ރާއްޖޭގެ އެމްބަސީ އެމެރިކާގައި ހުޅުވަން ޚާރިޖީ ވަޒީރު ޝާހިދު އެމެރިކާއަށް
އެމެރިކާގައި ރާއްޖޭގެ އެމްބަސީ ހުޅުވަން ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުالله ޝާހިދު އެމެރިކާއަށް ވަޑައިގެންފިއެވެ.
އެމެރިކާގައި ޤާއިމްކުރާ ރާއްޖޭގެ އެމްބަސީ ޤާއިމް ކުރަނީ އެމެރިކާގެ ވޮޝިންޓަންގައެވެ.
ޚާރިޖީ ވަޒީރު ޝާހިދު ވޮޝިންޓަނުގައި ހުންނެވިކަން ހާމަކުރައްވާފައިވަނީ އޭނާ ކުރެއްވެވި ޓްވީޓެއްގައެވެ.
ޝާހިދު ވިދާޅުވެފައިވަނީ އެމްބަސީ ހުޅުވުމަށް ވޮޝިންޓަނަށް ވަޑައިގެންނެވުމަކީ ލިބިލެއްވި އުފަލެއް ކަމަށާއި، މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަން އާލާކުރުމަށް ފުރުސަތުތަކެއް ލިބިގެން ދާނެ ކަމަށެވެ.
އަދި މި ދަތުރުފުޅަކީ ދެ ޤައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ލިބިވަޑައިގަންނަވާ ފުރުސަތެއް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ރާއްޖެއަށް އެމެރިކާގެ ފަރާތުން ޚިދުމަތްދޭ އެމްބަސީއަކަށް މިހާރު ހުންނަނީ ސްރީލަންކާގެ ކޮޅުނބުގައި ހުންނަ އެމެރިކާގެ އެމްބަސީއެވެ. އޭގެ އިތުރުން އެމެރިކާގެ އެމްބަސީއެއް ރާއްޖެއަކު ނުހުރެއެވެ. އެމެރިކާގައި ރާއްޖެ ތަމްސީލު ކުރަނީ އދ. ގައި ހުންނަ ރާއްޖޭގެ މިޝަން މެދުވެރިކޮށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists