އިފްކުގެ ޙާދިސާ
އިފްކުގެ ޙާދިސާއަކީ އިސްލާމީ ތާރީޚުގައި ހިނގާދިޔަ މުހިއްމު ޙާދިސާއެކެވެ. އެ ޙާދިސާއެއްގެ ސަބަބުން މީސްތަކުން އިމްތިޙާނުކުރެވި، އެ ޙާދިސާއާގުޅިގެން ނޫރު ސޫރަތުގައި އާޔަތްތަކެއް ބާވާލެއްވުނު ޙާދިސާއެކެވެ. އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައެޅިގެންވާ ޙައްދުތަކުގެ ތެރެއިން ޤަޛްފުގެ ޙައްދު ކަނޑައެޅުނު ޙާދިސާއެވެ. ޢަރަބިބަހުގައި "އިފްކު" ގެ މާނައަކީ ދޮގެވެ. މި ޙާދިސާއަށް މިނަން ދެވުނީ މުނާފިޤުން އިސްވެތިބެ، ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم ގެ އަނބިކަނބަލުން އުއްމުލް މުއުމިނީން ޢާއިޝާ رَضِيَ اللهُ عَنْهَا އާ ބެހޭގޮތުން ދޮގުވާހަކައެއް ފެތުރުމުގެ ސަބަބުންނެވެ.
އެއީ ހިޖުރީގޮތުން 5 ވަނަ އަހަރުގެ ޝަޢުބާންމަހެވެ. ބަނޫ މުޞްޠަލަޤު ވަންހައިގެ ވެރިޔާ އަލްހާރިޘް ބުން އަބީ ޡިރާރު ލަޝްކަރަކައިގެން މަދީނާއަށް ހަމަލާދިނުމަށް ރާއްވާކަމުގެ ޚަބަރު ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم އަށް ލިބިވަޑައިގަތެވެ. ބަނޫ މުޞްޠަލަޤު ވަންހައިގެ މީހުންނާދެކޮޅަށް ހަނގުރާމަކުރުމަށް މުސްލިމުން ތައްޔާރުވާން ފެށިއެވެ. ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم ވެސް ދަތުރަށް ތައްޔާރުވެ ވަޑައިގަންނަވައި، އެކަލޭގެފާނުގެ އާދަފުޅުގެ މަތިން އެ ދަތުރުފުޅުގައި ގެންދަވާނެ އަނބިކަނބަލެއް އިޚްތިޔާރުކުރެއްވުމުގެ ގޮތުން އަނބިއަނބިކަނބަލުންގެ މެދުގައި ގުރުއަތު ލެއްވިއެވެ. ގުރުއަތުން ދިމާވީ ޢާއިޝާ رَضِيَ اللهُ عَنْهَا އަށެވެ. އޭރުވަނީ އަންހެން ކަނބަލުން ޙިޖާބުވުމުގެ އާޔަތްތައް ބާވާލައްވާފައެވެ. އެހެންކަމުން، އެކަމަނާގެ ސަވާރީކޮޅުގައި އެ ކަމަނާ ވެންނެވުމަށް ހައުދަޖެއް ތައްޔާރުކުރެވިފައިވެއެވެ. ހައުދަޖަކީ އިށީންނުމަށާއި ނިވާވުމަށްޓަކައި ޖަމަލުގެ ބުރަކަށިމަތީގައި ހަދާފައި ހުންނަ ގެގަނޑެކެވެ.
ކޮންމެއަކަސް، މުސްލިމުންގެ ލަޝްކަރާއި ބަނޫ މުޞްޠަލަޤުވަންހައިގެ ލަޝްކަރު ބައްދަލުކޮށް ކުރިމަތިލުން ތަކެއް ކުރިއަށް ދިޔައެވެ. އެހެންނަމަވެސް، މާ ބޮޑު ކުރިމަތިލުންތަކެއް ނުހިނގަނީސް އެ ވަންހައިގެ މީހުންތައް ފުރަގަސްދީފިއެވެ. އަދި މުސްލިމުންނަށް ނަޞްރު ލިބުނެވެ. މި ހަނގުރާމަ މަޝްހޫރުވެފައިވަނީ غَزْوَةُ بَنِي مُصْطَلَقُ އަދި غَزْوَةُ الـمُرَيْسِيعِ ގެ ނަމުންނެވެ.
ހަނގުރާމައިގެ ނަޞްރާއެކު މުސްލިމުން މަދީނާއަށް ދަތުރު ފެށިއެވެ. މަދީނާއަށް ވަނުމުގެ ކުރިން ވަރުބަލިކަން ފިލުވާލުމަށްޓަކައި މަދީނާއާ ދުރުނޫން ހިސާބެއްގައި ލަޝްކަރު މަޑުކޮށްލިއެވެ. ވަގުތަކީ ރޭގަނޑުގެ އަނދިރިކަން ގަދަވެފައިވީ ވަގުތެކެވެ.
ފަތިސްވަގުތުވުމުން ޢާއިޝާ رَضِيَ اللهُ عَنْهَا ޤަޟާޙާޖަތެއް ކުރެއްވުމަށްޓަކައި އެކަމަނާ އިންނެވި ހައުދަޖުން ބޭރަށް ނުކުމެވަޑައިގެން ގިނިކަންޏާ ސަހަރާ ތެރެއަށް ވަޑައިގަތެވެ. އެނބުރި ލަޝްކަރާ ހަމައަށް ވަޑައިގެންނެވި އިރު އެކަމަނާ އަޅުއްވައިގެން ހުންނެވި ފަށްކޮޅު ވެއްޓިފައިވާކަން އެނގިވަޑައިގަތެވެ. އެހިނދު، އެކަމަނާ އެ ފަށްކޮޅު ހޯއްދެވުމަށްޓަކައި ކުރިން އެ ވަޑައިގެންނެވި ދިމާލަށް ވަޑައިގެންނެވިއެވެ. އެކަމަނާ އަނބުރާ ލަޝްކަރު މަޑުކޮށްގެން ތިބިތަނަށް ވަޑައިގެންނެވިއިރު ލަޝްކަރު އެތަނުން ދަތުރުފަށައިގެން ހިނގައްޖެއެވެ. އެކަމަނާގެ ސަވާރީކޮޅު ބަލަހައްޓަން ތިއްބެވި ބޭކަލުންނަށްވެސް އެކަމަނާ ހައުދަޖުގެ ތެރޭގައި ނެތްކަމެއް އެނގިވަޑައެއް ނުގަންނަވެއެވެ.
އެކަމަނާ ވަޑައިގެންނެވިއިރު އެތަނުގައި އެކަކުވެސް ފެންނާކަށް ނެތެވެ. ކުރިމަތިވެވަޑައިގެންފައިވާ ކަންބޮޑުވުމުގެ މައްޗަށް ވިސްނުންފުޅު އިސްކުރައްވައި ދެން ހައްދަވާނެ ގޮތަކާމެދު ވިސްނަވަމުން ގެންދެވިއެވެ. ކޮޅުކޮޅަށް ވަޑައިގަތުމުގެ ބަދަލުގައި އެކަމަނާ މަޑުކުރެއްވި ތަނުގައި އިންނެވުމަށް ނިންމެވިއެވެ. އެކަމަނާ ނެތްކަން އެނގުމުން އެކަމަނާ ހޯއްދަވަން އަންނާނެކަން އެކަމަނާގެ ވިސްނުންފުޅަށް އައެވެ. އެކަމަނާ އެތަނުގައި އިށީނދެވަޑައިގެން އިންނަވަނިކޮށް އެކަމަނާގެ ލޯފުޅަށް އަވަހާރަފުޅު ލެއްޕެވުމުގެ އަސަރުތައް ގަދަވެ، އެކަމަނާއަށް އަވަހާރަފުޅު ލެއްޕެވުނެވެ.
ލަޝްކަރުގެ އެންމެ ފަހަތުން ވަޑައިގަންނަވާ ބޭކަލެއްކަމުގައިވާ ޞަފްވާން ބުން މުޢައްޠަލް رَضِيَ اللهُ عَنْهُ ހެނދުނުވީއިރު އެ ކަމަނާ ހުންނެވި ހިސާބަށް ފޯރައިފިއެވެ. ކަޅުކުލައިގެ ފޮތިގަނޑެއް ފެނިވަޑައިގެން ވަޑައިގެންނެވިއިރު އިންސާނަކު ނިދާފައި އޮތްކަން އެނގިވަޑައިގެން ކައިރިއަށް ޖެހިލެއްވިއެވެ. ޢާއިޝާ رَضِيَ اللهُ عَنْهَا ފެނިވަޑައިގަތުމާއެކު އެއީ އެކަމަނާކަން އެނގިވަޑައިގަތެވެ. އެހެނީ، އަންހެން ކަނބަލުން ޙިޖާބުވުމުގެ އާޔަތްތައް ބާވާލެއްވުމުގެ ކުރިންވެސް އެކަލޭގެފާނަށް ވަނީ އެކަމަނާ ފެނިވަޑައިގެންފައެވެ. އެކަމަނާކަން އެނގިވަޑައިގަތުމާއެކު އެކަލޭގެފާނު "إِنَّا لِلَّهِ وَإِنَّا إِليهِ رَاجِعُون" މިފަދައިން ވިދާޅުވާން ފެއްޓެވިއެވެ. މި އަޑުފުޅަށް އެކަމަނާއަށް ހޭފުޅުލެއްވުނެވެ. އަދި އެކަމަނާގެ ޖިލްބާބުން އެކަމަނާގެ މޫނުފުޅު ނިވާކުރެއްވިއެވެ. ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. "ﷲ ގަންދީފައި ބުނަމެވެ. އެކަލޭގެފާނު ތިމަން ކަމަނާއަށް އެއްވެސް ބަހެއް ވިދާޅެއްނުވެއެވެ. "إِنَّا لِلَّهِ وَإِنَّا إِليهِ رَاجِعُون" ފިޔަވައި އިތުރު ބަސްފުޅެއް ވިދާޅުވި އަޑެއްވެސް ތިމަން ކަމަނާ ނާއްސަވަމެވެ."
ދެން، އެ ކަމަނާ ސަވާރުވުމަށްޓަކައި އެކަލޭގެފާނުގެ ސަވާރީ ތިރިކޮށްދެއްވައި، އެ ކަމަނާ ސަވާރުވަންދެން އެ އެތި ހިފަހައްޓަވައި ދެއްވިއެވެ. އަދި ލަޝްކަރާ ހަމައަށް އާދެވެންދެން ސަވާރީގެ ވާގަނޑުގައި ހިއްޕަވައިގެން ވަޑައިގެންނެވިއެވެ. ލަޝްކަރާ ހަމައަށް ފޯރިއިރު މެންދުރުވަގުތު ވެއްޖެއެވެ. އެއިރު މުނާފިޤުންގެ ވެރިޔާ ޢަބްދުﷲ ބުން އުބައްޔު ބުން ސަލޫލު އިސްވެހުރެ މުސްލިމުންގެ ތެރޭގައި ވަނީ ބޮޑުވެގެންވާ ނުބައި ވާހަކައެއް ފަތުރާފައެވެ.
ބޮޑުވެގެންވާ ފިތުނަގަނޑެއް އުފައްދާފައެވެ. އެއީ ޢާއިޝަތުގެފާނާއި ޞަފްވާން ބުން މުޢައްޠަލްއާއެކު ފާހިޝްޢަމަލެއް ހިންގިކަމުގެ ދޮގުވާހަކައެވެ. ޒިނޭގެ ތުހުމަތުކޮށްފައެވެ. އެހެންނަމަވެސް މިކަމެއް އެކަމަނާއަކަށް އެނގިވަޑައެއް ނުގަންނަވައެވެ.
މި ދަތުރުން ވަޑައިގެންނެވި ތަނުން ޢާއިޝާ رَضِيَ اللهُ عَنْهَا އަށް އާލާސްކަންފުޅެއް ޖެހިވަޑައިގަތެވެ. އެއިރުވެސް އެ ދޮގުވާހަކަ ތަފާތު ގޮތްގޮތަށް މީސްތަކުންގެ މެދުގައި ދެކެވެމުން ދެއެވެ. އެހެންނަމަވެސް، އެކަމަނާއަކަށް މިކަމެއް އެނގިވަޑައެއް ނުގަންނަވައެވެ. ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم ގެ ހިތްޕުޅަށްވެސް މި ޚަބަރުގެ ސަބަބުން ފުން ހިތާމައެއް ވަނީ ކުރިމަތިވެވަޑައިގެންފައެވެ. އެކަލޭގެފާނުގެ އަނބިކަނބަލަކު އެފަދަ ފާޙިޝް ނުބައި ޢަމަލެއް ކުރެއްވިކަމުގެ ތުހުމަތަކީ ބޮޑު ތުހުމަތެކެވެ. އެކަމުގައި ކަންތައް ކުރައްވާނެގޮތެއް ޚުދު އެކަލޭގެފާނަށްވެސް އެނގިވަޑައިނުގެން ހުންނެވިއެވެ. އެހެން ފަހަރުތަކުގައި އެ ކަމަނާއަށް އާލާސްކަންފުޅެއް ޖެހިވަޑައިގެންނެވުމުން ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم އެކަމަނާއާ ދޭތެރޭގައި ބަހައްޓަވާ އޯގާތެރިކަމެއް މިފަހަރަކު ފެނިވަޑައެއް ނުގެންނެވިއެވެ. އެކަމަނާގެ އަރިހަށް އެކަލޭގެފާނު ވަޑައިގެންނެވުމަށްފަހު އެކަމަނާއަށް ސަލާމް ގޮވާލެއްވުމަށްފަހު ޙާލު އައްސަވާލެއްވުން ފިޔަވައި އިތުރު ވާހަކަފުޅެއް ނުދައްކަވައެވެ. އެ ހާވަރުންވެސް ގޯހެއް އުޅޭކަމުގެ އިޙްސާސެއް އެކަމަނާއަކަށް ނުކުރެވުނެވެ. މިގޮތުގައި އެކަމަނާގެ މި އާލާސްކަންފުޅުގައި އެއްމަސްދުވަސް ހޭދަވިއެވެ.
އެކަމަނާގެ އާލާސްކަންފުޅަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބިވަޑައިގެންނެވިއެވެ. އެ ޒަމާނުގައި އާދަތައް ހުންނަ ގޮތުން ރޭގަނޑު ޤަޟާޙާޖަތްކުރުމަށްޓަކައި ސަހަރާގެ ތެރެއަށް ދަނީ އެހެން އަންހެނަކާ އެކުގައެވެ. އެއްރެއަކު، އެކަމަނާއާއެކު އެގޮތަށް ވަޑައިގަންނަވާ ޞަޙާބިއްޔާތެއް ކަމުގައިވާ އުއްމު މިޞްޠަޙު رَضِيَ اللهُ عَنْهَا އާއެކުގައި ސަހަރާގެ ތެރެއަށް ވަޑައިގެންފިއެވެ. އެނބުރި ގެކޮޅަށް ވަޑައިގެންނެވި މަގުމަތީގައި އުއްމު މިޞްޠަޙުގެ ހެނދުންކޮޅު ތަނެއްގައި އަޅައިގަތެވެ. އެހިނދު، އުއްމު މިޞްޠަޙު އެކަމަނާގެ ދަރިކަލެއްކަމުގައިވާ މިޞްޠަޙުއަށް ހުރި ހިތާމައެއްގެ ވާހަކަ ދޭހަވާ ބަސްފުޅެއް ވިދާޅުވެވުނެވެ. އެހިނދު، ޢާއިޝަތުގެފާނު ވިދާޅުވިއެވެ. "ބަދުރު ހަނގުރާމައިގައި ބައިވެރިވެ ވަޑައިގެންނެވި ބޭކަލަކަށް ދެރަބަސް ރައްދުކުރަނީ ތޯއެވެ؟" ޖަވާބުގައި އުއްމު މިޞްޠަހު ދެންނެވިއެވެ. "ތިމަންގެ އެ ދަރިފުޅު އެ ދައްކާ ވާހަކައެއް ކަމަނާ އަޑު ނާއްސަވަންތޯއެވެ؟" އެކަމަނާ ވިދާޅުވިއެވެ. "ކޮން ވާހަކައެއްތޯއެވެ؟" އެހިނދު، އެދެކެވޭ ވާހަކައިގެ ޚަބަރު އެކަމަނާއަށް ދެއްވިއެވެ. އެހިނދު، އެ ލިބިގެން ޚަބަރުގެ ސަބަބުން ބިންގަނޑު ފައިދަށުން ދެމިގެންދިޔަ ފަދައެވެ. އެކަމަނާގެ އާލާސްކަންފުޅުގެ މައްޗަށް ހިތާމަވެރިކަމާއި ކަންބޮޑުވުން އިތުރުވެ އާލާސްކަންފުޅު އިތުރަށް ގޯސްވިއެވެ. އެކަމަނާ އަވަހަށް ގެކޮޅަށް ވަޑައިގެންނެވިއެވެ. ކުޑައިރުކޮޅެއްފަހުން ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم ވަޑައިގެން، އެކަމަނާއަށް ސަލާމް ގޮވާލެއްވުމަށްފަހު ޙާލު އެއްސެވިއެވެ. އެހިނދު، ޢާއިޝަތުގެފާނު ދެންނެވިއެވެ. "ތިމަންކަމަނާގެ މައިންބަފައިންގެ ގާތަށް ދިޔުމުގެ އިޒުނަ ކަލޭގެފާނު ތިމަންކަމަނާއަށް ދެއްވާނުތޯއެވެ؟" ދެން އެކަލޭގެފާނު އިޒުނަފުޅު ދެއްވުމުން އެ ކަމަނާގެ މައިންބަފައިންގެ ގާތަށް ވަޑައިގެން، އެ ކަމަނާގެ މަންމާފުޅަށް ދެންނެވިއެވެ. "މަންމާފުޅާއެވެ! މީސްތަކުން އެ ދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ؟" އެހިނދު ޖަވާބުދެއްވިއެވެ. "ލޯބިވާ ދަރިފުޅާއެވެ! ދަރިފުޅަށް އެކަން ލުއިކޮށްދެއްވާށިއެވެ! އެއްވެސް އަންހެނަކު، އެކަނބުލޭދެކެ ލޯބިވާ ފިރިޔަކުހުރެ، އަދި ގިނަ އަނބިންތިބޭކަމުގައިވާނަމަ އެފަދަ ވާހަކަތައް ގިނަވާނެއެވެ." އެހިނދު އެކަމަނާ ވިދާޅުވިއެވެ. "سُبْحَانَ اللهِ، މީސްތަކުން މިފަދަ ވާހަކައެއް ދައްކަނީ ހެއްޔެވެ." އެ ރެއަކީ ޢާއިޝާ رَضِيَ اللهُ عَنْهَا އަށް ކުރިމަތިވެވަޑައިގެންނެވި އެންމެ ހިތާމަވެރި އެއްރެއެވެ. ފަތިސްވަންދެން އެކަމަނާ ހޭދަކުރެއްވީ ކީރިތި ކުރެއްވުމުގައެވެ.
ފަތިސްވުމުން، މިކަމުގައި ކަންތައް ކުރައްވާނެގޮތަކާމެދު ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم މަޝްވަރާކުރައްވަން ފެއްޓެވިއެވެ. މިގޮތުން އުސާމާ ބުން ޒައިދާއި ޢަލީ ބުން އަބީޠާލިބު ގެންނަވައި، ޢާއިޝަތުގެފާނު ވަރިކުރެއްވުމާމެދު ދެކެވަޑައިގަންނަވާ ގޮތަކާމެދު ޚިޔާލު އެއްސެވިއެވެ. އެހިނދު އުސާމާ ބުން ޒައިދު ދެންނެވިއެވެ. "އެކަމަނާއަކީ ކަލޭގެފާނުގެ އަނބިކަނބަލުންނެވެ. އެ ކަމަނާއާމެދު ހެވެއް ނޫނީ އެނގިގެން ނުވެއެވެ." އަދި ޢަލީގެފާނު ވިދާޅުވިއެވެ. "ﷲ ގަންދީފައި ބުނަމެވެ! މާތް ﷲ ކަލޭގެފާނު އުނދަގޫފުޅެއްގެ ތެރޭގައި ނުލައްވާށިއެވެ! ކަލޭގެފާނު ބޭނުންފުޅުވާނަމަ އެހެން އަންހެންތަކުންވެސް އެބަތިއްބެވިއެވެ. ޚާދިމް އަންހެން ކުއްޖާގެ ކިބައިން ކަލޭގެފާނު އައްސަވާށެވެ! އެ ކުއްޖާ ތެދަށް ކިޔައިދޭނެއެވެ!" އެހިނދު ޢާއިޝަތުގެފާނާ އެންމެ އެކުވެރި ބޭކަނބަލެއްކަމުގައިވާ ބަރީރާ ގެންނަވައި ޙަދީޘްކުރެއްވިއެވެ. "ޝައްކުވާފަދަކަމެއް އެކަމަނާގެ ކިބައިން ފެނިވަޑައިގަންނަވާތޯއެވެ؟" ޖަވާބުގައި ބަރީރާ ދެންނެވިއެވެ. "ކަލޭގެފާނު ޙައްޤާގެން ފޮނުއްވި ކަލާނގެ ގަންދީފައި ބުނަމެވެ! ނޫނެކެވެ."
އަދި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންކުރެ ކަންކަމުގައި ޢާއިޝަތުގެފާނާ އެންމެ ވާދަކުރައްވާ އަނބިކަނބަލުންކަމުގައިވާ ޒައިނަބު ބިންތު ޖަހުޝް رَضِيَ اللهُ عَنْهَا އާ މިކަމުގައި އެކަލޭގެފާނު މަޝްވަރާކުރެއްވިއެވެ. ޒައިނަބުގެފާނު ޢާއިޝަތުގެފާނާމެދު އޮންނަ ވާދަވެރިކަމާއި ޣީރަތްތެރިކަން އޮތް ޙާލުގައިވެސް، ދޮގުވެރިކަމާއި ފިތުނަވެރިކަމަށް ފުރުޞަތު ނުދެއްވައި، ހެޔޮކޮށް ހީފުޅު ކުރެއްވުން އިސްކުރައްވައި ދެންނެވިއެވެ. "އޭ ﷲގެ ރަސޫލާއެވެ! ތިމަންކަމަނާގެ އިވުމާއި ފެނުން ތިމަންކަމަނާ ރައްކާތެރިކުރަމެވެ. އެކަމަނާއާބެހޭގޮތުން ހެވެއް ނޫނީ ތިމަންކަމަނާއަށް އެނގިގެން ނުވެއެވެ."
އެ ދުވަހު މާތް ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم މުނާފިޤުންގެ އިސްކޮށްހުރި މިހާއާ ބެހޭގޮތުން އެކަލޭގެފާނު ޞަޙާބީ ބޭކަލުންނަށް ޝަކުވާ ދެންނެވިއެވެ. އެކަލޭގެފާނު މިންބަރުކޮޅަށް އަރައިވަޑައިގެން ޙަދީޘްކުރެއްވިއެވެ. "އެންމެހާ މުސްލިމުންނޭވެ! ތިމަންކަލޭގެފާނުގެ އަހުލުންނާ ބެހޭގޮތުން ނުބައި ވާހަކައެއް ފަތުރައިގެން ތިމަންކަލޭގެފާނަށް ގޯނާ ކުރިމަތިކުރުވާމީހާގެ ކިބައިން ތިމަންކަލޭގެފާނު ސަލާމަތްކޮށްދޭނީ ކޮން ބޭކަލެއްތޯއެވެ؟ ﷲ ގަންދީފައި ބުނަމެވެ. ތިމަންކަލޭގެފާނުގެ އަހުލުންނާބެހޭގޮތުން ހެވެއް ނޫނީ ތިމަންކަލޭގެފާނަކަށް އެނގިގެނެއް ނުވެއެވެ. އަދި އެ ބޭކަލަކާބެހޭގޮތުން (އެބަހީ؛ ޞަފްވާން ބުން މުޢައްޠަލާ ބެހޭގޮތުން) ހެވެއް ނޫނީ ތިމަންކަލޭގެފާނު އައްސަވާފައި ނުވާ ބޭކަލަކަށް އެމީހަކު ތުހުމަތުކުރެއެވެ. އެބޭކަލަކު ތިމަންކަލޭގެފާނާއެކު ނޫނީ ތިމަންކަލޭގެފާނުގެ ގެކޮޅުގެ ތެރެއަށް ވަދެވަޑައެއް ނުގަންނަވައެވެ." އެހިނދު މީސްތަކުންގެ ތެރެއިން އައުސްވަންހައިގެ ބަނޫ ޢަބްދުލް އަޝްހަލުގެ ބޭކަލެއްކަމުގައިވާ ސަޢުދު ބުން މުޢާޛު رَضِيَ اللهُ عَنْهُ ތެދުވެވަޑައިގެން ދެންނެވިއެވެ. "ﷲގެ ރަސޫލާއެވެ! އެމީހެއްގެ އުނދަގުލުން ކަލޭގެފާނު ދުރުކޮށްދޭނެ މީހަކީ ތިމަންނައެވެ. އެމީހަކީ އައުސްވަންހައިގެ މީހެއްކަމުގައިވާނަމަ އެމީހަކު ތިމަން ޤަތުލުކޮށްލާ ހުށީމެވެ. އަދި އެމީހަކީ އަހަރެމެންގެ އަޚުންކަމުގައިވާ ޚަޒްރަޖުވަންހައިގެ މީހެއްކަމުގައިވާނަމަ ތިމަންމެނަށް ކަލޭގެފާނު އަމުރުކުރައްވާށެވެ! އޭރުން އެ އަމުރެއް ތިމަންމެން ތަންފީޒުކުރާހުށީމެވެ." އެހިނދު، ޚަޒްރަޖުވަންހައިގެ ވެރިއެއްގެ ގޮތުގައި ހުންނެވި ސަޢުދު ބުން ޢުބާދާ رَضِيَ اللهُ عَنْهُ ތެދުވެވަޑައިގެން ވިދާޅުވިއެވެ. "ﷲގެ ގަންދީފައި ބުނަމެވެ! ތިޔަބުނީ ދޮގުވާހަކައެކެވެ. އެމީހަކު ޤަތުލުކޮށްގެން ނުވާނެއެވެ. އަދި އެކަމެއް ނުކުރެވޭނެއެވެ. އެމީހަކު ނިސްބަތްވަނީ ތިބާގެ ވަންހައަށް ކަމުގައިވާނަމަ، އެ މީހަކު ޤަތުލުކުރާކަށް ތިބާއެއްވެސް ނޭދޭނެއެވެ." އެހިނދު، އުސައިދު ބުން ޙުޟައިރު رَضِيَ اللهُ عَنْهُ ތެދުވެވަޑައިގެން ވިދާޅުވިއެވެ. "ﷲ ގަންދީފައި ބުނަމެވެ. ތިޔައީ ދޮގެކެވެ. އަހަރެމެން އެމީހަކު ޤަތުލުކުރާ ހުށީމެވެ! ތިޔަ ވާހަކަފުޅު ދައްކަވަނީ މުނާފިޤުންގެ ދިފާޢުގައެވެ." އައުސްވަންހައާއި ޚަޒްރަޖުވަންހައިގެ ބޭކަލުންގެ މެދުގައި މި މައްސަލަ ވަރަށް ބޮޑަށް ހޫނުވާން ފެށިއެވެ. ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم މިންބަރުފުޅުގައި އިންނަވައި، އެބޭކަލުން ޞުލްޙަކުރައްވައި ހަމަހިމޭންކުރެއްވިއެވެ. އަދި އެކަލޭގެފާނުވެސް އެކަމާބެހޭގޮތުން އިތުރަށް އެއްޗެއް ވިދާޅުނުވެ، ހަނުހުންނެވިއެވެ.
އެދުވަހުގައިވެސް ޢާއިޝާ رَضِيَ اللهُ عَنْهَا ގެންދެވީ މެދުކެނޑުމެއްނެތި ކީރިތި ކުރައްވަމުންނެވެ. ޢިއްފަތްތެރި އަންހެނެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމަކީ ހިތަށް ހާދަހާވާ އަސަރެއް ކުރުވާނެކަމެކެވެ. ޚާއްޞަކޮށް އެންމެ މާތް އިންސާނާގެ އަނބިކަނބަލެއްގެ ގޮތުގައި ހުންނަވަނިކޮށެވެ. ޖެހިގެން އައި ދުވަހުގެ ހެނދުނު އެކަމަނާގެ މައިންބަފައިން އެކަމަނާގެ އަރިހުގައި ހުންނެވިއެވެ. އެއިރު ހުއްޓުމެއްނެތި އެކަމަނާ ކީރިތި ކުރައްވާތާ ދެދުވަސް ވީއެވެ. އަވަހާރަފުޅު ލެއްޕެވުމުގެ އަސަރެއްވެސް އެކަމަނާއަކަށް ނުކުރެއެވެ. އެކަމަނާގެ ހިތްޕުޅު ކުދިކުދި ވެދާނެ ފަދައެވެ. އެކަމަނާގެ މައިންބަފައިންނާއެކު ކީރިތި ކުރައްވަން އިންނަވަނިކޮށް އަންޞާރިއްޔަ ބޭކަނބަލަކު ވަޑައިގެން އިޒުނައަށް އެދިވަޑައިގަތުމުން، އިޒުނަދެއްވުމުން ވަޑައިގެން އެކަމަނާގެ އަރިހުގައި އިށީނދެވަޑައިގެން އެކަމަނާއާއެކު ހިތާމަކުރައްވަން ފެއްޓެވިއެވެ. މިގޮތުގައި އެކަނބަލުން ތިއްބަވަނިކޮށް ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم ވަޑައިގެން، ސަލާމް ވިދާޅުވުމަށްފަހު އިށީންދެވަޑައިގެންނެވިއެވެ. އެ ތުހުމަތެއް ކުރެވުނު ދުވަހުން ފެށިގެން އެހާ ގާތްކޮށް އެކަލޭގެފާނު އެކަމަނާގެ އަރިހުގައި އިށީނދެވަޑައެއް ނުގަންނަވައެވެ. އޭރު މިކަމާމެދު އެއްވެސް ވަޙީއެއް ބާވާނުލެއްވި އެއްމަސްދުވަސް ފާއިތުވެ ހިނގައްޖެއެވެ.
ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم އިށީނދެވަޑައިގެންނެވުމަށްފަހު، ޝަހާދަތް ވިދާޅުވުމަށްފަހު ޙަދީޘްކުރެއްވިއެވެ. "އެއަށްފަހު ދަންނާށެވެ! ޢާއިޝާއެވެ! ކަމަނާއާގުޅޭގޮތުން އެވެނި މިވެނި ޚަބަރެއް ތިމަންކަލޭގެފާނާ ހަމައަށް ފޯރާފައިވެއެވެ. މިކަމުގައި ކަމަނާ ބަރީއަވެގެންވާކަމުގައިވާނަމަ، މާތް ﷲ ކަމަނާ ބަރީއަވެގެންވާކަން އަންގަވާނެތެވެ. އަދި ކަމަނާއަށް ކުށެއް ކުރެވިފައިވާނަމަ، ﷲއަށް ތައުބާވެ އެކަލާނގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދޭށެވެ! އަޅަކަށް ފާފައެއް ކުރެވި، އެކަމަށް އިޢުތިރާފުވެ، ﷲގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދެފިކަމުގައިވާނަމަ، އެކަލާނގެ އެ އަޅެއްގެ ތައުބާ ޤަބޫލުކުރައްވާނެތެވެ." އެކަލޭގެފާނުގެ ވާހަކަފުޅު ނިންމަވާލެއްވުމާއެކު އެކަމަނާ ވަރަށް ބޮޑަށް ކީރިތިކުރެއްވިއެވެ. އަދި އެކަމަނާގެ ބައްޕާފުޅު އަބޫބަކުރު رَضِيَ اللهُ عَنْهُ އަށް ބައްލަވާލެއްވުމަށްފަހު އެކަމަނާ ދެންނެވިއެވެ.
"އެކަލޭގެފާނު ކަންބޮޑުވެވަޑައިގަންނަވާ ކަންކަމާމެދު ތިމަންކަމަނާގެ ފަރާތުން އެކަލޭގެފާނަށް ޖަވާބެއް ދެއްވާށެވެ!" އެހިނދު، އަބޫބަކުރުގެފާނު ވިދާޅުވިއެވެ. "ﷲ ގަންދީފައި ބުނަމެވެ. ﷲގެ ރަސޫލާއަށް ދަންނަވާނެ ޖަވާބެއް ބައްޕައަކަށް އެނގިވަޑައެއް ނުގަންނަވައެވެ." ދެން އެކަމަނާ އެކަމަނާގެ މަންމާފުޅަށް ދެންނެވިއެވެ. "އެކަލޭގެފާނު ކަންބޮޑުވެވަޑައިގަންނަވާ ކަންކަމާމެދު ތިމަންކަމަނާގެ ފަރާތުން އެކަލޭގެފާނަށް ޖަވާބެއް ދެއްވާށެވެ!" ޖަވާބުގައި މަންމާފުޅު ވިދާޅުވިއެވެ. "ﷲ ގަންދީފައި ބުނަމެވެ. ﷲގެ ރަސޫލާއަށް ދަންނަވާނެ ޖަވާބެއް މަންމައަކަށް އެނގިވަޑައެއް ނުގަންނަވައެވެ." ދެން އެކަމަނާ ވިދާޅުވިއެވެ. "ﷲ ގަންދީފައި ބުނަމެވެ. މި ވާހަކައެއް ފެތުރުނުލެއް ބޮޑުކަމުން އެ ވާހަކައެއް ވަނީ ތިޔަ ބޭކަލުންގެ ހިތްޕުޅުގައި ހަރުލާފައެވެ. އަދި އެއީ ތެދުކަމުގައި ބަލައިގަނެވިފައެވެ. އެހެންކަމުން، މިހާރު ތިމަންކަމަނާ އެކަމުން ބަރީއަވެގެންވާކަމަށް ވިދާޅުވެއްޖެނަމަ ތިމަންކަމަނާގެ ބަހެއް ޤަބޫލެއް ނުކުރާނެއެވެ. އަދި ތިމަންކަމަނާ އެކަމަށް އިޢުތިރާފުވެއްޖެކަމުގައިވާނަމަ، ތިމަންކަމަނާ އެކަމުން ބަރީއަވެގެންވާކަން މާތް ﷲ ދެނެވޮޑިގެންވާނެތެވެ. އަދި ތިޔަބޭކަލުން ތިމަންގެ އެވާހަކަ ޤަބޫލުކުރާނެތެވެ.
ތިމަންކަމަނާއާ ތިޔަ ބޭކަލުންނާ ދެމެދުގައި ވަނީ ޔޫސުފްގެފާނުގެ ބައްޕާފުޅުގެ މިސާލެވެ. ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ((فَصَبْرٌ جَمِيلٌ وَاللَّهُ الْمُسْتَعَانُ عَلَىٰ مَا تَصِفُونَ)) (يوسف: 18) މާނައީ: "ފަހެ، (ތިމަންކަލޭގެފާނަށް އޮތީ) ރިވެތިވެގެންވާ ކެތްކުރުމެކެވެ. އަދި ތިޔަބައިމީހުން، ސިފަކޮށް ބުނާ އެއްޗެއްގެ މައްޗަށް (ކެތްކުރުމުގައި) އެހީދެއްވާ ފަރާތަކީ ﷲ އެވެ." ދެން އެކަމަނާގެ އެނދުކޮޅުގެ އަނެއް ފަރާތަށް އެނބުރިވަޑައިގެންނެވިއެވެ. އަދި އެކަމަނާގެ ހިތްޕުޅު ބުނަމުންދިޔައެވެ. "ތިމަންކަމަނާ އެކަމުން ބަރީއަވެގެންވާކަން ﷲ ދެނެވޮޑިގެންވެއެވެ. އަދި އެކަން އެކަލާނގެ އަންގަވާނެކަމަށް އުއްމީދުކުރަމެވެ." އެކަމަނާ ހީފުޅުކުރެއްވީ އެކަލޭގެފާނަށް ހުވަފެންފުޅެއް ދައްކަވައި އެކަމަނާ އެކަމުން ބަރީއަވެގެންވާކަން އަންގަވާނެކަމަށެވެ. އަބަދަށް ކިޔެވޭނެ އާޔަތްތަކެއްގެ ގޮތުގައި މި ވާހަކަތައް ބާވާލެއްވޭނެކަމަކަށް އެކަމަނާ ކުޑަކޮށްވެސް ހީފުޅުނުކުރައްވައެވެ.
ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم އެތަނުގައި އިންނަވަނިކޮށް، އެކަލޭގެފާނުގެ މައްޗަށް ވަޙީ ބާވާލެއްވޭކަމުގެ އަސަރުތައް ފާޅުވާންފެށިއެވެ. އެއީ ފިނިމޫސުމެވެ. އެހެންނަމަވެސް، އެކަލޭގެފާނުގެ ހަށިކޮޅުން މުތްތަކެއް ފަދައިން ދާފޮދުތައް އޮހޮރެމުން ދިޔައެވެ. އެއީ އެ ބާވާލެއްވޭ ކަލިމަފުޅުތަކުގެ މަތިވެރިކަމުގެ ސަބަބުން އެކަލޭގެފާނަށް ކުރިމަތިވެވަޑައިގަންނަވާ ޙާލަތްކޮޅެކެވެ. ވަޙީ ބާވާލެއްވުން ނިމުމާއެކު، އުފާފުޅުން ހިނިތުންވެލައްވާ ޙާލު އެކަލޭގެފާނު ތެދުވެވަޑައިގެން އެންމެ ފުރަތަމަ ވާހަކަފުޅަކަށްވެސް ޙަދީޘްކުރެއްވިއެވެ. "ޢާއިޝާއެވެ! ކަމަނާ ބަރީއަވެގެންވާކަން މާތް ﷲ އަންގަވައިފިއެވެ." އެހިނދު އެކަމަނާގެ މަންމާފުޅު އެކަމަނާއަށް ވިދާޅުވިއެވެ. "ތެދުވެ އެކަލޭގެފާނަށް ޝުކުރު އަދާކުރުމަށް އެކަލޭގެފާނުގެ އަރިހަށް ވަޑައިގަންނަވާށެވެ!" އެހިނދު އެކަމަނާ ވިދާޅުވިއެވެ. "ނޫނެކެވެ. ﷲ ފިޔަވައި އެހެން ފަރާތަކަށް މިކަމުގައި ތިމަންކަމަނާ ޙަމްދު ނުކުރާހުށީމެވެ." މި ޙާދިސާއާގުޅިގެން ނޫރު ސޫރަތުގެ 11 ވަނަ އާޔަތުން 20 ވަނަ އާޔަތުގެ ނިޔަލަށް ބާވާލެއްވުނެވެ.
އެތަނުގައި އަބޫބަކުރު رَضِيَ اللهُ عَنْهُ ހުންނަވައި ވިދާޅުވިއެވެ. "ޢާއިޝަތުގެފާނާމެދު އެދެއްކި ވާހަކައާހުރެ ދެން މިޞްޠަޙުގެފާނަށް ތިމަންކަލޭގެފާނު ކުރައްވަމުން އައި ހޭދަ ހުއްޓަވާލައްވާހުށީމެވެ." މިޞްޠަޙުގެފާނަކީ އަބޫބަކުރުގެފާނާ ޢާއިލީގޮތުން ގާތް ބޭފުޅަކަށް ވާތީ، އަބޫބަކުރުގެފާނު އެބޭކަލަކަށް ޚަރަދުބަރަދު ކުރައްވާ ބޭކަލެކެވެ. މިޞްޠަޙުގެފާނުވީ މި ފިތުނައިގައި ޖެހިވަޑައިގެންނެވުނު ބޭކަލުންގެ ތެރޭގައެވެ. އަބޫބަކުރުގެފާނުގެ މިބަސްފުޅަށް އިޝާރާތްކުރައްވައި ނޫރު ސޫރަތުގެ 22 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނާގައިވެއެވެ. "ތިޔަބައިމީހުންގެ ތެރެއިން ދީލަތިކަމާއި، ތަނަވަސްކަމުގެ ވެރިން، ގާތްތިމާގެ މީހުންނަށާއި، މިސްކީނުންނަށާއި، ﷲ ގެ މަގުގައި ހިޖުރަކުޅަ މީހުންނަށް، ނުދިނުމަށް ހުވާނުކުރާހުށިކަމެވެ! އަދި އެބައިމީހުންނަށް ޢަފޫކޮށް މާފުކުރާހުށިކަމެވެ! ﷲ ތިޔަބައިމީހުންނަށް ފާފަފުއްސެވުމަކަށް ތިޔަބައިމީހުން ނޭދެމުހެއްޔެވެ؟ ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ." މި އާޔަތް ބާވާލެއްވުމުން އަބޫބަކުރުގެފާނު ވިދާޅުވިއެވެ. "އާދޭހެވެ! އިބަ އިލާހުގެ ފުއްސެވުމަށް މިއަޅާ އެދެމެވެ." އަދި އެކުރައްވަމުން އައި ޚަރަދުބަރަދު އަލުންކުރެއްވުމަށް ނިންމެވިއެވެ.
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މި ޙާދިސާއަކީ ޢިބްރަތުން ފުރިގެންވާ ހާދިސާއެކެވެ. މީހުންނާމެދު ދޮގުވާހަކަތައް ދެއްކުމުން ދުރުހެލިވުމާއި، މީހުންނާމެދު ހެޔޮކޮށް ކަންތައް ކުރުމުގެ މުހިއްމުކަން ދޭހަކޮށްދޭ ޙާދިސާއެކެވެ. އަދި ކަންކަން ޔަޤީންނުވަނީސް ކަންކަމާމެދު ގޮތް ނިންމާހެދުމުން ދުރުހެލިވާންޖެހޭކަން ހާމަވެއެވެ. އަދި ޒާތީ ކަންކަން އެކަހެރިކޮށް، އެންމެހާ ކަމެއްގައި ޢަދުލުވެރިކަން އިސްކޮށް، މާތް ﷲގެ ރުއްސެވުމާއި ފުއްސެވުން އެދުމަށް މަސައްކަތްކުރުމުގެ މުހިއްމުކަން ހާމަވެއެވެ. އެހެންނޫންކަމުގައިވާނަމަ ތިމާގެ ފުށުން އެހެންމީހަކަށް ބޮޑުވެގެންވާ އަނިޔާއެއް ދެވިދާނެއެވެ. އެކަމުގެ ސަބަބުން ފަހުން ހިތާމަކުރަންޖެހޭ މީހެއްކަމުގައި ތިމާ ވެދާނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists