ދީން
16 Jul 2023 | 08:16
މައްކާގެ މާތް ބިމަށް ބުދު ގެނެވުނު ޙާދިސާ

މާތް ﷲގެ އަމުރުފުޅަށް އިބްރާހީމް عَلَيهِ السَّلام އާބާދުކުރެއްވި މައްކާއަކީ މި ބިންމަތީގައިވާ އެންމެ މާތް ރަށެވެ. އެ ރަށް އާބާދުކުރެވުނީ އެންމެހާ ކަންކޮޅުތަކެއްގެ މީހުންވެސް އެ ބިމަށް ޒިޔާރަތްކޮށް، އެކަލާނގެއަށް މަތިވެރިވެގެންވާ އަޅުކަންތަކެއް އަދާކުރުމަށްޓަކައެވެ. އެ ރަށުގައިވާ ކަޢުބާއަކީ އެންމެ މާތް ތަނެވެ. އެ ތަން ވަށައިގެންވާ މަސްޖިދުލްޙަރާމަކީ މި ބިންމަތީގައިވާ އެންމެ މާތް މިސްކިތެވެ. މާތް ﷲއަށް އެއްކައުވަންތަކަމާއެކު އަޅުކަންކުރުމަށްޓަކައި އިބްރާހީމް عَلَيهِ السَّلام އާބާދުކުރެއްވި މާތް ބިމުގައި ބުދަށް އަޅުކަންކުރުން ފެތުރުނީ ކިހިނެއް ހެއްޔެވެ؟ އަދި މާތް ކަޢުބާ ވަށައިގެން އެތައް ސަތޭކަ ބުދެއް ބެހެއްޓުނީ ކިހިނެއް ހެއްޔެވެ؟

މި އުއްމަތުގެ މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވުމުގެ ގާތްގަނޑަކަށް 300 އަހަރަށްވުރެ ކުރިއެވެ. މައްކާގެ ވެރިކަން އޮތީ ޖުރުހުމްވަންހައިގެ އަތްމަތީގައެވެ. މި ވަންހައިގެ މީހުންނާ ޚުޒާޢަތުވަންހައިގެ މީހުންނާދެމެދު ދެބަސްވުން އުފެދި، މައްކާގެ ވެރިކަން ޚުޒާޢަތުވަންހައިގެ އަތްމައްޗަށް ފުރޮޅާލުމުގެ މަސައްކަތް އެ ވަންހައިން ކުރަން ފެށިއެވެ. މި މަސައްކަތުގެ ތެރެއިން ޖުރުހުމްވަންހައިގެމީހުން ބަލިކޮށް، މައްކާއިން އެބައިމީހުން ބޭރުކޮށްލެވުނެވެ. މިއާއެކު، މައްކާގެ އެންމެހާ ބާރުތަކެއް ޚުޒާޢާތުވަންހައަށް ލިބުނެވެ.

ޚުޒާޢަތުގެވަންހައިގެ ތެރޭގައި ޢަމްރު ބުން ލުޙައްޔުލް ޚުޒާޢީއޭ ކިޔުނު މީހަކު ވިއެވެ. މީނާއަކީ އެ ވަންހައިގެ ވެރިންގެ ތެރޭގައި ހިމެނޭ ވެރިއެކެވެ. އަދި ޢަރަބިންގެ އެންމެ އިސްވާރުންގެ ތެރެއިންވާ އިސްވާރެކެވެ. މުދާ ގިނަ މީހެކެވެ. މައްކާގެ އެންމެހާ ކަމެއް ހިންގުުމުގެ ބާރު އޮތީ މީނާގެ އަތްމަތީގައެވެ. އިބްރާހީމް عَلَيهِ السَّلام އިން ފެށިގެން މި ހިސާބަށް އައިރުވެސް މައްކާގެ ބިމުގައި ބުދަށް އަޅުކަން ކުރެވިފައެއް ނުވެއެވެ.

އެއްފަހަރެއްގައި މި ޢަމްރު ބުން ލުޙައްޔު ޝާމްކަރައަށް ދަތުރެއް ކުރިއެވެ. މި ދަތުރުގައި؛ އެ ކަރައިގެ މީސްތަކުން ތަފާތު ބުދުތަކަށް ދުޢާކޮށް، ސަޖިދަކޮށް، އެ ބުދުތަކުން ބަރަކާތް ޙާޞިލުކުރާ މަންޒަރު ފެނި، އެކަމާ ޢަޖައިބުވިއެވެ. އަދި އެބައިމީހުންނާ ސުވާލުކުރިއެވެ. "ތިޔަބައިމީހުން ތިޔަ ކުރަނީ ކޮން ކަމެއް ހެއްޔެވެ؟" އެބައިމީހުން ބުންޏެވެ. "ތިމަންމެން މި ބުދުތަކަށް އަޅުކަން ކުރަނީއެވެ." ޢަމްރު ސުވާލުކުރިއެވެ. "އެއީ ކީއްވެގެން ހެއްޔެވެ؟" އެބައިމީހުން ބުންޏެވެ. "އަހަރެމެން ވާރޭވެއްސައިދިނުމަށް މި ބުދުތައް ކައިރީގައި އެދުމުން ވާރެ ވެއްސައިދެއެވެ. އަދި ނަޞްރު ލިބުމަށް އެދުމުން ނަޞްރު ދެއެވެ." މިބައިމީހުންގެ މި ވާހަކަތަކާމެދު ޢަޖައިބުވެ، ބުދުތަކާބެހޭގޮތުން ތަފާތު ސުވާލުތައް ކުރަމުން ދިޔައެވެ. ބުދުތަކުގެ ވައްތަރުތައް ގިނަކަމުން އެ ބުދުތަކުގެ ނަންތަކާއި މަޢުލޫމާތުތައް ހޯދިއެވެ. މިގޮތުން؛ އެބައިމީހުންގެ އަތުގައިވާ "ހުބަލް" ގެ ނަމުން ނަންދެވިފައިވާ ބުދަކީ ޚާއްޞަކަމެއް އެކުލެވިގެންވާ ބުދެއްކަމާއި، އެ ބުދުގެ ކުޅަދާނަކަމުގެ ވާހަކަތަކުން މި ޢަމްރުގެ ހިތުގައި ބުދަށް ލޯބިޖެހިއްޖެއެވެ. އަދި "ހުބަލް" ބުދެއް ހޯދައިގެން މައްކާއަށް އަތުވެއްޖެއެވެ.

މީސްތަކުންގެ ތެރޭގައި ނޫޙު عَلَيهِ السَّلام ޤައުމުގެމީހުންނާ ހިސާބުން ފެށިގެން ބުދަށް އަޅުކަންކުރުން އޮތްކަމުގައި ވީނަމަވެސް، ޢަރަބިންނަށް، އަދި ޚާއްޞަކޮށް މައްކާގެ އަހުލުވެރިންނަށް މިކަން ވީ އާދަޔާޚިލާފުކަމަކަށެވެ. ޚުޒާޢަތުވަންހައިގެ ވެރިޔާ ޝާމްކަރައިން އެ ގެނައި ބުދާމެދު ސުވާލުތައް ކުރަން ފެށިއެވެ. އެ ބުދަކީ ތިޔަބައިމީހުން އެދޭ ކަންކަން ފުއްދައިދޭނެ ބުދެއްކަމުގައި ޢަމްރު އެބައިމީހުންނަށް ވިސްނައިދިނެވެ. އެހިނދު، އެބައިމީހުން ބުންޏެވެ. "އަހަރެމެން ކަންކަމުގައި އެދެނީ ﷲގެ ޙަޟްރަތުންނެވެ." ޖަވާބުގައި ޢަމްރު ބުންޏެވެ. "ބުދަކީ ﷲއާ ކުއްތަންކޮށްދީ، އަހަރެމެންނާ ﷲއާ ދެމެދުގައި ގުޅުވައިދޭ މެދުވެރިއެކެވެ." މި ވިސްނުން ބައެއްމީހުންނަށް ޤަބޫލުކުރެވި، ޢަމްރުގެ ނުފޫޒު ބޭނުންކޮށްގެން އެ ބުދު ގެފުޅު ކައިރީގައި ބެހެއްޓިއެވެ. މުޝްރިކުންގެ މި ބާޠިލު ޢަޤީދާއާބެހޭގޮތުން މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ((وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَىٰ)) (الزمر: 3) މާނައީ: "އަދި އެކަލާނގެ ފިޔަވައި އެހީތެރިންތަކެއް ހިފިމީހުން ބުންޏެވެ. ﷲ ގެ ޙަޟްރަތަށް ތިމަންމެން ކުއްތަންކޮށްދިނުމަށް މެނުވީ، ތިމަންމެން އެތަކެއްޗަކަށް (އެބަހީ: ބުދުތަކަށް) އަޅުކަމެއް ނުކުރަމުއެވެ."

ކޮންމެއަކަސް، ޙައްޖުގެ މަތިވެރިކަން އަދާކުރުމަށްޓަކައި އެކި ކަންކޮޅުން މީސްތަކުން ގެފުޅަށް އައިއިރު އެތަނުގައި ބުދެއް ބެހެއްޓިފައިވާތަން ފެނި، އެ ބުދާބެހޭގޮތުން ވާހަކަތައް ދެކެވި، އެ ބުދުގެ ވާހަކަތައް ހަލުވިކަމާއެކު ފެތުރެން ފަށައިފިއެވެ. އިސާހިތަކު ޢަރަބިންގެ ތެރެއަށް ތަފާތު އެކި ބުދުތައް ތަޢާރަފުވާން ފެށިއެވެ. ޞަފާ ފަރުބަދައިގެ މަތީގައި "ނަހީކު" އޭ ކިޔުނު ބުދެއް ބެހެއްޓުނެވެ. މަރުވާ ފަރުބަދަ މަތީގައި "މުޠްޢިމުއް ޠައިރު" އޭ ކިޔުނު ބުދެއް ބެހެއްޓުނެވެ. އަދި މި ޢަމްރު ބުން ލުޙައްޔު، "އިސާފު" އަދި "ނާއިލާ" އޭ ކިޔުނު ދެ ބުދު ޒަމްޒަމް ވަޅު ކައިރީ ބަހައްޓައި، ތިޔަބައިމީހުންގެ ކުރީގެ މީހުން މި ބުދުތަކަށް އަޅުކަންކުރިކަމުގައި ވިސްނައިދިނެވެ. އެކި ޤަބީލާތަކަށް އެކި ބުދުތައް ޚާއްޞަކުރިއެވެ. އެމީހުންގެ މެދުގައި އެންމެ ޚާއްޞަ ބުދުތައް ކަމުގައިވާ "ލާތު"، "ޢުއްޒާ" އަދި "މަނާތު" ބުދު ބެހެއްޓުނެވެ. މި ބުދުތަކާބެހޭގޮތުން މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ((أَفَرَأَيْتُمُ اللَّاتَ وَالْعُزَّىٰ ‎*‏ وَمَنَاةَ الثَّالِثَةَ الْأُخْرَىٰ)) (النجم: 19، 20) މާނައީ: "ފަހެ، ލާތު އާއި، ޢުއްޒާއާމެދު ތިޔަބައިމީހުން ވިސްނައި ބެލީމުހެއްޔެވެ؟ އަދި މަނާތު އެވެ ކިއުނު އަނެއް ތިންވަނަ ބުދާ މެދުވެސްމެއެވެ." ޚުޒާޢަތުވަންހައިގެ ބާރު ކެނޑިގެންގޮސް ޤުރައިޝުންނަށް މައްކާގެ ބާރުވެރިކަން ލިބުމުންވެސް، ބުދަށް އަޅުކަންކުރުމުގެ ނުބައިކަން ދެމިއޮތެވެ.

ޢަރަބިން ބުދަށް އަޅުކަންކުރަން ފެށުމާއެކު އެބައިމީހުންގެ ތެރޭގައިވީ އޮޅުންބޮޅުން ވެފައިވާ ޢަޤީދާއެކެވެ. އަޅުކަންތަކުގައިވެސް އޮތީ ޙައްޤާއި ބާޠިލު މައްސުނިވެފައެވެ. ޢިބްރާހީމްގެފާނުގެ ޝަރީޢަތުގައިވާ ޙައްޖުކުރުމާއި، ގެފުޅަށް މާތްކޮށްހިތުންފަދަ ބައެއް ކަންކަން އެބައިމީހުންގެ ތެރޭގައި އޮޅިފައިވާ ގޮތަކަށް އޮތެވެ. ކަންކަމުގައި އެދި ދުޢާކޮށް، ސަޖިދަކޮށް، ޤުރުބާންކޮށް ހަދަމުން ދަނީ ބުދުތަކަށެވެ. މުޞީބާތަކުން ސަލާމަތްވާނެ އެއްވެސްގޮތެއް ނެތްނަމަ، ބުދުތަކުގެ ބަދަލުގައި ﷲއަށް ދުޢާ ޚާލިޞްކުރެއެވެ. ބުދަށް އަޅުކަންކުރުމުގައި ޢަރަބިން ވެއްޓިފައިވާ ދަށް ޙާލަތު ބަޔާންކުރައްވައި، ޖާހިލިއްޔަޒަމާން ދެކެވަޑައިގެންނެވި، އަދި މައްކާ ފަތަޙަކުރެއްވުމަށްފަހު އިސްލާމްވެވަޑައިގެންނެވި އަބޫ ރަޖާ އަލްޢުޠާރުދީ رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ. "ޖާހިލިއްޔަޒަމާނުގައި އަހަރެމެން ހިލައަށް އަޅުކަން ކުރާކަމުގައި ވީމެވެ. އަހަރެމެން އަތުގައިވާ ހިލައަށްވުރެ ރަނގަޅު ހިލައެއް ފެނިއްޖެނަމަ އެ ހިލައަކަށް އަޅުކަން ކުރީމެވެ. ހިލައެއް ނުފެނިއްޖެނަމަ، ވެލި ޖަމާކުރުމަށްފަހު ނަޢަމްސޫފިގެނެސް އެއިގެ މައްޗަށް ކިރުފެލުމަށްފަހު އެ ވަށައިގެން ޠަވާފުކޮށް ހެދީމެވެ."

މި ޙާލަތުގައި ޢަރަބިންގެ ޙާލަތު ވަނިކޮށް، ﷲ سُبْحَانَهُ وَتَعَالَى ރަސޫލުކަމައިގެން މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّمَ ފޮނުއްވިއެވެ. ހިޖުރީ ސަނަތުން 8 ވަނަ އަހަރުގެ ރަމަޟާންމަހުގެ 20 ވަނަ ދުވަހު، ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އާއި މުސްލިމުން މައްކާގެ މާތް ބިން ފަތަޙަކުރެއްވިއެވެ. ގެފުޅާއި މައްކާގެ ބިން ބުދުތަކުން ޠާހިރުކުރެއްވިއެވެ. އެ މާތް ބިމުގައި ބުދަށް އަޅުކަންކުރުން ނިމުމަކަށް ގެންނެވިއެވެ. ގެފުޅު ވަށައިގެން އެކަނިވެސް 360 ބުދު ބެހެއްޓިފައި ހުއްޓެވެ.

މައްކާގެ މާތް ބިމަށާއި ގެފުޅަށް ބުދު ވައްދައި، އެކަން މީސްތަކުންނަށް ތަޢާރަފުކޮށްދިން ޢަމްރު ބުން ލުޙައްޔުގެ ނުބައިކަމާއެވެ! އަދި އޭނައަށް ހުރި ބަދުނަސީބެއްގެ ބޮޑުކަމާއެވެ! އިމާމް ބުޚާރީ އަބޫ ހުރައިރާ رَضِيَ اللهُ عَنْهُ ގެ ކިބައިން ރިވާކުރައްވާފައިވާ ޙަދީޘެއްގައި، ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

((رَأَيْتُ عَمْرَو بْنَ عَامِرِ بْنِ لُحَيٍّ الخُزَاعِيَّ يَجُرُّ قُصْبَهُ فِي النَّارِ، وَكَانَ أَوَّلَ مَنْ سَيَّبَ السَّوَائِبَ)) (البخاري: 3333) މާނައީ: "ޢަމްރު ބުން ޢާމިރު ބުން ލުޙައްޔު އަލްޚުޒާޢީ ނަރަކައިގައި އޭނާގެ ގޮހޮރު ދަމަނިކޮށް ތިމަންކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. އޭނާއަކީ ބުދުތަކަށް ޤުރުބާންކުރުމަށްޓަކައި ނަޢަމްސޫފި އެންމެ ފުރަތަމަ ގެނެސްހެދި މީހާއެވެ."

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މީސްތަކުންގެ ތެރޭގައި ނުބައިކަންކަން ފެތުރުމަކީ މިހާ ނުރައްކާތެރިކަމެކެވެ. މީސްތަކުންގެ މެދުގައި ކަމެއް ފެތުރޭކަށް މާކަގިނަ ދުވަހެއް ނުނަގާފާނެއެވެ. ފަތުރާލެވޭ ނުބައިކަމެއް އެތައް އަހަރަކަށް ދެމިގެންގޮސް، އެތައްބަޔަކު އެ ނުބައިކަމެއް ކޮށްފާނެއެވެ. އެކަމުގެ ސަބަބުން އެހުރިހާ އެންމެންގެ ފާފަ އެ ނުބައިކަމެއް ފެތުރިމީހާއަށް ލިބޭނެއެވެ. އެހެންކަމުން، ނުބައިކަންކަން މީސްތަކުންގެ މެދުގައި ފެތުރުމުން ދުރުހެލިވާށެވެ!

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Jun 2026
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި
އެ މީހުން ހައްޔަރުކޮށް، މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
25 Jun 2026
ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫ މީހުން ނަންނޯޓު ކުރާން އެދިއްޖެ
މި ފުރުޞަތުގެ ދަށުން، ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ބަދަލުވާން އެދޭ ފަރާތްތަކުން އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި ނަން ނޯޓުކުރަން ޖެހޭނެއެވެ. ނަން ނޯޓުކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ހަނިމާދޫ އަވަށު އޮފީސް ކުރީގެ ހިރިމަރަދޫ ކައުންސިލްގެ އިދާރާ ނުވަތަ ހަނިމާދޫ ކައުންސިލްގެ އިދާރާ މެދުވެރިކޮށެވެ.
25 Jun 2026
ވޯލްޑް ކަޕްގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާ
ފީފާ ވޯލްޑް ކަޕްގެ ތާރީޚުގައި ޖެހިޖެހިގެން ހަ މުބާރާތުގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ރެކޯޑް ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލި ނަމަވެސް، މުބާރާތުގެ ތާރީޚުގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ޝަރަފު އަދިވެސް އޮތީ އެފްރިކާގެ ލެޖެންޑް ރޮޖާ މިލާގެ އަތުގައެވެ.
25 Jun 2026
ވެނެޒުއޭލާއަށް ބާރުގަދަ ދެ ބިންހެލުން އަތުވެއްޖެ
ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން މައުލޫމާތުދޭ ގޮތުގައި، ބުދަ ދުވަހުގެ ރޭ ފުރަތަމަ އައީ 7.2 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. މި ބިންހެލުން އައީ ކަރަކަސްއާ 284 ކިލޯމީޓަރު ދުރުގައި އޮންނަ ސަން ފެލީޕޭ ކައިރިއަށެވެ. އޭގެ ކުޑަވަގުތުކޮޅެއް ފަހުން، ކަރަކަސްގެ ހުޅަނގުން 293 ކިލޯމީޓަރު ދުރުގައި އޮންނަ ޔުމާރޭ ކައިރިއަށް 7.5 މެގްނިޓިއުޑްގެ ދެވަނަ ބިންހެލުން އައިސްފައިވެއެވެ.
25 Jun 2026
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ ދެ މަސްބޯޓެއް
އެމްއެންޑީއެފުން ބުނިގޮތުގައި، އެ ދެ މަސްބޯޓު ފެނުނީ، ގދ. އަތޮޅާއި ފުވައްމުލަކު ދޭތެރޭ އޮންނަ އިކްއެޓޯރިއަލް ޗެނަލް ތެރެއިން، ގދ.ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް 9 ނޯޓިކަލް މޭލު ބޭރުން، އިރުން ހުޅަނގަށް ދަތުރުކުރަމުންދަނިކޮށް ކަމަށެވެ.
25 Jun 2026
އީރާނުގެ ކުރީގެ ރޫޙާނީ ލީޑަރު ޚާމަނައީގެ ޖަނާޒާއަށް މޯދީއަށް ދަޢުވަތު ދީފި
އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ގިނަ ދުވަސްތަކަކަށް ދެމިގެންދާ ޖަނާޒާގެ ރަސްމިއްޔާތުތައް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ. އަދި ޖުލައި 7 ވަނަ ދުވަހު ގުމްގައި ޚާއްޞަ ރަސްމިއްޔާތުތަކެއް ބޭއްވުމަށްފަހު، ޖުލައި 9 ވަނަ ދުވަހު އޭނާގެ އުފަން ރަށް ކަމަށްވާ މަޝްހަދުގައި ފަސްދާނުލުމަށް ވަނީ ނިންމާފައެވެ.
25 Jun 2026
ދެކުނު އެފްރިކާއަށް ތާރީހީ ދުވަހެއް، ފުރަތަމަ ފަހަރަށް ވަރލްޑަކަޕް ނޮކްއައުޓަށް
މެޗްތަކަށްފަހު ގްރޫޕް އޭގެ ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު އެއްވަނާގައި އުޅެނީ، 9 ޕޮއިންޓާއެކު މެކްސިކޯއެވެ. ދެވަނާގައި 4 ޕޮއިންޓާއެކު ދެކުނު އެފްރިކާ އުޅޭއިރު، ތިންވަނާގައި އުޅޭ ކޮރެއާއަށް ލިބިފައިވަނީ، 3 ޕޮއިންޓެވެ.
25 Jun 2026
ބްރެޒިލް މޮޅުވެ ގްރޫޕްގެ އެއްވަނަ ހޯދިއިރު، ސްކޮޓްލޭންޑަށް މުބާރާތުން ކެޓުމުގެ ބިރު
ސްކޮޓްލޭންޑުން މި މެޗަށް ނިކުތީ، ޕޮއިންޓެއް ހޯދައިގެން ނަމަވެސް ބޮޑު މުބާރާތެއްގެ ގްރޫޕް ފިޔަވަހިން ފުރަތަމަ ފަހަރަށް ސަލާމަތްވެވޭނެ ކަމުގެ އުއްމީދުގައެވެ