"އެވަޓާރ ކާރޓޫން ކަމުދިޔަތަ؟ އެހެންވިއްޔާ "ދަ ޑްރެގަން ޕްރިންސް" ނުބަލާ ދޫނުކޮށްލާ!

17 Feb 2019 | 22:12

ގިނަ ދިވެހިންނެއްވެސް އެ ކާޓޫނެއް އެއްކޮޅުން އަނެއްކޮޅަށް ބަލާ ނިންމި "އެވަޓާރ: ދަ ލާސްޓް އެއާރ ބެންޑާރ"ގެ އިސް ލިޔުންތެރިޔާ އޭރޮން އެހާޒްގެ އެންމެ ފަހު މަސައްކަތަކީ ނެޓްފްލިކްސް އާއި އެކު އޭނާ އުފައްދާ "ދަ ޑްރެގަން ޕްރިންސް" ކާރޓޫނެވެ.

"އެވަޓާރ" އަކީ މީގެ ޒަމާންތަކެއްކުރިން، "ހެރީ ޕޮޓާރ" އަދި "ލޯރޑް އޮފް ދަ ރިންގްސް" ފަދަ ބޮޑެތި ވާހަކަތަކުގެ ކާމިޔާބީ ފެނި، "ނިކަލޯޑިއަން" އިން ތައްޔާރުކުރި ކާރޓޫނަކަށް ވާއިރު، "ދަ ޑްރެގަން ޕްރިންސް" ބަލާލުމުން ހަނދާންވަނީ ފަހުގެ އަހަރުތަކުގައި މަޤްބޫލުވެގެންދިޔަ "ގޭމް އޮފް ތްރޯންސް" ސީރީޒެވެ.

ބޮޑު ވާހަކައަކާއި ޖާދުއީ ކަންތަކެއްގެ މައްޗަށް ބިނާކޮށްފައިވާ "ދަ ޑްރެގަން ޕްރިންސް" ގެ ދެވަނަ ސީޒަން މިހާރު ނެޓްފްލިކްސް އިން ވަނީ ރިލީޒްކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި "ދަ ޑްރެގަން ޕްރިންސް" ގެ މައި ކެރެކްޓާރ ކަމަށްވާ ޕްރިންސް ކެލަމް އަށް އަޑުއަޅާފައިވަނީ، "އެވަޓާރ: ދަ ލާސްޓް އެއާރ ބެންޑާރ"ގައި 'ސޮކާ' ގެ ކެރެކްޓާރ އަށްވެސް އަޑު އެޅު ޖެކް ޑެ ސެނާ އެވެ. އަދި ރަސްރަސްކަލުންނާއި ޑްރެގަންތަކެއް ހިމެނޭގޮތަށް އުފައްދާފައިވާ މި ސީރީޒްް ގެ ވާހަކައަކީ، އެކި އުމުރުފުރާތަކުގެ ބެލުންތެރިންނަށް ކަމުދާނެފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ ކާރޓޫނެއްކަން ފާހަގަކޮށްލެވެއެވެ.

"ގޭމް އޮފް ތްރޯންސް" ސީރީޒްގެ ވާހަކައިގައި ފެނިގެންދާ ބައެއް ބޮޑެތި އުކުޅުތައް "ދަ ޑްރެގަން ޕްރިންސް"ގައިވެސް ހިމެނޭއިރު، ފާހަގަކޮށްލެވޭ ގޮތުގައި މި ކާރޓޫނަކީ އެނިމޭޝަންގެ ގޮތުން "އެވަޓާރ" އާއި ވަރަށް ގާތް ކާރޓޫނެކެވެ.

ތަފާތު ދުނިޔެއެއް ތައްޔާރުކޮށް، އެ ދުނިޔެއަށް މުއްސަނދި ތާރީޚެއް ދިނުމަށްފަހު އުފައްދާފައިވާ "ދަ ޑްރެގަން ޕްރިންސް"ގެ ހަޤީގީ ތަރިންނަކީ ކާރޓޫންގައި ފެނިގެންދާ މޮޅު ކެރެކްޓާރތަކެވެ. އަދި އެގޮތުން ޕްރިންސް ކެލަމް ގެ ކެރެކްޓާރގެ އިތުރުން އެޒްރަން އަދި ރޭލާ ފަދަ ކެރެކްޓާރތަކުގެ ވަކި ވަކި ވާހަކަތައް ކުރިއަރައިގެންދާ ގޮތް ފާހަގަކޮށްލެވެއެވެ. ފުރަތަމަ ސީޒަންގައި ތައްޔާރުކޮށްދިން ދުނިޔެއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ ރިލީޒްކޮށްފައިވާ "ދަ ޑްރެގަން ޕްރިންސް" ގެ ދެވަނަ ސީޒަން އަކީ "އެވަޓާރ" އަދި "ގޭމް އޮފް ތްރޯންސް" ގެ ފޭނުންނަށް ހަމަ ގައިމުވެސް ކަމުދާނެފަދަ މޮޅު އުފެއްދުމެކެވެ.

Advertisement

ކޮމެންޓް

Advertisement