަވާށެވެ. މީގެ ނަތީޖާއެއްގެ ފިތުނަވެރިން ކުރަމުން ދިޔަ މަސައްކަތްތައް އިތުރުވެ، އެ ފިތުނަވެރިންގެ އަތްދަށުވެ އުޘްމާންގެފާނު ޝަހީދުވެވަޑައިގެންނެވިއެވެ. މިއާއި އެކު މުސްލިމުން އިތުރަށް ބައިބައި ވާންފަށައިފިއެވެ. 

އެހެންކަމުން މުސްލިމުންގެ މެދުގައި ސުލްހަ މަސަލަސްކަން ޤާއިމް ކޮށް، އުޘްމާންގެފާނު ޝަހީދުކޮށްލި މީހުންނަށް ހައްގު އަދަބު ދިނުމަށް ޢަލީގެފާނު މުސްލިމުންގެ ޚަލީފާއަކަށް ޢައްޔަންކުރެވިގެން ދިޔައެވެ.

ޢަލީގެފާނާއި، ދިމިޝްޤުގެ ވެރިއަކަށް އޭރު ހުންނެވި މުޢާވިޔަތުގެފާނާއި ދެމެދުގައި އުފެދުނު ހަމަ ނުޖެހުންގަނގެއްގެ ސަބަބުން މި ދެބޭކަލުން އެ ދެބޭކަލުންނަށް ތާއީދު ކުރައްވާ މުސްލިމުންނާއިއެކު އެއްބަޔަކު އަނެއް ބަޔަކާއި ހަނގުރާމަ ކުރާ ހިސާބަށް މައްސަލަ ބޮޑުވެގެން ހިނގައްޖެއެވެ.

މިއީ އިސްލާމްދީނުގެ ޢަދުއްވުން، އިސްލާމްދީން މިބިންމަތިން ފުހެލުމަށް ރާވަމުންދާ ނުބައި ރޭވުންތަކެއްކަން އެނގި، އެކަން ހުއްޓުވުމަށް ޢަބްދުﷲގެފާނު ޢަލީގެފާނާއި، މުޢާވިޔަތުގެފާނާއި ވެސް ވާހަކަދެއްކެވިއެވެ. އަދި އެ މައްސަލަ ހައްލުކުރެއްވުމަށް ވަރަށް މަސައްކަތް ކުރެއްވިއެވެ. އެހެންނަމަވެސް އެކަލޭގެފާނަށް އެކަމުގައި ކާމިޔާބީއެއް ނުލިބުނެވެ. އެހެންކަމުން މި މައްސަލައިގެ ތެރެއަށް ނުވަދެ އެއްވެސް ބޭފުޅެއްގެ ފާރަތަށް ޖެހިވަޑައިނުގަނެ އެކަހެރިވެ ހުންނަވަން އެކަލޭގެފާނު ނިންމެވިއެވެ.

އަބްދުﷲގެފާނުގެ މަސައްކަތްޕުޅަކީ މުޝްރިކުންނާއި ދެކޮޅަށް ހަނގުރާމަ ކުރެއްވުން ކަމަށް އެކަލޭގެފާނު ދެކެވަޑައިގެންނެވިއެވެ. އަދި މުސްލިމުންނާއި މުސްލިމުންނާ ދެމެދު ހިނގާ ހަނގުރާމައެއްގައި ވަކިކޮޅެއްގައި ހުންނެވުމަކީ އެއްވެސް ގަބޫލުކުރެވޭ ކަމެއް ނޫންކަމަށްވެސް އެކަލޭގެފާނު ދެކެވަޑައިގެންނެވިއެވެ.

އަބްދުﷲގެފާނު ޢަލީގެފާނާއި އެއްބައިވެވަޑައިގަންނަވަން އެއްބަސްވެޑައި ނުގަތްކަން މުޢާވިޔަތުގެފާނަށް އެނގިވަޑައިގެންނެވުމުން މުޢާވިޔަތުގެފާނާއި އެއްބައިވުމަށް އެކަލޭގެފާނަށް ދެންނެވުނެވެ. އެހެންނަމަވެސް އޭގެ ޖަވާބުގައި އެކަލޭގެފާނު ފޮނުއްވެވި ސިޓީއެއްގައި ވެއެވެ. 

"އަހުރެން ކަލޭގެފާނާއި އެއްބައި ނުވާނަމެވެ. އަހަރެން އަލީގެފާނާއި އެއްބައި ނުވުމަށް ނިންމީ އެކަލޭގެފާނާއި މެދު ނުބައިކޮށް ހީވާތީއެއްނޫނެވެ. އެފަދައިން ހީފުޅުވާނަ ކަލޭގެފާނަށް ތިވެޑައިގަންނަވަނީ ކުށްހީއެކެވެ. އެކަލޭގެފާނާއި އަހަރެންނާއި އީމާންކަމުންނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި އޮތް ގުޅުމުންވެސް ހަމަހަމަވެގެން ނުވާކަން ކަށަވަރެވެ. އަހަރެންގެ މައްސަލަ އަކީ އަހަރެހެންނަށް އެކަމަކާއި ގުޅިގެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ފަރާތުން އެއްވެސް ޢިލްމެއް ލިބިލައްވާފައި ނުވާކަމެއްގައި އަހަރެން ބައިވެރިވަން ބޭނުންނުވުމެވެ."

އެހެންކަމުން އެ ހަމަނުޖެހުންގަނޑު ހިނގައި ދިޔައިރު އަބްދުﷲގެފާނު އިންނެވީ ގެކޮޅުގައި އެކަހެރިވެ ވަޑައިގަންނަވައިގެންނެވެ. މީހަކު އެކަލޭގެފާނުގެ އަރިހުގައި އެ ހަމަނުޖެހުންގަނޑުގައި ބައިވެރިވެލެއްވުމަށް އެދުމުންވެސް އެކަލޭގެފާނު ވިދާޅުވިއެވެ.

"އެއްވެސް މީހަކު އަހުރެންނަށް ނަމާދަށް އަންނަން ގޮވައިފިނަމަ އަހުރެން އެކަމަށް އިޖާބަދޭނަމެވެ. އަދި އެއްވެސް މީހަކު އަހަރެންނަށް އަޅުކަމެއް ކުރުމަށް ގޮވާލައިފި ނަމަވެސް އަހަރެން އިޖާބަދޭނަމެވެ. އެހެންނަމަވެސް އެއްވެސް މީހަކު އަހުރެންނަށް މުސްލިމަކާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ގޮވާލައިފި ނަމަ އަހަރެން އޭނާގެ އެ ގޮވައިލުމަށް އިޖާބައެއް ނުދޭނަމެވެ."

އަވަހާރަވެވަޑައިގަތުން

ހަތަރު ޚަލީފާއިންގެ ދައުރަށް ފަހުގައި އުމަވީ ޚިލާފަތުގެ ދައުރުގައިވެސް އަބްދުﷲގެފާނު މަސައްކަތް ކުރައްވަމުން ދިޔައީ މުސްލިމު ވެރިންނާއި، އެންމެހައި މުސްލިމުންނަށް އިސްލާމް ދީނާއި ގުޅުންހުރި މައުލޫމާތު ތެދުވެރި ކަމާއި އެކު، އެކަލޭގެފާނަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަރިހުން އެނގިވަޑައިގެންނެވި ފަދައިން ފޯރުކޮށްދެއްވުމަަށެވެ. އެހެންނަމަވެސް، އެޒަމާނުގައި އުޅެމުންދިޔަ ނުބައި ވެރިންނަށް ހީވެގެން ދިޔައީ އަބްދުﷲގެފާނު މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ އެމީހުންނަށް ލިބިފައިވާ އިއްޒަތާއި ޝަރަފު ނެތިކޮށްލުމަށް ކަމަށެވެ. އަބްދުﷲގެފާނު މީސްތަކުންނަށް ކިޔައިދެއްވަމުން ގެންދެވި ވާހަކަފުޅުތައް އެމީހުންނަށް ކަމަކުނުދިޔައެވެ. އެފަދަ ވެރިންނާއި މީހުންގެ ފަރާތުން އައި އުދަގުލާއި ތުރާލަށް އެއްވެސް ސަމާލުކަމެއް ނުދެއްވައި އަބްދުﷲގެފާނު އެކަލޭގެފާނުގެ މަސައްކަތްޕުޅާއިގެން ކުރިއަށް ވަޑައިގެންނެވިއެވެ. ތާރީޚީ ބައެއް ފޮތްތަކުން އެނގޭ ގޮތުން އަބްދުﷲގެފާނު އަވަހާރަވެޑައިގަތީ އަލް ހައްޖާޖު ބިން ޔޫސުފު އޭކިޔުނު މުނާފިގު ވެރިއެއްގެ އެކަލޭގެފާނަށް ޒަހަރު ދެއްވުމުގެ ސަބަބުންނެވެ. އެ މުނާފިގު ވެރިޔާ ކަންތައް ކުރަމުން އައި ނުރަނގަޅު ކަންކަން ރަނގަޅު ކުރުމަށް އަބްދުﷲގެފާނު ވިދާޅުވާތީ އޭނާ ހިތްހަމަނުޖެހިގެން އެފަދައިން ކަންކުރީކަމަށް ވެސް ތާރީޚުން އެނގެއެވެ.

މަދީނާއަށް ހިޖުރަ ކުރެއްވިތާ ގާތްގަނޑަކަށް 70 އަހަރަށްވުރެ ގިނަ ދުވަސް ވީފަހުން އެކަލޭގެފާނު މި ދުނިޔެ ދޫކުރެއްވީ މުސްލިމުންނަށްޓަކައި ފުންކަނޑެއްގެ ފުރައި ޢިލްމު ދެއްވާފައެވެ. އިސްލާމީ ޝަރީއަތުގެ ވަރަށް ގިނަ ކަންމުގައި އަދުގެ އިލްމު ވެރިން ވެސް އެކަލޭގެފާނުގެ ރައުޔަށް އިސްކަންދެއްވައެވެ.

ފަހުބަސް

އަބްދުﷲގެފާނަކީ އެކަލޭގެފާނުގެ އަޅުވެރިކަމާއި، ތެދުވެރިކަމާއި، ހިތްތިރިކަމާއި، ދީލަތިކަމާއި، ޢަދުލުވެރިކަމަށް މަޝްހޫރުބޭކަލެކެވެ. އެއްދުވަހަކު އެކަލޭގެފާނުގެ އަޅެއް އަދަބު ލިބޭފަދަ ކުށެއް ކޮށްގެން އެކަލޭގެފާނުގެ އަރިހަށް ގެނެވުނެވެ. އަދި އޭނާ އެ ކުށް ކޮށްފައިވާ ސަބަބު އަބްދުﷲގެފާނު އޭނާކުރެން އޮޅުންފިލުއްވިއެވެ. އޭގެ ޖަވާބުގައި އޭނާ އަބްދުﷲގެފާނު ކުށެއް ނުކުރައްވަންތޯ އެހިއެވެ. ޖަވާބުގައި، އެކަލޭގެފާނަށްވެސް ވަރަށް ގިނައިން ޖުށް ކުރެއްވޭ ކަމަށް ވިދާޅުވިއެވެ. ދެން އެ އަޅުކަލޭގެ ބުންޏެވެ. " އެކަމަކު ﷲ ކަލޭގެފާނަށް ޢަފޫ ކޮށްދެއްވި ނޫން ހެއްޔެވެ؟ އެހެންވީމާ ﷲ ކަލޭގެފާނަށް ރަހުމްކުރެއްވިފަދައިން އަހުރެންނަށް ރަހުމްކުރާށެވެ". ދެން އަބްދުﷲގެފާނު އޭނާއަށް މަޢާފުކޮށް ދޫކޮށްލައިފިއެވެ. 

އެހެން ހާދީސާއެއްގައި، އެކަލޭގެފާނުގެ ރަހުމަތްތެރިއަކު އެކަލޭގެފާނަށް ވަރަށް ރިވެތި، ވަރަށް އޮމާން ފޮށްޗަކުން ފަހާފައިވާ ފޭރާންކޮޅެއް ގެނެސްދެއްވިއެވެ. އަދި އެކަލޭގެފާނު ތުރު ކުރައްވައިގެން ހުންނެވި ފޭރާންކޮޅުގެ ބަދަލުގައި އެ ތުރުކުރެއްވުމަށް އެދިލެއްވިއެވެ. އަބްދުﷲގެފާނު އެ ލިބާސްކޮޅުގައި އަތް ޖައްސަވައިލެއްވުމަށްފަހު އެއީ ފަށުވި ފޭރާމެއްތޯ އެއްސެވިއެވެ. ޖަވާބުގައި ނޫނެކޭ ވިދާޅުވުމުންވެސް އެފޭރާން ތުރުކުރައްވަން އެކަލޭގެފާނު އެއްބަސްވެވަޑައެއްނުގެންނެވިއެވެ. އަދި ދެންނެވިއެވެ. " މި ހެދުމުގެ ސަބަބުން އަހުރެން މީ ބޮޑާ، ކިބުރުވެރި މީހަކަށް ވެދާނެތީ އަހަރެން ބިރުގަނެއެވެ. ބޮޑާ މީހުންދެކެ ﷲ ސުބުޙާނަހޫވަތަޢާލާ ލޯބިވެވޮޑިގެނެއް ނުވެއެވެ."

އަބްދުﷲގެފާނު އެކަލޭގެފާނުގެ ނުޅި ހަޔާތްވެސް ބިނާކުރެއްވީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ބަސްފުޅާއި ޢަމަލުފުޅުގެ މައްޗަށެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަންނަނިވި ހަދީޘް ބަސްފުޅު އެކަލޭގެފާނު އަބަދުވެސް ހަނދުމަބަހައްޓަވައެވެ.

" އޭ އުމަރުގެ ދަރިޔާއެވެ! މިދުނިޔެމަތީގައި ތިބާއީ ބީރައްޓެއްސެއް ނުވަތަ ދަތުރު ވެރިއެއް ކަމުގައި ދެކޭށެވެ، އަދި އަބަދުވެސް އުޚުރަވީ ހަޔާތަށް ތައްޔާރުވާށެވެ."

އެކަލޭގެފާނުގެ މުޅި ހަޔާތްވެސް ވޭތުކޮށްފައިވަނި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ މި ނަސޭހަތްޕުޅުގެ މައްޗަށެވެ. މާތް ﷲ އެކަލޭގެފާނަށް ރަހުމަތް ލައްވާށިއެވެ! އާމީން.

(ނިމުނީ)

އެޑިޓަރުގެ ނޯޓް
ނޯޓް: މިއީ ދާރުއްސަލާމް ޕަބްލިޝާސްގެ ފަރާތުން ނެރެފައިވާ " ދަ ގޯލްޑެން ސީރީސް އޮފް ދަ ޕްރޮފެޓް’ސް ކޮމްޕޭނިއަންސް" ސީރީސްގެ ދަށުން ނެރެފައިވާ "ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ އަންހު – ދަ ޖުރިސްޓް" ފޮތް އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement