ދީން
11 Dec 2022 | 11:11
ނިދުމުގެ ކުރިންނާއި ނިދިން ހޭލުމަށްފަހު ކިޔެވުމަށް އައިސްފައިވާ ސޫރަތްތަކާއި އާޔަތްތައް

މާތް ﷲގެ ކަލާމްފުޅު ކީރިތި ޤުރްއާން ގިނަގިނައިން ކިޔެވުމަކީ މާތްކަމެކެވެ. މަތިވެރިކަން ލިބޭނޭކަމެކެވެ. އެކަލާނގެ ޙަޟްރަތުގައި ޤަދަރު އުފުލި، ސުވަރުގޭގައި މަތީ ދަރަޖަ ޙާޞިލުކުރެވޭނެ ކަމެކެވެ. ކިޔަވާ ކޮންމެ އަކުރަކަށް 10 އަޖުރު ދެއްވާނެކަމެކެވެ. ހިތުގައި ނޫރުލެއްވި، އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭނެ ކަމެކެވެ. މާއްދީގޮތުންނާއި ރޫޙާނީގޮތުން ޖެހޭ ތަފާތު ބަލިތަކަށް ޝިފާ ލިބޭނެ ކަމެކެވެ.

ޢާއްމުކޮށް ގިނަގިނައިން ޤުރްއާން ކިޔެވުމަށް ބާރުއެޅިފައިވުމާއެކު، ޚާއްޞަކޮށް ވަކި އާޔަތްތަކަކާއި ސޫރަތްތަކެއް ރެޔާއި ދުވާލުގައި ކިޔުން މޮޅު އިތުރުވެގެންވާކަމަށް އައިސްފައިވެއެވެ. މިގޮތުން ރެޔާއި ދުވާލު ޚާއްޞަކޮށް ކިޔުމަށް ވާރިދުވެފައިވާ އާޔަތްތަކާއި ސޫރަތްތަކުގެ ތެރޭގައި:

(1) ސަޖިދަ ސޫރަތާއި މުލްކު ސޫރަތް: ޖާބިރު رَضِيَ اللهُ عَنْهُ ގެ ކިބައިން ރިވާވެފައިވެއެވެ. ((أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ لا يَنَامُ حَتَّى يَقْرَأَ الم تَنْزِيلُ، وَتَبَارَكَ الَّذِي بِيَدِهِ الْمُلْكُ)) (أحمد والترمذي صححه الألباني و شعيب الأرنؤوط) މާނައީ: "ހަމަކަށަވަރުން، ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم، الم تَنْزِيلُ (އެބަހީ؛ ސަޖިދަ ސޫރަތާއި) تَبَارَكَ الَّذِي بِيَدِهِ الْمُلْكُ (އެބަހީ؛ މުލްކު ސޫރަތް) ކިޔެވުމަށް ދާންދެން އަވަހާރަފުޅު ނުލައްޕަވައެވެ." އެބަހީ؛ އެކަލޭގެފާނުގެ އާދަފުޅަކީ މި ދެ ސޫރަތް ނިދުމުގެ ކުރިން ކިޔުއްވުމެވެ. ނިދުމުގެ ކުރިން ވަކި ވަގުތެއްގައި މި ސޫރަތް ކިޔެވުމަކަށް ޞައްޙަ ޙަދީޘެއްގައި އައިސްފައެއް ނުވެއެވެ. ޞައްޙަނޫން ބައެއް ޙަދީޘްތަކުގައި މަޣްރިބު ނަމާދާއި ޢިޝާނަމާދާ ދެމެދުގައި ކިޔުމަށް އައިސްފައިވެއެވެ. އެހެންނަމަވެސް ނިދުމުގެ ކުރިން ރޭގަނޑުގެ ކޮންމެ ވަގުތަކުވެސް މި ދެ ސޫރަތް ކިޔެވިދާނެއެވެ. އަދި މުލްކު ސޫރަތް ކިޔެވުމަކީ ކަށްވަޅުގެ ޢަޛާބުން ދުރުކޮށްދޭނެކަމެއްކަމަށް، އަދި ބައެއް ރިވާޔަތްތަކުގައި ވާގޮތުން ރޭގަނޑު ކިޔެވުން މޮޅުއިތުރުކަމުގައި ޢަބްދުﷲ ބުން މަސްޢޫދު رَضِيَ اللهُ عَنْهُ ގެ ބަސްފުޅެއްގައި އައިސްފައިވެއެވެ.

(2) އިސްރާ ސޫރަތާއި ޒުމަރު ސޫރަތް: ޢާއިޝާ رَضِيَ اللهُ عَنْهَا ވިދާޅުވިއެވެ. ((كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا يَنَامُ حَتَّى يَقْرَأَ الزُّمَرَ، وَبَنِي إِسْرَائِيلَ)) (أحمد والترمذي صححه الألباني في الصحيحة) މާނައީ: "ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم، ޒުމަރު ސޫރަތާއި ބަނޫ އިސްރާއީލް ސޫރަތް (އެބަހީ؛ އިސްރާ ސޫރަތް) ކިޔެވުމަށް ދާންދެން އަވަހާރަފުޅު ނުލައްޕަވައެވެ."

(3) އިޚްލާޞް، ފަލަޤް އަދި ނާސް ސޫރަތް: ޢާއިޝާ رَضِيَ اللهُ عَنْهَا ގެ ކިބައިން ރިވާވެފައިވެއެވެ. "ކޮންމެ ރެއަކު ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم އެނދުކޮޅުގައި އޮށޯވެވަޑައިގެންފިނަމަ، ދެ އަތްތިލަ ޖަމާކުރައްވައި ﴿قُلْ هُوَ اللَّهُ أَحَدٌ﴾ އަދި ﴿قُلْ أَعُوذُ بِرَبِّ الْفَلَقِ﴾ އަދި ﴿قُلْ أَعُوذُ بِرَبِّ النَّاسِ﴾ ވިދާޅުވެ، އަތަށް ފުމެލައްވައެވެ. އަދި ބޯފުޅާއި މޫނުފުޅުން ފެށިގެން އަތްޕުޅުބީއްސެވޭ ހުރިހާ ހިސާބެއްގައި އަތްޕުޅު ބީއްސަވައެވެ. މިގޮތަށް ތިން ފަހަރު ކަންތައް ކުރައްވައެވެ."

(4) އާޔަތުލް ކުރުސި: އަބޫ ހުރައިރާ رَضِيَ اللهُ عَنْهُ އާ ބައްދަލުވެވަޑައިގެންނެވި ޒަކާތުގެ މުދަލުން ވައްކަންކުރި ޝައިޠާނާގެ ވާހަކަ ބަޔާންވެފައިވާ ޙަދީޘްގައި އައިސްފައިވެއެވެ.

ތިންވަނަ ރޭ ވައްކަންކުރަން އެމީހަކު އައުމުން އަބޫ ހުރައިރާ އެމީހަކު ހިފެހެއްޓުމަށްފަހު، ދެން ދޫކޮށްނުލެވޭނެކަމަށް ވިދާޅުވުމުން އެމީހަކު ބުންޏެވެ. "އެ ކަލިމައަކުން ﷲ ތިބާއަށް މަންފާކުރާނެ ކަލިމައެއް ތިމަންނަ އުނގަންނައިދޭނަމެވެ. ތިމަންނަ ދޫކޮށްލާށެވެ!" އެހިނދު ކޮން ކަލިމައެއްތޯ ސުވާލުކުރެއްވުމުން އެމީހަކު ބުންޏެވެ. "ނިދުމަށްޓަކައި އެނދުގައި އޮށޯވެއްޖެނަމަ އާޔަތުލް ކުރްސި ނިމެންދެން ކިޔަވާށެވެ! އޭރުން ތިބާ ރައްކާތެރިކުރައްވާނެ މަލާއިކަތަކު ﷲ ލައްވާނެއެވެ. އަދި ފަތިސްވަންދެން އެއްވެސް ޝައިޠާނަކަށް ތިބާއާ ކައިރިއެއް ނުވެވޭނެއެވެ." ދެން އަބޫ ހުރައިރާ އެމީހާ ދޫކޮށްލެއްވިއެވެ. ހެނދުނު ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم ގެ އަރިހަށް ވަޑައިގެން އެ ޚަބަރުދެއްވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އޭނައަކީ ދޮގުވެރިއެއްނަމަވެސް އެ ހެދީ ތެދެކެވެ." އަދި އެމީހަކީ ޝައިޠާނެއްކަމުގައި އެކަލޭގެފާނު ބަޔާންކޮށްދެއްވިއެވެ.

(5) ބަޤަރާ ސޫރަތުގެ ފަހު 2 އާޔަތް: އަބޫ މަސްޢޫދުލް ބަދްރީ رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ. ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. ((الآيَتَانِ مِنْ آخِرِ سُورَةِ البَقَرَةِ، مَنْ قَرَأَهُمَا فِي لَيْلَةٍ كَفَتَاهُ)) (البخاري ومسلم) މާނައީ: "ބަޤަރާ ސޫރަތުގެ ފަހު 2 އާޔަތް ރޭގަނޑެއްގައި ކިޔަވައިފިމީހަކަށް ފުދިގެންވެއެވެ." ޢިލްމުވެރިން ބަޔާންކުރައްވާގޮތުގައި ފުދިގެންވުމުގެ މާނައަކީ ރޭއަޅުކަމުގެ ޘަވާބާއި ދަރުމަ ލިބުމެވެ. އަދި އެއީ ޝައީޠާނުންނާއި އެހެނިހެންވެސް ގެއްލުންދޭ ތަކެތީން ރައްކާތެރިވުމަށް މި 2 އާޔަތް ފުދިގެންވުމެވެ.

(6) އާލްޢިމްރާން ސޫރަތުގެ ފަހު 10 އާޔަތް: އިމާމް ބުޚާރީއާއި އިމާމް މުސްލިމް އިބްނު ޢައްބާސް رَضِيَ اللهُ عَنْهُمَا ގެ ކިބައިން ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم މައިމޫނާ رَضِيَ اللهُ عَنْهَا ގެ ގެކޮޅުގައި އަވަހާރަފުޅު ލެއްޕެވި ރެއެއްގައި، އެކަލޭގެފާނު ދަންވަރު ހޭފުޅު ލެއްވުމަށްފަހު މޫނުފުޅުން އަވަހާރަފުޅު ލެއްޕެވުމުގެ އަސަރުތައް އަތުން ފުއްސެވުމަށްފަހު އާލްޢިމްރާން ސޫރަތުގެ ފަހު 10 އާޔަތް ކިޔަވާ ވިދާޅުވިއެވެ.

ބަޔާންވެދިޔަ ސޫރަތްތަކާއި އާޔަތްތަކުގެ އިތުރަށް ނިދުމުގެ ކުރިން ކާފިރޫން ސޫރަތް ކިޔެވުމަށް ބައެއް ޙަދީޘްތަކުގައި ވާރިދުވެފައިވެއެވެ. އަދި ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم އަވަހާރަފުޅު ލެއްޕެވުމަށް އޮށޯންނެވުމުގެ ކުރިން މުސައްބިޙާތު ސޫރަތްތައް ކިޔަވާވިދާޅުވާކަމުގައި ބައެއް ރިވާޔަތްތަކުގައި އައިސްފައިވެއެވެ. މުސައްބިޙާތު ސޫރަތްތަކަކީ އިސްރާ ސޫރަތާއި، ޙަދީދު ސޫރަތާއި، ޙަޝްރު ސޫރަތާއި، ޞައްފު ސޫރަތާއި، ޖުމްޢަ ސޫރަތާއި، ތަޣާބުން ސޫރަތާއި، އަޢުލާ ސޫރަތެވެ. މި ސޫރަތްތައް ކިޔެވުމަށް އައިސްފައިވާ ޙަދީޘްތައް ޞައްޙަކުރެއްވުމުގައި ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އައިސްފައިވެއެވެ. މިކަން ދަނެގެން މި ސޫރަތްތައްވެސް ކިޔެވިދާނެއެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ރެޔާއި ދުވާލު ކިޔުމަށް ޚާއްޞަކޮށް ވާރިދުވެފައިވާ ސޫރަތްތަކާއި އާޔަތްތައް ވީވަރަކުން ކިޔެވުމަށް މަސައްކަތްކުރުމަކީ ލިބޭނެ މަތިވެރިކަމެކެވެ. ޘަވާބާއި ދަރުމަ އިތުރުވާނެކަމެކެވެ. އަދި ސަލާމަތާއި ރައްކާތެރިކަން ލިބޭނެ ކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.