Advertisement

ޙަޖަރުލްއަސްވަދު ވަގަށްނެގި ޙާދިސާ

ހަޖަރަލް އަސްވަދު

މި ބިންމަތީގައިވާ އެންމެ މާތް ހިލައަކީ ގެފުޅުގެ ދޮރުކޮޅުގެ ކަނާތްފަރާތު ތިރީގައިވާ، ޠަވާފުކުރާ ބިމުން ފެށިގެން ދޮޅު މީޓަރުގެ މަތީގައިވާ "ޙަޖަރުލްއަސްވަދު" އޭ ކިޔުނު ހިލައެވެ. ޠަވާފުކުރާމީހާ މި ހިލައާ ހަމައިން ޠަވާފުގެ ބުރުފެށުމާއި، ފަސޭހަވެގެންވާނަމަ މި ހިލާގައި ބޮސްދިނުމާއި އަތްބީއްސުމަކީ އައިސްފައިވާކަމެކެވެ. މިއީ ގެފުޅުގައިވާ އެންމެ މާތް ބައެވެ.

ޙަޖަރުލްއަސްވަދަކީ ސުވަރުގޭގެ ހިލަތަކުގެ ތެރެއިންވާ ހިލައެކެވެ. މި ހިލައާބެހޭގޮތުން ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. ((نَزَلَ الحَجَرُ الأَسْوَدُ مِنَ الجَنَّةِ، وَهُوَ أَشَدُّ بَيَاضًا مِنَ اللَّبَنِ، فَسَوَّدَتْهُ خَطَايَا بَنِي آدَمَ)) (الترمذي وأحمد، وصححه الألباني في صحيح الترمذي) މާނައީ: "ޙަޖަރުލްއަސްވަދު އައިސްފައިވަނީ ސުވަރުގެއިންނެވެ. ކިރަށްވުރެ އެ ހިލައިގެ ހުދުކަން ގަދަވެގެންވެއެވެ. ފަހެ، އާދަމުގެދަރިންގެ ފާފައިގެ ސަބަބުން އެ ހިލައިގެ ކުލަ ކަޅުވިއެވެ." އެހެން ރިވާޔަތްތަކުގައިވާ ގޮތުގައި ސުނޯއަށްވުރެވެސް ހުދުކަންގަދައެވެ. ޢަބްދުﷲ ބުނުއް ޒުބައިރު رَضِيَ اللهُ عَنْهُمَا ގެ ދުވަސްވަރުގައި ޙަޖަރުލްއަސްވަދު މަރާމާތުކުރެވުނު އިރު، އެ ހިލައިގެ ގެފުޅުގެ ތެރެއަށްވާ ބައި ވަނީ ހުދުކޮށްކަމުގައި މުޖާހިދު ރަޙިމަހުﷲގެ ކިބައިން އައިސްފައިވެއެވެ. އަދި ޤަރާމިޠާއިން އެ ހިލަ އަނބުރާ ގެފުޅަށް ރައްދުކުރިއިރު، އެ ޙާދިސާ ދެކެވަޑައިގެންނެވި މުޙައްމަދު ބުން ނާފިޢުލް ޚުޒާޢީ ބަޔާންކުރައްވާފައިވާ ގޮތުގައި؛ އެ ހިލައިގައި ކަޅުކޮށް ވަނީ ބޭރަށް އިން ބައި އެކަންޏެވެ. އެހެން ބައިތައް ހުދެވެ. އަދި އެ ހިލައިގެ ދިގުމިނަކީ މުށެކެވެ.

އެހެން ޙަދީޘެއްގައި ޙަޖަރުލްއަސްވަދާބެހޭގޮތުން ޙަދީޘްކުރެއްވިއެވެ. ((وَاللَّهِ لَيَبْعَثَنَّهُ اللَّهُ يَوْمَ الْقِيَامَةِ لَهُ عَيْنَانِ يُبْصِرُ بِهِمَا، وَلِسَانٌ يَنْطِقُ بِهِ، يَشْهَدُ عَلَى مَنْ اسْتَلَمَهُ بِحَقٍّ)) (الترمذي، وابن خزيمة، وابن حبّان) މާނައީ: "ﷲ ގަންދީފައި ޙަދީޘްކުރައްވަމެވެ. ޤިޔާމަތްދުވަހު މާތް ﷲ އެ ހިލަ ގެންނަވާނެއެވެ. އެ ދެލޮލަކަށް ފެންނާނެ ދެ ލޮލަކާއި ވާހަކަދައްކާނެ ދުލެއް އެ ހިލައަށް ލިބިގެންވާނެއެވެ. އެ ހިލައިގައި ޙައްޤުގޮތުގައި ބީހުނުމީހެއްގެ މައްޗަށް އެ ހިލަ ހެކިދޭނެއެވެ."

Advertisement

ތާރީޚު ފޮތްތަކުގައި ބަޔާންވެފައިވާގޮތުގައި؛ އިބްރާހީމް عَلَيهِ السَّلام އާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލް عَلَيهِ السَّلام ގެފުޅު ބިނާކުރައްވަމުން ވަޑައިގެން ޙަޖަރުލްއަސްވަދުއާ ހަމައަށް އައުމުން، އެ ހިސާބުން ޠަވާފުކުރުން ފަށާނެ ޢަލާމާތެއްގެ ގޮތުގައި ޚާއްޞަ ހިލައެއް ހޯއްދެވުމަށް އިބްރާހީމްގެފާނު އެކަލޭގެފާނުންގެ ދަރިކަލުންކުރެ އެދިވަޑައިގެންނެވިއެވެ. އެ ދަރިކަލުން ހިލައެއް ހޯއްދެވުމަށް ވަޑައިގެންނެވި ހިނދު ޖިބްރީލް عَلَيهِ السَّلام ޙަޖަރުލްއަސްވަދު ހިލަ ހިއްޕަވައިގެން ވަޑައިގަންނަވައި، އެ ހިލައިގެ މަޤާމުގައި ބޭއްވެވިއެވެ. އަދި އިބްރާހީމްގެފާނު އެ ހިލައާއެކު ގެފުޅު ބިނާކުރެއްވިއެވެ. އެ ހިލަ ބޭއްވުނުއިރު، އެ ހިލައިގެ ހުދުކަމުން ވަނީ ވިދާ ބަބުޅަބަބުޅައެވެ. އަދި ޙަރަމްފުޅުގެ އެކި ދިމާލަށް އެ ހިލައިގެ ވިދުން ފެތުރިފައިވިއެވެ.

ޙަޖަރުލްއަސްވަދާގުޅޭގޮތުން ތާރީޚުގައި ތަފާތު ޙާދިސާތައް ހިނގާފައިވެއެވެ. މިގޮތުން ޙަޖަރުލްއަސްވަދާއެކު ގެފުޅު ބިނާކުރެވިފައި ވަނިކޮށް ގެފުޅު ހަލާކުވުމުން ޢަރަބިކަރައިގައި އޭރުގައިވި ޤަބީލާތައްކަމުގައިވާ ޢަމާލިޤުން އެ ގެފުޅު ބިނާކުރިއެވެ. އޭގެފަހުގައި، ޖުރުހުމްވަންހައިގެ މީހުން މައްކާއިން ބޭރުކުރެވުނުއިރު، އެ ޤަބީލާގެ މީހެއްކަމުގައިވާ ޢަމްރު ބުނުލް ޙާރިޘް އަލްޖުރުހުމީ މައްކާއިން ނުކުތުމުގެ ކުރިން ގެފުޅަށް ހަމަލާދީ، ޒަމްޒަމްވަޅު ކައިރީގައި ޙަޖަރުލްއަސްވަދު ވަޅުލިއެވެ. މި މަންޒަރު ފެނުނު ޚުޒާޢަތުވަންހައިގެ އަންހެނަކު އެ ވަންހައިގެ މީހުންނަށް އެ ޚަބަރުދިނުމުން، އެ ހިލަ ނަގައިގެން އެ ހިލައިގެ މަޤާމަށް ރައްދުކުރިއެވެ.

އަނެއް ޙާދިސާއަކީ ޔަމަނުގައި ވެރިކަންކުރަމުން އައި ތުއްބަޢުގެމީހުން ޙަޖަރުލްއަސްވަދު ނަގައިގެން ޔަމަނަށް ގެންދިޔުމަށް މަސައްކަތްކުރި ޙާދިސާއެވެ. މިބައިމީހުންނާ ދެކޮޅަށް އުއްމުލް މުއުމިނީން ޚަދީޖާ رَضِيَ اللهُ عَنْها ގެ ބައްޕާފުޅު ޚުވައިލިދު، ޤުރައިޝުންގެ ބަޔަކާއެކު ނުކުމެ އެކަމަށް ހުރަސްއަޅައި އެކަން ހުއްޓުވިއެވެ.

އަދި މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ނަބީކަމައިގެން ފޮނުއްވުމުގެ ކުރިން ގެފުޅުގައި އަލިފާނުގެ ޙާދިސާއެއް ހިނގައި، ގެފުޅު ހަލާކުވިއެވެ. މި ޙާދިސާގެ ތެރޭގައި ޙަޖަރުލްއަސްވަދުގެ ކަޅުކަން އިތުރުވިއެވެ. މައްކާގެ ޤުރައިޝުން ގެފުޅު އަލުން މަރާމާތުކުރުމަށްފަހު، ޙަޖަރުލްއަސްވަދު އެ ހިލައިގެ މަޤާމުގައި ބަހައްޓާނީ ކޮން ޤަބީލާއެއްގެ މީހެއްތޯއާމެދު ޚިޔާލުތަފާތުވެ ހަނގުރާމައެއް ހިނގާފަނެ ދަރަޖައަށް ކަންތައް ދިޔައެވެ. އެހިނދު، އެމީހުން ނިންމީ ދެން އެންމެ ފުރަތަމަ މަސްޖިދުލްޙަރަމަށް ވަންނަ މީހަކާ އެކަން ޙަވާލުކުރުމަށެވެ. މިގޮތުގައި މިބައިމީހުން ތިއްބައި މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّمَ ވެންނެވިއެވެ. ދެން އެކަލޭގެފާނާ އެކަން ހަވާލުކުރެއްވުމުން، ފޮތިގަނޑެއް ގެންނެވުމަށް އެންގެވިއެވެ. އެ ފޮތިގަނޑަށް ޙަޖަރުލްއަސްވަދު ލެއްވުމަށްފަހު، ކޮންމެ ޤަބީލާއަކުން މީހަކު ގެނެސް އެ ފޮތިގަނޑުގެ ކަނެއްގައި ހިފައިގެން ގެފުޅުގެ ކައިރިއަށް ގެންނެވުމުން، އެކަލޭގެފާނުގެ ބަރަކާތްތެރި އަތްޕުޅުން އެ ހިލަ އޭގެ މަޤާމުގައި ބޭއްވެވިއެވެ. ބޮޑަށް ބުރަވެވޭގޮތުގައި މި ޙާދިސާ ހިނގާފައި ވަނީ އެކަލޭގެފާނު ނަބީކަމައިގެން ފޮނުއްވުމުގެ 5 އަހަރުކުރިން، އެކަލޭގެފާ ގެ ޢުމުރުފުޅުން 35 އަހަރުފުޅުގައެވެ. އިމާމް އަޙްމަދާއި އެނޫން ބޭކަލުން އިބްނު ޢައްބާސް رَضِيَ اللهُ عَنْهُمَا ގެ ކިބައިން ރިވާކުރައްވާފައިވާ ރިވާޔަތެއްގައި ވާ ގޮތުން މި ކަން ހިނގާފައި ވަނީ ހޯމަ ދުވަހެއްގައެވެ.

ބަޔާންވެ މިދިޔައީ މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ރިސާލަތުގެ ކުރީގެ ޙާދިސާތަކެވެ. މުސްލިމުންގެ ބާރުގެދަށަށް ގެފުޅު އައުމަށްފަހު، ޙަޖަރުލްއަސްވަދަށް ގެއްލުންތަކެއް ލިބުނު ޙާދިސާއަކީ ހިޖުރައިން 64 ވަނަ އަހަރުގެ ތެރޭގައި ހިނގާދިޔަ ޙާދިސާއެވެ. ޢަބްދުﷲ ބުނުއް ޒުބައިރު رَضِيَ اللهُ عَنْهُمَا މައްކާގެ ވެރިއެއްގެ ގޮތުގައި ހުންނެވިއިރު، އެކަލޭގެފާނާ ދެކޮޅަށް އުމަވީ ދައުލަތުގެ ޤާއިދު އަލްޙުޞައިން ބުން ނުމައިރު އަލްކިންދީގެ ލަޝްކަރުން ދިން ވަރުގަދަ ހަމަލާތަކުގައި ގެފުޅަށް ގެއްލުންތައް ވިއެވެ. މި ޙާދިސާއާގުޅިގެން ޙަޖަރުލްއަސްވަދު ވަށައިގެން ރިހީގެ ފަށަލައެއް ޢަބްދުﷲ ބުނުއް ޒުބައިރު رَضِيَ اللهُ عَنْهُمَا ލެއްވިއެވެ. ތާރީޚުގައި އެންމެ ފުރަތަމަ މިކަން ކުރެއްވީ ޢަބްދުﷲ ބުނުއް ޒުބައިރު رَضِيَ اللهُ عَنْهُمَا އެވެ. ޒުބައިރުގެފާނުގެ ދަރިކަލުން ޢަބްދުﷲއާ ދެކޮޅަށް ހިޖުރައިން 73 ވަނަ އަހަރު ޙައްޖާޖު ބުން ޔޫސުފްގެ ލަޝްކަރުން ހަމަމިގޮތަށް ހަމަލާދީ އެކަލޭގެފާނުގެ ވެރިކަން ނިމުމަކަށް ގެނައެވެ. އަދި ޚަލީފާ ހާރޫނުއް ރަޝީދުގެ ޒަމާނުގައި ޙަޖަރުލްއަސްވަދު ވަށައިގެންވާ ރިހީގެ ފަށަލަ ޖަރީކުރެވުނެވެ.

ހިޖުރީގޮތުން 4 ވަނަ ޤަރުނުގެ ތެރޭގައި ޤަރާމިޠާއިނޭ ކިޔުނު ބަޔަކު ޙަޖަރުލްއަސްވަދު ގެފުޅުން ވަކިކޮށްގެން ގެންދިޔައެވެ. ޤަރާމިޠާއިން ނިސްބަތްވަނީ ބާޠިނީ ފިރުޤާއަށެވެ. މިބައިމީހުންނަކީ ތަފާތު ގޮތްގޮތުން އަނިޔާވެރިކަމާއި ކުފުރުވެރިކަން އިންތިހާއަށް ފާޅުކޮށް އުޅުނު ބައެކެވެ. ގެފުޅަށް ޙަމަލާދިނީ އެބައިމީހުންގެ ރަސްކަލެއްގެ ގޮތުގައި ބަޙްރައިންގައި ހުރި އަބޫ ޠާހިރު ސުލައިމާން ބުން އަބީ ސަޢުދު އަލްޤިރްމިޠީއެވެ. ހިޖުރައިން 317 ވަނަ އަހަރު ޙައްޖުމަހުގެ 8 ވަނަ ދުވަހު، ޙައްޖުވެރިން މިނާއަށް ގޮސްފައި ވަނިކޮށް، މި އަބޫ ޠާހިރު އޭނާގެ 900 މީހުންގެ ލަޝްކަރަކާއެކު ޙައްޖުމަހާއި ގެފުޅުގެ ޙުރުމަތްކަނޑައި، ޒަމްޒަމް ވަޅުކޮޅު ހަލާކުކޮށް، ޙައްޖުވެރިން ޤަތުލުކޮށް، 30 ހާހާ ގާތްކުރާ ޢަދަދަކަށް މީހުން ޤަތުލުކޮށް، ނުބައިވެގެންވާ އެތައް ކަމެއް މައްކާގެ ޙުރުމްތެރިވެގެންވާ ސަރަހައްދުގައި ހިންގިއެވެ. އަދި ޙައްޖުމަހުގެ 14 ވީ ހޯމަދުވަހުގެ ޢަޞްރުނަމާދަށްފަހު ޙަޖަރުލްއަސްވަދު ވަގަށް ނަގައިގެން ގެންދިޔައެވެ. މި އަބޫ ޠާހިރުގެ ބޭނުމަކީ ގެފުޅު ތަޅާލަން އައި އަބްރަހާއާ އެއްގޮތަށް އޭނަގެ ގާތަށް މީހުން ޠަވާފުކުރުމާއި އެނޫންވެސް އަޅުކަންތައް ކުރުމަށް އަންނާނެގޮތް ހެދުމެވެ. ހިޖުރައިން 332 ވަނަ އަހަރު މި އަނިޔާވެރި، ނުބައި އަބޫ ޠާހިރުގެ ކަންކަން ނިމުނެވެ. 22 އަހަރު ވަންދެން ގެފުޅުގައި ޙަޖަރުލްއަސްވަދު ނެތި ދިޔައެވެ. ހިޖުރައިން 339 ވަނަ އަހަރުގެ ޙައްޖުމަހުގެ 10 ވަނައަށް ވީ އަޟްޙާޢީދު ދުވަހު އެ ހިލަ އަނބުރާ ގެފުޅަށް ގެނެވުނެވެ. ސަންބަރު ބުނުލް ޙަސަނުލް ޤިރުމިޠީ އެ ހިލަ އަނބުރާގެނެސް، އެ ހިލައިގެ މަޤާމުގައި އެ ހިލަ ބޭންދިއެވެ. އެއާއެކު، މުސްލިމުން އެ ހިލާގައި ބޮސްދީ، އަތްބީއްސައި ހަދައި، މާތް ﷲއަށް ޙަމްދުކުރިއެވެ.

ޙިޖުރައިން 363 ވަނަ އަހަރު ރޯމަނުންގެ މަކަރުވެރިކަމުން، ޙަޖަރުލްއަސްވަދު ވަގަށް ނެގުމަށް ނަޞާރާއިންގެ މީހަކު ފޮނުވިއެވެ. މެންދުރު ވަގުތު، މީހުން މަދު ވަގުތު ބަލާފައި، އެމީހާގެ އަތުގައިވާ މުޅޮލަކުން ޙަޖަރުލްއަސްވަދު ނެގުމަށް މަސައްކަތްކުރިއެވެ. އެހެންނަމަވެސް، އެ ވަގުތު ޠަވާފުކުރަމުން ދިޔަ ޔަމަނުކަރައިގެމީހަކު ޚަންޖަރަކުން އެމީހާއަށް ޙަމަލާދީ އެކަން ހުއްޓުވިއެވެ.

އަދި ހިޖުރައިން 413 ވަނަ އަހަރުގެ ޙައްޖުމަހުގެ 12 ވަނަ ދުވަހު މުލްޙިދުންގެ ތެރެއިންވާ ބަޔަކު ޙަޖަރުލްއަސްވަދަށް ގެއްލުން ދިނެވެ. ޙައްޖުވެރިން އެއިރު މިނާއިން މައްކާއަށް ނާދެއެވެ. އެއިގެ ތެރެއިން މީހަކު އިމާމުމީހާ ސަލާމްދިން ވަގުތު، ޙަޖަރުލްއަސްވަދުގެ ކައިރިއަށް ބީހުމަށްކަމަށް ގޮސް، އޭނަގެ އަތުގައިވި ދަގަނޑު އެއްޗަކުން ޙަޖަރުލްއަސްވަދުގައި 3 ފަހަރުޖެހިއެވެ. މީގެ ސަބަބުން ޙަޖަރުލްއަސްވަދުގައި 3 ހޮއެ ހެދުނެވެ. އަދި އެ ހިލައިގެ ބައެއް ބައިތައް ފުނޑުފުނޑުވެގެން ވެއްޓުނެވެ. އަދި ޙިޖުރައިން 990 ވަނަ އަހަރު ޢިރާޤު މީހަކުވެސް ޙަޖަރުލްއަސްވަދަށް ގެއްލުންދިނުމަށްޓަކައި ދަގަނޑު އެއްޗަކުން ޙަމަލާ ދިނެވެ. އަދި ހިޖުރައިން 1351 ވަނަ އަހަރުގެ މުޙައްރަމު މަހުގެ ތެރޭގައި؛ ފާރިސްކަރައިގެ މީހަކު ޙަޖަރުލްއަސްވަދުން ބަޔަކާއި، ގެފުޅުގެ އުރަކޮޅުން ބައެއް ވަގަށް ނެގުމަށް މަސައްކަތްކޮށްފައިވެއެވެ.

މިއީ؛ މި ބިންމަތީގައިވާ އެންމެ މާތް ހިލައިގެ ކުރު ތާރީޚެކެވެ. މާތްވެގެންވާ ކޮންމެ ބަޔަކާއި، ކޮންމެ ތަނަކާއި، ކޮންމެ އެއްޗެއްގެ ޙުރުމަތްތެރިކަން ކަނޑައި، އެ ފަރާތްތަކާމެދު ޢަދާވާތްތެރިކަން ފާޅުކުރާމީހުން މީސްތަކުންގެ ތެރޭގައި އަބަދުވެސް އުޅެއެވެ. އެފަދަ ނުބައިމީހުންގެ ނުބައިކަމުން އިސްލާމްދީނާއި އިސްލާމީ އުއްމަތް ސަލާމަތްކުރައްވާށި!

Advertisement

ކޮމެންޓް

Advertisement

Advertisement