އަލް-އަޒްހަރް މިސްކިތުގެ އިސް އިމާމް: ނަޞާރާ ދީނުގެ މީހުންނަކީވެސް އަހަރުމެންގެ މުޖުތަމަޢުގެ ބައެއް!

06 Feb 2019 | 20:23

މިޞްރުގެ އަލް-އަޒްހަރް މިސްކިތް އަދި ޔުނިވާރސިޓީގެ އެންމެ އިސް އިމާމް ޝޭޚް އަޙްމަދް އަލް-ޠައްޔިބް، މެދު އިރުމަތީގެ ސަރަހައްދުތަކުގައި ދިރިއުޅޭ މުސްލިމުންނަށް މުހާޠަބުކޮށް ވާހަކަފުޅު ދައްކަވަމުން، މުސްލިމުން އަރަބި ޤައުމުތަކުގައި ދިރިއުޅޭ ނަޞާރާ ދީނުގެ މީހުން ޤަބޫލުކުރުމަކީ އެ ޤައުމުތައް ކުރިއެރުމާއި ގުޅިފައިވާ ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވެއްޖެއެވެ.

ތަފާތު އެކި ދީން ޤަބޫލުކުރާ ފަރާތްތަކެއް ބައިވެރިވި މަޖިލީހެއްގައި އަލް-އަޒްހަރް މިސްކިތުގެ އިސް އިމާމް މި މޭރުމުން ވާހަކަފުޅުދެއްކެވީ، ނަޞާރާ ދީނުގެ އެންމެ އިސް ފާދިރީ ޕޯޕް ފްރޭންސިސް ގެ ވެސް ހާޟިރުގައެވެ. 4 ފެބްރުއަރީ ވީ ހޯމަ ދުވަހު، ނަޟާރާ ދީނުގެ އިސްވެރިންގެ އިތުރުން އިސްލާމީ ގިނަ އިލްމުވެރިންވެސް ބައިވެރިވި މި އެއްވުން ބާއްވާފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫ ދާބީގައެވެ.

ޝޭޚް އަޙްމަދް އަލް-ޠައްޔިބްގެ ވާހަކަފުޅުގައި ނަޟާރާ ދީނުގެ މީހުންނަކީ އެ ޤައުމުގެ ބައެއްކަމަށާއި، ފުރިހަމަ ހައްޤުތަކަކާއި ޒިންމާތަކެއް ރައްދުވާ އަރަބި ރައްޔިތުންކަމަށް ފާހަގަކޮށްފައިވެއެވެ. އަދި މުސްލިމުން ނަޟާރާ ދީނުގެ މީހުންންނަށް އިޙްތިރާމްކޮށް އެމީހުން ޤަބޫލުކުރުންމަތީ ދެމިހުރުމަށްވެސް ޝޭޚް އަޙްމަދް އަލް-ޠައްޔިބް ވަނީ ގޮވާލާފައެވެ. މީގެ އިތުރުން، ހުޅަނގުގެ ގައުމުތަކުގައި ދިރިއުޅޭ މުސްލިމުންނާއި މުހާޠަބުކޮށް އޭނާ ވަނީ އެބަޔަކު ދިރިއުޅޭ ގައުމަކަށް ނިސްބަތްވާ މީހުންނާ ގުޅި ލާމެހިވެ، އެ ގައުމެއްގެ ޤަވާޢިދުތަކަށް ކަމޭހިތުމަށް އުއްމަތުގެ މުސްލިމް އަޚުންނާއި އުޚްތުންނަށް އިލްތިމާސް ކޮށްފަައެވެ.

މިޞްރަކީ އަބަދުވެސް ހަރުކަށި ދީނީ ފިކުރުތަކާއި ދެކޮޅަށް ދީނީ އިލްމުވެރިން ވާހަކަދައްކަން ބާރުއަޅާ ގައުމެކެވެ. އެގޮތުން ނަޞާރާއިންނާއި މުސްލިމުންގެ ދެމެދު ގުޅުން ބަދަހި ކުރުމުގެ ގޮތުން 2017 ވަނަ އަހަރު އަލް-އަޒްހަރް ޔުނިވާރސިޓީގެ ދަޢުވަތަކަށް ޕޯޕް ފްރޭންސިސް ވަނީ މިޞްރަށް ޒިޔާރަތްކޮށްފައެވެ.

Advertisement

ކޮމެންޓް