ޖައްވު ކިލަނބުވުމުގެ ސަބަބުން ސައިބީރިއާގައި މިފަހަރު ކަޅު ސްނޯ!

19 Feb 2019 | 06:06

މި އަހަރުގެ ކުރީ ކޮޅު "ޕޯލާރ ވޯރޓެކްސް" އެއްގެ ސަބަބުން، ދުނިޔޭގެ ނޯތް ޕޯލްއިން ދެކުނަށް ދަތުރުކުރި ފިނި ވަޔާއި ގުޅިގެން އުތުރު އެމެރިކާއަށް ވަނީ ތާރީޚީ ފިނި ދުވަސްތަކެއް ކުރިމަތިވެފައެވެ.

މިހާރު، ސައިބީރިއާގެ ބައެއް ހިސާބުތަކަށް ފައިބަމުންދާ ސްނޯ ވަނީ އެއްކޮށް ކަޅުކުލައަށް ބަދަލުވެފައެވެ. ދުނިޔޭގެ މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކަކީ، އިންސާނުންގެ އަމަލުތަކުގެ ސަބަބުން ޖައްވު ހޫނުވުމާއި ގުޅިފައިވާ ބަދަލުތަކެއްކަމަށް ސައިންސްވެރިން އިއްތިފާޤުވާއިރު، ސައިބީރިއާށް ފައިބަމުންދާ ކަޅު ސްނޯގެ ސިއްރަކީ، ރަޝިއާގެ އެ ހިސާބުގައި ފުޅާދާއިރާއަކަށް ކުރަމުންދާ ކޯލް މައިނިންގް ކަމަށް ބެލެވެއެވެ.

މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ކަޅު ސްނޯ ފައިބާފައިވަނީ، ކޯލް، ނުވަތަ ބޯޓުލި އުފެއްދުމުގެ މައްޗަށް ބަރޯސާވެފައިވާ އިޤްތިޞާދެއް ލިބިފައިވާ ސައިބީރިއާގެ ކުޒްނެޓްސްކް ބޭސިންއަށެވެ. ސައިބީރިއާގެ ދެކުނުގައި ގިނަ ބައެއްގެ އާމްދަނީ މި ސިނާއަތާއި ގުޅިފައިވާއިރު، ކޯލް މައިނިންގް އަކީ "ކެމެރޮވޯ" ނަމަކަށް ކެޔޭ މި ސަރަހައްދުގައި ޖައްވު ކިލަނބުވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ.

ޖައްވަށް ދޫކުރާ ވިހަ ގޭސްތައް އެއްވެސް ވަރަކަށް ފިލްޓާރ ކޮށް ކޮންޓްރޯލް ނުކުރެވޭތީ ކެމެރޮވޯ ގެ ޑެޕިއުޓީ ގަވާރނާރ އަންޑްރެއީ ޕަނޮވް ގެ ފާޑުކިޔުން ވަނީ ކޯލް މައިނިންގް ގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުވެފައެވެ.

ނިމިދިޔަ ޑިސެމްބަރ މަހުވެސް މި ސަރަހައްދަށް ކަޅު ސްނޯ ވެހުނުކަމުގެ ހަބަރުތަށް ދަނީ ފެތުރެމުންނެވެ. އަދި ކަމާބެހޭ ފަރާތްތަކުން ކަޅު ސްނޯ ފޮރުވަން ސްނޯގައި ހުދު ކުލަ ޖައްސަން މަސައްކަތްކުރިކަމުގެ ތުހުމަތުތަކެއްވެސް ވަނީ މިހާރު ފެންމަތިވެފައެވެ. ސައިބީރިއާގައި ކުރިމަތިވެފައިވާ ކަޅު ސްނޯ ފޭބުމުގެ މައްސަލައަކީ އާންމު ރައްޔިތުންގެ ސިއްޙަތަށް ހުރި ބޮޑު ނުރައްކަލަކަށް ވީ ނަމަވެސް، މިކަން ހުއްޓުވުމަށް ވަކި ޙާއްސަ ފިޔަވަޅުތަކެއް އެޅުފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް