ދީން
03 Feb 2023 | 14:32
އިންސާނުން ބަސްމޮށެން ފެއްޓިގޮތް

އިންސާނުން ބަސްމޮށެއުޅޭ ބަސްތަކާމެދު ވިސްނާލެއްވީމުތޯ؟ އިންސާނުން ބަސްމޮށެއުޅެން ފެށީ ކިހިނެއްކަން އެނގިލައްވާތޯ؟ ހަމައެކަނި މިއަދު ދުނިޔެއަށް ބަލައިލިކަމުގައިވީނަމަވެސް 7 ހާހަށްވުރެ ގިނަ ބަހުން އިންސާނުން ބަސްމޮށެ އުޅެއެވެ. ބަސްމޮށުންތެރިކަމަކީ މާތް ﷲ އިންސާނުންނަށް ދެއްވި އެންމެބޮޑު އެއް ނިޢުމަތެވެ.

އިންސާނުން ބަސްމޮށުންތެރިކަން ދަސްކުރިގޮތަކާމެދު ދިރާސާކުރާ ފަރާތްތަކުން ތަފާތު ފަލްސަފާތައް ގެނެސްފައިވެއެވެ. މާއްދިއްޔަތުގެ އަހުލުވެރިން ޤަބޫލުކުރާގޮތުގައި އިންސާނުން އެންމެ ފުރަތަމަ ބަސްމޮށެން ފެށީ ތަފާތު އަޑުތައް ލައްވަމުން ގޮހެވެ. ޒަމާންތައް ފާއިތުވަމުން ދިޔަވަރަކަށް ބަސްމޮށުންތެރިކަން ތަރައްޤީވެ، އޭގެފަހުގައި ތަފާތު އެކި ބަސްތައް އުފެދިގެން އައީއެވެ. މި ފަލްސަފާއަކީ ބަހާބެހޭގޮތުން ދިރާސާކުރާއިރު ކިޔަވާ ފަލްސަފާއެކެވެ. މި ދިވެހިރާއްޖޭގައިވެސް މެއެވެ. މާބޮޑު ވިސްނާލުމެއްނެތި މި ފަލްސަފާ ޤަބޫލުވެސް ކުރެއެވެ.

މި ފަލްސަފާއަކީ އިސްލާމްދީނުގެ މިންގަނޑުން މިންއަޅައިފިކަމުގައިވާނަމަ ބާޠިލު ފަލްސަފާއެކެވެ. މިފަދަ ފަލްސަފާއެއް ޤަބޫލުކުރުން ހުއްދަނުވާނެ ފަލްސަފާއެކެވެ. ބަސްމޮށުންތެރިކަމަކީ އިންސާނުންނަށް ދެއްވާފައިވާ އިލާހީ ދެއްވުމެކެވެ. މިކަމުގެ ޙަޤީޤަތް ދެނެގަތުމަށް އިންސާނުން ބަސްމޮށެން ފެށިގޮތާބެހޭގޮތުން އިންސާނުންގެ ފެށުމަށް ޖެހިލަމާތޯއެވެ؟

ކީރިތި ޤުރްއާނުގައި ސާފުކޮށް ބަޔާންވެފައިވާގޮތުގައި އެންމެ ފުރަތަމަ ޚަލްޤުކުރެއްވުނު އިންސާނަކީ ޞަލަވާތާއި ސަލާމްލެއްވި އާދަމްގެފާނެވެ. ދެން އޭގެފަހުގައި އެކަލޭގެފާނުގެ އަނބިކަނބަލުން ޙައްވާގެފާނެވެ. އާދަމްގެފާނާއި ޙައްވާގެފާނު ޚަލްޤުކުރެއްވުނު އިރުވެސް ބަސްމޮށުންތެރިކަން ދެއްވާފައިވާކަން ޞަރީޙަކޮށް އެނގެން އެބައޮތެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ((وَعَلَّمَ آدَمَ الْأَسْمَاءَ كُلَّهَا)) (البقرة: 31) މާނައީ: "އަދި އާދަމްގެފާނަށް ހުރިހައި ތަކެތީގެ ނަންތައް އެކަލާނގެ އުނގަންނަވައި ދެއްވިއެވެ." މި އާޔަތުން ޞަރީޙަކޮށް އެނގިގެންދަނީ އާދަމްގެފާނު ޚަލްޤުކުރެއްވުނުއިރުވެސް މާތް ﷲ ވަނީ ތަކެތީގެ ނަންތައް އުނގަންނަވައި ދެއްވާފައިކަމެވެ. އެހެންނަމަވެސް، އެއީ ކޮން ބަހުރުވައެއްކަމެއް ޤުރްއާނާއި ސުންނަތުގައި އައިސްފައެއްނުވެއެވެ.

ހަމައެހެންމެ، ކަންހިނގާފައި ވަނީ ބަޔާންކުރެވުނު ފަލްސަފާތަކުގައިވާގޮތަށް ކަމުގައިވާނަމަ، އިންސާނުންނަށް ރީތިކޮށް ބަސްމޮށެން ފެށެން ޒަމާންތަކެއް ނަގާނެއެވެ. އެހެންނަމަވެސް އާދަމްގެފާނާއި ޙައްވާގެފާނު ތައުބާވެވަޑައިގަތުމަށް ކުރެއްވި ދުޢާފުޅުން އެނގިގެންދަނީ އެ ދެމަފިރިކަނބަލުން ރީތިކޮށް ބަސްމޮށެއުޅުއްވިކަމެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ((قَالَا رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ)) (الأعراف: 23) މާނައީ: "އެ ދެމަފިރިކަނބަލުން ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ ނަފްސުތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި ރަޙްމަތް ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ." ކުރިން ބުނެވުނު ފަލްސަފާތަކަކީ ތެދު ފަލްސަފާތަކެއް ކަމުގައިވާނަމަ، މަދު ދުވަސްކޮޅެއްގެ ތެރޭގައި މިފަދައިން ބަސްމޮށެ ނުއުޅެވުނީހެވެ.

މާތް ﷲ އިންސާނާއަށް ދެއްވި ބަސްމޮށުންތެރިކަމަކީ އެހެނިހެން ޖަނަވާރުންނާ ޚިލާފަށް އިންސާނުންނަށް ދެއްވި ބޮޑު ނިޢުމަތެކެވެ. ތަފާތު ބަސްތަކާއި ބަހުރުވަތަކުން ވާހަކަދެއްކުމުގެ ކުޅަދާނަކަމަކީ އެކަމާމެދު ވިސްނައިފިކަމުގައިވާނަމަ އެތައް ޢަޖައިބުކުރުވަނިވި ކަމެއް ފެނިގެންދާނެ ކަމެކެވެ. އިންސާނީ އެތައް ޖީލުތަކަކުން ބަސްމޮށުންތެރިކަން ވާރުތަވަމުން އަންނަގޮތެވެ. އާދަމްގެފާނާއި ޙައްވާގެފާނު ބަސްމޮށެއުޅުއްވި ބަހުން އެހެނިހެން ބަސްތައް އުފެދިގެން އައިގޮތެވެ. އިންސާނުންގެ ދަރިފަސްކޮޅުގައި ބައެއްމީހުންގެ އުޅުމާއި ގުޅުމުގައި އެއްވެސް ޤަވާޢިދެއް ނެތްނަމަވެސް ބަސްމޮށުންތެރިކަމުގައި ޤަވާޢިދުތައް ހުރި ހުރުމެވެ. ތަހުޒީބާއި ތަމައްދުން ލޮލުން ދެކެފައިނުވާ މުޖުތަމަޢުތަކުގައިވެސް ބަސްމޮށުންތެރިކަން އައިސްފައިވާ ގޮތެވެ.

ހަމައެކަނި އިންސާނުންގެ ބަސްމޮށުންތެރިކަމަށް ވިސްނާލިނަމަވެސް ދޭހަކޮށްދެނީ މިކަންކަން ރާއްވަވައި ހިންގަވާނެ ފަރާތެއް ވާ ކަމެވެ. އެ ފަރާތުގެ ފުރިހަމަ ރޭއްވެވުމާއި ކުޅަދުންވަންތަކަމެވެ. އެއީ މި ކާއިނާތުގެ ވެރި ރަސްކަލާނގެއެވެ. އިންސާނުން މޮށެއުޅޭ ބަސްތައް ތަފާތުކުރައްވާފައިވަނީ އެބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފުވުމަށްޓަކައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.