ދީން
07 Apr 2023 | 14:30
ނަބިއްޔާ ޞޢވ އަށް ހަދިޔާއަކަށް ދެވުނު ވިހައިގެ ކަންބަޅި

ޔަހޫދީންނަށް ތެދުމަގު ދެއްކެވުމަށް މާތް ﷲ ވަނީ އެކި ޒަމާންތަކުގައި ރަސޫލުބޭކަލުންނާއި ނަބީބޭކަލުން ފޮނުއްވާފައެވެ. އެބައިމީހުންގެ ކިބައިގައިވާ ނުކިޔަމަންތެރިކަމާއި ގޮތްދޫނުކުރުމާއި ބޮޑާކަމުގެ ސަބަބުން، އެބައިމީހުން ވަނީ އެއިގެ ތެރެއިން ބައެއް ބޭކަލުން ދޮގުކޮށްފައެވެ. އެބޭކަލުންނަށް ތަފާތު އެކި އުނދަގޫތައް ކޮށްފައެވެ. އަދި ނުވިތާކަށް އެއިގެ ތެރެއިން ބައެއް ބޭކަލުން ޤަތުލުކޮށްލުމަށް ރާވާފައެވެ. އަދި އެއިގެތެރެއިން ބައެއް ބޭކަލުންވަނީ ޤަތުލުވެސް ކޮށްލާފައެވެ.

ޚައިބަރަކީ މަދީނާގެ އުތުރުން 153 ކިލޯމީޓަރު ދުރުގައިވާ ބިންގަނޑު ރަނގަޅު، ފެން ތިޔާގި ރަށެކެވެ. ކިއްލާތަކާއި ކާބޯތަކެތި ތަނަވަސް ރަށެކެވެ. ގިނަ ޢަދަދަކަށް އެ ރަށުގައި ޔަހޫދީން ވަޒަންވެރިވެފައިވާ ރަށެކެވެ. ހިޖުރައިން 7 ވަނަ އަހަރު މުސްލިމުންނާއި ޚައިބަ އިރުގައި ތިބި ޔަހޫދީންނާއި ބަނޫ ޣަޠުފާނު ވަންހައިގެ މީހުންނާ ދެމެދު ޚައިބަރު ހަނގުރާމަ ހިނގާދިޔައެވެ. މި ހަނގުރާމައިގައި މުސްލިމުން ޚަބައިރުގެ އެކި ކިއްލާތައް ފަތަޙަކުރަމުން އައިސް، އެންމެފަހުން ޔަހޫދީން އަމާންދިނުމާއެކު މުސްލިމުންނަށް ޚައިބަރު ފަތަޙަވިއެވެ. ޚައިބަރު ފަތަޙަވުމުން، އެ ރަށުގެ ކަންކަން ހަމަޔަކަށް އެޅުއްވުމަށްޓަކައި ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އެ ރަށުގައި މަޑުކޮށްލެއްވިއެވެ.

އެ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ޔަހޫދީ އަންހެނެއްކަމުގައިވާ ޒައިނަބު ބުނުލް ޙާރިޘްއޭ ކިޔާ އަންހެނަކު ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ހަދިޔާއެއް ދިނުމަށް ނިންމިއެވެ. މި އަންހެންމީހާ ހަދިޔާއެއް ދޭން ނިންމީ އެކަލޭގެފާނަކީ ޞަދަޤާތް ޤަބޫލުކުރައްވާ ބޭކަލަކަށް ނުވާތީއެވެ. މި އަންހެންމީހާއަކީ ޔަހޫދީއެއްކަމުގައިވާ ސަލާމް ބުން މިޝްކަމްއޭ ކިޔުނުމީހެއްގެ އަންހެނުންނެވެ. މިއީ ހެޔޮއެދިގެން ދިނުމަށް ނިންމި ހަދިޔާއެއް ނޫނެވެ. ޔަހޫދީންގެ އާދައިގެ މަތިން މަކަރާއި އޮޅުވާލުމާއި ހީލަތުން ފުރިގެންވި ހަދިޔާއެކެވެ. ހަދިޔާއެއްގެ ގޮތުގައި ދިނުމަށް ނިންމީ މީރުކޮށް ފިހެފައިވާ ކަންބަޅިއެކެވެ. ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ކަންބަޅީގެ މަސް ފަރިއްކުޅުވާއިރު، އެއިގެ ތެރެއިން އެކަލޭގެފާނު އެންމެ ހިތްޕުޅާވާ ބަޔަކީ އޭގެ މުލައްދަނޑިއާއި ކޮނޑު ހިމެނޭ ހިސާބެވެ. މި އަންހެންމީހާ ޖާސޫސްކޮށްގެން މި މަޢުލޫމާތުވަނީ ހޯދާފައެވެ. ހަދިޔާއަށްޓަކައި ކަންބަޅިއެއް ކަތިލައި، އެކަލޭގެފާނު އެންމެ ހިތްޕުޅާވާ ހިސާބުގައި ވަރަށް ގިނައިން ވިހަ އުނގުޅިއެވެ. އަދި މުޅި ކަންބަޅީގައިވެސް ވިހަ އުނގުޅައި ރަނގަޅަށް ފިހެލިއެވެ. ކުރިން ޢީސާ عَلَيهِ السَّلام ޞަލީބަށް އަރުވައި އަވަހާރަކޮށްލަން މަސައްކަތް ކުރީވެސް ހަމަ ޔަހޫދީންނެވެ.

ކޮންމެއަކަސް، ފިހެފައިވާ ކަންބަޅި ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް އެރުވިއެވެ. އެކަލޭގެފާނުގެ އަރިހަށް އެ ކަންބަޅި ގެނެވުމުން، އެކަލޭގެފާނާއެކު ތިއްބެވި ޞަޙާބީބޭކަލުން އެކަލޭގެފާނާއެކު އެއަށް އިންސާފުކުރެއްވުމަށްޓަކައި އިށީނދެވަޑައިގަތެވެ. ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުގެ އާދަފުޅުގެ މަތިން އޭގެ މުލައްދަނޑިން ބައެއް ނަންގަވައި، އެކަލޭގެފާނުގެ އަނގަފުޅަށް ލެއްވިއެވެ. އެހިނދު، އެކަލޭގެފާނަށް ދެއްވުނު މުޢުޖިޒާތުގެ ތެރެއިން މުޢުޖިޒާތެއް ހިނގާދިޔައެވެ. އެކަލޭގެފާނުގެ އަނގަފުޅުން އެ ދުރުކުރައްވައި، ޞަޙާބީ ބޭކަލުންނަށް ޙަދީޘްކުރެއްވިއެވެ. "ތިޔަ ބޭކަލުންގެ އަތްތައް (މި ކަންބަޅިއާ) ދުރަށް ލާށެވެ! ހަމަކަށަވަރުން، މިއަށް ވިހަ ލާފައިވާކަމަށް މީތި ތިމަންކަލޭގެފާނަށް ޚަބަރު ދީފިއެވެ." އެއިރު، އެއިގެ ތެރެއިން ބައެއް ޞަޙާބީބޭކަލުން އޭގެން ބައެއް ވަނީ ފަރިއްކުޅުއްވާފައެވެ.

ކަންތައް މިހިސާބަށް ދިޔުމުން، އެހިސާބުގެ ޔަހޫދީން އެއްކުރުމަށް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އެންގެވުމުން އެބައިމީހުން އެއްކުރެވުނެވެ. އެކަލޭގެފާނު އެބައިމީހުންނަށް ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންގެ ބައްޕައަކީ ކާކު ހެއްޔެވެ؟" އެބައިމީހުން ދެންނެވިއެވެ. "ތިމަންމެންގެ ބައްޕައަކީ މިވެނި މީހެކެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ތިޔައީ ދޮގެކެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންގެ ބައްޕައަކީ މިވެނި މީހެކެވެ." އެމީހުން ދެންނެވިއެވެ. "ތިޔަ ހެއްދެވީ ތެދުފުޅެކެވެ. އަދި ރަނގަޅު ވާހަކަފުޅެކެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ސުވާލެއް ކުރައްވައިފިނަމަ ތެދަށް ބުނާނަން ހެއްޔެވެ؟" އެބައިމީހުން ދެންނެވިއެވެ. "އޭ އަބުލް ޤާސިމެވެ! އާދޭހެވެ! ތިމަންމެން ދޮގެއް ހަދައިފިނަމަ، ތިމަންމެންގެ ބައްޕައާމެދު ދޮގުހެދުމުން ކަލޭގެފާނަށް އެކަން އެނގިވަަޑައިގެންގޮތަށް އެނގިވަޑައިގަންނަވާނެ ނޫންތޯއެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ނަރަަކައިގެ އަހުލުވެރިންނަކީ ކޮބައި ހެއްޔެވެ؟" އެބައިމީހުން ދެންނެވިއެވެ. "ތިމަންމެން އެތަނުގައި ތިބޭނީ މަދު ވަގުތުކޮޅަކަށެވެ. ދެން އޭގެފަހުގައި، ތިމަންމެންގެ ފަހުން ތިޔަބައިމީހުން އެތަނުގައި ވާނެއެވެ." އެހިނދު، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުން ނިކަމެތިކަމާއެކު ހިމޭންވެ އެތާތިބޭށެވެ! ﷲ ގަންދީފައި ބުނަމެވެ. ދުވަހަކުވެސް ތިޔަބައިމީހުންނަށް އެތަނަކުން ނުނިކުމެވޭނެއެވެ." ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ސުވާލެއް ކުރައްވައިފިނަމަ ތެދަށް ބުނާނަން ހެއްޔެވެ؟" އެބައިމީހުން ދެންނެވިއެވެ. "އާދޭހެވެ!" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުން މި ކަންބަޅިއަށް ވިހަލިން ހެއްޔެވެ؟" އެމީހުން އާދޭހޭ ދެންނެވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އެއީ ކޮންކަމަކާ ލައިގެން ހެއްޔެވެ؟" އެބައިމީހުން ދެންނެވިއެވެ. "ތިމަންމެން ބޭނުންވީ ކަލޭގެފާނަކީ އިތުރުފުޅު ހައްދަވާ ބޭކަލެއްކަމުގައިވާނަމަ، ކަލޭގެފާނުގެ ކިބައިން ތިމަންމެން މިންޖުވާށެވެ. ކަލޭގެފާނަކީ ނަބިއްޔެއްކަމުގައިވާނަމަ އެކަމުން ކަލޭގެފާނަށް ގެއްލުމެއް ލިބިވަޑައެއްނުގަންނަވާނެއެވެ." އެބަހީ، އެކަމުން ސަލާމަތްވެވަޑައިގަންނަވާނެއެވެ. އަދި އެ އަންހެންމީހާ ގެންނެވުމަށްފަހު ސުވާލުކުރެއްވުމުން، ޔަހޫދީންގެ ބައެއްގެ ރޭއްވުމެއްގެ މަތިން އެ އަންހެންމީހާ ވިހަލީކަމަށް އެއްބަސްވިއެވެ. އެހިނދު، ޞަޙާބީން އެ އަންހެންމީހާ ޤަތުލުކޮށްލުމުގެ އިޒުނައަށް އެދިވަޑައިގެންނެވުމުން، އެކަލޭގެފާނަށާއި އެކަލޭގެފާނުގެ ޞަޙާބީންނަށް ވިހައިގެ އަސަރުކޮށްފައިވާ މިންވަރެއް އެނގިވަޑައިނުގަންނަވާތީ، އެކަލޭގެފާނަކީ އެފަދަ ކަންކަމުގައި ބަދަލުހިއްޕަވާ ބޭކަލެއްކަމުގައި ނުވާތީ އެކަން މަނާކުރެއްވިއެވެ. އަދި އެކަލޭގެފާނު ޙިޖާމާ ޖައްސަވައި، އޭގެން ފަރިއްކުޅުއްވި ޞަޙާބީބޭކަލުންވެސް ޙިޖާމާޖެހުމަށް އެންގެވިއެވެ.

މި ވިހައިގެ އަސަރު މިހާ ހިސާބުން ނިމިގެން ދިޔައީއެއް ނޫނެވެ. މަދުދުވަސްކޮޅެއްގެ ތެރޭގައި؛ އެ ކަންބަޅިން ފަރިއްކުޅުއްވި އަންޞާރިއްޔަ ބޭކަލެއްކަމުގައިވާ ބިޝްރު ބުނުލް ބަރާ رَضِيَ اللهُ عَنْهُ އެ ވިހައިގެ ސަބަބުން އަވަހާރަވިއެވެ. މިކަމުގެ ސަބަބުން އެ އަންހެންމީހާގެ ކިބައިން ޤިޞާޞްހިފުމުގެ ގޮތުން ޤަތުލުކުރެވުނުކަމުގައި ބައެއް ރިވާޔަތްތަކުގައި އައިސްފައިވެއެވެ.

މި ޙާދިސާ ހިނގިތާ ތިންވަރަކަށް އަހަރުފަހުން، މި އުއްމަތުގެ މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ މި ދުނިޔޭގެ ދަންފަޅި ހަމަކުރައްވައި، މި ފަނާވަނިވި ދުނިޔެއާ އެކަލޭގެފާނު އަލްވަދާޢު ކިޔުއްވަން ޖެހިވަޑައިގެންނެވި ސަބަބުތަކުގެ ތެރޭގައި މި ވިހައިގެ އަސަރުތައް ވެއެވެ. އެކަލޭގެފާނު އަވަހާރަވުމުގެ އާލާސްކަންފުޅު ބޮޑުވެގެންދިޔަހިނދު ޙަދީޘްކުރެއްވިއެވެ.

((يَا عَائِشَةُ، مَا أَزَالُ أَجِدُ أَلَمَ الطَّعَامِ الَّذِي أَكَلْتُ بِخَيْبَرَ، فَهَذَا أَوَانُ وَجَدْتُ انْقِطَاعَ أَبْهَرِي مِنْ ذَلِكَ السُّمِّ)) (البخاري وأبو داود) މާނައީ: "އޭ ޢާއިޝާއެވެ! ޚައިބަރުން ތިމަންކަލޭގެފާނު ފަރިއްކުޅުއްވި އެތީގެ ވޭން އަދިވެސް ތިމަންކަލޭގެފާނުގެ ހަށިކޮޅުން ނުފިލައެވެ. ފަހެ، މި ހިނދަކީ އެ ވިހައިގެ ސަބަބުން ތިމަންކަލޭގެފާނުގެ ހިތްޕުޅުގެ ނާރުކޮޅުތައް ބުރިވާން ކައިރިވެފައިވާ ވަގުތެވެ." މިކަމުގެ މައްޗަށް ބިނާކޮށް ޢިލްމުވެރިން ބަޔާންކުރައްވާގޮތުގައި އެކަލޭގެފާނު މި ދުނިޔެ ދޫކުރައްވަފައިވަނީ ޝަހީދެއްގެ ގޮތުގައެވެ. މާތް ﷲ މި އުއްމަތުގެ މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލައްވާންދޭވެ!

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.