Advertisement

މަރާއި ހަނގުރާމަ ކުރަމުންދާ މަރީއަށް އެހީވުމަށް ފަންޑް ރެއިޒިން އިވެންޓެއް!

މިދިޔަ އަހަރުގެ މެއި މަހުގެ ފަހުކޮޅު، ވަރަށް ގިނަ މީހުން ސިއްސުވައިލި ޚަބަރަކަށް ވެގެން ދިޔައީ ކްރީމްޖެހި ބަނަހެއް ކައިގެން މީހަކު އެލާޖިކްވެ މަރާއި ހަނގުރާމަ ކުރަމުންދާ ޚަބަރާއި ގުޅިގެންނެވެ. އެ ހިތާމަވެރި ހާދިސާއާއި ކުރިމަތިވީ، 9 އަހަރުގެ ދަރިއެއްވެސް ބަލަމުންއައި އެކަނިވެރި މަންމައެއް ކަމަށްވާ މަރިޔަމް ޒަޢީމާ މޫސާ (މަރީ) އާއެވެ.

އެއަށްފަހު މިހާރު އަހަރަކަށްވުރެ ގިނަދުވަސްވެފައިވާއިރު، މަރީގެ ހާލަތަށް މާބޮޑު ބަދަލެއް ނާދެއެވެ. އެއްފަހަރު މާލެއިން، އަނެއްފަހަރު އިންޑިއާއިން މަރީއަށް ފަރުވާ ކުރަމުން އަންނައިރު، މިހާރުވެސް ވާނުވާ ނޭނގި ހުންގަދަވެގެން އުޅޭތާ ހަފްތާއެއްވާން ކައިރިވަނީއެވެ. އޭގެ ސަބަބުން އޮކްސިޖަން ލެވެލް ދަށްވެ، ނޭވާލާންވެސް އުނދަގޫތައް އަންނަނީ ވަމުންނެވެ. އަދި އެ ހުމަށް ފަރުވާ ކުރުމަށް އެންޓިބަޔޮޓިކް އެއް ދޭން ބެލި ނަމަވެސް، މަރީ އަކީ ގިނަ ބޭސްތަކަށްވެސް އެލާޖިކްވާ މީހެއް ކަމުން ޑޮކްޓަރުންނަށްވެސް އެކަން ވަނީ ބޮޑު ގޮންޖެހުމަކަށް ވެފައެވެ. 

"މިފަހުން ކޮޗިންއަށް އައިސް ޓްރީޓްމަންޓް ފެށިފަހުން ދައްތަގެ ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވި. އެނދުގައި އޮންނަން ޖެހުމުން ފުރަގަހުގައި ނަގާފައި ހުރި ބެޑްސޯރސް ވެސް ސާޖަރީ ހަދައިގެން ރަނގަޅު ކުރެވިއްޖެ. އޭގެ ސަބަބުން ދައްތައަށް އަޅާވޭން މިހާރު އެވަނީ ކުޑަވެފައި. އަދި ނޭވާލުމަށް ކަރަށް ގުޅާފައިވާ ހޮޅިވެސް މިހާރު ވަނީ ނައްޓާލާފައި. އެހެންކަމުން ޕެރިފެރަލް ނިއުރޯ މޮޑިއުލޭޝަން ކިޔާ ޓްރީޓްމަންޓް ދޭން ޑޮކްޓަރުން ފެށީ. އެ ފެށިފަހުންވެސް އިތުރު ކުރިއެރުންތައް ލިބެމުންދަނިކޮށް ހުން އަންނަން ފެށީ. އެހެންވެ، އަނެއްކާ ޓްރީޓްމަންޓް މައު ޖައްސާލަން ޖެހިފައި މިހާރު މިވަނީ" މަރީގެ ކޮއްކޮ ޢާއިޝަތު ޒަޢީމާ 'ވޮއިސް' އަށް ދިން ބަސްދީގަތުމެއްގައި ބުންޏެވެ. 

Advertisement

ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް؛ ޢާއިލާއަށް މާލީގޮތުން ބޮޑު ގޮންޖެހުންތަކެއް

މަރީއަށް ކޮޗިން އިން ފަރުވާ ދޭން ފެށިފަހުން ބައެއް ކަންކަމުގައި ކުރިއެރުންތައް ލިބުނު ނަމަވެސް، ފަރުވާ ކުރިއަށް ގެންދިޔުމަށް އަދިވެސް ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެގޮތުން މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފައިސާގެ ދަތިކަމެކެވެ. 

މަރީގެ ފަރުވާއަށް ދާ ޚަރަދުތައް އެންސްޕާ އިން ފޯރުކޮށްދިނަސް އެހެން ހުރިހާ ޚަރަދުތަކެއް މިހާތަނަށް ވެސް ކުރަމުން އައީ، ޢާއިލާ އާއި ހެޔޮ އެދޭ ފަރާތްތަކުން ދިން ދީލަތި އެހީގައެވެ. އެހެންނަމަވެސް، މީގެ ކުރިން މަރީއަށް ލިބިފައިވާ ފައިސާގެ އެހީތައް ގާތްގަނޑަކަށް ހުސްވެފައިވާ އިރު، މިވަގުތު އިތުރު ޚަރަދުތަކެއް ވެސް ކުރަންޖެހިފައިވާ ކަން އޭނާގެ ކޮއްކޮ ފާހަގަކުރިއެވެ. 

"މިހާރު ޔޫރިނަރީ ކެތީޓާ ލައްވައިގެން އުޅުނަސް، ލޭ އަންނާތީ މިހާރު އެގޮތަށްވެސް ނުހެދޭ. އެހެންވެ ނެޕީ ޖަހަން ޖެހެނީ. ނެޕީ ޖަހަން ޖެހޭއިރު، ދުވާލެއްގެ މައްޗަށް ނެޕީ ބޮނޑިއެއް އެބަދޭ. އޭގެ އިތުރުން، ދައްތަ އަށް ކެވެނީ ވަކި ކަހަލަ ދަޅެއް. އޭގެ ދަޅެއް އެއީ ދިވެހި ރުފިޔާގެ 1200. ހަފްތާ އަކަށް އެބަދޭ 3 ދަޅު." މަރީގެ ކޮއްކޮ ޢާއިޝާ ކިޔައިދިނެވެ. 

މަރީގެ ހާލަތާއި ގުޅިގެން ޑޮކްޓަރުން ދީފައިވާ ލިޔުމެއް 

އަދި މީގެ އިތުރުން، މަރީގެ ފަރުވާއަށް މިހާތަނަށް ވެސް އެންމެ ބޮޑަށް އެހީ ދެމުން ދިޔަ އެންސްޕާ އިންވެސް އެންމެ ފަހުން ނިންމާފައިވަނީ މިމަހަށް ފަހު މަރީގެ ފަރުވާއަށް އެހީ ނުދޭ ގޮތަށެވެ. އެހެނީ މަރީއަށް ދެމުންދާ ފަރުވާ އަކީ އައިޖީއެމްއެޗް އިން ވެސް ދެވޭ ފަރުވާއެއް ކަމަށް އެ ހޮސްޕިޓަލުން ބުނާތީ، ރާއްޖެއިން ދެވޭ އެފަދަ ފަރުވާތައް ކުރުން އޮންނަނީ ރާއްޖެއިންނެވެ. އެހެންނަމަވެސް، ރާއްޖެއިން ދެމުންދާ ޕެލިއޭޓިވް ކެއަރ އަކީ ކެންސަރު ގެ ބަލިތަކަށް ޚާއްސަކޮށް ދެވޭ ފަރުވާ އަކަށްވާއިރު މަރީއަށް ދެމުންދާ ފަރުވާ އެއާއި ތަފާތެވެ. 

މިފަދަ އެތައް ދަތިތަކެއް ޢާއިލާއިން ތަހައްމަލް ކުރަމުން ދަނިކޮށް، މަރީއަށް އެހީވުމަށް ކަމަށް ބުނެ ޢާއިލާއިން ކުރަމުންދާ މަސައްކަތަކީ ސްކޭމް އެއް ކަމަށާ، މަރީ ވަނީ މިހާރު ނިޔާވެފައި ކަމަށް ބުނެ، ބައެއް މީހުން ދޮގު ވާހަކަތައް ފަތުރަމުން ގެންދާތީ ޢާއިލާއިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. 

"އާއިލާއަށް މިހާ ސްޓެރެސް ބޮޑު ވަގުތެއްގައި މިކަހަލަ ވާހަކަތައް އަޑު އިވުނީމާ ވަރަށް ދެރަވޭ. މަންމަވެސް ނިޔާވީ މި އަހަރުގައި. އަޅުގަނޑުމެން ބޭނުމެއްނޫން ދައްތަ ގެއްލޭކަށް. އެހެންވެ ފުދުންތެރިކަން ހުރި މިންވަރަކުން ދައްތައަށް ދެވެން އޮތް އެންމެ ރަނގަޅު ފަރުވާ ދެވޭތޯ މި ބަލަނީ. މަންމަ ބަލިވެ އުޅޭތާ 10 އަހަރުވެފައި ނިޔާވީ. މިގޮތަށް އެހީ ހޯދަން ނޭދެން. މަންމަގެ ހުރިހާ ކަމެއްވެސް ކުދިން އަމިއްލަ އަށް ކޮށްދިނީ. ދައްތަގެ އެލާޖީ ހުންނާތީއާއި، ބޭރުގައުމެއްގައި  ގެންގުޅެންޖެހޭތީ އެހީއަށް އެދުނީ." ދައްތަ އަށް އެހީވުމަށް މީސްމީޑިއާގައި އެދެމުންދާތީ އެކަމާއި ގުޅިގެން ދޮގު ވާހަކަތައް ފަތުރަމުންދާތީ ކަންބޮޑުވުން ފާޅުކޮށް ޢާއިޝާ ކިޔައިދިނެވެ. 

މި ދަތި ހާލުގައި ބޭނުންވަނީ ދީލަތި އެހީ އާއި ހެޔޮ ދުޢާ

މަރީއަށް ފަރުވާ ކުރުމަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކަކަށް ކުޑަވެސް ލުއެއް ލިބެން އޮތީ އާއްމުންގެ އެހީ ލިބިގެންނެވެ. އެހެންކަމުން، މަރީއަށް އެހީވާން ބޭނުންވާ ފަރާތްތަކަށް މިހާރުވެސް އެ ފުރުސަތު ހުޅުވާލާފައިވާކަމަށް އާއިލާއިން ބުނެއެވެ. 

ރުފިޔާ އެކައުންޓް ނަންބަރު: 7703461191101

އެކައުންޓުގެ ނަން: Ahmed Zaeem

ޑޮލަރު އެކައުންޓް ނަންބަރު: 7730000101383

އެކައުންޓުގެ ނަން: Ahmed Zaeem

އެކައުންޓަށް ފައިސާ ޖަމާކުރުމުގެ އިތުރުން، މަރީގެ އާއިލާ އާއި ރަހުމަތްތެރިން ގުޅިގެން މިމަހުގެ 9 ވާ ހުކުރު ދުވަހުގެ ހަވީރު 15:30 އިން 18:00 އަށް ރަސްފަންނުގައި ބާއްވާ ފަންޑް ރެއިޒިން އިވެންޓް އިން ތަކެތި ގަނެގެންވެސް މަރީއަށް އެހީވެވޭނެއެވެ.  

މި ފަންޑް ރެއިޒިން އިވެންޓުގައި، ޕާނީ ޕުރީ، ޕޮޕްކޯން، ކުކީސް، ކަޕްކޭކް، މަޖާ، ގުލާބް ޖާމުން ފަދަ ތަކެތިތައް ލިބެން ހުންނާނެ ކަމަށް މި އިވެންޓް ރޭވުމުގައި ހަރަކާތްތެރިވާ ފަރާތުން ބުނެއެވެ. އެހެންކަމުން، މަރީގެ އާއިލާގެ އެދުމަކީ މި އިވެންޓް ގައި ވޭހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމެވެ. 

މިހާތަނަށް ވެސް މަރީގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދެވިފައިވަނީ އާއިލާ އާއި ރަހުމަތްތެރިންނާއި، އެންސްޕާ އާއި ހެޔޮ އެދޭ އެތައް ފަރާތެއްގެ އެހީއާއި އެކުގައިކަން ފާހަގަކޮށް އެފަރާތްތަކަށް މަރީގެ ޢާއިލާ އިން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އެފަދައިން އެހީވެ މަރީއަށް ޓަކައި ހެޔޮ ދުޢާ ކޮށްދިނުމަށް އާއިލާ އިން އެދެއެވެ. 

Advertisement

ކޮމެންޓް