ވާހަކަ: ބިލާލް ބިން ރަބާހް ރޢ- މުޢައްޛިން (1)
ޖާހިލިއްލަ ޒަމާނުގައި އަރަބިކަރައިގެ ގިނަ މުއްސަނދިންނަކީ މީހުން އަޅުވެތި ކުރުމާއި، އަޅުންނަށް އަނިޔާވެރިވުމުގައި ހައްދުފަހަނައަޅާފައިވާ ބައެކެވެ. އެގޮތުން މައްކާގެ ގުރައިޝުންގެ ބޮޑުންގެތެރެއިން އުމައްޔާ ބިން ޚަލްފް އޭ ކިޔުނު ނުލަފާ މީހަކު އުޅުނެވެ. އޭނާގެ އެކިއެކި ބޭނުންތައް ފުއްދައި ދިނުމަށް އެކި އަޅުންތިބެއެވެ. އޭގެތެރެއިން އެއް އަޅަކީ ބިލާލް ބިން ރަބާހް ރަޟިޔަﷲ އަންހުއެވެ.
އުމައްޔާ ބިލާލްގެފާނުގެ އަޅެއްގެ ގޮތުގައި އޭނާގެ ގެއަށް ގެނައިރު އެކަލޭގެފާނަކީ ޅަ ފިރިހެން ކުއްޖެކެވެ. އެގެއަށް ފުރަތަމަ ގެނެވުނު ދުވަހުން ފެށިގެންވެސް ގޭގެ އެންމެންގެ ފަރާތުން އެކަލޭގެފަނަށް ލިބެމުން ދިޔައީ އަނިޔާ އާއި ފުރައްސާރަ އެވެ. އެކަކުވެސް އެކަލޭގެފާނަށް އިހްތިރާމެއް ނުކުރައްވައެވެ. އެމީހުން ދިޔައީ ހުއްޓުމެއްނެތި އެކަލޭގެފާނު ލައްވައި މަސައްކަތަކަށްފަހު މަސައްކަތެއް ކުރުވަމުންނެވެ.
މިގޮތުގައި ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް މި އަޅުވެތިކަމާއި އަނިޔާވެރިކަމަށް ނިމުމެއް ނެތްކަމަށް އެކަލޭގެފާނަށް ހީފުޅުވާންފެއްޓެވިއެވެ. އެހެނީ އެކަލޭގެފާނުގެ އަތުގައި ސަލާމަތް ވާން ބޭނުން ވާނެ އަދަދަށް ފައިސާއެއް ނެތެވެ. އަދި އެ ނުލަފާ ސާހިބު މީހާގެ އަނިޔާތައް ހުއްޓުވާނެހާ އާރެއް ބާރެއްވެސް އެކަލޭގެފާނުގެ ނެތެވެ.
ދުނިޔެ ދައުރުވަމުން، ދުވަހަކަށްފަހު ދުވަހެއް ފާއިތުވަމުން، ދުވަސްތައް މަސް ތަކަށްވެ މަސްތައް އަހަރުތަކަށްބަދަލުވެއްޖެވެ. ނަމަވެސް ބިލާލްގެފާނުގެ އެ ހިތްދަތި ދިރިއުޅުމަށް ބަދަލެއް ނާދެއެވެ. އެކަލޭގެފާނުގެ ސާހިބު މީހާ އެކަލޭގެފާނާއި މެދު ކަންތައް ކުރައްވަމުން ގެންދަވާނީ އެއްވެސް ރަހުމެއް ކުލުނެއް ނެތިއެވެ. ދުވާލުގެ އެންމެ ހޫނުގަދަ ވަގުތުގައި މައްކާގެ އެ ހަނަފަސް ބިމުގައި އެތައް ޖަމަލެއް ހުއިހެއްޕުވުމުގެ މަސައްކަތް އެކަލޭގެފާނު ކުރައްވަން ޖެހިވަޑައިގެންނެވިއެވެ. ދެން އެއަށްފަހު އިރުއޮއްސި ރޭގަނޑު ވުމާއި އެކު އެކަލޭގެފާނަށް ހަވާލުވެވަޑައިގެންފައިވާ އަނެއް މަސައްކަތާއިގެން މަޝްޣޫލުވެރިވެގަންނަވައެވެ. ސާހިބު މީހާއަށް ކާންދީ ރާފޮދު އެރުވުމުގެ މަސައްކަތެވެ. ޖަނަވާރެއްފަދައިން އެއްވެސް ހަމައެއް ލަމައެއް ހައްދެއް ނެތި ކައިބޮއި އުޅޭ އެ ސާހިބަށް ނިދިގެން ދަނީވެސް މަސްތުގެ ހާލަތުގައި އޮވެއެވެ.
އުމައްޔާ ބިން ޚަލްފު އަކީ އަޅުންނާއިމެދު އެއްވެސް އިންސާނިއްޔަތުކަމެއް ހުންނަ މީހެއް ނޫނެވެ. އޭނާ ކަމަކަށް އަމުރު ކުރުމުން އެއަށް ނުނެކޭ ބުނުމާއި ޝަކުވާކުރުމުގެ ހައްގު އެއްވެސް މީހަކަށް ލިބިގެންނުވެއެވެ. ބިލާލްގެފާނަކީ ޖާނުން ވަރުގަދަ، ބާރުގަދަ ބޭފުޅަކަށް ނުވި ނަމަ އެކަލޭގެފާނު ވެސް އޮތީހީ ބޭކާރު ކުނި ގަނޑެއްހެން އެއްލައިލާފައެވެ. އެހެންކަމުން، ބިލާލްގެފާނުގެ ސާހިބު މީހާއަށް ޚިދުމަތް ކުރެވުނު އެންމެ ރަގަޅަށް ހިދުމަތް ކުރެވޭތޯ އެކަލޭގެފާނު މަސައްކަތް ކުރައްވައެވެ. އެކަލޭގެފާނުގެ ސާހިބު މީހާއާއި އޭނާގެ މުދާ ރައްކާތެރި ކުރުމަށްޓަކައި ހަށިގަނޑަށް ބަލައި، ސިއްހަތު ރަނގަޅު މީހެއްގެ ގޮތުގައި ހުންނަވަން އެކަލޭގެފާނު މަސައްކަތް ކުރައްވައެވެ.
އަޅުވެތި ކަމުގެ ދަށުގައި ބިލާލްގެފާނުގެ ވޭތުކުރައްވަމުންދިޔައީ އެފަދަ އަނިޔާވެރި ދުވަސްތަކެކެވެ. އަރާމެއް ކޮށްލުމެއް ނެތި ހުއްޓުމެއްނެތި ސާހިބު މީހާއަށް ހޭހަން ކުރުމުގައި ދުވާލާއި ރޭގަނޑު ހޭދަ ކުރެއްވުމުން އުޖޫރައެއްގެ ގޮތުގައި އެނުބައި ނުލަފާ މުޝްރިކު ސާހިބުކަލޭގެ ދެނީ އަތް ގޮއްޓަށް އަޅާލެވޭ ވަރުގެ ކަދުރުކޮޅެކެވެ. އެ ސާހިބުކަލޭގެ ގާތުގައި ބިލާލްގެފާނަކީ އެއްވެސް އަގެއްނެތް ބޭކަލެކެވެ.
އިސްލާމްދީން ގަބުކުފުޅުކުރެއްވުމުގެ ކުރިން ބިލާލްގެފާނަކީވެސް ބުދަށް އަޅުކަން ކޮށް އުޅުއްވި ބޭކަލެކެވެ. އެހެނީ އެއީ އެކަލޭގެފާނުގެ ސާހިބު މީހާ އެކަލޭގެފާނަށް އަމުރުކޮށްފައިވާ ގޮތެވެ. މިގޮތުގައި އުޅުއްވަމުން ދަނިކޮށް، މައްކާގެ މުޝްރިކުންގެ ދޫދޫމަތިން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ވާހަކަ ބިލާލްގެފާނާއި ހަމައަށް ފޯރައިފިއެވެ. އެކަލޭގެފާނުގެ ސާހިބު މީހާއާއި އޭނާގެ މެހެމާނުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއާ ބެހޭ ގޮތުން ދައްކާ ވާހަކަތައް ސިއްރުން އެކަލޭގެފާނު އައްސަވައެވެ. އެމީހުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްދެކެ ރުޅިއައިސް ހުތުރު އެއްޗެހި ކިޔާ އަޑު ބިލާލްގެފާނަށް އިވިވޑައިގަންނަވައެވެ. އެބައިމީހުންގެ ވާހަކަތަކުން ބިލާލުގެފާނަށް ދިޔައީ އިސްލާމްދީނާއި ބެހޭގޮތުން ދަސްވަމުންނެވެ. އެކަލޭގެފާނަށް އިޙްސާސްވެވަޑައިގަތީ، މިޢުސޫލުތަކަކީ އެކަލޭގެފާނު ދިރިއުޅުއްވަމުންގެންދަވާ މާޙައުލާ މުޅިން ބީރައްޓެހި އުޞޫލުތަކެއްކަމަށެވެ. އެމީހުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ކިތަންމެ ނަފްރަތު ކުރި ނަމަވެސް އެކަލޭގެފާނުގެ މާތްކަމާއި މަތިވެރިކަމާއި، އެކަލޭގެފާނުގެ އަމާނާތްތެރިކަމާއި ތެދުވެރިކަމަށް އެބައިމީހުން އިޢުތިރާފްވާކަން ބިލާލްގެފާނަށް ފެނިވަޑައިގަތެވެ. އެބައިމީހުން ބުނެއެވެ. “މުޙައްމަދަކީ ދޮގުވެރިއެއް ނޫނެވެ. ސިޙުރުވެރިއެއްނޫނެވެ. އަދި މޮޔައެއްވެސް ނޫނެވެ. އެހެނެއްކަމަކު އަހަރެމެން އެކަލޭގެފާނާއި ދިމާއަށް އެފަދަ ބުނުމުން ބުނަންޖެހޭނެއެވެ. އެއީ އެކަލޭގެފާނުގެ ދީނަށްވަންނަމުންދާ މީހުން މަދުކުރުމަށްޓަކައެވެ.” މިވާހަކަތަކުން ބިލާލުގެފާނަށް ދިޔައީ ފުން އަސަރުތަކެއްކުރުވަމުންނެވެ.
މިފަދަ ގޮތަކަށް ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އިސްމާލްދީނުގެ ހައްގުކަން ބިލާލްގެފާނަށް ޔަގީންވެވަޑައިގަންނަވަން ފެއްޓެވިއެވެ. އެހެންކަމުން ލަސްކުރުމެއްނެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި ބައްދަލު ކުރައްވައި އިސްލާމްވެ ވަޑައިގަންނަވައި އިތުރަށް އެ ދީން އުނގެނި ދަސްކުރުމަށް އަޒުމް ކަނޑައެޅުއްވިއެވެ. އެގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އެންމެ އަރިސް އަބޫބަކުރުގެފާނާއި ބައްދަލު ކުރެއްވުމަށް ގެއިން ނުކުމެވަޑައިގެންނެވިއެވެ. ރޭގަނޑުގެ ކަނު އަދިރީގައި ސިއްރުން މީހަކަށް ނުފެންނަކަން ޔަގީން ކުރައްވަމުންނެވެ. އަބޫބަކުރުގެފާނުގެ އަރިހުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި ބައްދަލު ކުރައްވައި ބިލާލްގެފާނު އިސްލާމްވެ ވަޑައިގެންނެވި އެވެ.
އިސްލާމްވެވަޑައިގެންނެވުމަށްފަހު ކައުބަތުﷲ ގެފުޅަށް ވަޑައިގެން އެތަނުގައި ހުރި ބުދުތަކުގެ ތެރެއިން އެންމެ ބޮޑު ބުދުގެ މޫނަށް ކުޅު ޖެއްސެވިއެވެ. އަދި އެ ފަދަ ބާރެއްނެތް ބުދު ތަކެއްގެ ކުރިމަތީގައި ހުރުމަކީ ވަގުތު ބޭކާރު ކުރުން ނޫން ކަމެއް ކަމުގައި ނުވާނެކަމަށް ބުނެ އެނބުރި ގެއަށް ވަޑައިގެންނެވިއެވެ. އަޅުކަން ކުރުން ހައްގު ފަރާތަކީ ހަމައެކަނި ﷲ ސުބުޙާނަހޫވަތަޢާލާކަން އެކަލޭގެފާނުވަނީ ހިތުގެ އަޑިން ގަބޫލުކުރައްވާފައެވެ.
ކަންދިމާކުރިގޮތުން، ބިލާލްގެފާނު ކައުބަތުﷲ ގެފުޅުތެރޭގައި މިކުރެއްވި ހުރިހާ ކަމެއް ސިއްރުން ބަލަން އެތަނުގައި ގުރައިޝުންގެ މީހަކު ހުއްޓެވެ. އަދި މި ޚަބަރު ބިލާލްގެފާނުގެ ސާހިބު މީހާއަށް ދިނުމަށް މީނާ ނިންމައިފިއެވެ.
ޖެހިގެން އައި ދުވަހު އުމައްޔާ ބިން ޚަލްފާއި އަބޫ ޖަހުލު ފަދަ ގުރައިޝުންގެ ބޮޑުން ކައުބަތުﷲ ގެފުޅުގައި އިސްލާމްދީނަށާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ފުރައްސާރަ ކޮށް އެ ދީނާއި ދެކޮޅަށް ރޭވުންތައް ރާވަން ތިއްބެވެ. މިހެން ތިއްބައި މީހަކު އައިސް އުމައްޔާ ގެ ކަންފަތް ކައިރީ ސިއްރުން ވާހަކައެއް ބުނެފިއެވެ. މި ވާހަކަ އަޑު އަހައިފައި އުމައްޔާ ވަރަށް ރުޅިއައިސްފިއެވެ. ރުޅިއައިސްގެން ހަށިގަނޑު ތުރުތުރު ލާ ހާލު ބިލާލްގެފާނުގެ ކިބައިން އެކަމުގެ ބަދަލު ހިފުމަށް އޭނާ ނިންމިއެވެ. އެހެނީ ބިލާލްގެފާނު އިސްލާމްވެވަޑައިގެންނެވުމަކީ އެހެނިހެން މުޝްރިކުންގެ ކުރިމަތީގައި އޭނާގެ ގަބީލާ، ހާއްސަކޮށް އޭނާ ލަދުގަންނަވާލި ކަމަކަށް ވާތީއެވެ.
އުމައްޔާއަށް ގެއަށް ދެވުނުހައި އަވަހަށް ޗާބޫކެއް ހިފައިގެން ބިލާލްގެފާނުގެ ކޮޓަރިކޮޅަށް ވަޑައިގެންނެވިއެވެ. އަދި ބުދު ދީން ދޫކޮށް މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ދީން ގަބޫލުކުރެއްވީތޯ އެކަލޭގެފާނު ކުރެން އަހައިފިއެވެ. އެއްވެސް ފަސްޖެހިވަޑައިގަތުމެއްނެތި ބިލާލްގެފާނު އުމައްޔާ ގެ އެ ސުވާލަށް ޖަވާބުދެއްވިއެވެ. އަދި ﷲ ސުބުޙާނަހޫވަތަޢާލާ އެކަލޭގެފާނަށް އިސްލާމްދީނުގެ ހިދާޔަތު ދެއްވާފައިވާކަމަށް ވިދާޅުވިއެވެ.
ބިލާލްގެފާނުގެ ޖަވާބު އިވިފައި އުމައްޔާގެ ރުޅި ކޮންޓްރޯލުން ނެއްޓިގެން ހިގައްޖެއެވެ. އަދި ވަގުތުން ވަގުތަށް ބުދުދީނަށް އެނބުރި ރުޖޫއަވުމަށް ބުންޏެވެ. ނަމަވެސް ބިލާލްގެފާނު އެކަމަށް އެއްބަސްވެވަޑައެއްނުގަތެވެ. އެހެންކަމުން ބިލާލްގެފާނުގެ ހަށިކޮޅުގައިވާ ފޭރާންކޮޅު އަތުލައި، ޗެންޗެއިނުން އެކަލޭގެފާނު ބެންނެވުމަށް އުމައްޔާ އޭނާގެ އަޅުންނަށް އަމުރު ކުރިއެވެ. އަދި އެފަދައިން ހެދުމަށްފަހު ޗާބޫކުން އެކަލޭގެފާނުގެ ހަށިކޮޅަށް އަނިޔާ ދެމުން ގެންދިޔައެވެ. އެ އަނިޔާ ތަކުގެ ސަބަބުން އެކަލޭގެފާނުގެ ހަށިކޮޅުން ލޭއޮހޮރި އޮހޮރި އޮތް ހާލުގައިވެސް "احد احد " (އެއްކައުވަންތަ ﷲ) ފިޔަވައި އިތުރު އެއްވެސް ބަސްފުޅެއް އެކަލޭގެފާނުގެ ދޫފުޅުން ވިދާޅެއްނުވެއެވެ. އެތައް ދުވަހެއް ވަންދެން އުމައްޔާ މިފަދައިން އެކަލޭގެފާނަށް އަދަބު ދެމުން ގެންދިޔައެވެ. އެހެންނަމަވެސް ބިލާލްގެފާނުގެ އީމާންކަން އެމީހުންގެ އަނިޔާތަކުން ގުޑައެއް ނުލައެވެ.
މިކަމާއި ރުޅިއައިސް އެނޫން އިތުރު ގޮތަކަށް އަދަބުދޭން އުމައްޔާ ނިންމައިފިއެވެ. އެގޮތުން، ދުވާލުގެ އެންމެ ހޫނުގަދަ ވަޤުތު ބިލާލްގެފާނުގެ ޙަށިކޮޅުގައިވާ ފޭރާންކޮޅު އަތުލައި، ހޫނުގެ ސަބަބުން ދޮންވެފައިވާ ހިލަތަކުގެ މައްޗަށް އެކަލޭގެފާނު ވައްޓާލައެވެ. އެއަށްފަހު ދޮންވެފައިވާ، އެކަކަށް އެކަނި ކިރިޔާ އުފުލޭވަރުގެ ހިލައެއްގެނެސް އެކަލޭގެފާނުގެ މޭފުޅުމަތީގައި ބާއްވައެވެ. މިގަދަފަދަ އުޤޫބާތް އެކަލޭގެފާނަށް ކޮންމެދުވަހަކު ލިބެމުންދިޔައެވެ. އެހެންނަމަވެސް އެކަލޭގެފާނަށް ރަހުމްކޮށް ދޫކޮށްލުމަށް އެކަލޭގެފާނު ވިދާޅެއްނުވެއެވެ. އެހެނެއްކަމަކު އެހާލުގައި އޮވެވެސް ދޫފުޅުން ނުކުތީ احد احد އެވެ.
އެންމެފަހުން އެކަލޭގެފާނަށް މިއަދަބުދޭމީހުންގެ ހިތަށް ރަޙުމްވަދެ، އެބައިމީހުންގެ ކަލާނގެތަކާ ބެހޭގޮތުން ހުތުރުއެއްޗެހި ނުކިޔައި އެއެއްޗެއްސާބެހޭގޮތުން ކޮންމެވެސް ރަނގަޅުބަހެއް އެކަލޭގެފާނު ބުނެފިނަމަ އެކަލޭގެފާނު ދޫކޮށްލުމަށް އެބައިމީހުން ނިންމިއެވެ.ނަމަވެސް އެބައިމީހުންގެ ކަލާނގެތަކާއި ބެހޭގޮތުން އެންމެ ހެޔޮބަހެއްވެސް ނުބުނާނެކަމުގައި އެކަލޭގެފާނު ވިދާޅުވިއެވެ. އޭގެ ބަދަލުގައި ހަރުއަޑުން ވިދާޅުވެ، މަތިވެރިކުރައްވަމުން ގެންދެވީ އެކަލޭގެފާނުގެ ޝިޢާރެވެ. ” أحد .. أحد.. ! ” މިއެވެ. އަނިޔާވެރިން އެކަލޭގެފާނުގެ މިޢަމަލުފުޅުތަކާއިމެދު ރުޅިއައިސް ހަޅޭލަވައިގަތެވެ. އަދި އެބައިމީހުން ބުންޏެވެ. ” ލާތަ އާއި ޢުއްޒާގެ ނަން ގަންނާށެވެ. ” ޖަވާބުގައި އެކަލޭގެފާނު ވިދާޅުވިއެވެ. ” أحد .. أحد.. ! ” އެވެ. އެބައިމީހުން ބުންޏެވެ. އަހަރެމެން މިކިޔާގޮތަށް ކިޔާށެވެ. ނަމަވެސް އެކަލޭގެފާނު މަލާމާތުގެ ރާގަކަށް ބުންޏެވެ. ” ހަމަކަށަވަރުން ތިޔަފަދައިން ބުނަން އަހަރެންގެ ދުލަކަށް ފަސޭހައެއްނޫނެވެ. “
އެހެންކަމުން ދުވާލުގެ ވަގުތުތަކުގައި އެކަލޭގެފާނަށް މި އަނިޔާ ކެނޑިނޭޅި ލިބެމުންދިޔައެވެ. އަދި އެއަށްފަހު އިރުއޮއްސުމާއިއެކު އެބައިމީހުން އެކަލޭގެފާނު ނަގައި، އެކަލޭގެފާނުގެ ކަރުގައި ވާގަނޑެއްޖަހައި، އެބައިމީހުންގެ ކުޑަކުދިންނާއި އެކަލޭގެފާނު ޙަވާލުކުރެއެވެ. އެކުދިން އެކަލޭގެފާނު ފަރުބަދަތަކުގެ ވަށައިގެންނާއި، މައްކާގެ މަގުތަކުގައި ދަމައެވެ. ނަމަވެސް ބިލާލުގެފާނު ” أحد …. أحد.. ! ” އޭ ބުނުން ފިޔަވައި އެހެން އެއްޗެއް ވިދާޅެއްނުވެއެވެ. ރޭގަނޑުވެ އަނދިރިވުމުން އެބައިމީހުންގެ މިކުޅިގަނޑު ހުއްޓާލުމަށްފަހު، އެކަލޭގެފާނަށް ބުނެއެވެ. “މާދަމާ އަހަރެމެންގެ ކަލާނގެތަކަށް ހެޔޮބަސް ނޫނީ ނުބުނައްޗެވެ. އަހަރެމެންގެ ކަލާނގެއަކީ ލާތަޔާއި ޢުއްޒާއޭ ބުނާށެވެ. އޭރުން އަހަރެމެން ކަލޭ ދޫކޮށްލާނަމެވެ. ކަލެއަށް އަނިޔާކޮށް ކޮށް އަހަރެމެން ވަރުބަލިވެއްޖެއެވެ. މިހާރު އަނިޔާ ލިބުނު މީހުންނަކީ އަހަރެމެންކަހަލައެވެ. ” ނަމަވެސް ބިލާލުގެފާނު ނޫނެކޭބުނުމުގެ ގޮތުން އެކަލޭގެފާނުގެ ބޯފުޅު ހޫރާލައެވެ. އަދި ތަކުރާރުކޮށް ވިދާޅުވަމުން ދިޔައީ ” أحد …. أحد.. ! “އެވެ.
މުޝްރިކުން އެކަލޭގެފާނަށް ދެމުން ގެންދިޔަ މި ގަދަފަދަ އަނިޔާތަކަށް އެކަލޭގެފާނު ޘާބިތުކަންމަތީ ކެތްކުރެއްވިއެވެ. އެކަލޭގެފާނުގެ މިކެތްތެރިކަމުގެ ސަބަބުން އެކަލޭގެފާނު، އެދުވަސްވަރުގެ މީހުންނަށާއި އަދި އަންނަން އޮތް ޖީލުތަކަށް ދެއްވީ ވަރަށްވެސް އަގުހުރި ފިލާވަޅެކެވެ. މާތްކަމާއި މަތިވެރިކަމާއި، މިނިވަންކަމަކީ ރަނާއި ރިއްސަށް ނުވަތަ ގަދަފަދަ އުޤޫބާތަށް ގަނެވޭނެ އެއްޗެއްނޫންކަން އެކަލޭގެފާނު ކިތަންމެހާވެސް ރަނގަޅަކަށް ޘާބިތުކޮށްދެއްވިއެވެ. އަދި ހަމައެހެންމެ އަމިއްލަ ފުރާނައަށްވުރެވެސް ބޮޑަށް އަހަރެމެން އިސްކަންދޭންވީ، އަދި ލޯބިވަންވީ އިސްލާމްދީނަށްކަން އެކަލޭގެފާނު އަހަރެމެންނަށް ބުނެދިނެވެ.
ބިލާލްގެފާނުގެ ކެތްތެރިކަމާއި ސާބިތުކަނުގެ ވާހަކަތައް މުޅި މައްކާއާއި މައްކާގެ ވަށައިގެންވާ ރަށްތަކުގައިވެސް ފެތުރިގެން ހިނގައްޖެއެވެ. ކުދި ބޮޑު އަންހެނުންނާއި ފިރިހެނުންނާއި، ވެރިންނާއި އަޅުންގެ ދޫތަކުންވެސް ކިޔަމުންދިޔައީ އިސްލާމްދީނުގެ ހައްގުގައި ފިދާވަމުންދިޔަ އަޅެއްގެ ވާހަކައެވެ. އެ ހިތުގައިވާ އިސްލާމްކަމުގެ ނޫރު އެ ހަށިގަނޑަށް ލިބެމުންދިޔަ ގަދަފަދަ އަނިޔާއަށްވުރެވެސް އަލިގަދަކަމުގެ ވާހަކައެވެ.
އެއްދުވަހެއްގެ މެންދުރުވަގުތެވެ. ހޫނުގަދަވެ ހިލަތަށް ދޮންވުމާއެކީ ބިލާލުގެފާނަށް އަދަބުދިނުމަށްޓަކައި ނެރެވިއްޖެއެވެ. އެދުވަހުވެސް ސާބިތުކަމާއެކު އެކަލޭގެފާނު ކެތްކުރެއްވިއެވެ. އަދި އެމުޞީބާތުގެ އަޖުރު އެދިވަޑައިގަތީ ގަދަކީރިތިވަންތަ ހުސްޠާހިރުވަންތަ الله ސުބުޙާނަހޫވަތަޢާލާ ގެ ޙަޟުރަތުންނެވެ. އެދުވަސް ވެގެން ދިޔައީ އެކަލޭގެފާނުގެ އަނިޔާތަކަށް ނިމުން ގެނުވި ދުވަހަށެވެ. އެދުވަހު އެކަލޭގެފާނަށް އަނިޔާ ލިބެމުން ދިޔަ ވަގުތު އަބޫބަކުރުގެފާނަށް އެތަނަށް ވަޑައިގެންނެވުނެވެ.
އަބޫބަކުރުގެފާނަށް މިއަނިޔާވެރި މަންޒަރު ފެނިވަޑައިގަތުމާއިއެކު ހަރުއަޑުފުޅުން ވިދާޅުވިއެވެ. “ތިޔަބައިމީހުން އިންސާނަކު ތިޔަ މަރާލަނީ އޭނާގެ އިލާހަކީ ﷲ އޭ ބުނާތީހެއްޔެވެ؟” އެއަށްފަހު އެކަލޭގެފާނު އުމައްޔާ އަށް ވިދާޅުވިއެވެ. ” އޭނާގެ އަގަށް ވާވަރަށްވުރެ އިތުރަށް ނަގާށެވެ. އަދި އޭނާ މިނިވަންކުރާށެވެ. “ އަބޫބަކުރުގެފާނަށް ބިލާލްގެފާނު ވިއްކާލެއްވުމަށް އުމައްޔާ ކުރެން އަބޫބަކުރުގެފާނު އެދިލެއްވިއެވެ. އުމައްޔާ އެކަމަށް އިޖާބަދީ 5 ޢޫގިއްޔާއަށް (1) ބިލާލްގެފާނު އަބޫބަކުރުގެފާނަށް ވިއްކާލިއެވެ. އަދި މަލާމާތްކުރާ ޒާތަށް އަބޫބަކުރުގެފާނަށް ބުންޏެވެ. "ކަލޭގެފާނު އޭނާ ގަންނަން އެއްބަސްވީ އެންމެ އޫޤިއްޔާއަކަށް ކަމުގައި ވީނަމަވެސް އަހަރެން ކަލޭގެފާނަށް އޭނާ ވިއްކީމުހެވެ.” އަބޫބަކުރުގެފާނަށް އުމައްޔާގެ މި މަލާމާތުގެ ޢިބާރާތް ވިސްނިވަޑައިގެން އެއަށް ރައްދުދެއްވަމުން ވިދާޅުވިއެވެ. ” ﷲ ގަންދީ ބުނަމެވެ. ކަލޭ އޭނާ ވިއްކަން އެއްބަސްވީ ސަތޭކަ އޫޤިއްޔާއަށް ކަމުގައި ވީނަމަވެސް އަހަރެން އޭނާ ގަތީމުހެވެ.”
އެއަށްފަހު ބިލާލްގެފާނު ގޮވައިގެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަރިހަށް އެކަލޭގެފާނު ވަޑައިގަތެވެ. އަދި ވަގުތުން ބިލާލްގެފާނު މިނިވަންކުރެއްވިއެވެ. އެދުވަހުގެ ފަހުން ބިލާލްގެފާނު ވެވަޑައިގެންނެވީ މިނިވަން މުސްލިމެއްގެ ގޮތުގައެވެ. އަބޫބަކުރުގެފާނު ބޭނުންފުޅުވެލެއްވިނަމަ އަޅެއްގެ ގޮތުގައިވެސް ބިލާލްގެފާނު ބެހެއްޓެވުނީހެވެ. އެހެންނަމަވެސް އެކަލޭގެފާނު އެގޮތަށް ކަންތައް ނުކުރައްވައި ބިލާލްގެފާނު މިނިވަންކުރެއްވެވިއެވެ. މިއިންވެސް އެނގިގެން ދިޔައީ އިސްލާމްދީން އެކަކު އަނެކަކަށް އިހްތިރާމް ކޮށް ގަދަރުކުރުމަށް ބާރުއަޅާ މިންވަރެވެ.
(ނުނިމޭ)
(1)އޫޤިއްޔާއަކީ: ރަންރިހިފަދަ އެއްޗެހި ކިރުމަށް ބޭނުންކުރާ މިންގަނޑެކެވެ. އެއް އޫޤިއްޔާއަކީ ގާތްގަނޑަކަށް 40ދިރުހަމެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists