އެކްސިޑެންޓްގައި އަނިޔާވި ލެކްޗަރާ ހަފީޒު ފަރުވާއަށް އިންޑިޔާއަށް ފުރުވާލައިފި
ޖޫން މަހުގެ 28 ވަނަ ދުވަހުގެރޭ ފަތިހު ފަތިސް ނަމާދުން ފައިބައިގެން ދަނިކޮށް އެކްސިޑެންޓްވެ އަނިޔާވި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ލެކްޗަރާ އަލީ ޙަފީޒް އިތުރުފަރުވާ އަށް އިންޑިޔާއަށް ފޮނުވައިލައިފިއެވެ.
ޖޫން މަހުގެ 28 ވަނަ ދުވަހުގެރޭ ފަތިހު ހަފީޒު އެކްސިޑެންޓް ވެފައިވަނީ އޭނާ ފަތިސް ނަމާދުން ފައިބައިގެން ހިނގަފައި ދަނިކޮށް މަގުމަތީގައި ބާރު ދުވެލީގައި ދުއްވައިފައިދިޔަ ސައިލެއް އޭނަގެ ގައިގައި ޖެހިގެނެވެ.
އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް ހަފީޒް އެނދުމަތި ކުރެވިފައިއޮތީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައެވެ.
ހަފީޒު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް އެއަރ އެމްބިއުލާންސެއް ޗާޓަރ ކުރުމަށް ފައިސާ އެއްކުރުމުގެ މަސައްކަތް އާއިލާއިން މީގެ ކުރިން ވަނީ ކޮށްފައެވެ. އެއަރ އެންބިއުލެންސެއްގައި އޭނާ އިންޑިއާއަށް ގެންދިއުމުގެ ކަންކަން ހަމަޖެހުނީ އިއްޔެ އެވެ.
އިންޑިޔާގެ ކޮޗިން ހޮސްޕިޓަލްގައި އަލީ ހަފީޒަށް ފަރުވާ ދިނުމަށް ހަމަޖެހިފައިވާއިރު އިންޑިޔާއަށް ފުރުވާލުމާ ހަމައަށް އޭނާއަށް ފަރުވާ ދީފައިވަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައެވެ. އޭނާގެ ޙާލު ސީރިއަސް ކަމަށް ވަނީ ބުނެފައެވެ.
ހަފީޒްގައިގައި ޖެހުނު ސައިކަލު ދުއްވި ޒުވާނާ މިހާރުވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 3 ވަނަ ދުވަހު އޭނާ ހައްޔަރުކުރި އިރު އެޒުވާނާގެ އޭނާގެ އަތުގައި އެއްގަމު އުޅަނދުދުއްވުމުގެ ލައިސަންސެއް ނޯންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists