"މޯލްޑިވްސް ވިމެންސް ރަން" އިފުތިތާހުކޮށްފި

09 Feb 2019 | 00:49

އަހަރުގެ އަންހެނުންގެ ދުވަހާ ގުޅުވައިގެން ބާއްވަން ނިންމާފައިވާ "ވިމެންސް ރަން" ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މޯލްޑިވްސް ވިމެންސް ރަން ރަސްމީކޮށް އިފްތިތާހުކޮށް ދެއްވާފައިވަނީ މިނިސްޓަރ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނެވެ. އެންރޭންޖުން އިންތިޒާމްކޮށް ބާއްވާ މި ރަން އިފްތިތާހުކޮށްދެއްވުމަށްފަހު ފުރަތަމަ ބައިވެރިއެއްގެ ގޮތުގައި ރަޖިސްޓްރީވެވަޑައިގެންފައިވަނީ މިނިސްޓަރ ޔުމްނާއެެވެ.

މިރަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންހެނުންގެ ދުވަސް ކަމުގައިވާ މާރޗް މަހުގެ އަށްވަނަ ދުވަހުގައެވެ.

މިރަން އިންތިޒާމް ކުރާ ފަރާތުން ބުނެފައިވަނީ އެހެން އަހަރުތަކާއި މިއަހަރުގެ ރަންއާއި ވަރަށް ތަފާތު ވާނެ ކަމަށާއި، މިއަހަރުގެ ރަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން 10 ފަރާތަކަށް އިނާމް ލިބިގެންދާނެކަމަށެވެ. އަދި މިއަހަރުގެ ރަންގެ އަމާޒަކީ 2500 އަންހެނުން އެ ރަންގައި ދުވުންކަަމަށެވެ. އެކަން ހާސިލްކުރުމަށް ވީހާވެސް ގިނަ ބަޔަކު ދުވުމުގައި ރަޖިސްޓްރީވުމަށް އިންތިޒާމް ކުރާ ފަރާތުން އެދިފައިވެއެވެ.

އެ ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން މިިނިސްޓަރު ޔުމްނާ ވިދާޅުވެފައިވަނީ، އަންހެނުންގެ ދުވަހެއް ފާހަގަކުރާއިރު، މިގައުމު އަންހެނުންނަކީ އަބަދުވެސް ގައުމުގެ ކަންތައްތަކުގައި އިސްނަގައިގެން ބައިވެރިވާ ބައެއް ކަމަށެވެ. ނަމަވެސް މިއަދުވެސް ގައުމުގެ ކަންކަން ނިންމާ ފަންތީގައި އަންހެނުން މަދުކަމަށް މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

އެކި ދާއިރާތަކުން އަންހެނުން ކުރިއަށްދާން ގޮންޖެހުންތަކެއް އެބަހުރިކަމަށާއި، އެކަންތައްތައް ހައްލުކުރުމަށް ބެލެނެވެރިން މަސައްކަތް ކުރަން ޖެހޭނެކަމަށެވެ. އެގޮތުން ކުޑައިރުއްސުރެ ގޭތެރެއިންވެސް ބައެއް ފަހަރު އަންހެން ކުދިންނާއި ފިރިހެން ކުދިން ތަފާތުކުރެވޭ ކަމަށާއި ގޭތެރެއިންވެސް ފިރިހެން ކުދިންނެކޭ އެއްފަދައިން އަންހެން ކުދިންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދޭން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަންހެނުންގެ ދުވަހަކާ ގުޅުވައިގެން އިންތިޒާމްކުރި މިހަރަކާތަކީ ވަރަށް ރަނގަޅު ހަރަކާތެއް ކަމަށާއި، ދުވުމަކީ ސިއްހީ ގޮތުން ފައިދާހުރި ކަމަކަށް ވާއިރު އެފަދަ ކަންކަމުގައި ބައިވެރިވުމަކީ އެ ކަނބަލުންގެ ސިއްހަތަށާއި، އަދި އެހެނިހެން ގޮތްގޮތަށަށް އެމީހުންގެ ކުރިއެރުމަށް މުހިންމު ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement