ވެރިކަމުގެ ނިޒާމުތަކުގައި ރައްޔިތުން

15 Sep 2020 | 16:05

އަޅުގަނޑުމެން ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ރައްޔިތުންގެ ބަސް ބުނެވޭ ހަމައެކަނި ނިޒާމަކީ ޑިމޮކްރަސީގެ ނިޒާމުހެނެވެ. ހަގީގަތުގައި ވެސް ރައްޔިތުންގެ ބަސް ބުނެވޭ ހަމައެކަނި ނިޒާމަކީ ޑިމޮކްރަސީތޯއެވެ. މިސުވާލަށް ޖަވާބު ހޯދުމުގެ ކުރީގައި މިނިޒާމުތަކުގެ ހަގީގަތް ދެނެގަތުމަކީ މުހިންމު ކަމަކެވެ. މިގޮތުން ފާހަގަކޮށްލެވޭ ވެރިކަމުގެ ނިޒާމުތަކަކީ އޮޓޯކްރަސީއާއި ޑިމޮކްރަސީއެވެ.

އޮޓޯކްރަސީގެ މާނައަކީ އެކެއްގެ އަތުގާ ހުރިހާ ބާރުތަކެއް އޮންނަ ނިޒާމެވެ. މިނިޒާމުގައި ކޮންމެކަމެއްގެ އެންމެ ފަހުބަސް ބުނާނީ ވެރިޔަކަށް ހުންނަމީހެކެވެ. އާންމުކޮށް އިހުގެ ގައުމުތަކުގެ ރަސްކަމަކީ މިނިޒާމުގެ ވައްތަރެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގެ ތިރީސް އަހަރުގެ ވެރިކަމަކީވެސް މި ނިޒާމުގެ ވައްތަރެއް ކަމަށް ބުނެވިދާނެއެވެ. ސަބަބަކީ ރައްޔިތުންގެ މަޖުލީހެއް އޮތް ކަމުގައި ވިޔަސް އެތާގެ ފުރިހަމަ ކޮންޓްރޯލް އޮތީ ރައީސް މައުމޫން އަތުގައެވެ. އެއާއެކު ގާޟީ އައްޔަންކުރުމުގެ ބާރު ވެސް އޮތީ ރައީސް މައުމޫން އަތުގައެވެ. މިނިޒާމުގައި ވެރިކަމުގައި ރައްޔިތުންގެ ބާރު ވަރަށް ކުޑަވާނެއެވެ. ހާއްސަކޮށް ރަސްކަމެއްގައި ރައްޔިތުންގެ ބަސް ބުނެމުގެ ފުރުސަތު ވަރަށް ކުޑަވާނެއެވެ. ނަމަވެސް ރައްޔިތުން އިންތިހާބު ކުރާ އޮޓަކްރެޓިކް ވެރިކަމެއް އެއްގައި ރައްޔިތުންގެ ބައިވެރިވެ ބަސް ބުނުމުގެ ފުރުސަތު އޮވެއެވެ. މިފަދަ ނިޒާމެއްގައި އާންމުކޮށް ވޯޓްލުމުގެ ފުރުސަތު ލިބެނީ އުމުރުން ހަގުނޫން ބޭފުޅުންނަށެވެ.

ގިނަފަހަރަށް 21 އަހަރުން މަތީގެ ބޭފުޅުންނަށެވެ. ސަބަބަކީ އުމުރުން ހަގު ބޭފުޅުން ކަންކަން ނިމުމުގައި އަވަސްއަރުވާލުމާ އަމިއްލަ ނިންމުމަށް ވުރެ ކައިރީގައި ތިބޭ މީހުންގެ ނިންމުން އެއީ އެބޭފުޅުން ނިންމުންކަމަށް ހަދާ ފަހަރު ގިނަވާކަމަށް ހީވެފައި އޮތުމެވެ. މިގޮތަށް ކަންތަށް އޮތުމުން ވޯޓު ގަނެވިއްކުމަކީ ފަސޭހަކަމަކަށް ނުވެއެވެ. މިފަދަ ވެރިކަމެއްގައި އިހުލާސްތެރި އަދުލުވެރި ވެރިއެއް ހުރި ކަމުގައި ވަނީނަމަ ގިނަފަހަރު އެގައުމެއްގެ ކުރިއެރުން ބާރު ދުވެއްޔެއްގައި ކުރިއަރާގެންދެއެވެ. މިގޮތުން ސިންގަޕޫރުގެ ލީ ކުއަން ޔެއޫގެ ވެރިކަމުގައި އެގައުމު ފަގީރު ގައުމަކުން އެންމެ ކުރިއަރާފައިވާ ގައުމަކަށް ވެގެން ދިޔުމުގެ އަސްލަކީ ކަންކަން ކުރުމުގެ ގާބިލް ކަން ހުރުމާއެކު ގާނޫނުތަކާއި ގަވާއިދުތަށް ތަސްދީގުވެގެން އަންނަލެއް އަވަސްކަމުނެވެ.

އޮޓޯކްރަސީއާއި ހިލާފަށް ޑިމޮކްރަސީއަކީ ވެރިކަމުގެ ބާރުތަށް ބެހިފައިވާ ނިޒާމެކެވެ. ގިނަފަހަރަށް ބެހިފައި އޮންނަނީ ތިން ބާރެއްގެ މައްޗަށެވެ. މިތިން ބާރަކީ ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރައި އަދުލު އިންސާފުގެ ބާރެއެވެ. މިބާރުތައް އެކިގައުމުތަކުގައި ބެހިފާއޮންނަނީ އެކިމިންވަރަށެވެ. ހަމަ އެފަދައިން މިބާރުތަކަށް މީހުން އައްޔަނުކުރުމުގައި ރައްޔިތުންގެ ހިއްސާވުން އޮނަނީ އެކިމިންވަރަށެވެ. މިނިޒާމަށް ތާއީދު ކުރައްވާ ގިނަ ބޭފުޅުން ވަކާލާތު ކުރައްވާ ގޮތުގައި ހަގުއުމުރުގެ ބޭފުންގެ ބާވެރިވުން އެއީ މުހިންމު ކަމެކެވެ. އެބޭފުޅުން ވިދާޅުވާގޮތުގައި ގިނަ ބައެއްގެ ބާވެރިވުމާއެކު އުފެދޭ ވެރިކަމަކީ އެންމެ ރަގަޅު ވެރިކަމެވެ.

މިގޮތުން 16 އަހަރު އެއީ ވޯޓް ލުމުގެ ހައްގު ލިބޭ އުމުރުކަމަށް ބަލާ ގައުމުތައް އަންނަނީ އިތުރުވަމުންނެވެ. އޭގެ ތެރޭގައި އޮސްޓްރިއާ، ބްރެޒިލް، އާޖެންޓީނާ، އެސްޓޯނިއާއި ޖަރުމަން ހިމެނެއެވެ. މިނިޒާމު ބައްޓަން ވެފައިވާ ގޮތުން ގައުމުގެ ކުރިއެރުމަށް ހުރަސް އެޅޭ ގިނަކަންތައްތަކެއް ހުރެއެވެ. މިނިޒާމުގައި ވެރިކަން ހިންގުމުގެ ބާރުތަކުގެ ސިޔާސަތު ތަންފީޒު ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައި ވަނީ އެސިޔާސަތަކާ ގުޅިގެން ހަދަން ޖެހޭ އަދި ބަދަލު ކުރަން ޖެހޭ ގާނޫނުތަކަށް ބަދަލު ގެނައުން ލަސްވާތީއެވެ. މިކަން މިހެން ދިމާވަނީ ވެރިކަން ކުރާ ބާރާއި ގާނޫނު ހަދައި ބާރުގެ ދެމެދު އޮންނަ ހިޔާލު ތަފާތުވުންތަކާ ގުޅިގެން ކަމަށް ބެލެވެއެވެ. މިފަދަ ނިޒާމެއްގައި ވެރިކަމުގެ ބާރުގެ ސިޔާސަތުތައް ތަންފީޒު ނުކުރެވެން ފެށުމުން އެފަރާތަށް ލިބިފައިވާ ބާރުތަކުގެ ބޭނުން ނަހަމުގޮތުގައި ބޭނުންކުރަން ޖެހެއެވެ. ނުވަތަ ރިސްވަތު ދޭން ޖެހޭ ވަގުތު އާދެއެވެ.

އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވެފާ އިސްލާމް ދީނުގައި ވެރިކަމުގެ ނިޒާމު އޮންނަންވި ގޮތެއް ދެނެގަތުމަކީ މުހިއްމު ކަމެކެވެ. މިކަމުގައި އިލްމުވެރިންގެ ހިޔާލު ތަފާތެވެ. ނަމަވެސް އިލްމުވެތިންގެ މެދުގައި އިއްތިފާގު ވާކަންތައްތަކެއް އެބަހުޓެއެވެ. ވެރިމީހާ އިޙްތިޔާރު ކުރަން ވީގޮތަކައި، ބާރުތަކެއް ދިނުމުގައި، އިސްލާމީ އަސްލުތަކާ ހިލާފުނުވާ ކޮންމެގޮތަކަށް ވެރިޔަކު އިހްތިޔާރު ކުރުމައި އެކު އެވެރިޔަކަށް ކަނޑައަޅާ ބާރުތަކެއް ދެވިދާނެއެވެ.

އިސްލާމީ ނަޒަރަކުން ބަލާނަމަ، އޮޓޯކްރަސީއެއް ވިޔަސް ނުވަތަ ޑިމޮކްރަސީއެއް ވިޔަސް ވެރިކަމަކީ މާތް ރަސްކަލާނގެ އެކަލާނގެ އިރާދަކުރައްވާ އަޅަކަށް ދެއްވާ އެއްޗެކެވެ. ވެރިކަން ދަމަހައްޓަނީ ވެސް އެކަލާނގެއެވެ. ކިތައްމެ ބާރުގަދަ އަދި ކިތައްމެ ތާއީދު ބޮޑު ވެރިކަމެއް ވިޔަސް އެކަލާނގެ އިރާދަ ކުރެއްފި ނަމަ އެވެރިކަމެއް ނިމުމަކަށް އަންނާނެއެވެ.

Advertisement

ކޮމެންޓް