ރިޔާސީ އިންތިހާބުގެ އިންތިހާބީ މައިމަރުކަޒުގެ ގޮތުގައި ދަރުބާރުގެ!
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އިންތިހާބީ މަރުކަޒުގެ ގޮތުގައި ބޭނުންކުރުމަށް، ދަރުބާރުގެ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ދޫކުރުމަށް ނިންމާފައިވާކަމަށް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.
ހަބީބް ކުރެއްވި ޓުވީޓެއްގައި ވަނީ ރިޔާސީ އިންތިޚާބު 2023 ގެ “އިންތިޚާބީ މައިމަރުކަޒު”ގެ ގޮތުގައި ބޭނުންކުރުމަށް، ދަރުބާރުގެ އީސީ އަށް ދޫކޮށް ދެއްވާގޮތަށް، ޕްލޭނިންގ މިނިސްޓްރީ އިން ހަމަޖައްސަވައި ދެއްވައިފައިވާކަމަށް ވިދާޅުވެފައެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ހާލަތެއް އަތުވެއްޖެނަމަ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރުމަހުގެ 30 ގައެވެ.
މިފަހަރުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 280,000އަށް އަރާނެ ކަމަށް އީސީން ލަފާކުރެއެވެ. އެއީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި އަޅާބަލާއިރު 21،000ގެ އިތުރުވުމެކެވެ. އިންތިޚާބުގައި ވޯޓުލާ މީހުންގެ ލިސްޓު އާންމުކުރާނީ މޭ މަހުގެ ދެވަނަ ދުވަހުއެވެ. އަދި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޖޫން މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ.
އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުން ފޯމު ހުށަހެޅުއްވުމުގެ ފުރުސަތު ޖުލައި 23 އިން އޮގަސްޓު 3 އާ ހަމައަށް ހުޅުވާލާނެއެވެ. ކުރިމަތިލާ ބޭފުޅުންގެ ނަންތައް ތަރުތީބު ކުރުމަށް ފަހު، އޯގަސްޓު މަހުގެ 10ވަނަ ދުވަހު ކެމްޕޭން ކުރުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލާނެއެވެ. އެ ފުރުސަތު ބަންދުވާނީ ސެޕްޓެމްބަރު މަހުގެ 8ވަނަ ދުވަހެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists