ދީން
11 Aug 2023 | 14:19
އާފުރުމަކީ ޝައިޠާނާގެ ކަމެއް

އާފުރުމަކީ އާދަޔާޚިލާފު ކަންތައްތަކެއް އެކުލެވިގެންވާކަމެކެވެ. ޢާއްމުގޮތެއްގައި އިންސާނަކު އާފުރުމަށް ހައެއްކަ ސުކުންތު ހޭދަވެއެވެ. ކައިރީގައި އެހެންމީހަކު އާފުރޭކަމުގައިވާނަމަ އެކަމުގެ އަސަރުކުރެއެވެ. މީހަކު އާފުރޭ އަޑުއިވުމުންވެސް، އަދި އެކަމުގެ ވާހަކަ ދެއްކުމުންވެސް އާފުރުން އަންނަކަމުގައި މިކަން ދިރާސާކުރައްވާ ދާރިސުން ބަޔާންކުރައްވައެވެ. މި ކަމާބެހޭގޮތުން އިސްލާމްދީނުގައި އައިސްފައިވަނީ ކިހިނެއް ކަމާއި، އެކަމުގައި ގެންގުޅެންޖެހޭ އަދަބުތައް އެނގުމަކީ ކޮންމެ މުސްލިމަކަށްމެ މުހިއްމުކަމެކެވެ.

އާފުރުމާބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘްތަކަށް ބަލާއިރު؛ އާފުރުމަކީ މަކްރޫހަކަމެއްކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. އެބަހީ؛ އެކަމަކީ އެދެވިގެންނުވާ، އަދި އެކަން ދޫކޮށްލުމުން ޘަވާބުލިބޭނޭ ކަމެކެވެ. އަދި މީގެއިތުރުން ނަމާދުގެ ތެރޭގައި އާފުރުން ދުރުކޮށްލުމުގެ ބާރުއޮވެ ފަރުވާކުޑަކަމުން އާފުރުމަކީ މަކްރޫހަކަން ބޮޑުވެގެންވާ ކަމެކެވެ.

އާފުރުމަކީ މާތް ﷲ ނުރުއްސަވާކަމެކެވެ. ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم ޙަދީޘްކުރައްވާފައިވެއެވެ.

((إِنَّ اللهَ يُحِبُّ العُطَاسَ، وَيَكْرَهُ التَّثَاؤُبَ(( (البخاري) މާނައީ: "ހަމަކަށަވަރުން ކިނބިއްސާމެދު މާތް ﷲ ލޯބިވެވޮޑިގަންނަވައެވެ. އަދި އާފުރުމާމެދު އެކަލާނގެ ނުރުއްސަވައެވެ." މާތް ﷲ ކިނބިއްސާމެދު ލޯބިވެވޮޑިގަންނަވަނީ އެކަމުގެ ސަބަބުން އަޅާއަށް ލިބޭ ލުއިކަމާއި، ފަސޭހަކަމާހުރެއެވެ. އަދި އާފުރުމަށް އެކަލާނގެ ނުރުއްސަވަނީ އެކަމުގެ ސަބަބުން އަޅާއަށް ލިބޭ ކަންނެތްކަމާއި ލޮޑުކަމާހުރެއެވެ.

އާފުރުމަކީ ޝައިޠާނާގެ ފުށުން އަންނަކަމެކެވެ. ޝައިޠާނުން ބޭނުންވާނީ އިންސާނާ ކަންނެތް ކޮށްލުމަށެވެ. ކުޑަހިނދުކޮޅަކަށްނަމަވެސް އިންސާނާގެ ޞިފަ ހުތުރުކޮށްލުމަށެވެ. ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم ޙަދީޘްކުރައްވާފައިވެއެވެ.

((التَّثَاؤُبُ مِنَ الشَّيْطَانِ(( (مسلم) މާނައީ: "އާފުރުމަކީ ޝައިޠާނާގެ ކަމެކެވެ." މިއީ ޝައިޠާނާގެ ކަމެއްކަމުގައި ވާތީއާއި ބައެއް ރިވާޔަތްތައް އައިސްފައިވާތީ ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم އާއި އެހެނިހެން ނަބީބޭކަލުންނަށް އާފުރުން ކުރިމަތިވެވަޑައިނުގަންނަވާކަމުގައި އައިސްފައިވެއެވެ. والله أعلم.

އާފުރުމަށް ބަލާއިރު އަންނަނިވި ކަންކަމަށް ސަމާލުކަންދިނުމަށް އައިސްފައިވެއެވެ.

(1) ވީ ވަރަކުން އާފުރުން ދުރުކޮށްލުން: އާފުރުމަކީ މާތް ﷲ ނުރުއްސަވާކަމެއްކަމުގައި ވުމާއި، ޝައިޠާނާގެ ކަމެއްކަމުގައި ވާތީ؛ ވީވަރަކުން އާފުރުން މަނާކުރަންޖެހެއެވެ. އަދި ވީވަރަކުން ދުރުކޮށްލަންޖެހެއެވެ. ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم ގެ ޙަދީޘްފުޅުތަކުގައި އާފުރުން ދުރުކޮށްލުމަށް އަމުރު އައިސްފައިވާތީ، އާފުރުން މަނާކޮށްލުމާއި ދުރުކޮށްލުމަކީ ވާޖިބުކަމެއްކަމުގައި ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. މިގޮތުން އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ.

((فَإِذَا تَثَاءَبَ أَحَدُكُمْ فَلْيَرُدَّهُ مَا اسْتَطَاعَ(( (البخاري) މާނައީ: "ފަހެ، ތިޔައިގެ ތެރެއިން މީހަކު އާފުރޭކަމުގައިވާނަމަ، އެމީހަކަށް ކުޅަދާނަވީ މިންވަރަކުން އެކަން ދުރުކުރާށެވެ!" ވުޟޫކުރުމާއި، އިންތަންނޫން އެހެންތަނަކަށް ބަދަލުވެލުމާއި، ދަތްއުނގުޅުމާއި، އާފުރޭއިރު ތިރީ ތުންފަތުގައި މަޑުމަޑުން ދަތްއަޅައިގެން ހިފަހައްޓާލުމަކީ އާފުރުން ދުރުކޮށްލުމަށްޓަކައި ކުރެވިދާނެ ކަންކަމެވެ.

(2) އަނގަ ނިވާކުރުން: އާފުރުމަކީ ޝައިޠާނާގެ ކަމެއްކަމުގައިވުމާއެކު، އެވަގުތަކީ އިންސާނާގެ ހަށިގަނޑުގެ ތެރެއަށް ޝައިޠާނާ ޚާއްޞަގޮތެއްގައި ވަންނަ ވަގުތެއްކަމުގައި އައިސްފައިވެއެވެ. މިގޮތުން؛ އާފުރެއްޖެނަމަވެސް އަތުން ނުވަތަ އެހެން އެއްޗެއް ބޭނުންކޮށްގެންވެސް އަނގަ ބަންދުކޮށްލުމަކީ ޝައިޠާނާއަށް މިކަން ހުއްޓޭނެކަމެއްކަމުގައި އައިސްފައިވެއެވެ. ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم ޙަދީޘްކުރައްވާފައިވެއެވެ.

((إذا تَثاءَبَ أحَدُكُمْ، فَلْيُمْسِكْ بيَدِهِ علَى فِيهِ، فإنَّ الشَّيْطانَ يَدْخُلُ(( (مسلم) މާނައީ: "ތިޔައިގެ ތެރެއިން މީހަކު އާފުރޭކަމުގައިވާނަމަ، އެމީހާގެ އަތުން އޭނާގެ އަނގައިގައި ހިފަހައްޓާ ހުށިކަމެވެ. ފަހެ، ހަމަކަށަވަރުން އެހިނދު ޝައިޠާނާ (އެމީހާގެ ހަށިގަނޑަށް) ވަދެގަނެއެވެ." ނަމާދުގެ ތެރޭގައި ހުންނައިރުވެސް އާފުރިއްޖެކަމުގައިވާނަމަ އަތުން އަނގަ ނިވާކުރުމަކީ ކުރެވޭނެ މުސްތަޙައްބުކަމެކެވެ.

(3) އަޑު ނުލެއްވުން: އާފުރޭއިރު އަޑުލެއްވުމުން ދުރުހެލިވާންޖެހޭނެއެވެ. އެއީ އަދަބުވެރިކަމާ ޚިލާފުކަމެކެވެ. މީގެ އިތުރުން ޝައިޠާނާ އެމީހަކަށް މަލާމަތްކޮށް ހޭނެކަމެކެވެ. ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم ޙަދީޘްކުރައްވާފައިވެއެވެ.

((وأَمَّا التَّثاؤُبُ: فإنَّما هو مِنَ الشَّيْطانِ، فَلْيَرُدَّهُ ما اسْتَطاعَ، فإذا قالَ: ها، ضَحِكَ منه الشَّيْطانُ(( (البخاري) މާނައީ: "އަދި އާފުރުން ދަންނައެވެ. ފަހެ، އެކަމަކީ ޝައިޠާނާގެ ކަމެކެވެ. ފަހެ، ކުޅަދާނަވީ މިންވަރަކުން އެކަން ދުރުކުރާށެވެ! ފަހެ، (އާފުރޭއިރު) ހާ ކިޔައިފިކަމުގައި ވާނަމަ، އެމީހަކަށް (މަލާމަތްކޮށް) ޝައިޠާނާ ހޭނެއެވެ."

(4) ޤުރްއާން ކިޔަވާއިރު އާފުރޭނަމަ ކިޔެވުން މެދުކަނޑާލުން: ޤުރްއާން ކިޔަވަމުންދާއިރު، އާފުރިއްޖެނަމަ އާފުރުމާއެކު ކިޔެވުން ކުރިއަށް ނުގެންދިޔުމަކީ ރިވެތި އަދަބެކެވެ. އެއީ ޤުރްއާން ކިޔެވުމުގެ ރާގާއި އަޑު ހުތުރުވިޔަ ނުދިނުމަށެވެ. އާފުރިއްޖެނަމަ، ކިޔެވުން މެދުކަނޑާލުމަށްފަހު، އާފުރި ނިމުމުން ކިޔެވުން ކުރިއަށް ގެންދާނީއެވެ. މާގިނައިން އާފުރޭނަމަ، އެވަގުތަށް ކިޔެވުން ހުއްޓާލާނީއެވެ.

އާފުރުމުން އަޢޫޛުކިޔުމަށް، އަދި ވައަތް ފަރާތަށް ފުމުމަށް ޞަރީޙަ އެއްވެސް ދަލީލެއް އައިސްފައެއް ނުވެއެވެ.

ނަމާދުކުރާއިރުގައްޔާއި، ޤުރްއާން ކިޔަވާއިރުގައްޔާއި، ޤުރްއާން އަޑުއަހާއިރުގައްޔާއި، ރުޤްޔާކުރާއިރު އާދަޔާޚިލާފަށް ގިނައިން އާފުރޭކަމުގައިވާނަމަ، އެއީ އެސްފީނާ، ސިޙުރުފަދަކަމެއްގެ ސަބަބުން ޝައިޠާނުންގެ ދުއްތުރާލެއް އުޅޭކަމުގެ ޢަލާމާތެކެވެ. އެފަދައިން ވާނަމަ، އަމިއްލައަށް ރުޤްޔާކުރުމުގެ ގޮތުން ފާތިޙާ ސޫރަތާއި، އާޔަތުލް ކުރުސިއާއި، އިޚްލާޞް، ފަލަޤް އަދި ނާސް ސޫރަތް ފެނަށް ކިޔަވާފައި ފެން އެޅުންފަދަ ކަންކަން ކޮށްގެން އެކަން އަވަހަށް ރަނގަޅުކުރުމަކީ މުހިއްމުކަމެކެވެ. އަމިއްލައަށް ރުޤްޔާކޮށްގެން ރަނގަޅު ނުވެއްޖެނަމަ، ރުޤްޔާގެ ކަންކަން ދަންނަ އިތުބާރުހުރި މީހެއްގެ އެހީތެރިކަން ހޯދާނީއެވެ.

ބަޔާންވެ މިދިޔައީ އާފުރުމާމެދު އިސްލާމްދީނުގައި އައިސްފައިވާ ކަންކަމެވެ. އެ ދީނަކީ އެންމެހާ ރިވެތި އަދަބުތަކަށް ގޮވައިލާ ދީނެވެ. އެ ދީނުގައިވާ ރިވެތި އަދަބުތަކުން ޒީނަތްތެރިވެގެންވާ ބައެއްކަމުގައި އަޅަމެން ލައްވާށި!

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.