ސްޓެލްކޯ އިން އަވަސްފަރުވާ ދަސްކޮށްދޭ ޕްރޮގްރާމެއް ހިންގައިފި
ސްޓޭޓް އިލެކްޓިރިކް ކޮމްޕެނީ އިން އެ ކުންފުނީގެ މުވައްޒަފުންނަށް އަވަސްފަރުވާ ދިނުމުގެ ހުނަރުތައް ދަސްކޮށްދޭ ޕްރޮގްރާމެއް ހިންގައިފިއެވެ.
ސްޓެލްކޯއިން ބުނެފައިވަނީ ވަޒީފާގެ މާހައުލުގައި، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެ ކުންފުނިން އަބަދުވެސް އަހައްމިއްޔަތުކަން ދޭކަމެއް ކަމުގައެވެ.
އެގޮތުން އެ ކުންފުނީގެ މުވައްޒަފުންނަށް ބޭސިކް ފަސްޓް އެއިޑް ޓްރެއިނިން ޕްރޮގްރާމުތަކެއް ބާއްވާފައިވާ ކަމަށާ އެ ޕްރޮގްރާމުތައް ބާއްވާފައިވަނީ މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ ސިއްހީ ކުއްލި ހާލަތްތަކަށް މުވައްޒަފުން އަހުލުވެރިވެ، ތައްޔާރުވެ ތިބުމަށް އުނގަންނައިދިނުމުގެ ގޮތުން ކަމަށްވެސް ބުނެފައިވެއެވެ.
ވަޒީފާގެ މާހައުލުގައި، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން އެ ކުންފުނީގެ މުވައްޒަފުން ސިއްހީގޮތުން ހޭލުންތެރިކުރުމުގެ ގޮތުން ސްޓެލްކޯއިން ވަނީ ކެންސަރަށް އަހުލުވެރިކުރުމަށް ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ.
މީގެ އިތުރުން އެކުންފުނިން ވަނީ އެކުންފުނީގައި މަސައްކަތް ކުރަމުންދާ އަންހެން މުވައްޒަފުންނަށް ޚާއްސަކޮށްގެން ސިއްހީ ގޮތުން ހޭލުންތެރިކުރުމުގެ ގޮތުން ކެންސަރަށް އަހުލުވެރި ކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ. މި ސެޝަނުގައި ސާވިކަލް ކެންސަރު ނުވަތަ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް އަހުލުވެރިކުރުމުގެ ގޮތުން މައުލޫމާތު ދީފައިވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists