Advertisement

ވާދަވެރިޔާ ބަންދުގައި 1000 ދުވަސް! ޑިމޮކްރަސީގެ ފޮނި މީރުކަން ލިބޭނީ ކޮންދުވަހަކުން؟

12 Aug 2023 | 19:46
ރައީސް ޔާމީން ސުޕްރިމް ކޯޓުގެ އަޑުއެހުމެއް ނިންމަވާލެއްވުމަށް ފަހު ޖަލަށް ވަޑައިގަންނަވަނީ/ ފޮޓޯ: ބޮންތި

ދުނިޔޭގެ ތަހުޒީބު ޤައުމުތަކާއި ފައިހަމަކުރުމަށް ރާއްޖެއަށް އުފަންކުރި ޒަމާނީ ޑިމޮކްރަސީ ޅަފަތުގެ ދައުރު ކަޑައްތުކޮށް ޒުވާންކަމުގެ ދައުރަށް މިއޮތީ އަޅާފަ އެވެ.

މި ޑިމޮކްރަސީ ރާއްޖެއަށް ތައާރަފުކުރި މައިގަނޑު މަޤްސަދަކަށް ވީ ވެރިމީހާ ރުހޭ މީހަކަށް މާފު ދޭ އަދި ނުހުރޭ މީހުންނަށް އަދަބު ދެވޭ ގޮތް ނިމުމަކަށް ގެނައުމެވެ. ނުރުހޭ މީހާއާއި ދެކޮޅަށް މޭޒު މަތީ ބަރަށް ވެސް ހެކިދެވޭ އުސޫލު ބަދަލުކޮށް އަދުލަށް ހުކުމް ކުރާނެ ފަނޑިޔާރު ގެތަކެއް ހޯދުމެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތަށް ޖާގަ ހޯދައިދިނުމެވެ.

ޑިމޮކްރަސީ އާއި އެކު އެކުލަވާލި ޤާނޫނޫ އަސާސީގައި ވެސް ލިޔެފައި އޮތީ ހަމަ އެ ވާހަކައެވެ. ސިޔާސީ ޕާޓީތައް އުފައްދާ ސިޔާސީ މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދިނީ ވެސް އަދުލުވިކަން ޤާއިމްކޮށް، ހަމަހަމަކަމާއެކު ރައްޔިތުންނާއި ދޭތެރޭގައި އަމަލުކުރެވޭ ނިޒާމެއް ހޯދުމަށެވެ. ސިޔާސީ މަސައްކަތްކުރާ ކޮންމެ މީހަކު، ބަދަލުވާ ވެރިކަމާއެކު ޖަލުގޮޅީގައި އޮންނަން ޖެހޭ ޖެހުން ނިމުމަކަށް ގެނައުމަށާއި، ސަރުކާރަށް ފާޑުކިޔައި، ފާރަވެރިވާން ތިބި ފަރާތްތަކަށް އެ ޖާގަ ފުޅާކޮށް ދިނުމަށެވެ.

2004 ވަނަ އަހަރުގެ އޯގަސްޓު 12 ވަނަދުވަހު ޖުމްހޫރީ މައިދާނަށް އެއްވި މީހުންގެތެރެއިން ހައްޔަރުކުރެވުނު ބައެއް މީހުން. ފޮޓޯ: ސޯޝަލް މީޑިއާ

މިއަދު ދިވެހިރާއްޖޭގައި ވެރިކަން ކުރަމުން ދަނީ އެ ޕާޓީގެ ނަމުގައި ޑިމޮކްރެޓިކް ލިޔެ ލޯގޯގައި ތިލަފަތް ޖެހި ޕާޓީން ނެވެ. މީ ޑިމޮކްރަސީ ރާއްޖޭގެ ވެއްޓަށް އުފަންވުމާއެކު އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީއެވެ. އިންސާފާއި، އަދުލުވެރިކަމުގެ ވާހަކަތައް އެންމެ ހަރުއަޑުން ދައްކަމުންދާ ޕާޓީއެވެ.

އެހެންކަމުން އިރެއްގައި ކޮންމެ ގޮތަކަށް ކަންކަން ވެފައި އޮތް ނަމަވެސް މި ޕާޓީ ވެރިކަމާއި ހަވާލުވުމުން، ރައްޔިތުންނަށް ނުލިބި އޮތް އިންސާފު ހޯދައިދީ ސިޔާސީ ވެރިންނަށް އޮތް ޖަލުގޮޅީގެ ބިރު ނައްތާލާނެކަމަށް ހީކުރެވުނެވެ.

2018 ގައި ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމުން ނަޝީދު މާލެވަޑައިގަތް ދުވަސް.. ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައި/ ފޮޓޯ: އިންޓަނެޓް

މީ ގިނަ ސިޔާސީ ޕާޓީތަކެއް ގުޅިގެން އުފައްދާފައިވާ ވެރިކަމެއްކަމުން ސަރުކާރުގެ ވާދަވެރިން މާ ގިނައެއް ވެސް ނޫނެވެ. ކިރިޔާ ވެސް ފާޅުގައި ސަރުކާރާއި ދެކޮޅަށް ބަސް ވިދާޅުވާ ހުންނެވީ ހަމަ އެންމެ ބޭފުޅެކެވެ. އެއީ މި ސަރުކާރު އައުމުގެ ކުރިން ވެރިކަމުގައި ހުންނެވި ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމެވެ. އެހެންކަމުން އެމަނިކުފާނު އަދި މައިދާނުގައި ހުރުމަކުން އެއީ ސަރުކާރުން ހިތް ނުތަނަވަސްވެގެން އުޅެން ޖެހޭވަރުގެ ކަމެއް ވެސް ނޫނެވެ.

އެހެން ނަމަވެސް ކަންދިމާކުރި ގޮތުން ވެރިކަމާއި ހަވާލުވުމަށްފަހު ސަރުކާރުން ވާދަކުރި އެންމެ ފުރަތަމަ އިންތިޚާބަކަށް ނިކުތީ ވާދަވެރި ސިޔާސީ ލީޑަރު ވާނުވާ ބަންދެއްގައި ހައްޔަރުކޮށްފަ އެވެ. މަޖިލީހުގެ ސުޕަމެޖޯރިޓީ ސަރުކާރު މައި ޕާޓީން ދަމައިގަތީ ވާދަވެރި ލީޑަރު ބަންދުގައި ބަހައްޓައިގެންނެވެ.

ދެން ބައްދަލުކުރި ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް ވާދަވެރި ލީޑަރަށް ހުންނަވަން ޖެހިވަޑައިގަތީ ޖަލުގައެވެ. އެފަހުން އިދިކޮޅުން ކުރިމަތިލި ގިނަ ބައި-އިލެކްޝަންތަކުގައި ވެސް ކެމްޕޭނު ކުރުމުގެ ފުރުސަތު އިދިކޮޅު ލީޑަރަށް ގެއްލިގެން ދިޔައެވެ.  

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަތައް ބެލުމަށް ވީ ރިޔާސީ ވައުދުފުޅު ފުއްދުމަށް ސަރުކާރުން ވާދަވެރި ލީޑަރު ފަހާ ދުވަން ފެށުމާއެކު، އަދުލު އިންސާފު ހޯދައިދޭނެކަމަށާއި، ސިޔާސީ ލީޑަރުންނަށް އޮތް ބިރު ނައްތާލާނެކަމަށް މިވެރިން ދެއްކި ވާހަކައިގެ އަޑާއި މަންޒަރު ދިމާނުވާކަން ސާފުވާން ފެށިއެވެ.

އެއާއެކު ސަރުކާރުން އަމަލުކުރަމުން ދަނީ ވީ ވައުދާއި ދިމާ އިދިކީއްޔަށްކަމަށް އެތައް ބަޔަކު ބުނަމުން ދަނިކޮށް އެމްއެމްޕިއާރުސީގެ ޚިޔާނާތުގައި ޝާމިލުވާ އެތައް ސަތޭކަ ބަޔެއް ތިއްބާ "ހޭ ވެސް އަހާނުލާ" ރައީސް ޔާމިނުގެ މައްޗަށް ފުލުފުލުގައި ދައުވާތައް އުފުލަން ފެށިއެވެ.  

ރައީސް ޔާމީން، މި މަހުގެ 2 ގައި ފުލުހުންގެ އިދާރާ އަށް ހާޒިރުކުރުމަށް ފަހު، މާފުށީ ޖަލަށް އަނބުރާ ގެންދަވަނީ/ ފޮޓޯ: މިހާރު

ދައުލަތުގެ އެކި ގުނަވަންތަކުން ވާދަވެރި ލީޑަރު ފަހާ ދުވަން ފެށީ، އެމަނިކުފާނަށް އިތުރު އެއްވެސް ސިޔާސީ މަސައްކަތެއް ކުރުމަށް ފުރުސަތު ނުލިބޭހާ ބާރުމިނުގައެވެ. ފުލުފުލުގައި ދައުވާތައް އުފުލާ ކޯޓުތަކުގައި މައްސަލަތައް ފުނި ޖައްސާ، ބަރިބަރިއަށް ހުކުމް ޖަހާ، އެ ހުކުމްތަކުން މިންޖުވުމަށް އޮތް ފުރުސަތުތަކަށް ވެސް ހުރަސްއަޅަމުން ދިޔައެވެ.

ރައީސް ޔާމިނަށް އޮތީ ޖަލުގޮޅިކަމަށް ސަރުކާރުގެ ނުފޫޒުގަދަ ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިން ފާޅުގައި ވިދާޅުވަމުން ގެންދެވީ އެކަން ކުރާނެކަމުގެ މުޖައްރިބުކަމާއި އެކުގައެވެ. އާޚިރު ނަތީޖާއެއްގެ ގޮތުން ކޯޓުތަކުގައި ތާށިކުރި މައްސަލަތަކާއެކު، އިންސާފަށް އެޅުނު ހިޔަނީގެ ސަބަބުން، ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ވެސް ރައީސް ޔާމިނަށް ގެއްލިގެން ދިޔަ އެވެ.

އިދިކޮޅު ކޯލިޝަނުން ރައީސް ޔާމިނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު އެރުވުން/ ފޮޓޯ: ޕީޕީއެމް 

މިއަދަކީ ވާދަވެރި ސިޔާސީ ލީޑަރުގެގޮތުގައި ހުންނަވަނިކޮށް އެމަނިކުފާނުގެ މައްޗަށް ކުރި އެކި ހުކުމްތަކުގައި އެމަނިކުފާނަށް ބަންދުގައި ހޭދަކުރައްވަން ޖެހިވަޑައިގެންފައިވާ 1000 ވަނަ ދުވަހެވެ. މިހާރު އެމަނިކުފާނު ހުންނެވީ ވ އާރަށުގެ މުއާމަލާތާއި ގުޅުވާ އެމަނިކުފާނުގެ މައްޗަށް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި ކުރި ހުކުމެއް ތަންފީޒު ކުރެއްވުމަށް މާފުށީ ޖަލުގައެވެ. މި ނޫނަސް އެކި ހުކުމްތަކުގައި މި ސަރުކާރުގެ އުމުރުގެ ބޮޑުބައި އެމަނިކުފާނު ހޭދަކުރައްވާފައި ވަނީ ޖަލުގައެވެ.  

އެ އެކަންޏެއް ނޫނެވެ. އަސާސީ އެތައް ހައްޤަކުން މިއަދު ރައީސް ޔާމީން އެ ހުންނެވީ މަހުރޫމުކޮށްފަ އެވެ. އިސްތިއުނާފު އަވަސްކުރުމުގެ ހައްގާއި ކަފާލާތުގެ ހައްގެވެ. ޤާނޫނީ ވަކީލުންނާއި ބައްދަލުކޮށް، އެމަނިކުފާނުގެ މައްސަލަ އެންމެ އެކަށީގެންވާ ގޮތެއްގައި ދިރާސާ ކުރުމުގެ ހައްޤެވެ. އިންސާފުވެރި ޝަރީއަތެއް ހޯދުމުގެ ހައްޤެވެ. އީދެއް ރޯދައެއް އެމަނިކުފާނަކަށް ތަފާތެއް ނެތެވެ. މަންމާފުޅު އާލާސްކަންފުޅެއްގައި އުޅުއްވުމަށްފަހު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި ހިތްދަތި ވަގުތު މޫނުފުޅު ބައްލަވާލައްވާ އެންމެ ފަހުގެ ވަދާއީ ސަލާންކޮށްލުމުގެ ފުރުސަތު ވެސް އެމަނިކުފާނަށް ލިބިވަޑައެއް ނުގަތެވެ. އެވަރުގެ އިހުސާންތެރިކަމެއް ވެސް އަދުގެ ވެރިންގެ ކިބައިގައި ނެތީކަމަށް ވެދާނެ އެވެ.

ކެންޑިޑެސީ މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ނިންމަވާލެއްވުމަސް ފަހު ރައީސް ޔާމީން އަނބުރާ ވަޑައިގަންނަވަނީ/ ފޮޓޯ: ދެން

މިވަރު ވީމާ އެތައް އަހަރެއް ވަންދެން އަނިޔާވެރިކަމާއި ދެކޮޅަށް އެތައް ބަޔަކު މަގުމަތީގައި ތިބެ ކުރި ބުރަ މަސައްކަތުން ހޯދުނު ޑޮމިކްރަސީގެ ފޮނި މީރު ކަމާއި މެދު ސުވާލު އުފެދެއެވެ. މީ އެތައް ބަޔަކު ދަލާއި ދޭ އޮހޮރުވައިގެން ހޯދި ޑިމޮކްރަސީން ނެރެދެވުނު ނަޖީޖާ ތޯ؟ ނޫނީ ސަރުކާރުން ގަސްދުގައި ވާދަވެރި ލީޑަރަށް ވީތީ އިންސާފުގެ ބޮޑު އަގު ދައްކަން ޖައްސާ ހަނދާނުން ނުފިލާ ވަރުގެ ފިލާވަޅެއް ނަގައި ދިނީ ތޯ؟ ޑިމޮކްރަސީ ގެނައުމަށްޓަކައި ސަރުކާރު މައި ޕާޓީ އެމްޑީޕީން މަގުމަތީގައި އެތައް އަހަރެއް ހޭދަކުރީ މިހާ ރަހުމުކުޑަ ނިޒާމެއްގެ ތެރެއިން ވަކި ފަރުދަކަށް ވީތީ އިންސާފުގެ ދޮރު ބަންދުކޮށް ގޮތް ހުސްކޮށްލަން ތޯ ސުވާލު އުފެދެއެވެ. މި ސުވާލުތަކަށް ޖަވާބުދިނުމަށް ޑިމޮކްރަސީ ހޯދަން ފޫގަޅާލައިގެން މަސައްކަތް ކުރި މީހުންނަށް ދޫކޮށްލާނަމެވެ.

އެހެން ނަމަވެސް ޔަގީންވާ ކަމެއް އެބައޮތެވެ. މި ސަރުކާރުން ސިޔާސީ ވާދަވެރިޔާއަށް ބޮނޑިދީފިއެވެ. ވާދަވެރިޔާއަށް އަނިޔާކޮށްފި އެވެ. މީ މުސްތަގުބުލުގައި ސިޔާސީ ގޮތުން ވާދަވެރި މަޤާމުތަކަށް އަންނާންތިބި މީހުންގެ ހިތުގައި ބިރުވެރިކަން އުފައްދާނެ ކަމެއް ކަން ޔަގީނެވެ. މިފަދަ ބަންދަކަށް ކެތްކޮށްލުމަކީ ވެސް ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. މިހާތަނަށް 1000 ދުވަހު ބަންދުގައި ހުރެވުނު ސިޔާސީ ލީޑަރެއް ވެސް ރައީސް ޔާމީން ނޫނީ ނެތެވެ.

އެހެންކަމުން ބަދަލުހިފުމުގެ ރޫހާއި ހަސަދަވެރިކަން ނިންމައިގެން ނޫނީ، ކިތަންމެ ފައްކާވެފައިވާ ޑިމޮކްރަސީއެއް ހޯދުނަސް އިންސާފު ޤާއިމެއް ނުކުރެވޭނެއެވެ. ބަދަލުގައި ފެނިގެންދާނީ ވާދަވެރިން ބަންދުވެ އަނިޔާވެރިކަން ހައްދުފަހަނައި އަޅައިގެންދާ މަންޒަރެވެ.  

Advertisement

ކޮމެންޓް