ވާހަކަ: ޒުބައިރު ބިން އައްވާމް- ރަސޫލާގެ ހަވާރީ (2)

ހަނގުރާމައިގެ މައިދާނުގައި

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި މުސްލިމުން މަދީނާއަށް ހިޖުރަ ކުރައްވެވިތާ މާ ގިނަ އަހަރުތަކެއް ނުވެއެވެ. މާދީނާގައި އުފެދިފައިވާ އިސްލާމީ ދައުލަތުގެ ބިންގާ ފުޑުފުޑު ކޮށްލައި އިސްލާމްދީން މި ބިން މަތިން ފޮހެލުމަށް، މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ގުރައިޝުން ރާވަން ފަށައިފިއެވެ. އަދި 1000 މިހުންގެ މައްޗަށް އެކުލެވޭ ބޮޑު ލަޝްކަރަކާއިގެން މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ދަތުރުފަށައިފިއެވެ.  މި ޚަބަރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ލިބިވަޑައިގެންނެވުމުން 313 މީހުންގެ މައްޗަށް އެކުލެވޭ ލަޝްކަރެއް ތައްޔާރު ކުރައްވައި  މުޝްރިކުންގެ އަދަދު ބެއްލެވުމަށާއި ޚަބަރު އޮޅުންފިލުވުމަށް ޒުބައިރުގެފާނާއި އަލީގެފާނު ފޮނުއްވެވިއެވެ. 

މުސްލިމުންނަށް ބަދުރުގެ މައިދާނަށް ހާޒަރުވެވުނު އިރު ގުރައިޝުން މައިދާނާއި ހަމައަށް ނުފޯރައެވެ. އެހެންކަމުން އެމީހުންނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުއްވުމުގެ ގޮތުން ނުސްލިމުންނަށް ބޭނުންފުޅުވާނެ މިންވަރަށް ފެން ރައްކާކުރެއްވުމަށްފަހު އެ ސަރަހައްދުން ފެން ލިބެން ހުރި އެންމެހާ ވަސީލަތް ތަކެއް ނެތިކުރެއްވިއެވެ. 

Advertisement

މުޝްރިކުންނަށް މައިދާނަށް ހާޒިރުވެވުމުން ހަނގުރާމަ ފެށިގެން ކުރިއަށް ދިޔައެވެ. ޒުބައިރުގެފާނާއި މުސްލިމުން އެބައިމީހުންގެ ދީނުގެ ދިފާއުގައި ހަނގުރާމަ ކުރައްވަމުން ގެންދިޔައީ ސާބިތުކަމާއި އެކުގައެވެ. ހަނގުރާމައިގެ ތެރެއިން އެތަކެއް ޒަޚަމްތަކެއް ޒުބައިރުގެފާނަށް ލިބިލެއްވި އެވެ. އެހެންނަމަވެސް އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވައި ދީނަށްޓަކައި ޤުރުބާންވުމުގެ އަޒުމުގައި ހަނގުރާމަ ކުރައްވަމުން ގެންދެވިއެވެ. އެކަލޭގެފާނަކީ ހިތްވަރުފުޅު ގަދަ އަސްވާރެކެވެ. އަދި ހަގުރާމައިގެ މައިދާނުގައި އާދަޔާ ޚިލާފު ހަގުރާމަވެރިއެއްގެގޮތުގައި ފާހަގަކޮށްލެވޭ ހުނަރުވެރި ހަނގުރާމަވެރިއެކެވެ. މި ހަނގުރާމަ ނިމިގެންދިޔައީ މުސްލިމުންނަށް ފުރިހަމަ ކާމިޔާބީއެއް ލބިގެންނެވެ. 

ބަދުރު ހަނގުރާމައިން މުޝްރިކުންނަށް މި ލިބުނު ނާކާމިޔާބީއާއި ލަދުވެތިކަމުގެ ބަދަލު މުސްލިމުންގެ ކިބައިން ހިފުމަށް އެ ހަނގުރާމަ ހިނގިތާ އަހަރެއް ވީއިރު އަނެއްކާވެސް މުޝްރިކުން ބޮޑު ލަޝްކަރެއް ތައްޔާރު ކުރިއެވެ. 3000 މީހުންގެ ލަޝްކަރަކާއިއެކު މިފަހަރުވެސް މުޝްރިކުން ނުކުތީ އިސްލާމްދީން މި ބިން މަތިން ފޮހެލުމުގެ އަޒުމުގައެވެ. 

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް މި ޚަބަރު ލިބިވަޑައިގަތުމުން މުޝްރިކުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް މުސްލިމުންގެ ލަޝްކަރެއް އެކުލަވައި ލެއްވިއެވެ. މުސްލިމުންގެ ލަޝްކަރަށް އުހުދުގެ މައިދާނަށްދެވި ހަނގުރާމަ ނުފެށިގެން އުޅެނިކޮށް ލަޝްކަރުގައި ތިބި މުނާފިގުން ފައުޅުވެއްޖެއެވެ. އަބްދުﷲ ބިން ސަލޫލާއި އޭނާގެ ޖަމާއަތުގައި ހިމެނުނު 250 ވަރަކަށް މުނާފިގުން މުސްލިމުންގެ ލަޝްކަރުން ވަކިވެގެން ހަނގުރާމައަށް ފިލަން ދިޔައެވެ. މައްކާގެ މުޝްރިކުންގެ ފަރާތުން މަދީނާ އަށް ނުރައްކާތެރިކަން ކުރިމަތިވެފައި ވަނިކޮށް، އެމީހުންނާ ހަނގުރާމަކުރުމަށް އުޒުރުވެރިވެ، އެކަމުން ރެކިގަންނަމުންނެވެ.

އެހެންނަމަވެސް މުސްލިމުންގެ ތެރެއިން އީމާންތެރިކަން ވަރުގަދަ ބޭފުޅުން މައިދާނުގައި އިސްލާމްދީނުގެ ދިފާއުގައި ތިއްބެވިއެވެ. ހަނގުރާމަ ފެށި ހަނގުރާމައިގެ ކުރީކޮޅުގައި މުސްލިމުންނަށް  މުސްލިމުންނަށް ނަސްރުލިބެން ފެށުމުން މުޝްރިކުންގެ ގިނަ މީހުން މައިދާނުން ފިލަންދިޔައެވެ. މި ތަންފެނި މުސްލިމުންގެ ބައެއް ހަނގުރާމަ ވެރިން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އިރުޝާދުތައް ހަނދުމަ ނައްތާލައި ޣަނީމާ މުދާ އެއްކުރަން ފެއްޓެވިއެވެ. މިތަން މުޝްރިކުންނަށް ފެނި، ފަހަތުން އައިސް އިސްލާމީ ލަޝްކަރަށް އެމީހުން ހަމަލާ ދިނެވެ. ހަނގުރާމައިގެ ކޮޅު ބަދަލުވެ މުސްލިމުން ބަލިވާން ފަށާފައިވާ އެ ދަނޑިވަޅުގައި ވެސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ދިފާއުގައި ޒުބައިރުގެފާނު ހަނގުރާމަ ކުރައްވަމުން ގެންދެވިއެވެ. މި ހަނގުރާމަވެސް ނިމިގެން ދިޔައީ މުސްލިމުންނަށް ކާމިޔާބީ ލިބިގެންނެވެ. 

އުހުދު ހަނގުރާމައިގައި ޒުބައިރުގެފާނުގެ މަންމަ ފަރާތްޕުޅުގެ ބޮޑުބޭބޭފުޅު، ހަމްޒާ ބިން އަބްދުލް މުއްޠަލިބު ޝަހީދުވެ ވަޑައިގެންނެވިއެވެ. މިކަން އެކަލޭގެފާނުގެ މަންމާފުޅު ޞަފިއްޔާ ބިންތު އަބްދުލް މުއްޠަލިބަށް އެނގިވަޑައިގެންނެވުމުން، އެ ހަނގުރާމަ ނިމުނުތަނާހެން އެކަމަނާގެ އަޚުގެ ހަށިކޮޅު ބެއްލެވުމަށް އެތަނަން ވަޑައިގެންނެވިއެވެ. އެހެންނަމަވެސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އެދިލެއްވުމުގެ މަތިން އެކަމަނާ ހުއްޓުވުމަށް ޒުބައިރުގެފާނު ވަޑައިގަތެވެ. ނަމަވެސް އެކަމަނާގެ ކެތްތެރިކަމާއި، ސާބިތުކަމާއި، އެކަމަނާގެ ނިޔަތް އެގިވަޑައިގެން އެކަމަނާއަށް އެ ހުއްދަދެއްވިއެވެ.

އުހުދު ހަނގުރާމަ އަށްފަހު ދެން މުސްލިމުން ކުރިމަތިލައްވަން ޖެހިވަޑައިގަތް ޚަންދަގު ހަނގުރާމަ ވެގެންދިޔައީ ވަރަށްވެސް ބިރުވެރި ހަނގުރާމައަކަށެވެ. އުހުދުން މުޝްރިކުންނަށް ލިބުނު ގެއްލުމުގެ ބަދަލު ހިފަން މިފަހަރު އެމީހުން ލަޝްކަރު ތައްޔާރު ކުރީ މުޅި އަރަބިކަރައިންނެވެ. އެގޮތުން އެއްކުރެވުނު 10,000 މީހުންގެ  ލަޝްކަރާއިގެން އެމީހުން މަދީނާއަށް ދަތުރުފެށިއެވެ. 

މިޚަބަރު ލިބިވަޑައިގަތުމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މުސްލިމުންނާއި މަޝްވަރާކުރެއްވިއެވެ. އެގޮތުން ކުރެވުނު މަޝްވަރޝގެ ތެރެއިން، ސަލްމާނުލް ފާރިސީ ރަޟިޔަﷲ އަންހު ހިޔާފުޅު ދެއްވީ މުޝްރިކުންގެ ކިބައިން މަދީނާ ރައްކާތެރިކުރުމަށް އެ ސިޓީގެ ވަށައިގެން ޚަންދަގު ކޮންނެވުމަށެވެ. ސަލްމާނުލް ފާރިސީގެ މި ޚިޔާލު ފުޅާއި އެއްގޮތަށް ކުރިއަށް ވަޑައިގެންނެވުމަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި މުސްލިމުން ނިންމެވިއެވެ. 

އެގޮތުން ޚަންދަގު ތައްޔާރު ކުރެއްވުމަށް މުސްލިމުން އަވަސްވެގެންނެވިއެވެ. މި ޚަންދަގުތައް ތައްޔާރު ކުރެއްވުމުގައި ވަރަށް ބުރަކޮށް ޒުބައިރުގެފާނުވެސް މަސައްކަތް ކުރެއްވިއެވެ.

މުޝްރިކުންގެ ހަނގުރާމަވެރިންނަށް މަދީނާގެ ވަށައިގެން ކޮނެފައިވާ ޚަންދަގުތައް ފެނުމުން ވަރަށްބޮޑު ހައިރާންކަމެއް ލިބިގެންދިޔައެވެ. އެހެނީ މިއީ މީގެ ކުރިން އެމީހުންނަށް ފެނިފައިވާ ހަނގުރާމައިގެ އުކުޅެއް ނޫނެވެ. އެކަމުގެ ސަބަބުން މަދީނާގެ އެތެރެއަށްވަދެ މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމީހުންނަށް ހުރަސް އެޅިގެން ދިޔައެވެ. އެހެންކަމުން އެމީހުން މަދީނާގެ ރަށްބޭރުގައި ކޭމްޕުކުރިއެވެ. ދުވަސްތައް ހަފުތާއަށް ބަދަލުވެ ހަގުރާމަ ދިގުދެމިގެން ދާން ފަށައިފިއެވެ. މުސްލިމުންނަށް  މަދީނާއިން ބޭރު ނުވެވި ގިބަ ދުވަސްވެ ކާބޯތަކެތި މަދުވެ ބިރުވެރިކަން އުފެދޭން ފަށައިފިއެވެ. މި ބިރުވެރި ކަމާއި ދަތިކަމުގެ ތެރޭގައި މުސްލިމުން އުޅުއްވަމުން ދަނިކޮށް އަނެއްވެސް އިތުރު ބިރުވެރި ޚަބަރެއް ލިބިވަޑައިގަތެވެ.  މަދީނާގެ ޔަހޫދީ ގަބީލާއެއްކަމަށްވާ ބަނޫ ގުރައިޟާގެ ޔަހޫދީން މުސްލިމުންގެ އަހުދަށް ޚިޔާނާތްތެރިވެ މުޝްރިކުންގެ ލަޝްކަރަށް ބައިއަތު ހިފި ޚަބަރެވެ. މައްކާގެ މުޝްރިކުން ބޭރުން އައިސް މަދީނާއާ ޙަމަލަދީ މަދީނާއަށް އަރައިގަތުމުން، މަދީނާގެ އެތެރެއިން މުސްލިމުންނާ ހަމަލާދޭން އެމީހުން ރާވަމުން އަންނަ ޚަބަރެވެ. 

މިޚަބަރު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ލިބިވަޑައިގެންނެވުމުން މުސްލިމުން އެއްކުރައްވައި ބަނީ ގުރައިޟާގެ ޚަބަރު ޙޯއްދެވުމަށް ވަޑަަގަންނަވާނީ ކޮންބޭކަލަކުތޯ އެއްސެވިއެވެ. އެހިނދު ވަގުތުން ޒުބައިރުގެފާނު އެކަމަށް އިސްނެންގެވިއެވެ.  އަނެއްކާވެސް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ސުވާލު ތަކުރާރުކުރެއްވިއެވެ. ދެވަނަ ފަހަރަށްވެސް އިސްނެންގެވީ ޒުބައިރުގެފާނެވެ. އަނެއްކާ ތިންވަނަ ފަހަރަށްވެސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެ ސުވާލު ތަކުރާރުކުރެއްވިއެވެ. އެފަހަރުވެސް އެއްވެފައި މީސްތަކުންގެ ތެރެއިން އެއްވެސް ބެއިކަލަކަށް އިސްނަންގަވަން ކެރިވަޑައިނުގެން ތިއްބަވަނިކޮށް ތިންވަނަ ފަހަރަށްވެސް ޒުބައިރު ބުނު އައްވާމު އިސްނެންގެވިއެވެ.

ޒުބައިރުގެފާނުގެ  މި އިސްނެންގެވުމާއި ގުޅިގެން އެކަލޭގެފާނަކީ  ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ހަވާރީ ކަމުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެންނެވިއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ހަދީސް ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ކޮންމެ ނަބީބޭކަލަކަށްވެސް ހަވާރީއެއްވެއެވެ. ތިމަންކަލޭގެފާނުގެ ހަވާރީއަކީ ޒުބައިރު ބުނު އައްވާމެެވެ." ހަވާރީ އަކީ ސާހިބާ ވިދާޅުވާ ނުވަތަ ގެންނަވާ ހުރިހާ ކަމެއް ފުރިހަމައަށް ކުރައްވާ އަރިސްބޭފުޅާއެވެ. އިސްލާމީ ތާރީޚީ އިލްމުވެރިން އެއްބަސްވެ ކައްވާ ގޮތުގައި ޒުބައިރު ބުނު އައްވާމް ފިޔަވާ އެހެން އެއްވެސް ސަހާބީބޭކަލަކަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ހަވާރީގެ ލަގަބު ލިބިފައެއްނުވެއެވެ. 

މަދީނާގެ ބޭރުން މުޝްރިކުން މުސްލިމުންގެ ޝަހީދުކޮށްލުމަށް ތައްޔާރަށް ތިބިއިރު މަދީނާގެ އެތެރެއިން ޔަހޫދީން މުސްލިމުންނާ ހަނގުރާމަ އަށް ތައްޔާރު ވާކަމުގެ ޚަބަރު ފެތުރިފައިވާ އެ ބިރުވެރިރޭގައިވެސް، ބަނީ ގުރައިޟާ ގެ ޔަހޫދީންގެ ޚަބަރު ހޯއްދެވުމަށް ޒުބައިރުގެފާނު ނިކުންނެވިއެވެ. ވަރަށް ވިސްނުންތެރިކަމާއި، ހުށިޔާރު ކަމާއެކު ޒުބައިރުގެފާނު އެކަލޭގެފާނަށް ހަވާލުކުރެވުނު މަސައްކަތް ކޮށް ނިންމެވިއެވެ. އަދި ޔަހޫދީންގެ ގަބީލާގެ ޚަބަރާއިގެން މުސްލިމުން ގެ އަރިހަށް ވަޑައިގެންނެވިއެވެ.  

“އެބައިމީހުން އެމީހުންގެ ކަންބަޅިތައް އެއްކޮށް އަސްތައް ތައްޔާރުކުރަނީއެވެ.” ޒުބައިރުގެފާނު ވަޑައިގެން މުސްލިމުންނަށް ޚަބަރު ދެއްވިއެވެ. 

މި ޚަބަރުން، ޔަހޫދީންގެ އެ ގަބީލާ މުސްލިމުންނަށް ޚިޔާނާތްތެރިވެފައިވާކަން ކަށަވަރުވެއްޖެއެވެ. އެހެނީ އެޒަމާނުގައި ކަންބަޅިތައް އެއްކޮށް ކިއްލާ ތެރެއަށް ވެއްދުމާއި އަސްތައް ތައްޔާރުކުރުމަކީ ހަގުރާމައަކަށް ތައްޔާރުވުމުގެ ނިޝާނެކެވެ.

ޒުބައިރުގެފާނު މިޚަބަރު ގެނެސް ދެއްވުމާއި ގުޅިގެން ކީރިތި ރަސޫލާޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނަށް ނިސްބަތްކުރައްވައި ހަދީސް ކުރެއްވިއެވެ. “ތިބާއަށްޓަކައި އަޅުގަނޑުގެ މަންމަ އާއި ބައްޕަ ފިދާކުރަމެވެ.” މިއިބާރާތް ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީސް ކުރައްވާފައިވަނީ އެންމެ ދެ ސަހާބީންނަށް ކަމަށް ތާރީޚީ އިލްމުވެރިން އިއްތިފާގުވެވާޑައިގަންނަވައެވެ. އެއީ ޒުބައިރުގެފާނާއި، އުހުދު ހަގުރާމައިގެ މައިދާނުގައި ސައުދު ބިން އަބީ ވައްގާސް (ރއ) އަށެވެ.

ގުރައިޝުންނާއި ޔަހޫދީން މުސްލިމުންނާ ދެކޮޅަށް ރޭވި އެންމެހައި ރޭވުމެއް ފެނަށްގޮސް މި ހާނގުރާމަވެސް ނިމިގެން ދިޔައީ މާބޮޑު ކުރިމަތި ލުން ތަކެއް ނުހިނގައި މުސްލިމުންނަށް ނަސްރުލިބިގެންނެވެ. މައްކާއަށް ވަނުމަށް ކުރި އެންމެހާ މަސައްކަތެއް ނާކާމިޔާބުވުމުން ގުރައިޝުންނަށް ޖެހުނީ ބަލި ގަބޫލުކޮށް އެނބުރި މައްކާއަށް ދާށެވެ. އަދި ޔަހޫދީންގެ ބަނީ ގުރައިޟާގެ ފިރިހެނުން ހައްޔަރުކޮށް އެމީހުން ގަތުލުކުރެވުނެވެ. އަދި އަންހެނުންނާއި ކުޑަކުދިން އަޅުންގެ ގޮތުގައި ހައްޔަރު ކުރެވުނެވެ. 

ޚަންދަގު ހަނގުރާމަ އަށްފަހު މުސްލިމުން ޚައިބަރު ހިފުމަށް ކުރެއްވި ހަނގުރާމައިގެ މައިދާނުގައި މުޝްރިކުންގެ ލަޝްކަރު ތެރޭގައި އާދަޔާޚިލާފަށް ބޮޑު، ވަރުގަދަ މީހަކު ހުއްޓެވެ. މުސްލިމުންގެ ލަޝްކަރުގެ އެކިއެކި ދިމަދިމާއަށް އޭނާ ހަމަލާދެމުން ދިޔައެވެ. އަދި ހަމަލާ ދެމުންދިޔަ އެންމެހާ މުސްލިމުން ޝަހީދުވަމުން ދިޔައެވެ. މުސްލިމުންގެ ލަޝްކަރަށް ގޮންޖަހައި އޭނާގެ ކުރިމައްޗަށް ހަނގުރާމަ އަށް ނުކުތުމަށް އޭނާ ގޮވަމުން ދިޔައެވެ. އެމީހާގެ ކުޅަދާނަކަމާއި ބިޔަކަންފެނި އޭނާއާއި ކުރިމަތިލާން މުސްލިމުން ފަސްޖެހެން ފަށައިފިއެވެ. އެވަގުތު ވެސް އޭނާއަށް ގޮންޖަހައި، އޭނާ ގަތުލުކޮށްލުމަށް ޒުބައިރުގެފާނު ނުކުމެ ވަޑައިގެންނެވިއެވެ. މިތަން އެކަލޭގެފާނުގެ މަންމާފުޅަށް ފެނިވަޑައިގެން ނުހަނު ކަންބޮޑުވެވަޑައިގެންފިއެވެ. އަދި ޒުބައިރުގެފާނު ހުއްޓުވުމަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަރިހުން ދެންނެވިއެވެ. އެއަށްފަހު  ދެންނެވިއެވެ. އޭނާ ތިމަންކަމަނާގެ ދަރިކަލުން ޝަހީދުކޮށްލާނެއެވެ. ޖަވާބުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެންނެވިއެވެ. ނޫނެކެވެ. ޒުބައިރު އޭނާ ގަތުލުކޮށްލާނެއެވެ. *

ކަންހިނގައި ދިޔައީވެސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެންނެވިފަދައިންނެވެ. އިސާހިތަކު އެ ބިޔަބޮޑު ފަހުލަވާނު ޒުބައިރުގެފާނުގެ ހަމަލާތަކުން ގަތުލުވެގެންދިޔައެވެ.*

ހަނގުރާމައިގެ މައިދާނުގައިވެސް ޒުބައިރުގެފާނަކީ އެފަދަ ކުޅަދާނަ އަދި  ޖެހިލުންކުޑަ ފަހުލަވާނެކެވެ. އެއީ ހިތްވަރުފުޅު ގަދަ އަސްވާރެކެވެ. އެ މާތް ޞަހާބީގެ ހުނަރުތަކާއި އުކުޅުތައް، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ހާޔަތްޕުގައި މުސްލިމުން ކުރެއްވި އެންމެހާ ހަނގުރާމައަކުން ފެންނަމުން ދިޔައެވެ. މައްކާ ފަތަޙަ ކުރެއްވި ހާދިސާ އިންވެސް މެއެވެ. އެދުވަހުވެސް މުސްލިމުންގެ ދިދަ ހިއްޕެވުމުގެ ޝަރަފު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އެކަލޭގެފާނު ހިމެނި ވަޑައިގަންނަވައެވެ. 

ޚަލީފާއިންގެ ދައުރުގައި

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ސުވަރުގެ ވަޑައިގެންނެވުމަށް ފަހުގައިވެސް އިސްލާމްދީނަށް ކެނޑިނޭޅި ޒުބައިރުގެފާނު ޚިދުމަތް ކުރައްވަމުން ގެންދެވިއެވެ. އެގޮތުން މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނާއި އުމަރުގެފާނުގެ ޚިލާފަތުގައިވެސް އެބޭކަލުންނާއި ގާތް ގުޅުމެއްބާއްވައި ހަނގުރާމައިގެ މައިދާނުގައިވެސް އެބޭކަލުންނަށް ގިނަ ގުނަ އެހީތަކެއް ވެދެއްވަމުން ގެންދެވި އެވެ. 

އެގޮތުން އަބޫބަކުރުގެފާނުގެ ޚިލާފަތުގައި ރޯމަނުންނާއި ދެކޮޅަށް ހިނގައިދިޔަ ޔަރުމޫކު ހަނގުރާމައިގައިވެސް އިސްލާމް ދީނުގެ ދިފާއުގައި ކަނޑި އުފުއްލަވާލައްވައި ސާބިތު ކަމާއިއެކު ހަނގުރާމަކުރައްވައި ރޯމަނުން ބަލި ކުރުމުގެ ނުހަނު އިސް ދައުރެއް އަދާކުރެއްވިއެވެ. 

ޢުމަރުގެފާނުގެ ޚިލާފަތުގައި ހިނގަދިޔަ އެންމެ މުހިންމު އެއް ކަންތަކުގެތެރޭގައި ހިމެނޭ މިސްރު ފަތަހަ ކުރުމުގެ ހާދިސާގެ ތެރެއިންވެސް ފެނިގެންދަނީ ޒުބައިރުގެފާނުގެ ކުޅަދާނަކަމާއި ޖެހިލުންކުޑަކެމެވެ. އެގޮތުން މުސްލިމުންގެ ލަޝްކަރުގެ އަދަދު މަދުވެ، އިތުރު އެހީއާއި ތަކެތި ފޮނުއްވުމަށް ޢަމްރު ބިން ޢާސް، ޢުމަރުގެފާނަށް ދެންނެވިއެވެ. މިގޮތުން އެހީގެ ގޮތުގައި އުމަރުގެފާނު 4 ބޭކަލެއް ފޮނުއްވެވިއެވެ. އަދި ވިދާޅުވިއެވެ. މި ހަތަރު ބޭކަލުން، ހަތަރު ހާސް ހަނގުރާމަވެރިންނާއި އެއްފަދަވެގެންވެއެވެ. އެ ހަތަރު ބޭކަލުންގެ ތެރޭގައި ވެސް ޒުބައިރުގެފާނު ހިމެނިވަޑައިގަންނަވައެވެ. 

މިސްރު ފަތަހަ ކުރެވުނު މި ހާދިސާގައި، ބާބުލް ކިއްލާ އޭ ކިޔުނު ކިއްލާއެއް ވަށާލައި އެތަން މުސްލިމުންގެ އަތްދަށަށް ގެންނެވުމަށް މުސްލިމުން ހަތް މަސް ދުވަސް ހޭދަކުރެއްވިއެވެ. ނަމަވެސް އެކަން ކުރެވޭ ގޮތެއް ނުވިއެވެ. އެހެންކަމުން، އެއްދުވަހު، ޒުބައިރުގެފާނު، ކުޑަ ލަޝްކަރަކާއި އެކު އެސަރަހައްދަށް ވަޑައިގެންނެވިއެވެ. އަދި އެތަނުގެ ގާޑުންތައް ބަލިކޮށް އެ ކިއްލާދޮރު  ހުޅުވާލެއްވިއެވެ. މިއާއި އެކު އެތަން ފަތަޙަ ކުރުމުގެ ދޮރުވެސް ހުޅުވިގެން ދިޔައެވެ. 

ޚިޔާލު ތަފާތުވުންތަކުގެތެރެއިން ޝަހީދުވެވަޑައިގަތުން

އުޘްމާން ރަޟިޔަﷲ އަންހުގެ ޚިލާފަތުގައި މުސްލިމުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އުފެދި ފިތުނަވެރިކަން އުފެދެންފެށިއެވެ. މި ޚިޔާލު ތަފާތު ވުންތަކާއި، ފިތުނައިގެ ތެރެއިން އުޘްމާންގެފާނު ޝަހީދުވެވަޑައިގެންނެވިއެވެ. 

އުޘްމާންގެފާނަށް ފަހުގައި ޢަލީގެފާނު ޚަލީފާއަކަށް ޢައްޔަންކުރެވިގެން ދިޔައެވެ. އަދި އުޘްމާންގެފާނު ޝަހީދުކޮށްލުމުގައި ބައިވެރިވި ފަރާތްތަކަށް ހައްގު އަދަބު ދިނުން އަވަސް ކޮށްދެއްވުމަށް ޒުބައިރުގެފާނު ޢަލީގެފާނަށް ދެންނެވިއެވެ. މިކަމާއި ގުޅިގެން ޢަލީގެފާއި ޒުބައިރުގެފާނާއި ދެމެދު ޚިޔާލު ތަފާތުވެގެން ދިޔައެވެ. މިޚިޔާލުތަފާތުވުން ތަކުގައި ޒުބައިރުގެފާނާއި، ތަލްހާގެފާނާއި ޢާއިޝަތުގެފާނު ނިންމެވީ އުޘްމާންގެފާނު ޝަހީދުކޮށްލުމުގައި ބައިވެރިވި އެންމެނަށް ހައްގު އަދަބު ދިނުމަށް ޢަލީގެފާނަށް އެހީވެވެން ހުރި އެންމެހައި ގޮތްތަކުން އެހީވުމަށެވެ. އެގޮތުން  މި ތިން ބޭކަލުން ލަޝްކަރަކާއިއެކު ބަސަރާއަށް ފުރާވަޑައިގަތެވެ.

އެހެންނަމަވެސް، އެދުވަހު ކަން ހިނގައިދިޔައީ އެބޭކަލުން ހީކުރެއްވި ގޮތާއި ޚިލާފަށެވެ. މި ތިން ބޭކަލުން މިލަޝްކަރަކާއިއެކު ވަޑައިގަންނަވާ ޚަބަރު އަލީގެފާނަށް ލިބިވަޑައިގެންފިއެވެ. އެހެންކަމުން އެކަލޭގެފާނު ވެސް ލަޝްކަރަކާއިއެކު ބަސަރާއަށް ވަޑައިގަތެވެ. 

ޢަލީގެފާނާއި ޒުބައިރުގެފާނުގެ ލަޝްކަރު ދިމާވުމުން ތިން ބޭފުޅުންގެ މެދުގައި ވާހަކަތަކެއް  ދެކެވިގެންދިޔައެވެ. މި މި ވާހަކަތަކަށްފަހުގައި  ތަލްހާގެފާނާއި ޒުބައިރުގެފާނުވެސް ހަގުރާމައެއް ހިގިޔަނުދީ އެކަން ނިންމެވުމުގެ މަސައްކަތްފެއްޓެވިއެވެ. 

ނަމަވެސް، އެކިއެކި ސިފަސިފާއިގައި އުޘްމާންގެފާނު ޝަހީދު ކުރުމުގައި ބައިވެވިފައި ތިބި ފަރާތްތަކަށް މިކަންތައް ބަލައެއް ނުގަނެވެއެވެ. އަލީގެފާނާއި، ޠަލްހާގެފާނާއި ޒުބައިރުގެފާނު އެއްބައިވެއްޖެނަމަ އުޘްމާންގެފާނު ޝަހީދުކޮށްލުމުގައި ބައިވެރިވި މީހުން ބޭޒާރުވެ، އެމީހުންނަށް ލިބިދާނެ ގެއްލުމަކާމެދު އެމީހުން ބިރުގަނެއްޖެއެވެ. އެހެންކަމުން ސުލްހަ ވެރިކަމާއެކު އެކަން ކުރިއަށް ދާކަށް އެމީހުން ނޭދުނެވެ. އެހެންކަމުން އެމީހުން ނުބައި ރޭވުންގަނޑެއް ރާވަން ފެއްޓިއެވެ. އަދި އެ ރޭވުމާއި އެއްގޮތަށް ރޭގަނޑުގެ ކަނު އަދިރިކަމުގެ ތެރޭގައި، ޠަލްހާގެފާނާއި ޒުބައިރުގެފާނުގެ ލަޝްކަރަށް އެމީހުން ހަމަލާދީފިއެވެ. ޠަލްޙާގެފާނަށާއި ޒުބައިރުގެފާނަށް ހީފުޅުވެވަޑައިގެންނެވީ އެބައިމީހުންނަށް އހަމަލާދެއްވީ ޢަލީގެފާނު ކަމުގައެވެ. އެހެންކަމުން އަމިއްލަ ނަފްސުގެ ދިފާޢުގައި އެބޭކަލުންވެސް އަލީގެފާނުގެ  ލަޝްކަރަށް ހަމަލާދެއްވިއެވެ. އެފަދައިން ކަންތައް ދިމާވުމުން ޢަލީގެފާނަށް ހީފުޅުވެވަޑައިގެންނެވީ އެބޭކަލުން އެކަލޭގެފާނާ ދެކޮޅަށް ހަނގުރާމަ ކުރަނީކަމަށެވެ. ދެންފަހެ އެކަލޭގެފާނުވެސް އެކަލޭގެފާނުގެ ނަފްސުގެ ދިފާޢުގައި ހަމަލާދެއްވަން ފެއްޓެވިއެވެ. މިގޮތުގެ މަތިން އެބޭކަލުންގެ އެއްވެސް އިޚްތިޔާރަކާ ނުލައި ފިތުނަ ހިނގައިގެން ދިޔައެވެ. އޭރު ޢާޢިޝަތުގެފާނު [ޖަމަލުކޮޅަށް] ސަވާރުވެވަޑައިގެން އިންނެވިއެވެ. 

މިތަން ފެނިވަޑައިގެން ޢަލީގެފާނު ޒުބައިރުގެފާނަށް ދެންނެވިކަމަށް ވެއެވެ. "ޒުބައިރުގެފާނު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަރިހުގައި ވަޑައިގަންނަވަނިކޮށް ޢަހަރެންނާއި ދިމާވި ދުވަސް ހަނދާން ނުވޭ ހެއްޔެވެ؟ ނުހައްގުން ތިބާ އަހަރެންނާއި ދެކޮޅަށް ނުކުންނާނެކަމަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެދުވަހު ދެންނެވި ހަނދާން ނުވޭ ހެއްޔެވެ؟"

މިކަން ޒުބައިރުގެފާނަށް ހަނދުމަފުޅު ވުމުން ވަގުތުން މައިދާން ދޫކުރައްވައި މައްކާއަށް ދަތުރުފެއްޓެވިއެވެ. އެހެންނަމަވެސް ފިތުނަ ވެރިންނަށް މިގޮތް ކަމަކުނުދިޔައެވެ. ޒުބައިރުގެފާނު ހަގުރާމައިގެ މައިދާން ދޫކުރައްވާ ވަޑައިގަންނަވާ ތަން ފެނިގެން އިބުނު ޖުރުމޫޒު އެކަލޭގެފާނު ފަސްފަހަތުން ދިޔައެވެ. އަދި  ޒުބައިރުގެފާނު  ނަމާދުފުޅަށް ހުންނަވަނިކޮށް އެކަލޭގެފާނު ޝަހީދުކޮށްލެވުނެވެ.

ޒުބައިރުގެފާނު ޝަހީދުކޮށްލެއްވުމަށްފަހު އެޚަބަރު ޢަލީގެފާނަށް ދެއްވުމަށް ޖުރުމޫޒު ދިޔައެވެ. އެހެންނަމަވެސް އޭނާ އާއި ބައްދަލު ކުރެއްވުމަށް އިންކާރު ކުރައްވައި، ޒުބައިރުގެފާނު ޝަހީދުކުރެއްވި މީހާއަށް އެކަމުގެ ޢަޒާބު ދެއްވުމަށް އެދި ޢަލީގެފާނު ދުޢާކުރެއްވިއެވެ.

ޒުބައިރުގެފާނު ޝަހީދުކޮށްލެއްވުނުއިރު އެކަލޭގެފާނުގެ އުމުރުފުޅަކީ ގާތްގަޑަކަށް 75 އަހަރެވެ. އެކަލޭގެފާނު ވަޅުފުޅުލެވިފައިވަނީ އިރާގާއި މައްކާއާއި ދެމެދުގައި ހުންނަ ބިމެއްގައި ކަމަށް ބުނެވެއެވެ.

ފަހުބަސް

އިސްލާމް ދީނުގެ ދިފާއުގައި އެދީނަށްޓަކައި މުޅި ހަޔާތް ވޭތުކޮށްލެއްވި ޒުބައިރު ބިން ޢައްވާމް އަކީ ދުނިޔޭގައި ހުންނަވަނިކޮށް ސުވަރު ލިބިވަޑައިގެންނަވާނެ ކަމުގެ އުފާވެރި ޚަބަރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެއްވި 10 ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. އިންސާނަކަށް މި ދުނިޔެމަތިން ލިބޭނެ އެއަށް ވުރެ ބޮޑު، އެއަށް ވުރެ އުފާވެރި ޚަބަރަކީ ދެން އިތުރު ކޮބައިތޯއެވެ. 

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އެންމެހައި އެންގެވުމުން ތަކަށް ތަބައުވެ އެކަލޭގެފާނުގެ ފަސްފަހަތުން ހިންގެވި އެކަލޭގެފާނު ހަވާރީ، ޒުބައިރު ބިން ޢައްވާމް ރަޟިޔަﷲ ޢަންހު އަކީ ﷲގެ މަގުގައި  ފުރަތަމަ ކަނޑި އުފުއްލަވައި ލެއްވުމުގެ ޝަރަފުވެސް ލިބިވަޑައިގެންނެވި މާތް ސަޙާބީއެވެ. އެއްފަހަރަކު މައްކާގެ މުޝްރިކުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަވަހާރަކޮށްފިކަމުގެ ދޮގު ޚަބަރު ފެތުރުނެވެ. މިކަމާއި ޒުބައިރުގެފާނު  ކޯފާއިސްކުރައްވާ އެކަލޭގެފާނުގެ ކަނޑިއުރައިން ނެގުމަށްފަހު މައްކާގެ މަގުތަކުގައި އެކަންކުރި މީހަކު ފެނޭތޯ ހިންގަވަނިކޮށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ފެނިވަޑައިގެން ތިކުރައްވަނީ ކީއްތޯ ސުވާލުކުރެއްވި ހިނދު ޖަވާބުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގަތުލު ކުރެވިއްޖެކަމުގެ ޚަބަރު ލިބިގެން އުޅުއްވަނީ ކަމަށްވިދާޅުވިއެވެ. ޒުބައިރުގެފާނުގެ އަރިހުން އެކަމާއި ގުޅިގެން އެކަލޭގެފާނު ކީއްތޯ ކުރައްވާނީ ސުވާލުކުރެވުނު ހިނދު ޖަވާބުދެއްވީ އެކަން ކުރި މުޝްރިކުންގެ ލޭ އޮހުރުވާލަން އަޒުމް ކަނޑައަޅައިގެން ހުރި ކަމަށެވެ.

އިސްލާމީ ތާރީޚަށް ބަލާލައިފިނަމަ މިފަދަ އެތައް ހާދިސާއެއް ޒުބައިރުގެފާނުގެ ހަޔާތްޕުޅުން ފެނިގެންދާނެއެވެ. އެ ހިތްވަރާއި، ސާބިތު ކަމަކީ އެކަލޭގެފާނުގެ ހިތްޕުޅު ގައި އިސްލާމްދީނަށާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ލޯބި ރަމްޒުކޮށްދޭ ފުރިހަމަ ހެއްކެއްކަންގައިމު ޔަގީނެވެ. 

(ނިމުނީ)

*މި ހާދިސާ ނެގިފައިވަނީ ސައިފުލް ރަހްމާންއަލް މުބާރަކްޕޫރީ ލިޔުއްވާފައިވާ އައް ރަޙީގު އަލް މަޚްތޫމް ( ދަ ސީލްޑު ނެކްޓާރ) ފޮތުންނެވެ. 

އެޑިޓަރުގެ ނޯޓް
މިއީ ދާރުއްސަލާމް ޕަބްލިޝާސްގެ ފަރާތުން ނެރެފައިވާ " ދަ ގޯލްޑެން ސީރީސް އޮފް ދަ ޕްރޮފެޓް’ސް ކޮމްޕޭނިއަންސް" ސީރީސްގެ ދަށުން ނެރެފައިވާ "ޒުބައިރު ބިން އައްވާމް- ދަ ޑިސައިޕަލް" ފޮތް އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement