ދީން
02 Dec 2022 | 15:14
ކީރިތި ޤުރްއާނުގައިވާ އެންމެ މަތިވެރި އާޔަތް

ކީރިތި ޤުރްއާނުގައި ﷲ سُبْحَانَهُ وَتَعَالَى ބާވާލައްވާފައިވާ ކޮންމެ ސޫރަތަކީވެސް މާތް މަތިވެރި ސޫރަތެކެވެ. އަދި އެ ފޮތުގައިވާ ކޮންމެ އާޔަތަކީވެސް ހަމައެހާމެ މާތް މަތިވެރި އާޔަތެކެވެ. އިންސީންނާއި ޖިންނީން އެކުވެގެންވެސް އެފަދަ ސޫރަތެއް ނުވަތަ އާޔަތެއް ނުގެނެވޭނެއެވެ. މުޅި އެންމެހާ މީސްތަކުންވަނީ އެކަމަށް ނުކުޅެދިފައެވެ. އެ މަތިވެރި ފޮތުގައިވާ 6236 އާޔަތުގެ ތެރެއިން އެންމެ މަތިވެރި އާޔަތަކީ ކޮބާތޯ؟ އެ އާޔަތުގައިވަނީ ކޮން ވާހަކައެއްތޯ؟ އެ އާޔަތެއް އެހާ މަތިވެރިވި ސަބަބަކީ ކޮބާތޯ؟ މި ސުވާލުތަކުގެ ޖަވާބުތަކަކީ ހެޔޮކަމަށް އެދޭ ކޮންމެ މީހަކަށްވެސް މުހިއްމުވާނެ ޖަވާބުތަކެކެވެ.

ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 255 ވަނަ އާޔަތަކީ އެ ފޮތުގައިވާ އެންމެ މާތް އާޔަތެވެ. އެ އާޔަތަކީ "آيَةُ الكُرْسِي" ގެ ނަމުން މަޝްހޫރުވެގެންވާ އާޔަތެވެ. އިމާމް މުސްލިމް، އުބައްޔު ބުން ކަޢުބް رَضِيَ اللهُ عَنْهُ ގެ ކިބައިން ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم އުބައްޔުގެފާނަށް ޙަދީޘްކުރެއްވިއެވެ. "އަބޫ މުންޛިރެވެ! ﷲގެ ފޮތުގައިވާ އާޔަތްތަކުގެ ތެރެއިން އެންމެ މަތިވެރި އާޔަތަކީ ކޮބައިކަން އެނގިލައްވާތޯއެވެ؟" އުބައްޔުގެފާނު ދެންނެވިއެވެ. "މޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ. އަދި އެކަލާނގެ ރަސޫލާއެވެ." މިގޮތަށް އެކަލޭގެފާނު ދެ ފަހަރަށް ތަކުރާރުކުރެއްވުމުން ތިންވަނަ ފަހަރު އުބައްޔުގެފާނު ދެންނެވިއެވެ. "އެއީ ((اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ(( އެވެ." އެހިނދު ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم އުބައްޔުގެފާނުގެ މޭފުޅުގައި ޖައްސަވާލެއްވުމަށްފަހު ޙަދީޘްކުރެއްވިއެވެ. "އަބޫ މުންޛިރެވެ! ތިބާއަށް ފަސޭހަ އެއްޗެއްކަމުގައި ޢިލްމު ލައްވާށިއެވެ!"

މި އާޔަތަކީ އެހާ މާތް އާޔަތަކަށްވީ މި އާޔަތުގައިވާ މާތް ﷲގެ އިސްމުފުޅުތަކާއި ޞިފަފުޅުތަކުގެ ސަބަބުންނެވެ. އާޔަތް ފެށުނީއްސުރެން އާޔަތް ނިމެންދެން އައިސްފައިވަނީ އެކަލާނގެއަށް ލިބިވޮޑިގެންވާ އިސްމުފުޅުތަކާއި ޞިފަފުޅުތަކެވެ. އުނިޞިފަތަކުން އެކަލާނގެއީ ހުސްޠާހިރުވެގެންވާ ފަރާތެއްކަމެވެ. ދިރިދެމިވޮޑިގެންވާ، ކަންކަން ކުރެއްވުމުގައި ޤާއިމުވެވޮޑިގެންވާ، ޢިލްމުފުޅުގައި ތަނަވަސްވެވޮޑިގެންވާ، އުޑާއި ބިމުގައިވާ އެންމެހާ އެއްޗެއް މިލްކުވެވޮޑިގެންވާ ފަރާތަކީ އެކަލާނގެ ކަމެވެ. އާޔަތުލް ކުރުސި ފިޔަވައި އެއް އާޔަތެއްގައި އެކަލާނގެ މަތިވެރިކަން މިހާ ފުރިހަމައަށް ބަޔާންކުރައްވާފައިވާ އެހެން އާޔަތެއް ކީރިތި ޤުރްއާނުގައި ނުވެއެވެ.

ޚާއްޞަ ބައެއް ޙާލަތްތަކުގައި މި އާޔަތް ކިޔުމަށް އައިސްފައިވެއެވެ. މިގޮތުން:

(1) ފަރުޟުނަމާދުތަކުގެ ފަހުގައި: އަބޫ އުމާމާ رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ. ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. ((مَنْ قَرَأَ آيَةَ الْكُرْسِيِّ فِي دُبُرِ كُلِّ صَلَاةٍ مَكْتُوبَةٍ لَمْ يَمْنَعْهُ مِنْ دُخُولِ الْجَنَّةِ إِلَّا أَنْ يَمُوتَ(( (رواه الطبراني في "الكبير") މާނައީ: "ކޮންމެ ފަރުޟުނަމާދެއްގެ ފަހުގައި އާޔަތުލް ކުރުސި ކިޔަވާމީހަކު، ސުވަރުގެ ވަނުމަށް މަނާކުރާ އެއްޗަކީ މަރުކަމުގައި ނޫނީ ނުވެއެވެ." އެބަހީ؛ މާތް ﷲގެ އަމުރުފުޅަށް ކިޔަމަންގަނެ، ނަހީތަކުން ދުރުވެ، ފަރުޟުނަމާދުތަކަށްފަހުގައި މި އާޔަތް ކިޔުމަކީ ސުވަރުގެ ވަނުމަށް ފުރުސަރު ލިބޭނެ ސަބަބެކެވެ.

(2) ނިދުމުގެ ކުރިން: އިމާމް ބުޚާރީ އަބޫ ހުރައިރާ رَضِيَ اللهُ عَنْهُ ގެ ކިބައިން ރިވާކުރައްވާފައިވާ ރިވާޔަތެއްގައިވެއެވެ. ރަމަޟާންމަހުގެ ޒަކާތުގެ މުދާ ބެލެހެއްޓުން ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم އަބޫ ހުރައިރާއާ ޙަވާލުކުރެއްވިއެވެ. ރޭގަނޑުވީހިނދު، އަބޫ ހުރައިރާއަށް ފެނިވަޑައިގަންނަވަނީ މީހަކު އައިސް ޒަކާތުގެ މުދަލުން ވައްކަންކުރާ ތަނެވެ. އެހިނދު، އެމީހަކު ހިފަހައްޓައި، ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم ގެ އަރިހަށް ގެންދާނެކަމަށް ވިދާޅުވިއެވެ. އެހިނދު، އެމީހެއްގެ ޢާއިލާމީހުން ތިބީ ޙާލުގައިކަމާއި އެ މުދަލަށް އޭނާ ވަރަށްބޮޑަށް ބޭނުންޖެހިފައިވާކަމުގެ ވާހަކަތައް ކިޔައިދީ، ދޫކޮށްލައިދިނުމަށް އެދުނެވެ. އެހިނދު، އަބޫ ހުރައިރާ އެމީހާއާމެދު ހަމްދަރުދީވެ ދޫކޮށްލިއެވެ. ޖެހިގެން އައިދުވަހު ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم ގެ އަރިހަށް ވަޑައިގަތުމުން، ރޭގައި އައިމީހާ ކަންތައް ކުރިގޮތާ ބެހޭގޮތުން ސުވާލުކުރެއްވުމުން އަބޫ ހުރައިރާ ކަންހިނގިގޮތް ކިޔައިދެއްވިއެވެ. އެހިނދު، އެ މީހަކީ ދޮގުވެރިއެއްކަމާއި އޭނާ އަދި އެނބުރި އަންނާނެކަމަށް ޙަދީޘްކުރެއްވިއެވެ. ޖެހިގެން އައިރޭވެސް ފުރަތަމަ ރެއެކޭ އެއްގޮތަށް ކަންހިނގައިގެން ދިޔައެވެ. އެމީހާގެ ވާހަކަތަކަށް ހަމްދަރުދީވެ އަބޫ ހުރައިރާ އޭނާ ދޫކޮށްލިއެވެ. ހެނދުނު ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم ގެ އަރިހަށް ވަޑައިގަތުމުން ކުރީ ދުވަހެކޭ އެއްގޮތަށް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ތިންވަނަ ރޭވެސް އެމީހަކު އައެވެ. އަބޫ ހުރައިރާ އެމީހަކު ހިފެހެއްޓުމަށްފަހު، ދެން ދޫކޮށްނުލެވޭނެކަމަށް ވިދާޅުވުމުން އެމީހަކު ބުންޏެވެ. "އެ ކަލިމައަކުން ﷲ ތިބާއަށް މަންފާކޮށްދެއްވާނެ ކަލިމައެއް ތިމަންނަ އުނގަންނައިދޭނަމެވެ. ތިމަންނަ ދޫކޮށްލާށެވެ!" އެހިނދު ކޮން ކަލިމައެއްތޯ ސުވާލުކުރެއްވުމުން އެމީހަކު ބުންޏެވެ. "ނިދުމަށްޓަކައި އެނދުގައި އޮށޯވެއްޖެނަމަ އާޔަތުލް ކުރްސި ނިމެންދެން ކިޔަވާށެވެ! އޭރުން ތިބާ ރައްކާތެރިކުރައްވާނެ މަލާއިކަތަކު ﷲ ލައްވާނެއެވެ. އަދި ފަތިސްވަންދެން އެއްވެސް ޝައިޠާނަކަށް ތިބާއާ ކައިރިއެއް ނުވެވޭނެއެވެ." ދެން އަބޫ ހުރައިރާ އެމީހާ ދޫކޮށްލެއްވިއެވެ. ހެނދުނު ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم ގެ އަރިހަށް ވަޑައިގެން އެ ޚަބަރުދެއްވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އޭނާއަކީ ދޮގުވެރިއެއްނަމަވެސް އެ ހެދީ ތެދެކެވެ." އަދި އެމީހަކީ ޝައިޠާނެއްކަމުގައި އެކަލޭގެފާނު ބަޔާންކޮށްދެއްވިއެވެ.

(3) ގޭގެ ރައްކާތެރިކަމަށްޓަކައި ކިޔެވުން: އަބޫ ހުރައިރާއަށް ދިމާވެވަޑައިގެންނެވި ޙާދިސާފަދަ ޙާދިސާއެއް އަބޫ އައްޔޫބުލް އަންޞާރީ رَضِيَ اللهُ عَنْهُ އަށްވެސް ދިމާވެވަޑައިގަތެވެ. އަބޫ އައްޔޫބުގެފާނު ގެންގުޅުއްވި ކަދުރުތަކަކުން މީހަކު ވައްކަންކުރާތަން ފެނިވަޑައިގެން އެކަމުގެ ޝަކުވާ ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم އަށް ކުރެއްވިއެވެ. ކޮންމެ ރެއަކުވެސް އެމީހަކު ހިފެހެއްޓެވުމުން ދެން ނާންނާނެކަމަށް ހުވާކުރުމުން އަބޫ އައްޔޫބުގެފާނު އެމީހަކު ދޫކޮށްލައްވަނީއެވެ. މިގޮތުން ތިންވަނަ ރޭ އެމީހަކު ހިފެހެއްޓުމުން ބުންޏެވެ. "ތިމަން ތިބާއަށް ކަމެއް ހަނދާންކޮށްދޭނަމެވެ. އެއީ އާޔަތުލް ކުރްސިއެވެ. އެ އާޔަތް ގޭގައި ކިޔަވާށެވެ! އޭރުން ޝައިޠާނަކަށްވިޔަސް އަދި އެނޫންވެސް (ގެއްލުންދޭ) އެއްޗަކަށްވިޔަސް ތިބާއާ ކައިރި ނުވެވޭނެއެވެ." ޖެހިގެން އައިދުވަހު ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم އަށް އެ ވާހަކައިގެ ޚަބަރުދެއްވުމުން ޙަދީޘްކުރެއްވިއެވެ. "އޭނައަކީ ދޮގުވެރިއެއްނަމަވެސް އެ ހެދީ ތެދެކެވެ."

މި ބަޔާންވެދިޔަ ޙާލަތްތަކުގެ އިތުރަށް ސިޙުރާއި އެސްފީނާފަދަ އުނދަގޫތައް ވާއިރު ރުޤްޔާކުރުމަށްޓަކައިވެސް މި އާޔަތް ބޭނުންކުރެވޭނެއެވެ. އެއީ ބަޔާންވެދިޔަ ޙަދީޘްތަކުން އެނގޭގޮތުގައި، މި އާޔަތަކީ ޝައިޠާނުން ދުރުކޮށްދީ، ރައްކާތެރިކަން ލިއްބައިދޭނެ އާޔަތެކެވެ. ހެނދުނާއި ހަވީރުގެ ޛިކުރުތަކުގެ ތެރޭގައި މި އާޔަތް ކިޔެވުމަށް ދަލީލުކުރާ ޙަދީޘެއް ޞައްޙަމަގުން އައިސްފައެއް ނުވެއެވެ. ނަމަވެސް ފަތިސްނަމާދުގެ ފަހުންނާއި ޢަޞްރު ނަމާދުގެ ފަހުން މި އާޔަތްކިޔެވުމުން ފުދޭނެއެވެ. وَاللهُ أَعْلَمُ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.