ދީން
27 Apr 2023 | 11:51
މި ދުޢާކުރުން ދޫކޮށްނުލައްވާށެވެ!

އެއްފަހަރެއްގައި ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم މުޢާޛުގެފާނާއެކު ވަޑައިގަންނަވަމުން، އެކަލޭގެފާނުގެ ހިތްޕުޅުގައި މުޢާޛުގެފާނާމެދުގައިވާ ގާތްކަމާއި ލޯބި އިޙްސާސްކޮށްދެއްވުމުގެ ގޮތުން މުޢާޛުގެފާނުގެ އަތްޕުޅުގައި ހިތްޕަވާލެއްވިއެވެ. އަދި ޔަޤީންކަން ދެއްވުމުގެގޮތުން ﷲ ގަންދެއްވައި ޙަދީޘްކުރެއްވިއެވެ.

((يَا مُعَاذُ وَاللَّهِ إِنِّي لأُحِبُّكَ((

"އޭ މުޢާޛެވެ! ﷲ ގަންދީފައި ޙަދީޘްކުރައްވަމެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނު ތިބާދެކެ ލޯބިވަމެވެ."

ޖަވާބުގައި މުޢާޛުގެފާނު ދެންނެވިއެވެ.

((وَأَنَا أُحِبُّكَ يَا رَسُولَ اللَّهِ((

"ﷲގެ ރަސޫލާއެވެ! އަދި ތިމަންވެސް ކަލޭގެފާނުދެކެ ލޯބިވަމެވެ."

ދެން ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم މުޢާޛުގެފާނަށް ވަޞިއްޔަތްޕުޅެއް ކުރައްވަމުން ޙަދީޘްކުރެއްވިއެވެ.

((أُوصِيكَ يَا مُعَاذُ: لَا تَدَعَنَّ دُبُرَ كُلِّ صَلَاةٍ أَنْ تَقُولُ: اَللَّهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ((

"އޭ މުޢާޛެވެ! ތިމަންކަލޭގެފާނު ތިބާއަށް ވަޞިއްޔަތެއްކުރައްވަމުއެވެ. ކޮންމެ ނަމާދެއްގެ ފަހުގައި اللَّهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ މިފަދައިން ކިޔުން ދޫކޮށްނުލައްވާށެވެ!"

މި ދުޢާގެ މާނައީ: އޭ ﷲ! އިބައިލާހުގެ މަތިން ޛިކުރުކުރުމަށާއި، އިބައިލާހަށް ޝުކުރުކުރުމަށާއި، އިބައިލާހަށް ރަނގަޅަށް އަޅުކަންކުރުމުގައި މިއަޅާއަށް ވާގިވެރިވެވޮޑިގެންފާނދޭވެ!"

މިއީ މަތިވެރިވެގެންވާ ދުޢާއެކެވެ. މި ޙަދީޘްތަކުން އެނގޭގޮތުގައި ފަރުޟު ކޮންމެ ނަމާދަކާއި ސުންނަތް ކޮންމެ ނަމާދެއްގައި މި ދުޢާ ކިޔޭނެއެވެ. ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތުގައި މި ދުޢާކިޔާނީ އައްތަޙިއްޔާތު ކިޔުމަށްފަހު ސަލާމްދިނުމުގެ ކުރިންނެވެ. މިކަމަށް އިތުރަށް ބާރުދެނީ މި ޙަދީޘްގެ ބައެއް ރިވާޔަތްތަކުގައި ((فَلاَ تَدَعْ أَنْ تَقُولَ فِي كُلِّ صَلاَةٍ(( މާނައީ: "ފަހެ، ކޮންމެ ނަމާދެއްގައި މިފަދައިން ކިޔުން ދޫކޮށްނުލައްވާށެވެ!"

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މި ދުޢާ ކިޔާއިރު ހިތްމައްޗަށް ގެންނާށެވެ! އަހަރެމެން ކުރާ ކޮންމެ ކަމެއްގައިވެސް އެންމެ މުހިއްމުކަމަކީ ފުރަތަމަވެސް ﷲ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުން އެހީތެރިކަމަށާއި ވާތްގަށް އެދުމެވެ. އެކަމެއްގައި އެކަލާނގެ ވާގިދެއްވައިފައިކަމެއް މެނުވީ ނުކުރެވޭނެއެވެ. އަދި އެކަލާނގެ ހަޟްރަތުން ވާތްގަށް އެދުމަކީ އެކަމެއް ފަސޭހަވެ، ފުރިހަމައަށް ކުރެވުމުގެ މަގެކެވެ. މި ސަބަބާހުރެ މާތް ﷲ ފާތިޙާ ސޫރަތުގައި ވަޙީކުރައްވާފައި ވަނީ ((إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ)) (الفاتحة: 5) މާނައީ: "އަޅަމެން އަޅުކަންކުރަނީ، ހަމައެކަނި އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ، ހަމައެކަނި އިބަރަސްކަލާނގެ ޙަޟްރަތުންނެވެ."

މި ދުޢާގައި ވާތްގަށް މި އެދެނީ 3 ކަމަކަށެވެ. ފުރަތަމަ ކަމަކީ: އެކަލާނގެ މަތިން ޛިކުރުކުރުމަށް ވާގިވެރިވެވޮޑިގަތުމަށެވެ. ޛިކުރުކުރުމުގެ މާނައަކީ އެކަލާނގެ މަތިން ހަނދުމަކުރުމެވެ. އެކަމާވިދިގެން އެކަލާނގެއަށް ހަމްދު ތަޢުރީފުކުރުން ގިނަފަހަރު އަންނާނެއެވެ. އެކަލާނގެ މަތިން ޛިކުރުކުރުމަކީ ޣާފިލުކަމުން ސަލާމަތްވެ، ޝައިޠާނުންގެ ހެއްލުންތަކުން ދުރުވުމުގެ މަގެވެ. އަޅުކަންތައް ކުރުމަށް މަގުފަހިވެ، އަދި އަހަރެމެން އަޅުކަންތައް ކުރާ އެންމެ މުހިއްމު އެއް ސަބަބެވެ.

ދެވަނަ ކަމަކީ: އެކަލާނގެއަށް ޝުކުރުވެރި ވުމަށް ވާގިވެރިވެވޮޑިގަތުމަށެވެ. ތިމާއަށް އެކަލާނގެ ދެއްވި ކުދިބޮޑު އެންމެހާ ނިޢުމަތްތައް ދެއްވީ އެކަލާނގެ ކަން ހިތްމައްޗަށް ގެނެސް، ހިތުންނާއި ދުލުންނާއި ގުނަވަންތަކުން އެ ނިޢުމަތްތަކަށް ޝުކުރުވެރިވުމުގައި އެހީތެރިކަން ދެއްވުމަށެވެ. ޝުކުރުވެރިވުމަކީވެސް އަޅުކަންކުރަން މަގުފަހިކުރުވާކަމެކެވެ. ޝުކުރުވެރިވުމަކީ ނިޢުމަތްތަކުގައި ބަރަކާތްލައްވައި، ނިޢުމަތްތައް އިތުރުކުރައްވާނެ ކަމެކެވެ.

ތިންވަނަ ކަމަކީ: އެކަލާނގެއަށް ރަނގަޅަށް އަޅުކަންކުރުމުގައި ވާގިވެރިވެވޮޑިގަތުމަށެވެ. އަޅުކަން ހަމައެކަނި ކޮށްލުމުގެ ބަދަލުގައި، ކޮންމެ އަޅުކަމެއްވެސް އެކަލާނގެ ރުއްސަވާވޮޑިގެންވާ ފުރިހަމަ ގޮތަށް ކުރުމަށެވެ. އޭރުން އަޅުކަންތައް އެކަލާނގެ ޙަޟްރަތުގައި ޤަބޫލުވެވި، އަޅުކަމަށް ލިބެންވާ ފުރިހަމަ ޘަވާބާއި ދަރުމަ ލިބޭނެއެވެ.

އަޅަމެންނީ އެކަލާނގެއަށް ޛިކުރުކޮށް، އެކަލާނގެއަށް ޝުކުރުވެރިވާ، އެކަލާނގެއަށް އަޅުކަންކުރާ ބަޔަކު ކަމުގައި ލައްވާށި!

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ