އިސްލާމީ ޝަރީއާ ދަންނަ މީހަކަށްނޫނީ ވަކީލުކަން ހަވާލުކުރަން ހެޔޮނުވާނެ: ޑރ އިޔާޒް

19 Jan 2019 | 12:03

ވަރަށް ރަނގަޅަށް އިސްލާމީ ޝަރީއާގެ ބައިވެސް ދަންނަމީހަކަށްނޫނީ ރާއްޖޭގައި ގާނޫނީ ވަކީލުކަން ހަވާލުކުރަން ހެޔޮނުވާނެކަމަށް ދީނީ ޢިލްމުވެރިޔާ ޑޮކްޓަރ މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑޮކްޓަރ އިޔާޒް މިހެން ވިދާޅުވެފައިވަނީ އަލް އަޒްހަރް ޔުނިވަރސިޓީން ބެޗްލަރސް އޮފް ޝަރީއާ އެންޑް ލޯއިން ޑިގްރީ ނަންގަވައިގެން ރާއްޖޭގެ އެޓަރނީޖެނެރަލް އޮފީހުގައި ސީނިއަރ ސްޓޭޓް އެޓަރނީއެއްގެ ގޮތުގައާއި އަދި ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްކަން ކޮށްފައިވާ ލޯޔަރ ހުސައިން ޝަމީމް ކީރިތި ގުރްއާންގައި ލޮލަށް ނުފެންނަ އިންވިޒިބްލް އާޔަތްތަކެއް ހުރިކަމަށް ދެކި، އެއާޔަތްތައް އޮޅުން ފިލުވަން ޑޮކްޓަރ އިޔާޒާއި ޓްވީޓާގައި ކުރިމަތިކުރި ސުވާލުތަކަކަށް އިޔާޒް ޖަވާބުދިނުމުން ތިމަންނައަށް ގެޓް ނުވިކަމަށާއި ގުރުއާންގައި ފެންނަންނެތް އެކަމަކު އަމަލުކުރަންޖެހޭ އާޔަތްތަކަކީ ކޮބައިކަން އެގޭނެގޮތެއް ހަދައިދޭން އެދޭކަމަށް ބުނުމުންނެވެ.

ޝަމީމް އޭނާގެ ޓުވީޓާގައި ޝެއިޚާއި ކުރިމަތި ކުރި ސުވާލުތަކަށް ޝެއިޚްގެ ފަރާތުން ޖަވާބު ނުލިބުނުކަމަށް ބުނެފައިވެއެވެ. އޭގެ ބަދަލުގައި ޝެއިޚް ވަރަށް ބޮޑަށް އަޕްސެޓް ވީކަމަށާއި ތިމަންނައަކީ ދަސްކުރުމުގެ ބައި ސްލޯމީހަކަށްވާތީ ޖަވާބުގެ ގޮތުގައި ފޮނުވީ ލިންކުން ޖަވާބު ނުލިބުމުން އަދިވެސް އޭނާ ކުރިމަތިކުރި ސުވާލު އޮތްގޮތަށް އޮތީކަމުގައި ބުނެފައިވެއެވެ.

މިސުވާލުތައް މިއަންނަނީ އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ ރަޖަމްކުރުމުގެ ހުކުމަކީ ގުރުއާންގައި ނެތް ހުކުމެއްކަމަށް ދިވެހިންގެތެރެއިން ބަޔަކު ސޯޝަލް މީޑިއާގައި ދޮގުފަތުރައި ރައްޔިތުންގެ ތެރޭގައި ފަސާދަ އުފެދިގެންދިއުމަށް މަގުފަހިވާ ޒާތުގެ ވާހަކަތަކެއް ފަތުރަމުންދާ ވަގުތެއްގައެވެ.

ޝަމީމްގެ ވާހަކައަށް ވަރަށް ގިނަބަޔަކު އޭނާއަށް ފާޑުކިޔާފައިވެއެވެ. އަޒްހަރު ޔުނިވަރސިޓީން ޝަރީއާ އެންޑް ލޯއިން ޑިގްރީ ނެގިއިރު ޝަރީއާގެ ވަރަށް އާދައިގެ މަފްހޫމެއް ނޭގޭކަމަށް ބުނުމުންނެވެ. ޝަމީމްގެ ޖަވާބަށްފަހު ޑޮކްޓަރ އިޔާޒް ވިދާޅުވެފައިވަނީ ހަމައެކަނި ލޯ ކިޔަވައިގެން ނުފުދެނީ އެހެންވެގެންކަމަށެވެ. އެއީ އިސްލާމީ ޝަރީއާގެ ވަރަށް އާދައިގެ ކަމެއް ސާފުނުވެގެން އުޅުއްވަންޖެހުމުންނެވެ.

ރަޖަމްކުމުގެ ހައްދާމެދު ދޮގުހަދައި ބަޔަކު ސުވާލުއުފައްދަމުންދާއިރު އިސްލާމީ ޢިލްމުވެރިން ވިދާޅުވާގޮތުގައި އިސްލާމީ ޝަރީއާގެ ހުކުމްތައް ތިން ގޮތަކުން އައިސްފައިވެއެވެ.

އެއީ ކީރިތި ގުރުއާންގައި ހުކުމްތައް ބަޔާންކުރައްވާ އާޔަތްތައް ބާވައިލެއްވުމަށްފަހު ފަހުން އެއާޔަތްތައް ގެންދަވައި އެކަމަކު ހުކުމް މަންސޫޚުނުކުރައްވާ ހުކުމްތަކެވެ. ދެވަނަ ބާވަތަކީ ހުކުމްތައް ހިމެނޭ ހިމެނޭ އާޔަތްތައް މަންސޫޚުނުކުރައްވައި ގުރުއާންގައި ބަޔާންކުރައްވާފައިވުމާއެކުވެސް ހުކުމް މަންސޫޚު ކުރައްވާފައިވާ އާޔަތްތަކެވެ. އަދި ތިންވަނަ ބާވަތަކީ ގުރުއާންގައި އާޔަތްތަކާއި ހުކުމްތައް މަންސޫޚުނުކުރައްވައި ދަމަހައްޓަވާ އާޔަތްތަކެވެ. ރަޖަމްކުރުމާއިގުޅޭގޮތުން އައިޝާ ރަޟިޔަﷲ އަންހާއާއި އުމަރު ރަޟުޔަﷲ އަންހު ވިދާޅުވެފައިވަނީ ތިމަންމެން ކުރިން އެއާޔަތްތައް ގުރުއާނުން ކިޔަވައި ވިދާޅުވާކަމުގައި ވީމުއެވެ. ރަޖަމްކުރުމުގެ ހައްދަކީ އާޔަތް މަންސޫޚުކުރެއްވުމަށްފަހު ހުކުމް ދަމަހައްޓަވާފައިވާ ހައްދެކެވެ.

ރަސޫލު ސައްލަﷲ ޢަލައިހި ވަސައްލަމްގެ ބޮޑުބޭބޭފުޅު ޢައްބާސްގެ ފާނުގެ ދަރިކަލުން އަބްދުﷲ ނުވަތަ މަޝްހޫރު ނަމުންނަމަ އިބްނި އައްބާސް ރިވާކުރައްވާފައިވެއެވެ. "ހަމަކަށަވަރުން ޢުމަރު ބިން އަލް ޚާއްތާބު ހުކުރު ދުވަހު މެމްބަރު މައްޗަށް އަރާވަޑައިގެން ދެއްވި ޚުތުބާގެތެރޭގައި ވިދާޅުވެފައިވެއެވެ. ހަމަކަށަވަރުން ﷲ ތަޢާލާ މުހައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމް ޙައްގު ދީނާގެން ފޮނުއްވިއެވެ. އަދި އެކަލޭގެފާނަށް ފޮތް ބާވައިލެއްވިއެވެ. ފަހެ ﷲ ބާވައިލެއްވި ތަކެތީގެތެރޭގައި ރަޖަމްކުރުމާބެހޭ އާޔަތް ވިއެވެ. ފަހެ ތިމަންމެން އެއާޔަތް ކިޔަވައި އުޅުނީމެވެ. އަދި އޭގެ މުރާދައާއި މާނަ ދެނެގަތީމެވެ. ކީރިތި ރަސޫލާ ރަޖަމްގެ ޙުކުމް ތަންފީޒުކުރެއްވިއެވެ. އަދި އެކަލޭގެފާނަށްފަހު ތިމަންމެންވެސް ރަޖަމްކުރީމެވެ. ފަހެ ޒަމާން ދެމިގެންގޮސް މީސްތަކުންގެތެރެއިން މީހަކު މިފަދައިން ބުނެފާނެކަމާމެދު ތިމަންކަލޭގެފާނު ބިރުފުޅުގެން ވަޑައިގަންނަވަމެވެ. ( އެމީހާ ބުނެއެވެ) ﷲ ގަންދީބުނަމެވެ. ރަޖަމްގެ އާޔަތް ﷲގެ ފޮތުން ތިމަންމެންނަކަށް ނުފެނެއެވެ. އެހާރުން ﷲ ބާވައިލެއްވި ހުކުމެއް (އެބަހީ ރަޖަމްކުރުމުގެ ހުކުމް) ދޫކޮށްލުމުގެ ސަބަބުން އެމީހުން މަގުފުރެދިގެންދާނެއެވެ. މުހުސަނެއްގެ ގޮތުގައިހުރެ ޒިނޭކުރިކަން ސާބިތުވާ ފިރިހެނުންނާ އަންހެނުންގެ މައްޗަށް ރަޖަމްކުރުމަކީ ﷲ ތައާލާގެ ފޮތުގައިވާ ހައްގު ގޮތެވެ. " މިރިވާޔަތް ސަހީހް ބުޚާރީގައާއި މުސްލިމްގައި ގެނެސްފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement