Advertisement

ރީޑިން ނުނަގާ ސްޓެލްކޯއިން ބިލު ބޮޑުކޮށްފައިވާކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް: ސްޓެލްކޯ

02 May 2023 | 17:18
ސްޓެލްކޯގެ އެމްޑީ ޝަރީފު/ ފޮޓޯ: ޕީއެސްއެމް

މީޓަރުގެ ރީޑިންގ ނުނަގައި ސްޓެލްކޯއިން ބިލްކޮށްފައިވާކަމަށް ތުހުމަތުކޮށް ދިޔަރެސް ނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރު ސްޓެލްކޯއިން ދޮގުކޮށްފި އެވެ. 

އެކަމާއި ގުޅޭގޮތުން ސްޓެލްކޯއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ "މީޓަރުގެ ރީޑިން ނުނަގައި ސްޓެލްކޯއިން ކަރަންޓް ބިލްތައް އާދަޔާ ޚިލާފަށް ބޮޑުކޮށްފި" މި ސުރުޚީގެ ދަށުން 2023 މޭ 1 ގައި ދިޔަރެސް ނޫހުން ޝާއިޢުކޮށްފައިވާ މި ޚަބަރަކީ އެއްވެސް އަސާސެއް ނެތް، ހަޤީގަތާ ޚިލާފު، ދޮގު މައުލޫމާތު ހިމަނައިގެން މިކުންފުންޏާމެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި، ސިޔާސީ މަންފާއެއް ހޯދުމަށް ލިޔެފައިވާ ޚަބަރެއްކަމަށެވެ. 

‎އެ ކުންފުނިން ކަރަންޓުބިލު އަބަދުވެސް ތައްޔާރުކުރަނީ މީޓަރުގެ ރީޑިންގެ މައްޗަށް ކަމަށާއި، މީޓަރުގެ ރީޑިންގ ހުންނާނީ ކަސްޓަމަރުން ކަރަންޓު ބޭނުން ކުރައްވާ މިންވަރައްކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. ސްޓެލްކޯއިން ބުނި ގޮތުގައި ސްޓެލްކޯ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަރަންޓު ބިލުގެ ޖުމުލަ ޢަދަދު ކަސްޓަމަރުންނަށް ހިސާބު ކުރެވޭނެއެވެ. މީގެ އިތުރުން، މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު ބޭނުންކުރައްވާ މިންވަރު (ރީޑިންގ) ފެންނަން ހުންނާނެއެވެ.

ކޮވިޑް-19 ގެ ޚާއްސަ ޙާލަތުގައި މީޓަރުގެ ރީޑިންގ ނެގުމަށް ޢަމަލުކުރަމުން އައި ގޮތްވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އާންމު އުޞޫލަށް އިޔާދަކުރެވިފައި ކަމަާއި އެހެންކަމުން، ކޮވިޑް-19ގެ ޚާއްޞަ ޙާލަތުގައި ކަރަންޓު ރީޑިންގ ނެގުމަށް ޢަމަލުކުރި އުޞޫލަށް މިހާރުވެސް ރީޑިންގ ނަގާކަމަށް ދިޔަރެސްގެ ޚަބަރުގައި ބަޔާންކޮށްފައި އޮތް އޮތުމަކީ ކަމުގެ ހަޤީޤަތަށް ވާސިލްވުމަށް އެއްވެސް މަސައްކަތެއް ނުކޮށް ރައްޔިތުންނަށް އޮޅުވާލުމަށް ގަސްދުގައި ކޮށްފައިވާ ކަމެއްކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. 

‎ދިވެހިރާއްޖޭގެ ފިނިހޫނުމިން ފެބްރުވަރީ އިން މޭ މަހާ ހަމައަށް މައްޗަށްދާކަން ތަފާސް ހިސާބުތަކުން އެނގޭކަން ފާހަގަކޮށް ސްޓެލްކޯއިން ބުނީ މިކަމާއި ގުޅިގެން ކޮންމެ އަހަރަކުވެސް މިކުންފުނިން ހޫނު މޫސުމުގައި ޢާންމުން ހޭލުންތެރިކުރުވައި، ތަކުރާރުކޮށް ކަރަންޓު އިގްތިޞާދު ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. މިއަހަރު ވެސް ހޫނު މޫސުމާ ގުޅިގެން، ޢާންމުން ހޭލުންތެރި ކުރުވުމަށް، ނޫސްވެރިންނަށް ޚާއްސަކޮށްގެން ވެސް މައުލޫމާތު ފޯރުކޮށްދީފައި ވާނެކަން ސްޓެލްކޯގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. 

އޭގެއިތުރުން ސްޓެލްކޯއިން ބުނީ ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކަށް ވާއިރު، ބިނާކުރަނިވި ފާޑު ކިޔުމަށް އަބަދުވެސް މި ކުންފުނިން މަރުޙަބާ ކިޔާ ކަމަށެވެ.

އެހެން ނަމަވެސް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތަކާއި ގުޅުވައި ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރައި، ނުތަނަވަސްކަން އުފެއްދުމަކީ އެ ކުންފުނިން ބަލައިގަންނާނެ ކަމެއްނޫން ކަމަށާއި އަދި، އެއީ ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމުގެ އަސާސްތަކެއް ވެސް ނޫންކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. 

އެހެންކަމުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި މި އަސާސްތައް ދެމެހެއްޓުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

Advertisement

ކޮމެންޓް