މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ-- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ހަބަރު
24 Mar 2023 | 10:56
ރޯދަ މަހު ތެރޭ ރަނގަޅު ކަންތަކުގައި ދެމިހުރެއްޖެ މީހާގެ ހަޔާތް ރަނގަޅުވާނެ: ޑރ.ޒާހިރު

ރަމަޟާންމަހު ރަނގަޅުކަންތައް ކުރާފަދައިން ރަނގަޅުކަންތައްތައް ކުރުންމަތީ ދެމިހުރެއްޖެނަމަ މާތްالله ގެ އިރާދަފުޅުން އެމީހެއްގެ ޙަޔާތުގައި ބާކީ ދުވަސްތައް ރަނގަޅުކޮށްދެއްވާނެކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް މިއަހަރު ބޭއްވި ފުރަތަމަ ފޯރަމް ފައްޓަވައިދެއްވައި ތަޤްރީރުކުރައްވަމުންނެވެ. ”ހެޔޮ ބަދަލަކަށް ރަމަޟާން” މި މައުޟޫއަށް ބުރާސްފަތި ދުވަހުގެރޭ ތަޤްރީރުކުރައްވާފައިވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަލީއާއި އައްޝައިޚް ޙަސަން ލަޠީފް މޫސާއެވެ.

އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ މިފަދަ މައުޟޫއަކަށް ވާހަކަދައްކާއިރު ވަރަށް ގިނަ ކަންތައްތަކެއް ހަނދާނުގައި ބަހައްޓަން ޖެހޭކަމަށެވެ. ކީރިތި ރަސޫލާ ﷺގެ ޙަޔާތްޕުޅަށް ބަލާލުމުން، ރަމަޟާންމަހަށް ކީރިތި ރަސޫލާ ﷺ ޚާއްސަ ސަމާލުކަމެއް ދެއްވާ މަންޒަރު ފެންނާނެކަމަށާއި ރަމަޟާންމަސް އިޙްޔާކޮށް ދިރުވުމަށްޓަކައި އެކަލޭގެފާނު ތައްޔާރުވެވަޑައިގެންނެވި މަންޒަރު އެކަލޭގެފާނުގެ ޙަޔާތްޕުޅަށް ބައްލަވާލެއްވުމުން ފެންނާނެކަމަށް ވިދާޅުވިއެވެ.

އެކަލޭގެފާނު އަމިއްލަފުޅަށް ތައްޔާރުވެވަޑައިގަންނަވާފަދައިން އެކަލޭގެފާނުގެ އާއިލާ ރަމަޟާންމަހުގެ އަޅުކަމާއިގެން އުޅުއްވުމަށްޓަކައި ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވައި، އިރުޝާދުތަކެއް އެކަލޭގެފާނު ދެއްވިކަމަށް ވިދާޅުވިއެވެ. އަދި ކީރިތި ރަސޫލާ ﷺގެ މުޅި ސީރަތަށް ބަލާލައިފިނަމަ އެކަލޭގެފާނު މުޅި ރަމަޟާންމަސް ހޭދަކުރެއްވިގޮތް އެހެނިހެން މަސްމަހާ ވަރަށް ތަފާތުކަން ފެންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރަމަޟާންމަހަށް ތައްޔާރުވުމަށްޓަކައި ރަމަޟާންމަހުގެ ކުރީމަސްކަމުގައިވާ ޝަޢުބާންމަހު ރޯދައަށް ހުންނެވުމާއި، ރަމަޟާންމަސް އައުމުން، ސަޙާބީބޭކަލުންނަށް އެ ދެއްވާ އިރުޝާދުތަކާއި މި ހުރިހާ ކަންތައްތަކަށް ބަލާއިރު މި މައްސަރަކީ ޚާއްސަ ޤަދަރެއް ދެވިގެންވާ އެކަލޭގެފާނު ވަރަށް އަހައްމިއްޔަތުކަން ދެއްވި މައްސަރެއްކަން ފާހަގަވާކަމަށް ވިދާޅުވިއެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ރަމަޟާންމަސް ޚާއްސަވާ ސަބަބަށް ވަރަށް ތަފްސީލީގޮތެއްގައި ބައްލަވާލެއްވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ރޯދައަށް ހުންނައިރު އެމީހެއްގެ އުޅުމާއި އެމީހެއްގެ ސުލޫކު ބަހައްޓަންޖެހޭނީ ވަރަށް ތަފާތުކޮށްކަމަށާއި ކީރިތި ރަސޫލާ ﷺގެ ހަދީޘްފުޅުން، ރޯދައަށް ހުންނައިރު ބަސް މަދުކުރަންޖެހޭކަން އެނގޭކަމަށް ވިދާޅުވިއެވެ. ދޮގުވާހަކަތައް ދެއްކުމާއި ދޭތެރެޖެއްސުމާއި، މީހުންގެ ގާތަށް ވާހަކަހިފައިގެން ދިޔުންފަދަ ކަންކަމުން ދުރުހެލިވާންޖެހޭކަމަށް ވިދާޅުވިއެވެ. އެހެން ނޫންނަމަ ރޯދައިން ލިބެންޖެހޭ ދަރުމައާއި ޘަވާބު ނުލިބޭނެކަމަށާއި ގޯސްކަންތައްތަކުން ދުރުހެލިވެ މާތްالله އަންގަވާފައިވާކަންތައް ކުރަންޖެހޭކަމަށް ވިދާޅުވިއެވެ. ކުރާ ޢަމަލުތަކަކީ މާތްالله އަންގަވާފައިވާ ކަންތައްތަކާއި އެއްގޮތަށް ކުރެވޭ ޢަމަލުތަކެއްވާންޖެހޭކަމަށްވިދާޅުވެ ރޯދަ ހިފިކަމުގައިވިޔަސް މާތްاللهގެ ހަޟްރަތުން ދަރުމައާއި ޘަވާބަށް އެދިގެން އުންމީދާއިއެކު އެކަމެއް ކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. އަދި ރަމަޟާންމަހު ރަނގަޅުކަންތައް ކުރާފަދައިން އެގޮތުގައި ދެމިހުރެއްޖެނަމަ މާތްالله ގެ އިރާދަފުޅުން އެމީހެއްގެ ޙަޔާތުގައި ބާކީ ދުވަސްތައް ރަނގަޅުކޮށްދެއްވާނެކަމަށް ވިދާޅުވެ އެގޮތަށް ދުޢާކުރުމަށްވެސް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

މި ފޯރަމްގައި އައްޝައިޚް ޙަސަން ލަޠީފް މޫސާ ވިދާޅުވީ ”ހެޔޮބަދަލަކަށް ރަމަޟާންމަސް” މި މައުޟޫޢަށް ވާހަކަދެކެވޭއިރު އިންސާނުންނަކީ ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާ ބައެއްކަމަށާއި އެންމެ ބޮޑު އަދާވާތްތެރިއަކީ ޝައިޠާނާކަމަށް ވިދާޅުވިއެވެ. އެހެންކަމުން ޝައިޠާނީ ވަސްވާސްތަކުން ސަލާމަތްވެތިބެގެން ނޫނީ ރަނގަޅު ހެޔޮ ބަދަލެއް އަޅުގަނޑުމެންގެ ޙަޔާތަކަށް ނުގެނެވޭނެކަމަށް ވިދާޅުވިއެވެ. އެކަމަށްޓަކައި އެންމެންވެސް ގަދައަޅައި މަސައްކަތްކުރަންޖެހޭނެކަމަށާއި ރަމަޟާންމަސް އައުމުން މިގޮތަށް ޢަމަލުކުރުމަށްފަހު ރަމަޟާންމަސް ފާއިތުވުމުން އަނެއްކާވެސް ކުރީގެ ދިރިއުޅުމަށް އެނބުރިދެވޭކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރަމަޟާންމަހަކީ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެވޭ މަހަށް ހަދަންޖެހޭކަމަށް ވިދާޅުވިއެވެ.

ޝައިޚްގެ ވާހަކަފުޅުގައި، ރަމަޟާންމަހަކީ ތަޤުވާވެރިވުމުގެ ފުރުސަތުލިބޭ މައްސަރެއްކަމާއި، ފާފަ ފޮހެވުމުގެ ފުރުސަތާއި، އެންމެ ރެއަކުން މުޅި އުމުރުގެ ދަރުމަ ލިބޭ މައްސަރެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ހެޔޮބަދަލެއް ގެނައުމަށް ކުރެވިދާނެކަންތައްތަކަށް ވަރަށް ތަފްސީލުކޮށް ބައްލަވާލެއްވިއެވެ.

ރަމަޟާންމަހާއިއެކު އިޙްޔާ ފޯރަމްތައް ފެށިފައިވާއިރު މިއަހަރު ޖުމްލަ 13 ފޯރަމެއް މާލޭގައި ކުރިއަށްދާނެއެވެ. އެއީ އާންމުކޮށް ބާއްވާ، ޢިލްމުވެރިން ބައިވެވަޑައިގަންނަވާ 9 ފޯރަމާއި ސްކޫލުތަކުން ބާއްވާ އިހްޔާ ފޯރަމްގެ 4 ޕްރޮގްރާމެވެ. އަތޮޅުތަކުގައި މިއަހަރު 8 ފޯރަމް ބާއްވާއިރު އަތޮޅުތަކުގެ ފޯރަމްތައް ހުކުރުދުވަހުގެ ރެއިން ފެށިގެން ފެށޭނެއެވެ. އެގޮތުން އެންމެ ފުރަތަމަ އޮތީ އައްޑޫ ސިޓީގައި ބާއްވާ އިޙްޔާ ފޯރަމެވެ. މި ފޯރަމްގައި ”ލޮބުވެތި ނަބިއްޔާ ﷺގެ ޙަޔާތްޕުޅުން” މި މައުޟޫޢަށް ތަޤުރީރުކުރައްވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ، އަލްއުސްތާޛް މުޙައްމަދު އަނީލް، އަދި ޑރ. ޢަލީ ޒާހިރު އެވެ. އައްޑޫ ހައި ސްކޫލު ހޯލްގައި އޮންނަ މި ފޯރަމް ފަށާނީ 21:30ގައެވެ.

ކޮމެންޓް
އައިޝާ
އަހަރެންމީ އެކަނިވެރި މަންމަޔެ 5 ކުދިންގެ ޒަކާތު ލާރިކޮޅުވެސް ކާލާފަ ތިހިރީ އަދި ވާހަކަ ދަކައެނުން ލަދެވެސް ނުގަނެ
24 Mar 2023
ގުޅޭ ލިޔުންތައް
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ