ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
ހޯމަ ދުވަހު އާންމުކުރި އަގުތަކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މެދުއިރުމަތީގެ އެންމެ ބޮޑު ތެޔޮ އެކްސްޕޯޓަރު ކަމަށްވާ ސައުދީ އަރަމްކޯއިން ވަނީ އޭޝިއާއަށް ވިއްކާ "އަރަބް ލައިޓް" ތެލުގެ އަގު އޮމާން/ދުބާއީ އެވްރެޖް އަގަށްވުރެ ފީފާއަކުން 5 ޑޮލަރު ދަށްކޮށްފައެވެ. މިއީ ކުރީ މަހާ އަޅާބަލާއިރު ފީފާއަކުން 3 ޑޮލަރުގެ ދަށްވުމެކެވެ. ރޮއިޓާސްގެ ހިސާބުތަކުން ދައްކާ ގޮތުގައި މިއީ 2020 ވަނަ އަހަރުގެ ޖޫން މަހަށްފަހު މި ބާވަތުގެ ތެލުގެ އަގު މިހާ ބޮޑު ޑިސްކައުންޓަކާއެކު ކަނޑައެޅި ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން "އަރަބް މީޑިއަމް" އަދި "އަރަބް ހެވީ" ގްރޭޑްގެ ތެލުގެ އަގު ވަނީ ފީފާއަކުން 5 ޑޮލަރު ހެޔޮކޮށްފައެވެ. ތަޖުރިބާކާރުން ކުރިން ލަފާކޮށްފައި އޮތީ ބާޒާރުގެ އޮއިވަރަށް ބަލައި ފީފާއަކުން ގާތްގަނޑަކަށް 5 ޑޮލަރު އަގު އުފުލޭނެ ކަމަށެވެ.
މިގޮތަށް އަގު ހެޔޮކުރުމުގެ މައިގަނޑު ސަބަބަކީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ސަރަހައްދީ ދަތުރުފަތުރަށް ހުރަސްއެޅި، ތެޔޮ އުފުލާ ބޯޓުފަހަރުގެ ފްރައިޓް ރޭޓްތައް އިންތިހާއަށް އުފުލިފައިވުމެވެ. މިގޮތުން ގަލްފުން ޗައިނާއަށް 2 މިލިއަން ފީފާގެ ތެޔޮ އުފުލާ ބޮޑެތި ޓޭންކަރުތަކުގެ ދުވާލަކު ޗާޓަރު ފީ މިހާރު ވަނީ 1.2 މިލިއަން ޑޮލަރަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދުވާލަކަށް ހުރި 80،000 ޑޮލަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. އެހެންކަމުން، ސައުދީން މަސައްކަތް ކުރަނީ ގަންނަ ފަރާތްތަކަށް ލިބޭ ގެއްލުން ކުޑަކޮށްދީ، މާކެޓް ހިއްސާ ދެމެހެއްޓުމަށެވެ.
އޭޝިއާއަށް އަގު ހެޔޮކުރި ނަމަވެސް، ސައުދީ އަރަމްކޯއިން ވަނީ ހުޅަނގު އުތުރު ޔޫރަޕާއި މެޑިޓެރޭނިއަން ސަރަހައްދަށް ވިއްކާ ތެލުގެ އަގު ފީފާއަކުން 3 ޑޮލަރު ބޮޑުކޮށްފައެވެ. އަދި އެމެރިކާގެ ބާޒާރަށް ކަނޑައަޅާފައިވާ އަގުތަކަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
ސަރަހައްދީ ހަމަނުޖެހުންތަކާ ގުޅިގެން ސައުދީން ވަނީ ހޮރުމުޒް ކަނޑުއޮޅިން ބޭރުން ބޯޓުން ބޯޓަށް ތެޔޮ ބަދަލުކުރުމުގެ މަސައްކަތްތައް ފަށައި، ތެޔޮ ސަޕްލައި މެދުކެނޑުނަނުދީ ހިފެހެއްޓުމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި ޑްރޯން ހަމަލާއަކާ ގުޅިގެން މެދުކަނޑާލި ރަތްކަނޑުގެ ޔަންބޫ ބަނދަރުން ތެޔޮ ބަރުކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ އަލުން ފަށާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists