ވާހަކަ: ބިލާލް ބިން ރަބާހް ރޢ- މުޢައްޛިން (2)
މައްކާގެ މުޝްރިކުންގެ އަނިޔާތަކާއި ހުރެ މުސްލިމުން މަދީނާއަށް ހިޖުރަކުރެއްވިއެވެ. މި ހިޖުރަ ކުރެއްވިއިރު ބިލާލްގެފާނުވެސް މުސްލިމުންނާއިކު ވަޑައިގެންނެވިއެވެ. މަދީނާއަށް ހިޖުރަ ކުރެއްވުމަށް ފަހު އިސްލާމީ ދައުލަތުގެ ބިންގާ އަޅުއްވައި ދެއްވައި މިސްކިތެއް ބިނާކުރެއްވުމުގެ މަސައްކަތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ފެއްޓެވިއެވެ. އެ މަސައްކަތްތުގައި އެކަލޭގެފާނަށާއި މުސްލިމުންނަށް އެހީވުމުގައި ބިލާލްގެފާނު ހުންނެވިއެވެ. އެގޮތުގެ މަތިން ޤުބާ މިސްކިތް ބިނާކުރެވިގެން ދިޔައެވެ.
މިސްކިތުގެ މަސައްކަތް ނިމުމުން މީސްތަކުންނަށް ނަމާދަށް އައުމަށް ގޮވާނެ ގޮތަކާއި މެދު މުސްލިމުންގެ މެދުގައި މަޝްވަރާކުރެވެން ފެށިއެވެ. މިކަމުގައި އެކި ބޭކަލުން އެކި ޚިޔާލުފުޅު ދެއްވަމުން ގެންދެވިއެވެ. މިގޮތުގެ މަތިން މަޝްވަރާކުރެވޭތާ ދެދުވަހެއް ވީ ފަހުން ޢަބްދުﷲ ބިން ޒައިދު ރަޟިޔަﷲ ޢަންހު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަރިހަށް ވަޑައިގެން އެކަލޭގެފާނަށް ފެނިވޑައިގެންނެވި ހުވަފެންފުޅެއް ކިޔައިދެއްވިއެވެ.
"ފެހި ކުލައިގެ ހެދުމެއް ލައިގެން ރަންގަބީލެއް ހިފައިގެން ހުރި މީހަކު އަހަރެން ކައިރިން ހިނގަމުން ދަނިކޮށް ހުވަފެނުގައި އަހަރެންނަށް ފެނުނެވެ. ނަމާދަށް މީސްތަކުންނަށް ގޮވުމަށްޓަކައި އެ ރަންގަބީލު އަހުރެންނަށް ދިނުމަށް އޭނާ ގާތުން އެދުނީމެވެ. ނަމަވެސް އޭގެ ބަދަލުގައި އޭނާ އަހުރެންނަށް މާ ރަނގަޅު ގޮތެއް ކިޔައި ދިނެވެ. އަދި ނަމާދަށް މީސްތަކުންނަށް ގޮވުމަށް އަންނަނިވި ކަލިމަތައް ބޭނުން ކުރެއްވުން މާ ރަނގަޅު ވާނެކަމަށް ބުންޏެވެއެވެ."
ދެން އޭނާ ބަންގީގެ ކަލިމަތައް އަބްދުﷲ ބިން ޒައިދުއަށް ކިޔުއްވައިދެއްވި ފަދައިން އެކަލޭގެފާނު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް އެކަލިމަފުޅުތައް ކިޔުއްވައި ދެއްވިއެވެ. މި ހުވަފެންފުޅު ޢުމަރުގެފާނަށްވެސް ފެނިވަޑައިގެންނެވިކަމަށް ވެއެވެ.
އަބްދުﷲ (ރއ) ގެ މި ހުވަފެންފުޅުގެ ވާހަކަ އަޑުއެއްސެވުމަށް ފަހު އެއީ ތެދު ހުވަފެންފުޅެއްކަމަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރެއްވިއެވެ. އަދި މުސްލިމުންނަށް ނަމާދަށް ގޮވައިލެއްވުމަށް ބަންގި ދިނުމުގެ މަސައްކަތް ބިލާލްގެފާނާއި ހަވާލު ކުރެއްވިއެވެ. އެންމެހައި މުސްލިމުންގެ ތެރެއިން މުޢައްޛިނަކަށް ( ބަންގި ދޭ މީހާ) ވުމުގެ ޝަރަފު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެއްވީ ބިލާލްގެފާނަށެވެ. އެކަލޭގެފާނު ވެގެންދިޔައީ މުސްލިމުންގެ އެންމެ ފުރަތަަމަ މުޢައްޛިނަށެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ހަޔާތްޕުޅުގައްޔާއި އަދި ބިލާލްގެފާނު މަދީނާގައި އުޅުއްވި ހުރިހާ ދުވަހެއްގައިވެސް މުސްލިމުންނަށް ނަމާދަށް އައުމަށް ބަންގި ދިނުމުގެ ޝަރަފު ލިބިވަޑައިގެންނެވީ ބިލާލްގެފާނަށެވެ.
ބިލާލުގެފާނު ހިތްގައިމު އަޑުފުޅުން ބަންގީގެ ކަލިމަތައް ގޮވަމުންދާއިރު، އަޑުއަހާ މީހުންގެ ހިތްތަކަށް ފިނިކަން ލިބި ، އީމާންކަން އިތުރުވެގެން ދެއެވެ.
މުސްލިމުން މަދީނާއަށް ހިޖުރަ ކުރިތާ ދެވަނައަށްވީ އަހަރެވެ. އެއީ މުސްލިމުންނަށް ޖިހާދު ފަރުޟު ކުރެއްވުނު އަހަރެވެ. އިސްލާމްދީން މި ބިންމަތިން ފުހެލުމުގެ ޢަޒުމުގައި ގުރައިޝުން މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ނުކުތެވެ. މި ޚަބަރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ލިބިވަޑައިގެންނެވުމުން މުސްލިމުންނާއި މަޝްވަރާކުރައްވައި، މުސްލިމުންގެ ލަޝްކަރެއް އެކުލަވައެއްވިއެވެ.
މުސްލިމުންނާއި ގުރައިޝުން ބަދުރުގެ މައިދާނުން ބައްދަލުވިއެވެ. ހަނގުރާމަ ފެށުމުގެ ކުރިންވެސް މުޝްރިކުންގެ ބައެއް މައިދާން ދޫކޮށް ފިލަން ދާންފެށިއެވެ. އެގޮތުން ފިލަން ދުވުނު ފިނޑިންނާއި އެކު އުމައްޔާ ބުނު ޚަލްފުވެސް ފިލަން ދާންއުޅުނެވެ. މިކަން އޭނާގެ އެންމެ އެކުވެރި ޢުގުބާއަށް އެނގިއްޖެއެވެ. އުޤުބާ އަކީ، ބިލާލްގެފާނާއި އަދިވެސް އެހިނިހެން މުސްލިމުންނަށް އުމައްޔާކުރި އަނިޔާގައި އޭނާއަށް އެންމެ ބޮޑަށް އެހީތެރިވެދިން މީހާއެވެ.
އުގުބާއަށް ހަނގުރާމައިގެ މައިދާން ދޫކޮށް އުމައްޔާ ފިލަން އުޅޭކަން އެނގުމުން އޭނާއަށް ވަރަށް މަލާތްކޮށް ލަދުގަންނަވާލިއެވެ. އެކަމާއިހުރެ ހަދާނެގޮތް ހުސްވެގެން އަނެއްކާވެސް އެނބުރި ހަނގުރާމައިގެ މައިދާނަށް އުމައްޔާ ހިނގައްޖެއެވެ. މުޝްރިކުންނާއި ދެކޮޅަށް ކުރެވުނު ގަދަފަދަ ހަނގުރާމައިގައި ބިލާލްގެފާނުވެސް މުޝްރިކުންނާއި ދެކޮޅަށް ހަނގުރާމަ ކުރެއްވުމަށް ހުންނެވިއެވެ.
އިސްލާމީ ތާރީޚުގައި ކުރެވުނު ފުރަތަމަ ހަނގުރާމަ ފެށިގެން ކުރިއަށް ދިޔައެވެ. އެހަނގުރާމައިގެ މޮޓޯއެއްކަމުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަމަޖެއްސެވީ احد.. احد އެވ. 1000 މީހުންގެ މައްޗަށް އެކުލެވޭ މުޝްރިކުންގެ ބޮޑު ލަޝްކަރެއް 313 އެއްހާ މަދު މުސްލިމުންގެ އަތުން ބަލިވަމުން ދިޔައެވެ. މުސްލިމުން އެބަމީހުންގެ ދޫ ތަކުން ހަނގުރާމައިގެ މޮޓޯ احد.. احد ތަކުރާރު ކުރައްވަމުން ދިޔައެވެ. މި އަޑު އިވި އުމައްޔާއަށް ސިހުންލިބިގެން ދިޔައެވެ. އެހެނީ އެއީ އޭނާއަށް އަލަށް އިވޭ އަޑުތަކެއް ނޫނެވެ. މީގެ ކުރިންވެސް އޭނާގެ އަނިޔާތައް އިންތިހާއަށް ލިބެމުން ދިޔަ އޭނާގެ އަޅު ބިލާލްގެފާނު ވެސް އެކަލޭގެފާނަށް އަނިޔާ ލިބިލައްވަމުން ދިޔައިރު ގޮވަމުންދިޔައީ އެފަދައިންނެވެ. މިއަދު އެ ބަސް ވެގެން ގޮސްފައި އެވަނީ މުސްލިމުންގެ މޮޓޯއެއްކަމުގައެވެ.
ހަނގުރާމަ ނިމެން ކައިރިވެ މުޝްރިކުންނަށް އެމީހުން ބަލިވާނެކަން ޔަގީންވެއްޖެއެވެ. މައިދާނުގައިވަނީ ލޭގެ ކޯރުތަށް އުފެދިފައެވެ. މުސްލިމުންގެ ހަމަލާގެ ޝިކާރައަކަށްވެ ގަތުލުވެދާނެ ކަމުގެ ބިރަށް އުމައްޔާ ބުން ޚަލަފު ޢަބްދުއްރަޙްމާން ބުން އަޢުފްގެ ގާތަށް ހިނގައްޖެއެވެ. އަދި އޭނާ އަކީ އެކަލޭގެފާނުގެ އަސީރަކަށް ހެދުމަށް އެދުނެވެ. އުމައްޔާގެ މި އެދުން ގަބޫލުކޮށް އެކަލޭގެފާނު އޭނާ ގޮވައިގެން ހިނގައިގަތެވެ. މިތަން ފެނިވަޑައިގަތުމުން ބިލާލްގެފާނު އަޑުގެ ކޮޅަށް ގޮވައިލެއްވިއެވެ. "އޭނާ ސަލާމަތްވެއްޖިއްޔާ އަހުރެން ސަލާމަތް ނުކުރައްވާށިއެވެ.” އެކަލޭގެފާނު ކަނޑިކޮޅު ހިއްޕަވައިގެން އުމައްޔާގެ ބޯ ކަނޑާލުމަށްޓަކައި ދުއްވައިގަތެވެ. އެހެންނަމަވެސް ޢަބްދުއްރަޙްމާން ބުން އަޢުފް ހަރުއަޑުން ވިދާޅުވިއެވެ. “އޭ ބީލާލެވެ. އޭނާއަކީ އަހަރެންގެ އަސީރެކެވެ.” އެހެންނަމަވެސް ހަނގުރާމަ ނުނިމި އޮއްވައި، އެމީހެއްގެ ކަނޑިން މުސްލިމުންގެ ޠާހިރުލޭ އޮހޮރި އޮހޮރި ހުރި މީހަކު މިފަދަ ޙާލެއްގައި އަސީރެއްގެ ގޮތުގައި ބަލައިގަތުމަށް ބިލާލްގެފާނަށް ގަބޫލެއްނުކުރެއްވުނެވެ. އެހެންކަމުން އަޑުގެ ކޮޅަށް އެކަލޭގަފާނު ގޮވާލިއެވެ. “އޭ ﷲ އަށްޓަކައިވާ އަހުރެންގެ އެހީތެރިންނެވެ! ކުފުރުގެ ބޯ، އުމައްޔާ ބުން ޚަލަފް މިހުރީއެވެ. އޭނާ ސަލާމަތްވެއްޖިއްޔާ އަހުރެން ސަލާމަތް ނުކުރައްވާށިއެވެ.” އެހިނދު މުސްލިމުންގެ ޖަމާޢަތެއް ކަނޑި ހިފައިގެން އެތަނަށް އައިސްފިއެވެ. އަދި އުމައްޔާއާއި އޭނާގެ ދަރި ވަށާލިއެވެ. ހިނދުކޮޅެއްގެ ތެރޭގައި އެތަނުގައި އޮތީ ލެއިން ތަތްތެޅިފައިވާ އުމައްޔާ ގެ ހަށިގަނޑެވެ. އެ މުޑުދާރު ހަށިގަނޑަށް ނަޒަރު ހިންގާލައްވަމުން ބިލާލްގެފާނު ވިދާޅުވި އެވެ. أحد …. أحد..އެއަށްފަހު މިފަދައިން ތަކުރާރު ކުރައްވަމުން އޭނާގެ އެ މަސްގަނޑާއި ދުރަށް ދުއްވައިގަތެވެ.
މާދީނާގައި މުސްލިމުން އިސްލާމްދީން ފެތުރުމުގެ މަސައްކަތް ކުރައްވަމުންދާތާ ނުވައަހަރު ވެގެން ދިޔައިރު މަދީނާގެ ވަށައިގެންވާ ގިނަ ރަށްރަށްވެސް އިސްލާމްދީނުގެ ނޫރުވަނީ ފެތުރިފައެވެ. މުސްލިމުންނާއި ދެކޮޅަށް އެތައް ހަނގުރާމަ އެއްކޮށް ބަލިވުމުން ގމައްކާގެ މުޝްރިކުންނަށްވެސް އިސްލާމްދީން ފެތުރުން ހުއްޓައި ނުލެވޭނެކަން ޔަގީންވެއްޖެއެވެ. އެހެންކަމުން، އެއްބަޔަކު އަނެއް ބަޔަކާއި ހަނގުރާމަ ނުކުރުމަށް އެއްބަސްވުމެއްގައި ސޮއި ކުރުމަށް މުޝްރިކުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ހުށަހެޅިއެވެ. އެގޮތުން ހުދައިބިއްޔާގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. އެހެން ނަމަވެސް މުޝްރިކުންނަށް މި އެއްބަސްވުމާއި ޚިލާފުވެ މުސްލިމުންތަކެއް ޝަހީދުކޮށްލައިފިއެވެ. އެހެންކަމުން މައްކާގެ މުޝްރިކުންނާއި ދެކޮޅަށް ހަނގުރާމަ ކޮށް އެބައިމީހުން ބަލިކޮށް މައްކާ ފަތަޙަ ކުރައްވަން އެކޭގެފާނު ނިންމެވިއެވެ. މި ސަބަބު ނޫންވެސް އެތައް ސަބަބެއް މައްކާ ފަތަޙަ ކުރެއްވުނު ހާދިސާ ގެ ފަހަތުގައި ވެއެވެ.
10,000 މީހުންގެ މައްޗަށް އެކުލެވޭ ބޮޑު ލަޝްކަރަކާއިގެން މައްކާ ފަތަޙަ ކުރެއްވުމަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދަތުރުފުޅުފެއްޓެވިއެވެ. މިހަގުރާމައިގައިވެސް ބިލާލްގެފާނު ބައިވެރިވެ ވަޑައިގެންނެވި އެވެ.
މައްކާ އަށް މި ދަތުރުފުޅު ކުރައްވަމުން ދިޔަ މަގުމަތީގައި، ބިލާލްގެފާނަށް ހުވަފެންފުޅެއް ފެނިވަޑައިގަތެވެ. ކައުބަތުﷲ ގެފުޅުގައި މުޝްރިކުން ބަހައްޓާފައިވާ ބުދުތަކުގެ ތެރެއިން ހުބަލް އޭ ކިޔުނު ބޮޑު ބުދަށް ދެވަނަ ފަހަރަށް އެކަލޭގެފާނު ކުޅު ޖައްސަވާތަނެވެ. އަދި މިފަހަރު އެކަން އެކަލޭގެފާނު ކުރައްވާނީ އެންމެންގެ ކުރިމަތީގައި ފާޅުގައި ކަމަށެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މުސްލިމުންގެ ލަޝްކަރާއިގެން އަމާންކަމާއި އޮމާންކަމާއި އެކު މައްކާ ފަތަޙަ ކުރެއްވިއެވެ. الله أكبر ވިދާޅުވަމުންނެވެ. އެއަށްފަހު ވަގުތުން އެކަލޭގެފާނު މިސްރާބުޖެއްސެވީ، އެތަނެއް އެބައިމީހުންގެ ބުދުތަކުން ފުރިފައިވާ ކަޢުބަތުﷲ ގެފުޅާއި ދިމާލަށެވެ. އަދި އުޘްމާން ބިން ޠަލްހާ ގެ އަރިހުން ކައުބަތުﷲ ގެފުޅުގެ ތަޅުދަނޑި ގެންނެވުމަށް ބިލާލްގެފާނުގެ އަރިހުން އެދިލެއްވިއެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަރިހުގައި ބިލާލްގެފާނު ކައުބަތުﷲ ގެފުޅަށް ވަދެވަޑައިގެންނެވިއެވެ. އެތަނުން ހުބަލް އޭ ކިޔުނު ބޮޑު ބުދު ބިލާލްގެފާނަށް ފެނިވަޑައިގެންނެވިއެވެ. ބިލާލްގެފާނުގެ ކޯރާޑީއިން އެ ބުދުގައި ޖައްސަވައި އެ ހަލާކުކޮށްލެއްވިއެވެ. އެ ދުވަސް ވެގެން ދިޔައީ ކައުބަތުﷲ ގެފުޅު ބުދުތަކުން ޠާހިރު ކުރެވުނު ދުވަހަށެވެ.
މައްކާ ފަތަޙަ ކުރެއްވުނު މި ބޮޑު ހާދިސައިގެ ދުވަހުގައި، ކަޢުބަތުﷲ ގެފުޅުމައްޗަށް އަރައިވަޑައިގެން ބަންގިދެއްވުމަށް ބިލާލްގެފާނަށް އެންގެވިއެވެ. އެ ދުވަހު މައްކާގެ މުޅި ޖައްވު ގުގުމާލައިގެން ދިޔައީ ބިލާލްގެފާނުގެ ރިވެތި އަޑުފުޅުން ވިދާޅުވަމުން ބަންގީގެ މަތިވެރި ކަލިމަތަކުންނެވެ.
މިފަދަ ބޮޑު ޝަރަފެއް ބިލާލްގެފާނަށް ލިބިލެއްވި ކަމަށްޓަކައި މައްކާގެ ބައެއް މުޝްރިކުން ހިތްހަމަނުޖެހުނެވެ. އެމީހުން އެނުގައި ތިބެގެން ބުނެއެވެ. "އަޅަކު ކައުބަތުﷲ ގެފުޅަށް އަރައި ބަންގިގޮވާ ތަން ބަލަން އަހަރެންގެ ބައްޕަ ދުނިޔޭގައި ނެތްކަން ނަސީބެކެވެ." އަނެކަކު ބުންޏެވެ. " މި ކަޅު ކަލޭގެއަށްވުރެ ރަނގަޅު މީހެއް ބަންގި ދޭން މުހައްމަދު އަށް ނުފެނުނީ ހެއްޔެވެ؟"
ކީރިތި ޤުރުއާން ގެ އަންނަނިވި އާޔަތް ބާއްވައި ލެއްވުނީ މިކަމާއި ގުޅިވައިގެން ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.
"ހަމަކަށަވަރުން، اللَّه ގެ حضرة ގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ تقوى ވެރި މީހާއެވެ." (49:13)
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ބައިވެރިވެ ވަޑައިގެންނެވި ހުރިހާ ހަނގުރާމައެއްގައިވެސް ބިލާލްގެފާނު ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި ހަނގުރާމަ ތަކުގައިވެސް ބަންގި ގޮވުމުގެ މުހިންމު މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދެވިއެވެ.
ދުވަސްތައް ފާއިތުވަމުންގޮސް އަހަރެމެންގެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް މިދުނިޔެއާ އަލްވަދާޢުކިޔައިފިއެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުން ވީ ބިލާލްގެފާނަށް ކެތްކުރައްވަން ދަތި ކަމަކަށެވެ. މި ހިތާމައިގައިގައި އެކަލޭގެފާނު ބަންގިގޮވުން ވެސް މެދުކަނޑާލެއްވިއެވެ. އެހެނީ ބަންގިގޮވަމުންގޮސް أشهد أن محمدا رسول الله މިހިސާބަށް ދާއިރަށް އެކަލޭގެފާނުގެ އަޑު ބަންދުވެއެވެ. އަދި ދެލޯފުޅުން ބޭއިޙްތިޔާރުގައި ކަރުނަތަށް އޮހޮރެންފަށައެވެ. ބަންގީގެ ބާކީބައި ފުރިހަމަކުރާނެ ހިތްވަރެއް އެކަލޭގެފާނު ކިބައިގައި ނުހުރެއެވެ. އެބައި ފުރިހަމަ ކުރަނީ އެކަލޭގެފާނު ގެ ލޯފުޅުން އެ އޮހޮރިގެންދާ ކަރުނަތައް ކަހަލައެވެ.
އަބޫބަކުރުގެފާނު ޚިލާފަތުގެ ދުވަސްވަރުން ދުވަހެއްގައި ބިލާލުގެފާނު އަބޫބަކުރުގެފާނު އަރިހަށް ވަޑައިގެން ދެންނެވިއެވެ. ” އޭ ﷲ ގެ ރަސޫލާގެ ޚަލީފާއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވަނިކޮށް އަހުރެން އަޑުއެހީމެވެ. ” މުއުމިނެއްގެ އެންމެ އެންމެ މާތްވެގެންވާ ޢަމަލަކީ ﷲ ގެ މަގުގައި ޖިހާދުކުރުމެވެ.” އެހިނދު އަބޫބަކުރުގެފާނު ވިދާޅުވިއެވެ. ” އެހެންވީމާ ކަލޭގެފާނު ބޭނުންފުޅުވެ ލައްވަނީ ކޮންކަމެއްތޯއެވެ؟” ޖަވާބުގައި ބިލާލުގެފާނު ކީރިތިކުރައްވަމުން ވިދާޅުވިއެވެ. ” ﷲ ގެ ރަސޫލާއަށް ފިޔަވައި އެހެން އެއްވެސް މީހެއްގެ އެދުމަކަށް އަހަރެން ބަންގި ނުގޮވާނަމެވެ.” އަބޫބަކުރުގެފާނު ވިދާޅުވިއެވެ. ” ބިލާލެވެ. އަހަރެމެންނާއި އެކު މަޑުކުރާށެވެ. އަދި އަހަރެމެންނަށް ނަމާދަށް ގޮވާމީހަކުކަމުގައި ވާށެވެ.”
ދެރަވެ މާޔޫސްވެފައިވާ ޙާލު، ބިލާލުގެފާނު ވިދާޅުވިއެވެ. ” ކަލޭގެފާނު އަހުރެން މިނިވަންކުރެއްވީ ކަލޭގެފާނަށްޓަކައި ކަމުގައިވާނަމަ، އަހުރެން ކަލޭގެފާނު ބޭނުންފުޅުވެލައްވާ ވިދާޅުވެލެއްވި ކަމެއްކުރާނަމެވެ. ނަމަވެސް ކަލޭގެފާނު އަހުރެން މިނިވަން ކުރެއްވީ ﷲ އަށްޓަކައި ކަމުގައި ވާނަމަ، އެފަރާތަކަށްޓަކައި އަހަރެން މިނިވަންކުރެވުނުފަރާތަށް އަހަރެން ދޫކޮށްލާށެވެ؟” އަބޫބަކުރުގެފާނު ވިދާޅުވިއެވެ. ” އަހުރެން ކަލޭގެފާނު މިނިވަންކުރީ ﷲ އަށްޓަކައެވެ.”
އެދުވަހުގެ ފަހުން ބިލާލްގެފާނު އުޅުއްވެވީ އިސްލާމް ދީނުގެ ހައްގުގައި ކުރެއްވެމުން ދިޔަ ހަނގުރާމަ ތަކުގައި ހަރަކާތްތެރިވަމުންނެވެ. އަބޫބަކުރުގެފާނުގެ ޚިލާފަތަށްފަހު ޢުމަރުގެފާނުގެ ޚިލާފަތުގައިވެސް ބިލާލްގެފާނު ޢުމަރުގެފާނުގެ އަރިހުން އެދި ލެއްވީ އަބޫބަކުރުގެފާނުގެ އަރިހުން އެދި ލެއްވި އެދި ލެއްވުމެވެ.
ބިލާލްގެފާނުގެ މި އެދިލެއްވުމަށް އިޖާބަ ދެއްވައި ސީރިޔާ ފަތަހަ ކުރެއްވި ހަނގުރާމައަށް އެކަލޭގެފާނު ފޮނުއްވުނެވެ. ސީރިޔާ ފަޠަހަ ކުރެއްވުމުން ޢުމަރުގެފާނު އެ މާތް ބިމަށް ވަޑައިގެން ބަންގި ދެއްވުމަށް ބިލާލްގެފާނުގެ އަރިހުން އެދިލެއްވިއެވެ. އެކަލޭގެފާނު މިފަދައިން އެދިލައްވާފައިވަނީ މުސްލިމުން އެކަލޭގެފާނުގެ އަރިހުން އެކަމަށް އެދިލެއްވުމުންނެވެ. ޢުމަރުގެފާނުގެ މި އެދިލެއްވުން ބިލާލުގެފާނު ޤަބޫލުފުޅުކުރައްވައި މުންނާރަށް އަރާވަޑައިގެން ބަންގިދެއްވަން ފެއްޓެވިއެވެ. އެދުވަހު ޢުމަރުގެފާނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޞަޙާބީން، ވަރަށް ކީރިތިކުރެއްވިއެވެ. އެބޭކަލުންނަށް ހަދާން އައު ވެގެން ދިޔައީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދުނިޔޭގައި ހުންނެވި ދުވަސްތަކެވެ.
ބިލާލުގެފާނު އަވަހާރަވެވަޑައިގަތީ ސޫރިޔާގައެވެ. އެކަލޭގެފާނު އެދިވަޑައިގެން ގޮތަށް ﷲ ގެ މަގުގައި ހަމގުރާމަކުރައްވަނިކޮށެވެ. އެކަލޭގެފާނު ފަސްދާނު ލެވިފައިވަނީ ދިމިޝްޤުގައެވެ. ބިލާލް ބިން ރަބާހް އަކީ ޞަޙާބީންގެ ތެރެއިން އިސްލާމްދީނަށް ޖާނާއި މާލުން ޤުރުބާންވެ ވަޑައިގެން، އެއްކައުވަންތަ ކަމުގެ ކަލިމަ އުފުއްލެވި މާތް ޞަޙާބީއެކެވެ. އެކަލޭގެފާނު އިސްލާމް ދީނަށްޓަކައި ވީ މަތިވެރި ގުރުބާނީގެ ސަބަބުން ދުނިޔޭގައި ހުންނަވަނިކޮށް ސުވަރުގެ ވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވި 10 ބޭކަލުންގެ ތެރޭގައި އެކަލޭގެފާނު ހިމެނިވަޑައިގަންނަވައެވެ. ބިލާލްގެފާނުގެ ވާހަކައިން އެކަނިވެސް އަހަރެމެންނަށް ވަރަށް އަގުހުރި ފިލާވަޅުތަކެއް ދަސްވެގެން ދެއެވެ. މި އިސްލާމް ދީނުގެ މަތިވެރިކަމެވެ. މި ދީނުގައި އިންސާނާގެ ޤަދަރު އުފުލިގެން ދަނީ އިންސާނާގެ ސިފައާއި ހަމުގެ ކުލައާއި، މުދަލާއި ފައިސާއަށް ބަލައިގެން ނޫންކަމެވެ. އެހެނެއްކަމަކު އޭނާގެ ތަޤުވާވެެރިކަމުގެ ސަބަބުންނެވެ.
(ނިމުނީ)
Advertisement
This content is created and paid for by advertisers and does not involve Voice Journalists