Advertisement

ޙައްޖުގެ ޘަވާބު ލިބޭ 7 ކަމެއް

ޙައްޖުގެ މަތިވެރި އަޅުކަމަކީ މާތް ވެގެންވާ އަޅުކަމެކެވެ. އެ އަޅުކަން އަދާކުރުމަށްޓަކައި މުދާ ހޭދަކުރަންޖެހެއެވެ. ޖިސްމާނީގޮތުންނާއި ޞިއްޙީގޮތުން ކުޅަދާނަކަން ހުންނަންޖެހެއެވެ. ލޯބިވާ ޢާއިލާމީހުންނާ ވަކިވާންޖެހެއެވެ. ތަފާތު އެކި ދަތުރުތައް ކުރަންޖެހެއެވެ. އެ މާތް އަޅުކަމުގައި ކެތްތެރިވާންޖެހޭ ވަރަށް ގިނަ ކަންކަން ކުރިމަތިވެއެވެ.

ޙައްޖުގެ މާތް އަޅުކަމަކީ ތަފާތު އެތައް ޤުރުބާނީތަކެއް ވާންޖެހޭ އަޅުކަމެއްކަމުގައި ވާތީ އެ އަޅުކަން ފަރުޟުކުރައްވާފައި ވަނީ ޢުމުރުން އެއްފަހަރު އަދާކުރުމަށެވެ. އަދި އެއީ އެ އަޅުކަން އަދާކުރުމުގެ މަގު ތަނަވަސްވެ، އެކަމަށް ކުޅަދާނަވެއްޖެމީހަކަށެވެ. އެ އަޅުކަން ގިނަގިނައިން އަދާކުރުމަކީ ކޮންމެ ކޮންމެ މީހަކަށް ފަސޭހަކަމެއް ނޫނެވެ. މާލީގޮތުންނާއި ޞިއްޙީގޮތުން އަދި އެނޫންވެސް ގޮތްގޮތުން އެކަމުގެ ކުޅަދާނަކަން ލިބިފައި ނުހުންނާތީއެވެ. އަދި އެކަމުގެ ފުރުޞަތުވެސް ގިނަގިނައިން ނުލިބޭތީއެވެ.

އެހެންނަމަވެސް، ﷲ سُبْحَانَهُ وَتَعَالَى ވަނީ އަހަރެމެން ތިބި ކޮންމެ ތަނެއްގައި ހުރެގެންވެސް ޙައްޖުގެ އަޅުކަމުގެ ޘަވާބު ޙާޞިލުކުރެވޭނެ ހެޔޮކަންތައް ތަކެއް ލައްވާފައެވެ. މިފަދަ ހެޔޮކަންތައްތަކުގެ ތެރެއިން ޞައްޙަކޮށް އައިސްފައިވާ ހެޔޮކަންތައްތަކަކީ:

Advertisement

1) ގެއިން ވުޟޫކޮށްގެން ފަރުޟުނަމާދު ޖަމާޢަތުގައި އަދާކުރުމަށް ދިޔުން:

އަބޫ އުމާމާ رَضِيَ اللهُ عَنْهُ ގެ ކިބައިން އައިސްފައިވެއެވެ. ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. ((مَنْ خَرَجَ مِنْ بَيْتِهِ مُتَطَهِّرًا إِلَى صَلَاةٍ مَكْتُوْبَةٍ، فَأَجْرُهُ كَأَجْرِ الحَاجِّ الـمُحْرِمِ)( (رواه أحمد وأبوداود والبيهقي والطبراني) މާނައީ: "ފަރުޟުނަމާދެއް ކުރުމަށް މީހަކު އޭނާގެ ގެއިން ޠާހިރުވެގެން ނުކުމެއްޖެކަމުގައިވާނަމަ، ފަހެ، އެމީހަކަށް އިޙްރާމްބަނދެގެންހުރި ޙައްޖުވެރިޔަކަށް ލިބޭ އަޖުރު ލިބޭނެއެވެ." މި ޙަދީޘްގެ ބައެއް ރިވާޔަތްތަކުގައި ފަރުޟުނަމާދު ޖަމާޢަތުގައި ކުރުމުގެ ގަސްތުގައި ގެއިން ނުކުމެގެން ދިޔުމުގެ ވާހަކަ އައިސްފައިވެއެވެ. މި ޙަދީޘްގައި ގޭގެ ވާހަކަ އައިކަމުގައިވީނަމަވެސް، އެމީހަކު ހުރި ތަނަކުން ޠާހިރުވެގެން ނަމާދަށް ނުކުތުންވެސް މީގެ ތެރޭގައި ހިމެނޭނެއެވެ. މި ޙަދީޘްގެ މުރާދަކީ އެފަދަ މީހަކަށް ޙައްޖަށް އިޙްރާމް ބަނދެގެން ހުރިމީހަކު ހިނގުމުން ލިބޭ އަޖުރު ލިބޭނެވާހަކައެވެ. މި ޙަދީޘްގެ އަނެއް ރިވާޔަތުގައިވާގޮތުން ޙައްޖެއް ކުރިކަމުގެ އަޖުރު ލިބޭނެއެވެ. މިއީ ފިރިހެނުންނަށް ކަމުގައިވާއިރު އަންހެން ކަނބަލުން ފަރުޟުނަމާދު ގޭގައި ކުރުމުން މި އަޖުރު ޙާޞިލުވާނެއެވެ. إن شاء الله

(2) ޢިލްމެއް އުނގަންނައިދިނުމަށް ނުވަތަ ޢިލްމު އުނގެނުމަށް މިސްކިތަށް ދިޔުން:

އަބޫ އުމާމާ رَضِيَ اللهُ عَنْهُ ގެ ކިބައިން އައިސްފައިވެއެވެ. ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. ((مَنْ غَدَا إِلَى الْمَسْجِدِ لَا يُرِيدُ إِلَّا أَنْ يَتَعَلَّمَ خَيْرًا أَوْ يَعْلَمَهُ، كَانَ لَهُ كَأَجْرِ حَاجٍّ تَامًّا حِجَّتُهُ)( (رواه الطبراني) މާނައީ: "ހަމައެކަނި ހެޔޮ އެއްޗެއް އުނގަންނައިދިނުމުގެ ބޭނުމުގައި ނުވަތަ ހެޔޮ އެއްޗެއް އުނގެނުމުގެ ބޭނުމުގައި މިސްކިތަށް ދާ މީހަކަށް ޙައްޖުގެ އަޅުކަން ފުރިހަމަކުރާ ޙައްޖުވެރިޔަކަށް ލިބޭ އަޖުރުވެއެވެ." މި ޙަދީޘުން އެނގޭގޮތުގައި މިސްކިތުގައި ޢިލްމު އުނގަންނައިދިނުމާއި ޢިލްމު އުނގެނުމުގެ މާތްކަން ހާމަވެއެވެ. އަދި މިސްކިތުގައި ޢިލްމު އުނގެނުމާއި އުނގަންނައިދިނުމަށް މަސައްކަތްކުރުމުގެ މާތްކަންވެސް ހާމަވެއެވެ.

(3) ފަރުޟުނަމާދުތަކަށްފަހު ތަސްބީޙައާއި ތަޙްމީދާއި ތަކްބީރު ކިޔުން:

އަބޫ ހުރައިރާ رَضِيَ اللهُ عَنْهُ ގެ ކިބައިން އައިސްފައިވާ ރިވާޔަތެއްގައިވެއެވެ. ޞަޙާބީންކުރެ ފަޤީރު ބޭކަލުންތަކެއް ވަޑައިގެން، ފޯރުންތެރިކަން ހުރި ބޭކަލުން، އެބޭކަލުންގެ މުދަލުން ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރައްވައި، ﷲގެ މަގުގައި ހަނގުރާމަކުރައްވައި، ޞަދަޤާތްކުރައްވައިގެން ޘަވާބުތައް ހޯއްދަވައިގެން އެ ފަޤީރު ބޭކަލުންނަށްވުރެ ހެޔޮކަމުގައި ކުރިއަރައިދާކަމުގެ ޝަކުވާ ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم އަށް ހުށަހެޅުއްވިއެވެ. އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ((أَلَا أُحَدِّثُكُمْ بِأَمْرٍ إِنْ أَخَذْتُمْ بِهِ أَدْرَكْتُمْ مَنْ سَبَقَكُمْ وَلَمْ يُدْرِكْكُمْ أَحَدٌ بَعْدَكُمْ، وَكُنْتُمْ خَيْرَ مَنْ أَنْتُمْ بَيْنَ ظَهْرَانَيْهِ إِلَّا مَنْ عَمِلَ مِثْلَهُ تُسَبِّحُونَ وَتَحْمَدُونَ وَتُكَبِّرُونَ خَلْفَ كُلِّ صَلاَةٍ ثَلاَثًا وَثَلاَثِينَ)( (متفق عليه) މާނައީ: "ތިޔަ ބޭކަލުން އެކަމެއްގައި ހިފައިފިކަމުގައިވާނަމަ، ތިޔަ ބޭކަލުންނަށްވުރެ ކުރިއަރައިދިޔަ ބޭކަލުންނާ އަރާހަމަކުރެވިދާނެ، އަދި އެއްވެސް މީހަކަށް ތިޔަ ބޭކަލުންނާ އަރައި ހަމަނުކުރެވޭނެ ކަމެއްގެ ވާހަކަ ތިމަންކަލޭގެފާނު ޙަދީޘްކުރައްވަންތޯއެވެ؟ އަދި އެކަމެއްގައި ހިފައިފިނަމަ ތިޔަބޭކަލުންގެ ތެރޭގައިވާ އެންމެ ހެޔޮ ބަޔަކަށްވާނީ ތިޔަ ބޭކަލުންނެވެ. އެކަމެއް އެގޮތަށް ކުރި މީހަކު ފިޔަވައެވެ. އެކަމަކީ ކޮންމެ (ފަރުޟު) ނަމާދެއްގެ ފަހުގައި ތަސްބީޙައާއި ތަޙްމީދާއި ތަކްބީރު 33 ފަހަރު ކިޔުމެވެ." މި ޙަދީޘުން އެނގޭގޮތުގައި ކޮންމެ ފަރުޟުނަމާދެއްގެ ފަހުގައި سُبْحَانَ اللَّهِ، الْحَمْدُ لِلَّهِ، اللهُ أَكْبَرُ މިއިން ކޮންމެ ކަލިމައެއް 33 ފަހަރު ކިޔުމަކީ ޙައްޖާއި ޢުމުރާއާއި ﷲގެ މަގުގައި ހަނގުރާމަކުރުމާއި ޞަދާޤާތްކުރުމުގެ ޘަވާބު ޙާޞިލުކުރެވޭނެކަމެކެވެ.

(4) ޖަމާޢަތުގައި ފަތިސްނަމާދުކޮށް ނިމުމަށްފަހު، އިރު އަރަންދެން ޛިކުރުކުރުމަށް އިނުމަށްފަހު ދެ ރަކުޢަތުގެ ނަމާދެއް ކުރުން:

އަނަސް رَضِيَ اللهُ عَنْهُ ގެ ކިބައިން އައިސްފައިވެއެވެ. ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. ((مَنْ صَلَّى الْفَجْرَ فِي جَمَاعَةٍ، ثُمَّ قَعَدَ يَذْكُرُ اللهَ حَتَّى تَطْلُعَ الشَّمْسُ، ثُمَّ صَلَّى رَكْعَتَيْنِ، كَانَتْ لَهُ كَأَجْرِ حَجَّةٍ وَعُمْرَةٍ تَامَّةٍ، تَامَّةٍ، تَامَّةٍ)( (رواه الترمذي) މާނައީ: "ފަތިސްނަމާދު ޖަމާޢަތުގައި ކޮށް، އޭގެފަހުގައި އިރު އަރައްޖެއުމަށް ދާންދެން ﷲ ގެމަތިން ޛިކުރުކުރަން އިނުމަށްފަހު ދެ ރަކުޢަތުގެ ނަމާދެއްކޮށްފިމީހަކަށް ޙައްޖަކާއި ޢުމްރާއެއްގެ ފުރިހަމަ އަޖުރުވެއެވެ. އެ ދެ އަޅުކަމުގެ ފުރިހަމަ އަޖުރެވެ. އެ ދެ އަޅުކަމުގެ ފުރިހަމަ އަޖުރެވެ." މި ޙަދީޘްގައިވާ ދެ ރަކުޢަތަކީ ޟުޙާ ނަމާދުގެ ދެ ރަކުޢަތެވެ. އެ ވަޤުތުގައި ޟުޙާނަމާދު ކުރާތީ މި ދެ ރަކުޢަތަށް އިޝްރާޤު ނަމާދޭވެސް ކިޔައެވެ. މި ދެ ރަކުޢަތް ކުރާނީ އިރު ލޮންސިއެއްގެ މިންވަރަށް އެރުމުންނެވެ. އެއީ އިރުއަރާވަގުތުން ފެށިގެން 15 ނުވަތަ 20 މިނިޓްފަހުންނެވެ.

(5) ރަމަޟާންމަހުގައި ޢުމުރާގެ އަޅުކަން އަދާކުރުން:

އިބްނު ޢައްބާސް رَضِيَ اللهُ عَنْهُمَا ގެ ކިބައިން އައިސްފައިވެއެވެ. ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. ((عُمْرَةٌ فِي رَمَضَانَ تَعْدِلُ حَجَّةً أَوْ حَجَّةً مَعِي)( (متفق عليه) މާނައީ: "ރަމަޟާންމަހުގެ ޢުމްރާއެއް (ޘަވާބުގެ ގޮތުން) ޙައްޖަކާ ނުވަތަ ތިމަންކަލޭގެފާނާއެކު ކުރާ ޙައްޖަކާ އެއްވަރުވެގެންވެއެވެ."

(6) ޙައްޖުގެ އަޅުކަން އަދާކުރުމަށް މީހަކު ތައްޔާރުކޮށްދިނުން:

އެބަހީ؛ މީހަކު ޙައްޖުގެ އަޅުކަން އަދާކޮށްދިނުމަށް މާލީގޮތުން އެހީތެރިވެދީ، އެކަމުގެ މަގުފަހިކޮށްދިނުމެވެ. ޒައިދު ބުން ޚާލިދުއް ޖުހަނީ رَضِيَ اللهُ عَنْهُ ގެ ކިބައިން އައިސްފައިވެއެވެ. ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. ((مَنْ جَهَّزَ حَاجًّا، أَوْ جَهَّزَ غَازِيًا، أَوْ خَلَفَهُ فِي أَهْلِهِ، أَوْ فَطَّرَ صَائِمًا، فَلَهُ مِثْلُ أَجْرِهِ مِنْ غَيْرِ أَنْ يَنْقُصَ مِنْ أَجْرِهِ شَيْءٌ)( (أخرجه البيهقى فى شعب الإيمان) މާނައީ: "ޙައްޖަށް ނުވަތަ (ﷲގެ މަގުގައި) ހަނގުރާމަކުރުމަށް މީހަކު ތައްޔާރުކޮށްދީފިމީހަކަށް، ނުވަތަ ހަނގުރާމައަށް ދިޔަމީހާގެ އަހުލުންގެ ބެލެހެއްޓުންތެރިއެއްގެ ގޮތުގައި ވެއްޖެމީހަކަށް، ނުވަތަ ރޯދަވެރިއަކަށް ރޯދަވީއްލުމެއް ދީފިމީހަކަށް އެކަންކަން ކުރިމީހަކަށް ލިބިގެންވާ އަޖުރު ލިބޭހުއްޓެވެ. އެއީ އެމީހުންގެ އަޖުރުން އެއްވެސް އެއްޗެއް އުނިނުވާ ގޮތުގައެވެ."

(7) ޙައްޖުގެ އަޅުކަން އަދާކުރުމަށް ނިޔަތްގަނެގެން ހުރުން:

އެބަހީ؛ ޙައްޖުގެ އަޅުކަން އަދާކުރުމުގެ ކުޅަދާނަކަން ލިބިފައި ނެތްކަމުގައިވީނަމަވެސް، ކުޅަދާނަކަމެއް ލިބުނު ވަގުތަކުން ވީއެންމެ އަވަހަކަށް ޙައްޖުގެ އަޅުކަން އަދާކުރާނެކަމަށް ތެދުވެރިކަމާއި، ވަރުގަދަ ޢަޒުމަކާއެކު ހުރުމެވެ. އިބްނު ޢައްބާސް رَضِيَ اللهُ عَنْهُمَا ގެ ކިބައިން އައިސްފައިވެއެވެ. ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. ((فَمَنْ هَمَّ بِحَسَنةٍ، فَلَمْ يَعْمَلْهَا، كَتَبَهَا اللهُ عِنْدَهُ حَسَنةً كَامِلةً، وإنْ هَمَّ بِهَا فَعَمِلَهَا، كَتَبَها اللهُ عِنْدَهُ عَشْرَ حَسَنَاتٍ إِلَى سَبْعِ مِئَةِ ضِعْفٍ إِلَى أَضْعَافٍ كَثِيرَةٍ)( (رواه البخاري ومسلم) މާނައީ: "ފަހެ، ހެޔޮކަމެއް ކުރުމަށް ނިޔަތްގަނެ ޢަޒުމުކޮށްފިނަމަ، އެކަމެއް ނުކުރެވުނުނަމަވެސް ﷲގެ ޙަޟްރަތުގައި އެމީހަކަށް ފުރިހަމަ ހެޔޮކަމެއް ކަމުގައި ލިއްޔުވާނެތެވެ. އަދި އެކަމަކަށް ނިޔަތްގަނެ ޢަޒުމުކޮށް، އެކަމެއް ކޮށްފިކަމުގައިވާނަމަ، ދިހަ ހެޔޮކަމުން ފެށިގެން ހަތްސަތޭކަ ގުނައިން އެތައް ގުނައަކަށް ލިޔުއްވާނެތެވެ."

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ބަޔާންވެ މިދިޔަ ޢަމަލުތަކަކީ އެ ޢަމަލުތަކެއް ކޮށްފިކަމުގައިވާނަމަ، ޙައްޖުގެ ޘަވާބު ޙާޞިލުކުރެވިދާނެކަމަށް ޞައްޙަކޮށް އައިސްފައިވާ 7 ޢަމަލެވެ. މި 7 ޢަމަލުގެ އިތުރަށް، ޙައްޖުގެ ޘަވާބު ލިބޭނެކަމަށް އައިސްފައިވާ ހެޔޮޢަމަލުތައް ބަޔާންވެފައިވާ ޙަދީޘްތައް ޞައްޙައެއް ނޫނެވެ.

ޢިލްމުވެރިން ބަޔާންކުރައްވާގޮތުގައި މި 7 ހެޔޮކަމުން ލިބޭނީ ފަރުޟު ޙައްޖެއްގެ ޘަވާބެއް ނޫނެވެ. ފަރުޟު ޙައްޖުގެ އިތުރަށް ކުރާ ޙައްޖެއްގެ ޘަވާބެވެ. އެހެނީ، ފަރުޟުކަމެއްގެ ޘަވާބު އެނޫންކަންކަމުގެ ޘަވާބާ އެއްވަރުވެގެން ނުވާނެތެވެ. އަދި ދަންނާށެވެ! މި ހެޔޮ ކަންތައްތަކުން ލިބޭނީ ޙައްޖެއްގެ ޘަވާބެވެ. ޙައްޖުގެ އަޅުކަން އަދާކުރިކަމަކަށް ނުވާނެއެވެ. ޘަވާބާއި ދަރުމައަށް އެދޭ ފަރާތަކަށް މިފަދަ ހެޔޮކަންތައް އެނގުމަކީ އެ ހެޔޮކަންތައް ކުރުމަށް ހީވާގިވެ، ފަރުވާތެރިވެވޭނެ ކަމެކެވެ. ﷲ سُبْحَانَهُ وَتَعَالَى އީ ގިނަގިނައިން ޘަވާބުދެއްވައި، ފަޟުލުވަންތަ އަދި ދީލަތިވަންތަ އިލާހެކެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement