ކުޅިވަރުގެ ރޫޙާއި ޚިލާފަށް ހިންގި ޢަމަލު ކުށްވެރި ކުރަން: އެޑިޔުކޭޝަން
ކުޅިވަރުގެ ރޫޙާއި ޚިލާފަށް ހިންގި ޢަމަލު ކުށްވެރި ކުރާކަމަށް އެޑިޔުކޭޝަން މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.
6 ފެބްރުއަރީ ވީ ދުވަހު ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުރިޔަށް ދިޔަ އެފްއޭއެމް އިންޓަރސްކޫލް 17 އަހަރުން ދަށުގެ އުމުރުފުރާގެ ފުޓުބޯޅަ މުބާރަތުގެ ފުރަތަމަ ސެމީ ފައިނަލް މެޗުގައި، މެޗުނިމުމުން ސަޕޯޓަރުންގެ ބަޔަކުވަނީ ކުޅިވަރުގެ ރޫޙާއި ޚިލާފު ޢަމަލެއް ހިންގައިފައި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީ އިން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
މިފަދަ މުބާރާތް ތަކަކީ ކުޅިވަރުގެ ހުނަރުތަކުގެ އިތުރުން، ދަރިވަރުންގެ ކިބައިގައި އިޖްތިމާޢީ އަދި އަޚްލާޤީ ރިވެތި ސިފަތައް އަށަގެންނެވުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ ހަރަކާތް ތަކެއް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ނޫސްބަޔާނުގައި ވެއެވެ.
މުބާރާތުގައި އެކި ހައިސިއްޔަތުތަކުން ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކުންވެސް އެފަދަ ނަމޫނާ ފެނިގެންދިޔުމަކީ އެމިނިސްޓްރީގެ އެދުން ކަމަށް އެމިނިސްޓްރީ އިން ބުނެފައިވެއެވެ.
"އިއްޔެގެ މެޗު ނިމުމުން ސަޕޯޓަރުން ހިންގި ކުޅިވަރުގެ ރޫޙާއި ޚިލާފު އަމަލުތައް މިމިނިސްޓްރީ އިން ހަރުކަށި ޢިބާރާތުން ކުށްވެރިކުރަން، އަދި މިފަދަ ޢަމަލުތައް ކުދިންގެ ކުރިމަތީގައި ތަކުރާރު ނުކުރުމަށް ބެލެނިވެރިންނާއި ސަޕޯޓަރުންނަށް އިލްތިމާސް ކުރަން" އެޑިޔުކޭޝަން މިނިސްޓްރީގެ ނޫސް ބަޔާނުގައި ވެއެވެ.
އިއްޔެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލު ކުރި ކަލާފާން ސްކޫލާއި ކ ގުރައިދޫ ސްކޫލްގެ މެޗުން ކަލާފާން މޮޅުވުމުން ގުރައިދޫ ޓީމުގެ ސަޕޯޓަރުން ވަނީ ދަނޑަށް އަރައި ރެފްރީ އަށް ހަމަލާދިނުމަށް މަސައްކަތް ކޮށްފައެވެ. އަދި މިމައްސަލައިގެ ރިޕޯޓު ލިބި ފުލުހުންވެސް ވަނީ އެތަނަށް ގޮއްސައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists